ބުރާސްފަތި, 17 އޭޕްރިލް 2025

ޝުކުރުއަދާކުރުމުގެ މުހިންމުކަން

ޝުކުރަކީ މާނަ ފުން އަދި ފުނަށް އަސަރުކުރާ، ވައްތަރުތައް ގިނަ ބާރުގަދަ ހަތިޔާރެކެވެ. މީހަކު ކަމެއް ކޮށްދިނުމުން ނުވަތަ އެއްޗެއް ދިނުމުން ޝުކުރު އަދާކުރުމުގެ ގޮތުން ޝުކުރިއްޔާއޭ ބުނެލުމަކީ ވަރަށް އާންމު ކަމެކެވެ. ޝުކުރު އަދާކުރެވޭ ތަފާތު ގޮތްތައް ހުރެއެވެ. އަނގައިން ބުނެގެން ނުވަތަ ޢަމަލީ ގޮތުން ކަމެއް ކޮށްދީގެން ނުވަތަ މޫނުމައްޗަށް ގެނެވޭ ބަދަލަކުން ނުވަތަ ފާޅުކުރެވޭ އިހުސާސަކުން ވެސް ޝުކުރު އަދާކުރެވިދާނެއެވެ. މިއިން ކޮންމެ ގޮތަކަށް ކުރިނަމަވެސް ޝުކުރު އަދާކުރުމަކީ މީހަކަށް ކުރެވޭ ރަނގަޅު ކަންކަން އެ މީހަކަށް އަންގައިދިނުމެވެ. ސައިންސްވެރިން ބުނާ ގޮތުން ޝުކުރުވެރިވުމަކީ ހަމައެކަނި ބުނެވޭ ބަހެއް ނުވަތަ ކޮށްލެވޭ ހަރަކާތެއް ނޫނެވެ. އެއީ އެއަށް ވުރެ މާފުޅާ މާނައެއްގައި ކުރެވޭ ކަމެކެވެ. އަދި އެއީ މާފުން އިޙުސާސްތަކެއް ކުރުވާ، އެކަމެއްގެ ސަބަބުން ސިއްޙީ އެތައް ގިނަ ފައިދާއެއް ނަފުސަށާއި ހަށްޓަށް ލިއްބައިދޭ ޖަޒުބާތެކެވެ. ޝުކުރުވެރިވުމުގެ ސަބަބުން  މުޖުތަމަޢުގައި އެ މީހެއްގެ ދައުރު އިތުރުވެގެންދެއެވެ. އަދި އެއީ ﷲ ތަޢާލާގެ ނިއުމަތް އިތުރުވާ ސަބަބެއް ވެސް މެއެވެ. އެހެންކަމުން ޝުކުރު އަދާކުރުމަކީ އެ ކަމަކަށް މީހުން އަހުލުވެރިވެ، ސަމާލުކަން ދޭންޖެހޭ، ނުހަނު މުހިންމުކަމެކެވެ.

