އަޙްމަދިއްޔާގެ މަތީ ސާނަވީ ދިވެއްސާއި އިސްލާމް ކޭންޕު ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް ދިވެއްސާއި އިސްލާމް ކޭންޕް ބާއްވައިފިއެވެ.

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ހެނދުނު 7ން ފެށިގެން އިރުއޮއްސި 6.30އަށް ދެ ޖިންސުގެ ދަރިވަރުންނަށް ވަކިން، އަޙްމަދިއްޔާގެ ޖަލްސާކުރާ މާލަމުގައި ކުރިޔަށްދިޔަ ދިވެހި ކޭންޕުގައި އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއާއި ބެހޭ މަޢުލޫމާތާއި އިމްތިޙާންކުރެވޭ ބައިތައް އަލުން މުޠާލިޢާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުމަށް އެބައިތަކާ ބެހޭ އިތުރު މައުލޫމާތު ދަރިވަރުންނަށް ދިނެވެ. އަދި އިމްތިޙާންތަކުގައި ދަރިވަރުން ހަދާ ކުށްތަކާއި އެ ކުށްތައް ރަނގަޅުކުރާނެ ގޮތް މި ކޭންޕުގައި ކިޔައިދިނެވެ.

ގްރޭޑް 12ގެ ގިނަ ދަރިވަރުން ބައިވެރިވި މި ކޭންޕުގައި، ކަރުދާސް 1ގެ ބައިތައް ކަމަށްވާ ދަތުރުނާމާ، ރޭޑިއޯ ޑްރާމާ، ތަފާތު އެކި ވައްތަރުގެ މަޒުމޫނުގެ ސްޓައިލްގެ ތަފާތުތަކާއި، ބައޮގްރަފީއާއި  އޮޓޯބައޮގްރަފީ، ފީޗަރ އަރޓިކަލް އަދި ރިޕޯޓުގެ ވައްތަރުތަކާއި އުސްލޫބުތަކާ ބެހޭ ފިލާވަޅުތައް ކުރިޔަށް ގެންދިޔައެވެ. މީގެއިތުރުން، ދަރިވަރުން ލައްވައި ޢިލްމީ ދޭހައަކާއި އަދަބީ ދޭހައެއް ހެއްދުވުމުގެ އިތުރުން ތީމެޓިކް ޚުލާޞާ، ޕްރޮޕޯސަލްގެ ވައްތަރުތައް، ތަޤްރީރު، ރަސްމީ ސިޓީގެ ބައިތައް ވެސް ކިޔައިދިނެވެ.

މި ކޭމްޕްގައި ކިޔަވައިދެއްވީ އަޙްމަދިއްޔާގެ ދިވެހި ޑިޕާޓްމަންޓުގެ އެޗްއޯޑީ ޙަސަން އަސްލަމްގެ އިތުރުން އަޙްމަދިއްޔާގައި މަތީ ސާނަވީއަށް ކިޔަވައިދެއްވާ ދިވެހި މުދައްރިސުން ކަމަށްވާ ޢަބްދުލް ޤާދިރާއި، މުޙައްމަދު ވަޖީހުގެ އިތުރުން ފާތިމަތު ޝަފްރާ އަދި އަޅުގަނޑު އިބްރާހީމް ރާމިޒެވެ.

އެޗްއޯޑީ ޙަސަން އަސްލަމް ވިދާޅުވީ މި ބޭއްވީ ވަރަށް ގިނަ ގޮތްގޮތުން ފައިދާހުރި ކޭންޕެއް ކަމަށާއި، ދިވެހި އިމްތިޙާން މިހައި ކައިރިވެފައި އޮއްވައި ކޭންޕް ބޭއްވުމުން މި ކޭންޕުން ލިބުނު މަޢުލޫމާތު ދަރިވަރުންނަށް ތާޒާކަމާއެކު އިމްތިޙާނުގައި ބޭނުންކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި، މި ކޭންޕްގެ ސަބަބުން ދަރިވަރުން އިތުރަށް ރަނގަޅުކުރަންވީ ކަންތައްތައް ދެނެގަނެވި އިމްތިޙާން މާކުކުރުމުގައި ގެންގުޅޭ ހަމަތަކާއި އުޞޫލުތަކަށް ވެސް އިތުރަށް އަހުލުވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔަ ކަމަށް އެޗްއޯޑީ ވިދާޅުވިއެވެ.

މީގެއިތުރުން، ލިޔުންތެރިކަމުގެ ހުރިހާ ބާވަތެއްގެ ފެށުމާއި މައިގަނޑާއި ނިންމުން ލިޔުމުގައި ސަމާލުވާންވީ ކަންތައްތައް އިތުރަށް ކުދިންގެ ސިކުނޑީގައި ހަރުލެއްވުމަށް މިސާލުތަކާއެކު އެ ބައިތައް އަލުން ކިޔައިދެވުމުން ދަރިވަރުންގެ ވިސްނުން އިތުރަށް ތަރައްގީވެ މަޢުލޫމާތު މުއްސަނދިވި ކޭންޕަކަށް، މި ކޭންޕު ވެގެންދިޔަ ކަމަށް އެޗްއޯޑީ ވިދާޅުވިއެވެ.

އިސްލާމް ކޭންޕު އޮތީ މި މަހުގެ 15ވަނަ ދުވަހުއެވެ. އިސްލާމް ކޭންޕުގައި ވެސް އިމްތިހާންކުރެވޭ ހުރިހާ ބައިތަކަށް އަލިއަޅުވާލިއެވެ. އެޗްއެސްސީ އިމްތިހާނަށް ތައްޔާރުވުމާއި އިމްތިހާންގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް ވަރަށް ތަފްސީލްކޮށް ކިޔައިދެވުނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *