ދަރިވަރުން ތިމާވެށްޓާ ރައްޓެހިކުރާން, އިސްކޫލުތައް ތިމާވެށްޓާ ރައްޓެހިވާން ޖެހެއެވެ.

ތަޢުލީމުގެ ބޭނުމަކީ ހަމައެކަނި މަތީ ދަރަޖައާއި ވަޒީފާ އާއި ރީތި ނަން ހޯދުން ފަދަ ދެތިން ބޭނުމަކަށް ވުރެ  މާ މުހިއްމު, މާ ގިނަ ބޭނުންތަކެއް އޭގައި ހިމެނޭ ކަމެކެވެ. މި ގޮތުން ތަޢުލީމު ދިނުމުގެ އެންމެ މުހިއްމު އެއް ބޭނުމަކަށް ވާން ޖެހޭނެކަމަށް ގަބޫލުކުރެވެނީ ދުޅަހެޔޮ, އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ. މި ދެންނެވި ފަދަ ދުޅަހެޔޮ, އުފާވެރި މުޖުތަމައެއް ބިނާކުރެވޭނީ މިއަދުގެ ކިޔަވާކުދީން, ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ, ތޫނުފިލި ޤާބިލު ކުދިބަޔަކަށް ހެދިގެންނެވެ. ކިޔަވާކުދީންގެ ދުޅަހެޔޮކަމާއި ޤުދުރަތީވެށްޓާ ހުރި ގުޅުންހާމަކުރައްވަމުން (Kellert, 2005) ވިދާޅުވެފައިވަނީ ކުދީންގެ ވިސްނުމުގެ ޤާބިލުކަމަށާއި ނަފުސާނީ ޖިސްމާނީ ދުޅަހެޔޮކަމަށާއި ރޫޙާނީ އިޖުތުމާޢީ ކަންކަމަށް ވެސް ޤުދުރަތީ ވެށި ނުހަނު މުހިންމު ދައުރެއް އަދާކުރާކަމުގައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ކިޔަވާކުދީންނަށް މި ވަނީ ޤުދުރަތީ ވެށި ގެއްލި, ވިހަ ކެމިކަލްތަކުން ސަލާމަތްތެރިކަމެއް ނެތް ދުނިޔެއެއްގައި އުޅެން ޖެހިފައެވެ ޚާއްޞަކޮށް އިސްކޫލު މާޙައުލުގެތެރޭގައި ގިނަބައެއްގެ ލޮލުގައި އަޅައިނުގަންނަ, ތިމާވެއްޓާ ބީރައްޓެހި ކިތަންމެ ތަކެއްޗެއް ހުރެއެވެ. މިއަދުގެ ކިޔަވާކުދީންނަކީ މާދަމާ އަޅުގަނޑުމެންގެ ވެށި ރައްކާތެރިކޮށް ދަމަހައްޓާން ތިބޭނެ ކުދީންކަމަށް ވާއިރު އިސްކޫލުތަކުގައި އެ ކުދީންނަށް ދުޅަހެޔޮ, ރައްކާތެރިމާޙައުލެއް ޤާއިމުކޮށްދޭން ޖެހެއެވެ. ތިމާވެށްޓާ މެދު ދަރިވަރުން ހޭލުންތެރިކުރުވައި ހާނުވާންޖެހެއެވެ. ތިމާވެށްޓަށް ލޯބިކޮށް ޚިދުމަތްކުރާނެ ދަރީންތަކެއް ބިނާކުރެވޭނީ, އިސްކޫލު މާޙައުލު ތިމާވެށްޓާ ރައްޓެހި މާޙައުލަކަށް ހެދިގެންނެވެ.

ޤުދުރަތީ ވެށި ޙިމާޔަތްކުރާން މަސައްކަތްކުރެވޭނީ އެ ވެށީގެ ނަޔާކަމާއި ހިތްފަސޭހަކަން އިޙުސާސްކުރެވިގެންނެވެ. ޤުދުރަތީ ވެށީގެ ފުރިހަމަކަމާއި މަސްނޫއީ ވެށީގެ އުނިކަން އެނގިގެންނެވެ. އެހެންކަމުން އިސްކޫލު މާޙައުލުގެ ތެރެއިން ކުދީންނަށް މިކަންކަން އެނގި ތަޖުރިބާކުރެވެން ޖެހެއެވެ. ނަމަވެސް އެންމެ ފުރަތަމައަށް ވެސް ތުއްތު ޅަ ސިކުނޑިތަކުގައި ބިނާކޮށްލެވެނީ ޕްލާސްޓިކް ބްލޮކްތަކުގެ އުސް އިމާރާތްތަކެވެ. އެ ކުދިކުދި ހިތްތަކުގައި ކުރަހައިލެވެނީ ޕްލާސްޓިކްގެ މާ ބަގީޗާތަކެވެ. ހަނދާނުގައި ރައްކާކުރެވެނީ ޕްލާސްޓިކް މަންކީބާތަކުގައި އެލި ހަދާ މަންޒަރާއި ރަބަރު ވިނަގަނޑުމަތީގައި ކުޅެ, މަޖާނަގާ މަންޒަރެވެ.  ރާއްޖޭގެ އިސްކޫލުތަކުގައި ފާހަގަކުރެވޭ ތަފާތު މުނާސަބާތަކާއި ޚާއްޞަ ދުވަސްތަކުގައި ވެސް އަޅުގަނޑުމެންގެ ދަރިވަރުންނަށް އިސްކޫލުތަކުން މަރުޙަބާ ކިޔާ ތަން ފެންނަނީ ފުއްޕާހަމުގެ ގިޑިގެތަކާއި  ޕްލާސްޓިކް މަލުގެ ގުލްދަސްތާތަކުންނެވެ. މާޙައުލު ދިއްލައިލައިފައި ވަނީ  ވިހަ ކެމިކަލް އެކުލެވޭ ވިދާ ކަރުދާހުގެ ދަޅަތަކުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ މައިކްރޯ ޕްލާސްޓިކްގެ ކުނިބުނިތަކުންނެވެ. ދިރިއުޅުމުގެ އުފާވެރިކަން ބަނަކޮށްލާ, މި ފަދަ ހުވަފެނީ ދަޅަތަކަށް ކުދީންގެ ހިތް ޖެއްސުމުގެ ބަދަލުގައި ތާޒާ ފިނިކަން ލިއްބައިދޭ ގަސްގަހުންނާއި ރީތި ކުލަކުލައިގެ, ޤުދުރަތީ މާމެލާމެލީގެ މީރު ވަހުން ކުދީންގެ ހިތްތަކަށް ރޫޙާއި ޖޯޝު ގެނެސްދީ, ސިކުނޑިތައް ހުޅުވައިދޭން ޖެހެއެވެ. އެހެންނޫނީ  ޤުދުރަތުން ދެއްވައިފައިވާ  ހިތްގައިމު ވެށީގެ އަގުވަޒަންކޮށް, އެ ވެށި ޙިމާޔަތްކުރާން މަސައްކަތް ކުރާނޭ ބަޔަކު ނުތިބޭނެއެވެ.

ތިމާވެށި ދެކެ ލޯބިވާ ދަރީންތަކެއް އުފެއްދުމަށް ޓަކައި ތިމާވެއްޓަށް ގެއްލުންދޭ ތަކެއްޗާ މެދު ދަރިވަރުން ހޭލުންތެރިކުރުވާން ޖެހެއެވެ. އެހެނީ އަޅުގަނޑުމެންނަށް މާ ބޮޑު ސަމާލުކަމެއް ނުދެވޭ, ވަރަށް ކުދިކުދި ކަންކަމުން ވެސް ހީނުކުރާ ފަދަ ނޭދެވޭ އަސަރު އަޅުގަނޑުމެންނަށާއި ދިރިއުޅޭ މާޙައުލަށް އެބަކުރެއެވެ. މި ގޮތުން ދަރިވަރުންގެ ފޮތުގައި ލާ ބޭރުގަނޑު ޒީނަތްތެރި ކުރުމަށް އައި ވާދަވެރިކަމާއެކު  ތިމާވެށްޓަށް ގެއްލުންދޭ  ޕޮލިތީން އެކުލެވޭ ވިދާ ކަރުދާހާއި ސެލޯފެނާއި އެ ސެލޯފެން ތަތްކުރާން ބޭނުންކުރާ ސެލޯޓޭޕު ފަދަ ބާވަތްތައް  ބޭނުންކުރުން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މި ފަދަ ބާވަތްތަކުން  މައިކްރޯ ޕްލާސްޓިކް މާހައުލަށް ދޫވެގެންދެއެވެ. މި ގޮތަށް ދޫވެގެންދާ މައިކްރޯޕްލާސްޓިކުން އަޅުގަނޑުމެންގެ ބިމާއި ކަނޑާއި ޖައްވު މި ވަނީ ވިހަވެފައެވެ. ނަތީޖާއަކީ އިންސާނުންނަށާއި ދުނިޔޭގައި ލައްވައިފައިވާ ދިރުންތަކަށް ޖެހޭ ނުރައްކާތެރި ބަލިތައް އިންތިހާއަށް ގިނަވުމެވެ. ސައިންސްވެރީން ވަނީ އިންސާނުންގެ ލެޔާއި ޕުއްޕާމެއިން ޕްލާސްޓިކްގެ ކުދިކުދި އެތިކޮޅުތައް ފެންނަކަން ސާބިތުކޮށްދީފައެވެ. އެހެންކަމުން  ދަރިވަރުންގެ ފޮތުގައި ރަބަރު ގަނޑު ނުވަތަ ޕްލާސްޓިކް ހިމެނޭ ގަނޑު ނުލައި ފޮތް ރީއްޗަށް ގެންގުޅެވޭނެ ގޮތްތަކެއް ހޯދައިދޭން ޖެހެއެވެ. މި ގޮތުން ފޮތުގެ ބޭރުގަނޑުގައި ލާން މި ގެންގުޅޭ  ޕްލާސްޓިކް އެކުލެވޭ އެކިކަހަލަ ވިދާ ކަރުދާހާއި ސެލޯފެނާ ނުލައި ވެސް  ފޮތް ސާފުތާހިރުކޮށް ގެންގުޅޭން ދަސްކޮށްދޭން އެބަ ޖެހެއެވެ. މި ގޮތުން ޓާރމްތަކަށް ބަހައިލައިގެން  ތަންކޮޅެއް ތުނި ފޮތްތައް ގެންގުޅެން ބާރުއެޅިދާނެއެވެ. އޭރުން  ފޮތް ހަލާކުވުމުގެ ފުރުސަތު ކުޑަވާނެއެވެ. ފޮތުގެ ރީތިކަމަކީ ކޮބައިކަމާއި ފޮތުގެ ޙަޤީޤި ބޭނުން ކުދީންނަށް ކިޔައިދީ އެކަންކަމަށް ސަމާލުކަންދިނުމަށް ހިތްވަރު ދެވިދާނެއެވެ. އޭރުން ސްކޫލުތަކުން ނިކުންނަ ދަރިވަރުންނަކީ ތިމާވެށި ދެކެ ލޯބިވާ, ތިމާވެއްޓަށް ދެވޭ ގެއްލުން ކުޑަކުރާން މަސައްކަތްކުރާ ދަރިންތަކަކަށް ވާނެއެވެ.

މުދައްރިސުން ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެ ކުދީންނަށް ހިތްވަރުދިނުމަށް ގެންގުޅޭ ކުލަކުލައިގެ ވިދާ ތަރިތަކާއި ސްޓިކާތަކުން ވެސް އަޅުގަނޑުމެން ހީނުކުރާހައި ގެއްލުންވެއެވެ. އެހެންކަމުން މި ފަދަ ތަކެތިި އިސްކޫލު މާޙައުލުން ނައްތައިލާންޖެހެއެވެ. ވިދާ ކުނޑިތަކުން ޒީނަތްތެރިކޮށްފައިވާ ތަކެއްޗަކީ ޢާންމުކޮށް އިއާދަކުރެވޭ ތަކެއްޗެއްނޫނެވެ. އިނގިރޭސިވިލާތުގެ ވަރަށް ގިނަ ކައުންސިލްތަކުން ވަނީ މިފަދަ ވިދާތަކެތި ހިމެނޭ ކަރުދާހާއި ރިބަނާއި ސްޓިކާ އާއި ކާޑު ފަދަތަކެތި ރީސައިކަލް ބިންއަށް ނުލުމަށް އެ ތަނުގެ ރައިއްޔަތުންނަށް އަންގައިފައެވެ. އެއީ އެ ފަދަ ތަކެއްޗަކީ އިއާދަ ކުރެވޭ ތަކެއްޗަށް ނުވާތީއެވެ. ގްލިޓަރ ހިމެނޭ މި ފަދަ ތަކެއްޗަކީ މައިކްރޯ ޕްލާސްޓިކްގެ ގޮތުގައި ސީދާ ތިމާވެއްޓަށް ދޫވެގެންދާ ތަކެއްޗެވެ. ސީދާ ކުނީގެ ގޮތުގައި އުކައިލެވޭ ތަކެއްޗަށް މި ވިދާ ކުނޑި ވުމުގެ އިތުރުން އަޅުގަނޑުމެން  މި ތަކެތި ބޭނުންކުރުމަށް ފަހު ގެންގުޅޭ ތަކެއްޗާއި އަތް ދޮންނަ ކޮންމެ ފަހަރަކު ފެނުގެތެރެއިން ލައިފައި މި ތަކެތި ދަނީ ފެންހިންދާ ނިޒާމުގެތެރެއަށެވެ. ނަތީޖާއަކީ ބިމުގެ ފެންފަށަލައާއި ކަނޑު ވެސް މައިކްރޯޕްލާސްޓިކުން ކިލަނބުވުމެވެ. ޔުނިވަރސިޓީ އޮފް ބްރެޑްފޯރޑްގައި 2023 ވަނަ އަހަރު ހެދުނު ދިރާސާއަކުން ދައްކި ގޮތުގައި ގްލިޓަރގެ ސަބަބަުންވެއްޔާއި ފެނުގައި މުހިންމު ދައުރެއް އަދާކުރާ އެކިކަހަލަ ދިރުންތަކުގެ ހެދިބޮޑުވުން ހުއްޓި ނެތިގެން ދެއެވެ. އަދި ހަމަ މި ދިރާސާއިން ހާމަވީ ގޮތުގައި އިންސާނުން ކާތަކެއްޗާއި ބޭނުންކުރާ ފެނާއި  ނޭވާލާ ވައިގެތެރެއިން ލައިފައި ގްލިޓަރ އިންސާނުންގެ ހަށިގަނޑުގެތެރެއަށް ވަދެ, ފުރާނައަށް ނުރައްކާތެރިކޮށްލައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކިޔަވާ ދަރިވަރުން މި ފަދަ ކަންކަމަށް ހޭލުންތެރިކުރުވައި އުފާވެރި ދުޅަހެޔޮ ތިމާވެށްޓެއް ގާއިމުކުރުމަށްޓަކައި ވިދާ ކޮންމެ އެއްޗަކީ ރަނެއްނޫންކަން ދަރިވަރުންނަށް އަންގައިދީ  ހިތް އުފަލުން ފޮޅޭ ކަހަލަ ރީތި އިބާރާތްތަކުން ދަރިވަރުންނަށް ހިތްވަރުދީ ,ހުރިހާ މާނައެއްގައި މޮޅު ދަރިވަރުންތަކަކަށް ހަދައިދޭން ސްކޫލްތަކުން މަސައްކަތްކުރާން އެބަ ޖެހެއެވެ.

ދުޅަހެޔޮ ވެށްޓަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން އިސްކޫލުތެރޭގައި ޕްލާސްޓިކް އެކުލެވޭ ތަކެތީގައި ބަންދުކޮށްފައި ހުންނަ ކާނާއާއި  ބުއިންތައް ބޭނުންކުރުން ހުއްޓައިލުމަކީ އިސްކޫލުތަކުން ކުރެވިދާނެ ކަމެކެވެ. މިއަދު އަޅުގަނޑުމެންގެ ދަރިވަރުން ސްކޫލުތަކުގައި ކާތަކެތީގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ކޭކާއި ބިސްކޯދާއި  ޕެކެޓާއި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ  ޖޫހާއި ކިރު ފަދަ ތަކެއްޗެވެ. މީގެ އިތުރުން އިސްކޫލުތަކުގެ ކެންޓީނުން ކަޕްނޫޑްލްސްއާއި ޕްލާސްޓިކް މަތިގަނޑު ޖަހައިފައި ހުންނަ ސައި ނުވަތަ ކޮފީ ތަށިތަކާއި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޖޫހާއި ފެން ވެސް ލިބެންހުރެއެވެ. ބޭނުންކުރުމަށް ފަހު އުކައިލެވޭ މި ޕްލާސްޓިކްގެ ކުނިބުނިތައް ދާނީ އަޅުގަނޑުމެންގެ ތިމާވެށީގެތެރެއަށެވެ. އަދި ހަމަ މިއާ އެކު މީގެ ކޮންމެވެސް އިންސައްތައެއް އަޅުގަނޑުމެންގެ ހަށިގަނޑުގެތެރެއަށް ދާކަމަށް ދިރާސާތަކުން ދައްކައެވެ. 2018 ވަނަ އަހަރު ދުނިޔޭގެ ތަފާތު 9 ގައުމެއްގެ 11 ފެން ކުންފުނިން އުފައްދައިފައިވާ ފެންފުޅީގެ 93 އިންސައްތަ ފެންފުޅިން މައިކްރޯ ޕްލާސްޓިކް ފެނިފައިވެއެވެ. އަދި ދުނިޔޭގައި ހެދުނު 132 ދިރާސާއަކުން އެނގުނުގޮތުގައި އަޅުގަނޑުމެންގެ ހަށިގަނޑުގެތެރެއަށް ފޮނުވައިލެވޭ ކާނާގައި ޕްލާސްޓިކްގެ އަސަރު އެކުލެވިގެންވެއެވެ. .މިއަދުގެ ކިޔަވާކުދިން ކިޔަވައި ނިމި އުފާވެރި ދިރިއުޅުމަކަށް ފުރުސަތު ލިބޭނީ ފުރިހަމަ ޞިއްޙަތެއްގައި ތިބެގެންނެވެ. ވީމާ ދަރިވަރުންނަށް ސާފު ރީތި ވެށްޓެއް ޤާއިމުކޮށްދޭން އެބަ ޖެހެއެވެ. ދަރިވަރުން ހޭލުންތެރިކުރުވައި ހަށިގަނޑަށް  ގެއްލުންދޭ ކާނާތަކުން ދަރިވަރުން ދުރުކުރާން އެބަ ޖެހެއެވެ.

މިއަދުގެ ކިޔަވާ ކުދީންނަކީ މާދަމާ މި ޤައުމުގެ ތިމާވެށި ޙިމާޔަތްކޮށް, ޤައުމު ތަރައްޤީކޮށް ކުރިއަރުވާން ތިބޭނެ ޒުވާނުންކަމުގައިވާ ހިނދު  ހުރިހާ މާނައެއްގައި މޮޅު  ކުދީންތަކަކަށް މިއަދުގެ ކިޔަވާކުދީން ހެދޭނީ ނަމޫނާ ދައްކައި, އަމަލީގޮތުން ތަރުބިއްޔަތުދީގެންނެވެ. ކަން މިހެން އޮތުމާއެކު އިސްކޫލު މަދަރުސާތަކުގެ ޒިންމާ ވަރަށް ބޮޑެވެ. އެހެންކަމުން  އިސްކޫލުގެ މާޙައުލަކީ ޤުދުރަތުގެ ފުރިހަމަކަމާއި ހިތްފަސޭހަކަން ދަރިވަރުންނަށް ފެނި , ތަޖުރިބާ ކުރެވޭނޭ ފަދަ މާޙައުލަކަށް ހަދައިދޭން އެބަ ޖެހެއެވެ. ރަބަރާއި ޕްލާސްޓިކުގެ ވިހައިން ސަލާމަތްތެރިކަން ލިބިގެންވާ, ތިމާވެއްޓާ ރައްޓެހި  މާޙައުލަކަށް އިސްކޫލު މާޙައުލު ބަދަލުކުރާން އެބަ ޖެހެއެވެ. މިއަދުގެ ކިޔަވާ ކުދީންގެ ފައިދާ މާދަމާ ލިބިގަތުމަށް ޓަކައި އެ ކުދީން ކާ ކާނާއަކީ ރައްކާތެރި ކާނާތޯ ކަށަވަރުކުރާން އެބަ ޖެހެއެވެ. އެހެންނޫނީ  އުނގެނުމުގެ ރޭހުގައި ވާދަކޮށް ހޯދާ ނަތީޖާގެ ފޮނިމީރުކަމެއް ނުލިބޭނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *