ބުރާސްފަތި, 17 އޭޕްރިލް 2025

ރަޒާން މިފަހަރު ވެސް އުއްމީދުކުރީ ގަދަފަހަކަށް. ގެނައީ ހަމަ ފަޚްރުވެރި އެއްވަނަ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ކިޔަވައި އޯލެވެލްގެ އެއްވަނަ ހޯދި ރަޒާން އިބްރާހީމް ރަޝީދު އޯލެވެލް ހެދިއިރު ވެސް އެއްވަނައަކަށް ކުޑަވެސް އުއްމީދެއްނުކުރެއެވެ. އެހެން ނަމަވެސް އޭނާ އޯލެވެލްގައި ވެސް ހޯދީ ފަޚުރުވެރި އެއްވަނައެވެ. އޭލެވެލްގައި ވެސް އުއްމީދުކުރީ ހައިއެޗީވަރސް ސްކޮލަރޝިޕަށެވެ. ގެނައީ ހަމަކުރިން ވެސް ގެނައި އެއްވަނައެވެ. މިފަހަރު އިތުރު ފަޚްރަކާ ޝަރަފަކާ ވެސް އެކުގައެވެ. އެއީ މުޅި ދުނިޔެއިން އެކައުންޓުން 3ވަނަ ހޯދުމެވެ. އެއީ ވެސް ރަޒާން އެއްވެސް ވަރަކަށް އުއްމީދުކުރި ވަނައެއް ނޫނެވެ.

"އެއްވަނަ ހޯދަން މަސައްކަތް ކުރިޔަސް، އެއްވެސް އިރަކު އުއްމީދެއް ނުކުރަން އެންމެ މަތީ ނަތީޖާއަކަށް. އޭރު ހަމަ ހިތަށް އަރަނީ ނުލިބޭނެއޭ. ނޭނގެ ކީއްވެ ކަމެއް. އޯލެވެލްގަ ވެސް ހީކުރީ ގަދަފަހެއްގައޭ ހިމެނޭނީ. މިފަހަރު ވެސް އުއްމީދުކުރީ ހައިއެޗީވަރސްއަށް.އެއަށް ވުރެ މަތި ވާނެކަމަކަށް އުއްމީދެއްނުކުރަން" ރަޒާން އޭނާގެ އުއްމީދުތައް ހުރި ގޮތް ކިޔައިދިނެވެ.

އަމީރު އަޙްމަދު ސްކޫލުން ޕްރީ ސްކޫލް ނިންމުމަށް ފަހު، މަޖީދިއްޔާއިން ގްރޭޑް 7ގެ ނިޔަލަށް ކިޔަވައި އަޙްމަދިއްޔާއިން އޯލެވެލްއާއި އޭލެވެލް ނިންމި، ރަޒާން ބުނީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނީ މައިންބަފައިންގެ ވަރަށް ބޮޑު ގުރުބާނީއެއްގެ ސަބަބުން ކަމަށާއި، ރާއްޖޭގެ އެންމެ މޮޅު ސްކޫލް، އަޙްމަދިއްޔާއިން ކިޔެވުމުގެ ފުރުޞަތު މައިންބަފައިން އޭނާއަށް ފަހިކޮށް ނުދިން ނަމަ އެފަދަ ރަނގަޅު ނަތީޖާއެއް ހޯދަން އުނދަގޫވީސް ކަމަށެވެ.

" އެންމެ ބޮޑަށް ހިތްވަރުދީ އެހީތެރިވީ މުދައްރިސުންނާއި މައިންބަފައިން. މައިންބަފައިން އަޅުގަނޑު އެންމެ މޮޅު ސްކޫލަށް ވައްދައިދީ، އަޅުގަނޑަށް ގޭގަ ކިޔަވަން ފަސޭހަ މާހައުލެއް ގާއިމްކޮށްދީ އަޅުގަނޑަށް އުނދަގޫ މާއްދާތަކުން އެހީތެރިކަން ހޯދާނެ މަގުފަހިކޮށްދިން. އަދި އަބަދުވެސް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިން. އެހެންކަމުން، މައިންބަފައިންނަށް އެންމެ ޚާއްޞަ ޝުކުރެއް ހައްގުވަނީ. ދެން މުދައްރިސުން. ގްރޭޑް 11 އަދި 12ގައި ކިޔަވައިދިން ހުރިހާ މުދައްރިސުން ވެސް ވަރަށް އެހީތެރި. އަޅުގަނޑުގެ މަސައްކަތްތައް ވަގުތުން ބަލައި ރަނގަޅުކުރަންވީ ކަންކަން ތަކުރާރުކޮށް ކިޔުއްވައިދެއްވި. އެކި މާއްދާތަކުން ރަނގަޅު ނަތީޖާއަށް ވާޞިލްވާނެ ގޮތުގެ އުކުޅުތައް ކިޔުއްވައިދެއްވި." ރަޒާންގެ ހިތުގައި މައިންބަފައިންނާއި އަޙްމަދިއްޔާއަށް އޮތް ޝުކުރު ބަންޑުންކޮށްލިއެވެ.

އަހްމަދިއްޔާ ސްކޫލަކީ ވަރަށް ޕްރޮފެޝަނަލް ޓީޗަރުންނާއި ރަނގަޅު އެކުވެރި މެނޭޖްމަންޓެއް އޮންނަ ވަރަށް ބޮޑަށް ކުދިންގެ ކުރިއެރުމަށް އިސްކަންދޭ ސްކޫލެއް ކަމަށާއި، އެތަކެއް އިތުރު ހަރަކާތްތަކާއި އިންޓަރ ސްކޫލް އަދި އިންޓަރ ކުލާސް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކަށް މަސައްކަތް ކުރެވޭހާ އެންމެ ބޮޑަކަށް މަސައްކަތް ކުރަން ބާރުއަޅައި ނަތީޖާ ރަނގަޅުކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ސްކޫލެއްކަން، އަޙްމަދިއްޔާގައި ދިގު ފަސް އަހަރު ދުވަހުގެ ތަޢުލީމީ ހަޔާތެއް ވޭތުކުރި ރަޒާން ފާހަގަކުރިއެވެ.

ރަޒާން ބުނީ ރަނގަޅު މޮޅު ނަތީޖާއެއް ލިބުން ބިނާވަނީ މައިގަނޑު 3 ކަމަކަށް ކަމަށާއި، އެއީ ކުލާހުގައި މުދައްރިސުން ފިލާވަޅު ނަންގަވައިދެއްވާ ގަޑީގައި ރަނގަޅަށް އަޑުއެހުމާއި، ފިލާވަޅުތައް ބަރާބަރަށް ނިންމައި ފީޑްބެކް ހޯދުމުގެ އިތުރުން އެއްވެސް ދުވަހެއް ވައްޓާނުލައި ކޮންމެ ދުވަހަކު ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފިލާވަޅުތައް ކިޔުން ކަމަށެވެ. ރަޒާންގެ ފަޚުރުވެރި ނަތީޖާތަކުގެ ސިއްރަކީ ވެސް މިއެވެ.

ރަޒާނަކީ ވަރަށް މަޑުމައިތިރި ވަރަށް ބަސްއަހާ، ބަރާބަރަށް ފިލާވަޅުތައް ނިންމާ ދަރިވަރެއް. ހަމަ ރަންގަނޑެއް ފަދަ ކުއްޖެއް އެއީ. ސަރ އެދެނީ ވަރަށް ފާގަތި މުސްތަގުބަލެއް މިންވަރުކުރެއްވުން. ރަޒާން ކާމިޔާބު މީހެއްގެ ގޮތުގަ ފެނުމަކީ ސަރގެ ވަރަށް ބޮޑު އުއްމީދެއް. އިރާދަކުރެއްވިއްޔާ އެ އުއްމީދު ހާޞިލުވާނެ." ރަޒާން ގްރޭޑް 12ގައި ކިޔެވިއިރު އޭނާގެ ގްރޭޑް އިންޗަރޖް ލީޑިންގ ޓީޗަރ، ސީނިއަރ ލީޑިންގ ޓީޗަރ މުޙައްމަދު ނަދީމް (ނަދީމް ސަރ) ވިދާޅުވިއެވެ.

ރަޒާނަކީ ސްކޫލުގެ އިތުރުން ގޭގައި ވެސް ވަރަށް ބަސްމަދު އަޚްލާގު ރަނގަޅު ކުއްޖެއްގެ ގޮތުގައި އާއިލާއިން ވެސް ފާހަގަކުރާ ދަރިވަރެކެވެ. ރަޒާންގެ މަންމަ ނަޖުމުއްނިސާ ހާރޫން ވެސް ހުންނަނީ ރަޒާން ކަހަލަ އަޚްލާގީ ގޮތުންނާއި ތަޢުލީމީ ގޮތުން ވެސް މޮޅު ހުނަރުވެރި ދަރިއަކު ބޮޑުކުރެވުނީތީ ނިކަން އުފަލުންނެވެ.

"އަލްޙަމްދުލިﷲ. އަޅުގަނޑުގެ ރަޒާނަކީ ވަރަށް އަޚްލާގު ރަނގަޅު، އަމިއްލައަށް ކިޔަވަން ވަރަށް މަސައްކަތްކުރި ވަރަށް ޒިންމާދާރު، ކިޔަމަންތެރި ދަރިއެއް. ވަރަށް އުފާވޭ ރަޒާން ކަހަލަ ދަރިއަކު ލިބުނީތީ." ރަޒާންގެ މަންމަ ބުންޏެވެ. "ރަޒާން ގާތު ދުވަހަކު ވެސް، ކިޔަވަން ބުނާކަށް ނުޖެހޭ. އަމިއްލައަށް އިސްނަގައިގެން ކިޔެވުމުގެ ހުރިހާ ކަމެއްގަ ވެސް އުޅޭނެ. ވަރަށް ޒިންމާދާރުވާނެ. ސްކޫލުގެ ކަންކަމަށް ވެސް އަމިއްލަ ކަންކަމަށް ވެސް ވަރަށް ފަރުވާބަހައްޓާނެ."

ރަޒާންގެ ހުނަރުވެރިކަން ފެނުނީ ހަމައެކަނި ސްކޫލްގައި އިލްމީ މައިދާނަކުން ނޫނެވެ. ކުޅިވަރުގެ މައިދާނުގައި ވެސް ރަޒާނަކީ ވަރަށް ހުނަރުވެރި ދަރިވަރެކެވެ. މޮޅަށް ފުޓުބޯޅަ ކުޅެއެވެ. އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ތަމްސީލުކުރި ޓީމުގައި 2018 އަދި 2019ވަނަ އަހަރު ރަޒާންގެ ހުނަރު ފެނިގެން ގޮސްފައިވާއިރު، ރާޒުވާ މުބާރާތްތަކުގައި ވެސް އޭނާގެ ވިދުން ގަދައެވެ.

ރަޒާން ދަންނަ ކޮންމެ މީހަކު ވެސް އިއްތިފާގުވާ ގޮތުން ރަޒާނަކީ އަޚްލާގު ރަނގަޅު، ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތްކުރާ އަޒުމް ވަރުގަދަ ކުއްޖެކެވެ. އަޅުގަނޑަށް ރަޒާނަށް އުނގަންނައިދިނުމުގެ ފުރުޞަތު ލިބުނީ ރަޒާން ގްރޭޑް 11ގައި އުޅުނު އަހަރެވެ. އަޅުގަނޑަށް ރަޒާން ފާހަގަކުރެވުނީ ވަރަށް ކަމަށްކަމޭހިތާ، ޒިންމާދާރު، މަޑުމައިތިރި، ތޫނުފިލި މޮޅު ދަރިވަރެއްގެ ގޮތުގައެވެ.

އިނގިރޭސި ވިލާތުގެ ކާރޑިފް ޔުނިވަރސިޓީގައި އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރަން ފުރުމަށް ރަޒާން އެދަނީ މިއަދު ފޮށިތަންމަތި ބަންނަމުންނެވެ. އަޅުގަނޑުމެންގެ ހުރިހާ ވެސް ހެޔޮދުޢާއެއް ވަނީ ރަޒާންއާ އެކުގައެ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *