އަޙްމަދިއްޔާ އަކީ މިއަދު، ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑް

އަޙްމަދިއްޔާ މިވަނީ ރާއްޖޭގެ ތަޢްލީމީ އުދަރެހުގައި، ތަފާތު ދައްކާ، ނަންހިނގާ ސްކޫލަކަށްވެފައިކަމާއި އަޙްމަދިއްޔާ އަކީ މިއަދު، ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ޕްރިންސިޕަލް ވިދާޅުވީ އަޙްމަދިއްޔާގެ އޯ.ލެވެލް އިމްތިހާނާއި، އޭ.ލެވެލް  އިމްތިޙާނުތަކުގެ ނަތީޖާއަށް ބަލާއިރު، ފާއިތުވެ ދިޔަ އަހަރަކީ އަޙްމަދިއްޔާއަށް ވަރަށް ކާމިޔާބު އަހަރެއް ކަމުގައެވެ. އަދި ކުޅިވަރާއި އިތުރު ހަރަކާތް ތަކުގައިވެސް، އަޙްމަދިއްޔާގެ ދަރިވަރުންވަނީ އެކުދިންގެ ހުނަރު ދައްކާ، ކާމިޔާބު ހޯދާފައި ކަމާއި މާތްﷲ ހެޔޮ ރަޙުމަތާއެކު، އަޙްމަދިއްޔާގެ މިސްރާބު ހުރީ ވަރަށް ރަނގަޅަށް ކަމުގައެވެ.

" މާލޭގެ 4 އަވަށުގަ، ދާދި އެއް ވަގުތެއްގައި ފެށުނު، 4 އަވަށު މަދަރުސާގެ ތެރޭން، އަޙްމަދިއްޔާ ނޫނީ،  މިފުރަމާލޭގައި އެއްފުރާޅެއްގެ ދަށުގައި 4 މަރުޙަލާއަށް ކިޔަވައިދޭ ސްކޫލެއް ނެތް. އާދެ! ޕްރީސްކޫލާއި، ޕްރައިމަރީއާ، ސެކަންޑަރީ، އަދި ހަޔަރ ސެކަންޑަރީ އަށް މިއަދު އަޙްމަދިއްޔާ ކިޔަވައިދޭ." ޕްރިންސިޕަލް ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވީ އޯ. ލެވަލް އިމްތިހާނާއި އޭ. ލެވަލް އިމްތިހާނު ތަކުގައި އަހްމަދިއްޔާ ހޯދާ ކާމިޔާބާ ފައިހަމަކޮށްލެވޭ އަވަށު ސްކޫލެއްވެސް އަދިހަމައެހެންމެ، އެހެން ސްކޫލެއްވެސް ނެތޭ ދެންނެވުމަކީ ދޮގަކަށްނުވާނެ ކަމުގައެވެ.

ދަރިވަރުންނާ މުޚާޠަބުކޮށް ޕްރިންސިލް ވިދާޅުވީ، އުނގެނުމުގެ ދަތުރަކީ، އިމްތިޙާނާ ހަމައިން ނިމޭ އެއްޗެއް ނޫންކަމާއި ހަލުވި ކަމާއެކު ބަދަލުވަމުންދާ ދުނިޔެ އެއްގައި، ކެނޑިނޭޅި އުނގެނުމަކީ ފަހިމުސްތަޤްބަލެއްގެ ފުރަތަމަ ޝަރުތު ކަމާއި ސްކޫލާއި ސްކޫލުން ބޭރުގައިވެސް ހުއްޓުމެއްނެތި އުނގެނުން ކުރިއަށް ގެންދަންޖެހޭކަމާއި އުމުރުގެ ކޮންމެ ހިސާބަކަށް ދިޔަކަމުގައިވިއަސް، އުނގެނުން ކުރިއަށް ގެންދަންޖެހޭ ކަމާއި  އެއީ ކާމިޔާބުގެ ތަޅުދަނޑި ކަމުގައެވެ.

އަޙްމަދިއްޔާ އިން އަބަދުވެސް އިސްކަންދެނީ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، އަޚްލާގު ރަނގަޅު، މުޖުތަމަޢު އަށް ފައިދާ ހުރި ދަރީންތަކެއް އަޙްމަދިއްޔާގެ ދޮރޯށިން ނެރެދިނުމަށް ކަމުގައިވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *