ﷲއަށް އަދާކުރަންޖެހޭ ކަންކަމުގައި ނިޔަތް ގޯސްވުމަކީ ނުބައިވެގެންވާ ކަމެކެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ކުރާ އަޅުކަންތަކުގައި ނިޔަތް ސީދާކުރުމަކީ އެކިއެކި އަޅުކަންތައް އެއްއަޅުކަމާއި އަނެއް އަޅުކަމާއި ވަކިވަކި ކުރުމެވެ. އެއްއަޅުކަން އަނެއްއަޅުކަމާއި ތަފާތުކުރުމެވެ. މިސާލަކަށް ބައެއް ފަހަރު އިންސާނާ ކަމަކާއި ނުލައި އެއްޗެއް ނުކައި ނުބޮއިވެސް ހުރެދާނެއެވެ. އޭނާ ނުކައިހުރީ ކަމަކާ ނުލައެވެ. ނުވަތަ ކެއުމުގެ އެއްވެސް ހަނދާނެއް ނެތީމައެވެ. ނުކައިހުރުމުގެ އެއްވެސް ޤަސްދެއް އޭނާގެ ނެތެވެ. ޑައިޓް ކުރުމުގެ ގޮތުން މީހަކު ނުކައި ހުރެދާނެއެވެ. އޭނާގެ ޤަޞްދަކީ ޞިއްޙަތު ރަނގަޅުކުރުމެވެ. ނުވަތަ ހަށިގަނޑު ހިއްކާލުމެވެ. އަދި އެހެންމީހަކު މާރަނގަޅު ގަސްދެއްގައިވެސް ނުކައިނުބޮއި ހުރެދާނެއެވެ. އޭނާގެ ޝަހްވަތުގެ ބާރު ދައްކުރުމުގެ ގޮތުންނެވެ. ނަމަވެސް މިއިން އެއްވެސް ގަސްދަކާއެކު ކެއުމާއި ބުއިން ދޫކޮށްލުމަކުން އޭނާ ރޯދައަށް ހުރިކަމުގައެއް ނުވާނެއެވެ. ރޯދައަށްވާނީ ރަމަޟާން މަހަށްވީތީ ﷲ سبحانه وتعالى ގެ އަމުރުފުޅަށް ކިޔަމަންވެ އެކަލާނގެ ލޯތްބާއި ރުއްސެވުމާއި ޘަވާބު ހޯދުމުގެ ނިޔަތުގައި އެކަލާނގެ އެންގެވި ގޮތްތަކުގެ މަތިން ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށެވެ. ނުވަތަ ސުންނަތް ގޮތުގައި އެފަދައިން ރޯދައަށް ހުރުމުންނެވެ. އަޅުކަމުގައި އަދާކުރެވޭ ރޯދަވެސް ތަފާތު ނިޔަތްތަކާއި ގަސްދުތަކަށް ބަހާލެވެއެވެ. ފަރުޟު ރޯދައެވެ. ސުންނަތް ރޯދައެވެ. ސުންނަތުގެ މިވެނި ވައްތަރެކެވެ. ހޯމަ ބުރާސްފައްޗަށް ވާތީއެވެ. ހަނދުމަހުގެ ތޭރަ ސާދަ ފަނަރައަށް ވާތީއެވެ. ޢަރަފާތް ދުވަހަށްވާތީއެވެ. ޢާޝޫރާ ދުވަހަށްވާތީއެވެ. ކައްފާރާގެ ގޮތުގައި ހިފާ ރޯދައެވެ. ނަދުރެއްގެ ސަބަބުން ހިފާ ރޯދައެވެ. މިފަދައިން މިއިން ކޮންމެ ރޯދައެއް އެއްރޯދައާއި އަނެއް ރޯދަ ވަކިވަކިވެގެން ދަނީ ރޯދަވެރިޔާގެ ގަސްދުންނެވެ. ނުވަތަ ނިޔަތުންނެވެ.

މިގޮތަށް އަދާކުރަންޖެހޭ ފަރުޟު ކަންކަމުގެ ތެރެއަށްވެސް އަދި ސުންނަތް ކަންކަމުގެ ތެރެއަށްވެސް ދުނިޔެވީ ގަސްދެއް ވަދެގެން ދިއުމަކީ އެއަޅުކަމެއް ބާޠިލު ކޮށްލާނޭ ކަމެކެވެ. ނިޔަތް ގޯސްވުން ނުބައިވެގެންދަނީ މިސަބަބަށްޓަކައެވެ. އެހާވަރުން އެކުރި ޢަމަލު ޤިޔާމަތްދުވަހުގައި އެއްވެސް ބުރަދަނެއް ނެތުމުންނެވެ. ބޭކާރުވުމުންނެވެ. ރަނގަޅު ނިޔަތެއް ނެތި، އެކަން ކުރަންޖެހިގެން ކުރުމުން އެކަމެއް ކުރުމުގައި މީހާގެ މައްޗަށް ވެރިވެގަންނާނީ ފޫހިކަމެވެ. ނުވަތަ ދުނިޔެވީ އެހެން ކަމެއްގެ ބޭނުމުގައި އެކަމެއް ކުރުމުން އެއަޅުކަމުގެ ނަތީޖާއަކީ އެހެން މީހުންނަށް ދެއްކުމެވެ. އެހެންމީހުންނަށް އަޑުއިއްވައި އަމިއްލަ ނަފްސާމެދު އަޖައިބުވުން ދެއްކުމެވެ. އޭނާގެ ދުނިޔެވީ މަޤްޞަދާ ގުޅިފައިވާ ބަޔަކަށް އެއަޅުކަން އަދާކުރިކަން އެންގުމެވެ. ނުވަތަ ވީހާވެސް ގިނަބަޔަކަށް އެކަން އެންގުމެވެ. މުނާފިޤުންގެ ޢަމަލުތައް ހުންނަފަދައިން އެމީހެއްގެ ޢަމަލުތައް އެހުރީ ވަރަށްވެސް ނުބައިކޮށެވެ. މިސާލަކަށް ނަމާދުނަމަ އެނަމާދުގެ އަޞްލު މަޤްޞަދު އޮންނާނީ ގެއްލިފައެވެ. ﷲ سبحانه وتعالى އަށް ޚުޝޫޢަތްތެރިވުން ގެއްލިފައެވެ. އެކަލާނގެ މަތިން ހަނދުމަކުރުމެއް ވަރަށް ކުޑަކޮށްނޫނީ އެނަމާދުގައި ނޯންނާނެއެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا﴾ النساء :142 މާނައީ: [ހަމަކަށަވަރުން މުނާފިޤުން ވަނީ ﷲ އަށް އޮޅުވާލުމުގައެވެ. އަދި އެކަލާނގެ އެބައިމީހުންނަށް އޮޅުވާލައްވައެވެ. އަދި އެބައިމީހުން ނަމާދަށް ތެދުވާހިނދު ތެދުވަނީ މީސްތަކުންނަށް ދެއްކުންތެރިކަމާއި، ކަންނެތް ކަމާއެކުގައެވެ. އަދި އެބައިމީހުން މަދުން ނޫނީ ﷲ ގެ މަތީން ހަނދުމަ ނުކުރެއެވެ.] މިފަދައިން ކުރެވޭ ކޮންމެ ޢަމަލެއް، ނަމާދުވިޔަސް އަދި އެހެން ޢަމަލެއްވިޔަސް އެޢަމަލެއް އެވަނީ ބޭކާރުވެފައެވެ. އެކަމުގެ އެއްވެސް ފައިދާއެއް ޤިޔާމަތްދުވަހުން ނުކުރާނެއެވެ. މުސްނަދު އަޙްމަދު ގައި އުބައްޔު ބުން ކަޢުބު  رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((بَشِّرْ هَذِهِ الْأُمَّةَ بِالسَّنَاءِ وَالرِّفْعَةِ وَالنُّصْرَةِ وَالتَّمْكِينِ فِي الْأَرْضِ ، وَمَنْ عَمِلَ مِنْهُمْ عَمَلَ الْآخِرَةِ لِلدُّنْيَا لَمْ يَكُنْ لَهُ فِي الْآخِرَةِ نَصِيبٌ)) މާނައީ: [މިއުންމަތުގެ (މުސްލިމް އުންމަތުގެ) ޤަދަރުވެރިކަމާއި މަތިވެރިކަމާއި ނަޞްރުލިބި ބިމުގައި ތަމްކީންވެ އެބިން މުސްލިމުންގެ ބާރުގެ ދަށަށް އަންނާނޭކަމުގެ އުފާވެރި ޚަބަރު ތިބާ ދޭށެވެ. އަދި އެބައިމީހުންގެ ތެރެއިން މީހަކު އާޚިރަތުގެ ޢަމަލެއް ދުނިޔެއަށްޓަކައި ކޮށްފިނަމަ، އާޚިރަތުގައި އޭނާއަކަށް އެއްވެސް ނަޞީބެއް (އެއްވެސް ޘަވާބެއް) ނުވެއެވެ.]

އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން އިބްނު އަބީ ޙާތިމް ރިވާކުރެއްވިއެވެ. "ﷲ ވަޙީބަސްފުޅު ﴿إِذَا جَآءَكُمُ ٱلْمُؤْمِنَٰتُ مُهَٰجِرَٰتٍۢ فَٱمْتَحِنُوهُنَّ﴾ الممتحنة :10 މާނައީ: [ތިޔަބައިމީހުންގެ ގާތަށް މުއުމިނު އަންހެނުން ހިޖުރަކުރުމުން ތިޔަބައިމީހުން އެކަނބަލުން އިމްތިޙާނުކުރާށެވެ.] މިބަސްފުޅާ މެދު އިބްނު ޢައްބާސް ވިދާޅުވިއެވެ: ނަބިއްޔާ  صلى الله عليه وسلم އަރިހަށް އަންހެނަކު އައުމުން އޭނާ ލައްވާ ﷲ ގަންދީ ހުރާ ކުރުވައެވެ. ތިމަންނާ (ހިޖުރައަށް) ނިކުތީ ފިރިމީހާ ދެކެ ކުރާ ނަފްރަތަކުން ނޫނެވެ. އަދި ﷲ ގަންދެއްވާ ބުނަމެވެ. ތިމަންނާ (ހިޖުރައަށް) ނިކުތީ އެއްބިމަށްވުރެ އަނެއްބިން ރަނގަޅުވުމުން އެބިމުގެ މޮޅުކަމަކަށް އެދިގެނެއް ނޫނެވެ. އަދި ﷲ ގަންދެއްވާ ބުނަމެވެ. ތިމަންނާ (ހިޖުރައަށް) ނިކުތީ ދުނިޔެއިން ކަމެއް ޙާޞިލުކުރާކަށް ނޫނެވެ. އަދި ﷲ ގަންދެއްވާ ބުނަމެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ދެކެ ވާލޯތްބަށްޓަކައި ނޫންގޮތަކަށް ތިމަންނާ (ހިޖުރައަށް) ނުނިކުންނަމުއެވެ."

ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: އަޢުރާބީ އަކު އައިސް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލުކުރެއްވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ޣަނީމާ މުދާ ހޯދުމަށް މީހާ ހަނގުރާމަ ކުރެއެވެ. އަދި އޭނާގެ ވާހަކަ އެހެންމީހުން ދެއްކުމަށް އެދި (އެހެންމީހުން އޭނާގެ މަތިން ހަނދާންކުރުމަށް އެދި) މީހާ ހަނގުރާމަ ކުރެއެވެ. އެމީހެއްގެ މަތީ ދަރަޖަ ދެއްކުމުގެ ގޮތުން މީހާ ހަނގުރާމަ ކުރެއެވެ. ދެންފަހެ އޭގެ ތެރެއިން ﷲ ގެ މަގުގައި ވަނީ އެތަނުން ކާކުތޯއެވެ؟ އެހިނދު ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((مَن قاتَل لتكونَ كلمةُ اللهِ هي العليا فهو في سبيلِ اللهِ)) މާނައީ: [ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމުގެ ނިޔަތުގައި ހަނގުރާމަ ކޮށްފިމީހާ، ފަހެ އޭނާ އެވަނީ ﷲ ގެ މަގުގައެވެ.]

ﷲ سبحانه وتعالى އަށް އަދާކުރަންޖެހޭ އަޅުކަމުގައި އެވަނީ ދުނިޔޭގެ ކަންކަމަށް ނުވަތަ ބަޔަކަށް ބައިއަޅާފައެވެ. އޭރުން ޙަޤީޤަތުގައި އެކަންވެގެން އެދަނީ ޝިރުކަށެވެ. އިމާމް އަޙްމަދު މުސްނަދުގައި އަބޫ ސަޢީދު ބުން އަބީ ފަޟާލާ رضي الله عنه ގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ: [އެދުވަހެއް އަންނާނޭ ކަމާމެދު އެއްވެސް ޝައްކެއް ނެތް ދުވަހުގައި، އިހުގެ މީސްތަކުންނާއި ފަހުގެ މީސްތަކުން ﷲ ޖަމާކުރައްވާ ހިނދު، ގޮވާލާ ފަރާތަކުން ގޮވާލާނެތެވެ: ﷲ عَزَّ وَجَلَّ އަށްޓަކައި އަދާކުރި ޢަމަލެއްގައި ޝިރުކު ކުރިމީހާ، ފަހެ ﷲ عَزَّ وَجَلَّ ނޫން އެހެންފަރާތެއްގެ ކިބައިން އޭގެ ޘަވާބު ހޯދުމަށް އެދޭށެވެ. ފަހެ ހަމަކަށަވަރުން ﷲ ވަނީ ޝަރީކު ކުރާ ޝަރީކުންގެ ކިބައިން ބަރީއަވެ ފުދިވޮޑިގެންނެވެ.]

އަޅަމެންކުރާ ހެޔޮޢަމަލުތަކުގައި ނިޔަތްތައް ހަލާކުވެ ދިޔުމުންނާއި، ދުނިޔެވީ އެދުންތައް އޭގެ ތެރެއަށް ވަނުމުން އެއްކިބާ ކޮށްދެއްވުން އެދި ދުޢާކުރަމެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

އާޓިކަލް: 52

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *