ގްރޭޑް 12ގެ ދަރިވަރުންގެ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާން މިއަދު ފެށިއްޖެއެވެ. މިއަދު 9:00 އިން 10:30 އަށް އޮތީ އިސްލާމް ކަރުދާސް 1 އެވެ. އިސްލާމް ޓެސްޓަށް ދަރިވަރުން ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލް އިސްލާމް ޑިޕާޓްމެންޓުން މި ނޫހަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން ދަރިވަރުންނަށް ގިނަ ކުލާސްތަކެއް ވަނީ ނަގައިދީފައެވެ. އަދި މިމަހުގެ 15 ގައި ވަނީ އިސްލާމް ވޯކްޝޮޕެއްވެސް ބާއްވާފައެވެ. މިއަހަރު އެޗްއެސްސީ އިމްތިޙާން އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލުން 294 ދަރިވަރުން ހަދާނެއެވެ.
އެޗްއެސްސީ އިމްތިހާން ގެ އިސްލާމް ކަރުދާސް 2 އޮންނާނީ މާދަމާއެވެ. އެޗްއެސްސީ އިމްތިހާންގެ ދިވެހިބަހުގެ ކަރުދާސް ތާވަލް ކޮށްފައި އޮތީ އޮކްޓޯބަރ 1 ވާ ހޯމަ ދުވަހަށެވެ. ދިވެހިބަހުގެ ކަރުދާސް 2 އޮންނާނީ އޮކްޓޯބަރ 2 ވާ ބުދަ ދުވަހުއެވެ. ދިވެހިބަހުގެ ކަރުދާހަށްވެސް އަޙްމަދިއްޔާގެ ދަރިވަރުންވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން ހަވީރު 5.45 އަށް ވަނީ ދިވެހި ވޯކްޝޮޕެއްވެސް ބާއްވާފައެވެ.
ތައުލީމާ ބެހޭ ވުޒާރާއިން މިއަދު ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، މިއަހަރު މި އިމްތިޙާނުތަކުގައި 48 ސެންޓަރަކުން ޖުމްލަ 4،293 ދަރިވަރުން ބައިވެރިވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ އެޗްއެސްސީ އިމްތިޙާނުގައި ބައިވެރިވާ 1،663 ދަރިވަރުންނާއި، އެޑެކްސެލް އޭލެވެލް އިމްތިޙާނުގައި ބައިވެރިވާ 3،842 ދަރިވަރެއްގެ އިތުރުން ކޭމްބްރިޖް އޭލެވެލް އިމްތިޙާނުގައި ބައިވެރިވާ 443 ދަރިވަރުންނެެވެ.
ކޭމްބްރިޖް އޭލެވެލްގެ އިމްތިހާނުތައް މާދަމާ އިން ފެށިގެން 14 ނޮވެންބަރާ ހަމައަށް ކުރިއަށްދާ އިރު، އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ކުރިއަށްދާނީ 8 އޮކްޓޫބަރުން ފެށިގެން 31 އޮކްޓޫބަރުގެ ނިޔަލަށެވެ.