އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 9 އެފް ގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ބިލާލް ބިން އަޙްމަދު ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޒު ކަމުގެ ސަނަދު ޙާޞިލްކޮށްފި އެވެ. ބިލާލަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޤުރުއާން ކުލަބް ގެ ޕްރެޒިޑެންޓެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި އުމުރުން 15 އަހަރުގެ ބިލާލު ބިން އަޙްމަދު އާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ބިލާލްގެ މައިންބަފައިންވެސް ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިއްވަރު ދެއްވާ، ޤުރުއާނުގެ ޙުކުމްތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ޝަހީމް ވިދާޅުވީ، ކީރިތި ގުރުއާން ހިތުދަސްކުރުމަކީ ވަރަށް މާތްކަމެއްކަމާއި ބިލާލްގެ މަންމަ އާއިބައްޕައަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމުގައެވެ. އެހާ މާތް މަތިވެރިކަމެއް ފުރިހަމަ ކުރެއްވުން އެއީ މައިންބަފައިންގެ ބައިވެރިވުމާއި ގުރުބާނީ އަދި ހެޔޮ ދުޢާ އޭގައި އޮވެގެން ކުރެވޭ ކަމެއްކަމުގައިވެސް ޝަހީމް ވިދާޅުވިއެވެ.
"ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އެއީ ﷲ ދެއްވާ ވަރަށް މަތިވެރި ތައުފީޤެއް. ﷲ އިޚްތިޔާރު ކުރައްވަނީ ކުއްޖަކަށް އެ ފުރުޞަތު ދެއްވުމަށްޓަކައި. ވަރަށް މަތިވެރިކަމެއް އެއީ. ކީރިތި ޤުރުއާން ރައްކާތެރި ކުރެއްވުމުގެ ތެރޭގައި ހިމެނޭކަމެއް އެއީ ހިތުދަސްކުރުމުގެ ތައުފީޤު މާތް ﷲ އެކުއްޖަކަށް ދެއްވުން." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ކީރިތި ޤުރުއާން ގިނަގިނައިންމުރާޖަޢާ ކުރުމަށް މަސައްކަތް ކުރުމަށާއި ރަމަޟާން މަހުގެ ތަރާވީޙު އިމާމްކަން ކުރުމަށާއި އެހެން ނަމާދުތަކުގައިވެސް އިމާމުކަން ކުރުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާ ކަމުގައެވެ.
އެންމެ މުހިއްމުކަމެއް ދޭންޖެހޭ ކަމަކީ ކީރިތި ޤުރުއާންގައި ހުރި ހުކުމްތަކަށް ޢަމަލުކުރުމާއި ކީރިތި ޤުރުއާންގައިހުރި ރިވެތި އަޚްލާޤަށް ތަބާވުމާއި އަދި ޤުރުއާން އުނގެނުމާއެކު އެހެން މީހުންނަށްޓަކައިވެސް އެ ޤުރުއާން އުނގަންނައިދިނުމަށްޓަކައި މަސައްކަތްކުރުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.