ޝުކުރުއަދާކުރުމަކީ ޝުކުރު އަދާކުރާ ފަރާތަށާއި ޝުކުރު ރައްދުވާ ފަރާތަށް ވެސް ހީނުކުރެވޭހައި އުފާވެރި އިޙުސާސްތަކެއް ކުރުވައި، ނަފުސާނީ ގޮތުން ދުޅަހެޔޮވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ޝުކުރު އަދާކުރުމުން ޝުކުރު އަދާކުރެވޭ ފަރާތަށާއި ޝުކުރު އަދާކުރާ ފަރާތަށް ވެސް  ތިމާއަށް ރަނގަޅު ކަމެއް ކުރެވުނުކަމުގެ ހިތްހަމަޖެހުން ލިއްބައިދެއެވެ. ކަންކަމާ މެދު ފައްސި ވިސްނުމަކުން ވިސްނާން ފަށައެވެ. ހިތުގައި އުފެދޭ ނުތަނަވަސް ކަމަށް ލުޔެއް ލިބި، މީހުންނާ މެދު އޮންނަ ގުޅުން ބަދަހިވެއެވެ. އަނެކާއާ މެދު އޮންނަ ލޯތްބާއި ކުލުނު އިތުރުވެއެވެ. ނަތީޖާއަކަށް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބި، ނިދުމަށް ފަސޭހަވެ، މީހާއަކީ ދުޅަހެޔޮ މީހަކަށް ވުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޝުކުރުވެރިވާ މީހުންގެ ބްލަޑްޕްރެޝަރ ލެވެލް ހަމަ މިންގަނޑުގައި ހިފަހައްޓައިދީ، ހިތާއި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވެ، ދިފާޢީ ނިޒާމު ވަރުގަދަވެއެވެ. ޕޮޒިޓިވް ސައިކޮލޮޖީ ދާއިރާގެ އެންމެ އިސް އެއް ބޭފުޅެއްކަމުގައިވާ މާރޓިން ސެލިގްމާ ވިދާޅުވެފައިވާ ގޮތުން ޝުކުރު އަދާކުރާ ކޮންމެ ފަހަރަކު އަދި ޝުކުރު ރައްދުވާ ކޮންމެ ފަހަރަކު މީހާގެ ދުޅަހެޔޮކަން އިތުރުވެ، ހާސްކަން ފިލުވައިދޭ އުފާވެރި އިޙުސާސެއް ކުރުވާ ސިގްނަލެއް ސިކުނޑިން ފޮނުވައިދެއެވެ. އެހެންކަމުން ޝުކުރުވެރިވުމަކީ ޞިއްޙަތަށް ވެސް ނުހަނު ފައިދާ ހުރި ، އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވާން ޖެހޭ މުހިއްމު ސިފައެކެވެ

ޝުކުރުވެރިވާ މީހާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ މީހަކާ އެކީ ﷲގެ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމުގެ އިޙުސާސްކުރެވުމެވެ. ކޮންމެ ކަމެއްގައި ވެސް ﷲ ތަޢާލާއަށް ވަކީލުކުރުމެވެ. އެހެނީ ޝުކުރުވެރިވާ މީހާއަކީ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވާ މީހެކެވެ. އޭނާއަށް ދިމާވާ ކޮންމެ ފަދަ ޙާލަތެއްގައި ވެސް ޝުކުރުވެރިވެ، ކުރިއަށް ދާން މަސައްކަތް ކުރާނެއެވެ. ދުނިޔޭގައި އުޅޭ އިރު އުސް ފަރުބަދަތަކާއި އަޑިގުޑަން ވާދީތަކުން ގިރާކުރާން ޖެހޭކަމާއި އެފަދަ ދަނޑިވަޅުތަކުގައި އަނިޔާ ވެސް ލިބޭކަން ދަންނާނެއެވެ. މިފަދަ ޙާލަތްތަކުގައި ޝުކުރުވެރިވާން ނޭނގޭ މީހާއަށް ދިރިއުޅުމުގައި ކުރިއަށް ދާކަށް ނޭނގޭނެއެވެ. . އެފަދަ މީހެއްގެ މަސައްކަތަކަށް ވެގެންދާނީ ކުރިއަށް ދާން މަސައްކަތްކުރުމުގެ ބަދަލުގައި ޝަކުވާކުރުމެވެ. ނަތީޖާއަކަށް ވެގެންދާނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ވެސް ގެއްލިގެން ދިޔުމެވެ. އެއްވެސް މީހަކު ހެޔޮ ކަމެއް ކޮށްދީފި ނަމަ އެކަމަށް ޝުކުރުވެރިވުމަކީ ޝުކުރުވެރިވާ ފަރާތުގެ ތަނަވަސްކަން އިތުރުވާ ކަމެކެވެ. ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނައިގައި ވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފި ނަމަ ތިޔަބައިމީހުންނަށް ތިމަން ﷲ އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން ޝުކުރުވެރި ނުވާނަމަ ހުރީ ގަދަފަދަ ޢަޒާބެވެ. އަދި ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައި ވެއެވެ.” މީސްތަކުން ކޮށްދޭ ކަންކަމަށް ޝުކުރުވެރި ނުވާ މީހާއަކީ ﷲ އަށް ޝުކުރުވެރިނުވާ މީހެކެވެ.” (މިއަދު ޑެއިލީ2021)  މި ދަލީލުތަކުން ވެސް އެނގެނީ ޝުކުރުވެރިވުމުގެ މުހިއްމުކަމެވެ. ޝުކުރުވެރިވުމަކީ ހަމައެކަނި އަނގައިން ބުނެލެވޭ ބަހަކަށް ނުވާހިނދު ތިމާއަށް ކަމެއްކޮށްދިން މީހާއަށް ހެޔޮ ދުޢާކޮށްދީ އެ މީހަކަށް ކަމެއް ކޮށްދިނުމުގެ ފުރުސަތަކަށް އެދިއެދި ތިބޭ މީހުން މަދެއްނޫނެވެ. މި ހުރިހައި ކަމަކުން ވެސް އެނގެނީ ޝުކުރުވެރިވުމަކީ ތަނަވސްކަން އިތުރުވާ ސަބަބެއްކަމެވެ.

ކުރާ މަސައްކަތުގެ މަންފާ އިތުރުކޮށް ކުރިއަށް ދިޔުމަށް ޓަކައި ޝުކުރުވެރިވުމަކީ، މަސައްކަތުގެ ދާއިރާގައި ނުހަނު މުހިއްމު ކަމެކެވެ. އެހެނީ މަސައްކަތުގެ އަގުވަޒަންކުރުމަކީ މަސައްކަތްކުރާ މީހާއަށް މަސައްކަތުގައި ކުރިއަށް ދާން ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. މިއާ ޚިލާފަށް ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރެވޭނަމަ މަސައްކަތްކުރާ މިހާ އަށް އޭނާގެ އަމިއްލަ ނަފުސަށްކުރެވޭ އިތުބާރު ކުޑަވެ، ފަހަތުފަޔަށް ބުރަވާ ތަން އާދެއެވެ. މަޑުމަޑުން މީހާ ބަލިކަށިވެ، މަސައްކަތު މާޙައުލާ ފެޔަށް ޖެހޭތަން ވެސް އާދެއެވެ. ދެވޭ މުސާރައަށް ވުރެ، ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރުވެރިވުމުން މަސައްކަތުގައި ކުރިއަށް ދިޔުމަށް ލިބޭ ހިތްވަރު މާ އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ. ކްލާސްޑޯރ ރިސާރޗަކުން ދެއްކި ގޮތުގައި މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރާ ވެރިއެއްގެ ދަށުން މަސައްކަތް ކުރާ މީހުންގެ %80 މީހުން އެ މީހުންގެ މަސައްކަތަށް ފަރުވާތެރިކަމާ އެކު ބުރަކޮށް މަސައްކަތް ކުރެއެވެ. %70 މީހުން ބުނެފައިވަނީ އެ މީހުންގެ ވެރީން އެ މީހުންގެ މަސައްކަތަށް ޝުކުރުވެރިވާކަން ހާމަކުރުމުގެ ސަބަބުން އެ މީހުންގެ އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ބޮޑުވެ، ކުރެވޭ މަސައްކަތަށް ފަޚުރުވެރިވާ ކަމުގައެވެ. އެހެންކަމުން މަސައްކަތުގެ މާޙައުލަކީ އެކަކު އަނެކަކަށް ޝުކުރު އަދާކުރުމުގެ ރިވެތި އާދަ އޮންނަ މާޙައުލަކަށް ހެދުމަކީ އެ ތަނަކަށް ކުރިއެރުމާއި ފާގަތިކަން ލިބި އުފާވެރި ތަނަކަށް ވެގެން އަންނާނެ ކަމެކެވެ.

އުފާވެރި މުޖުތަމައެއް ތަރައްޤީކުރުމުގައި ވެސް ޝުކުރުވެރިވުން މުހިއްމު ދައުރެއް އަދާކުރެއެވެ.  އެހެނީ ޝުކުރު  އަދާކުރުމުގެ ގޮތުން ކުރެވޭ ކިތަންމެ ކުޑަކަމަކުން ވެސް ހިތަށް ހަމަޖެހުން ލިބި، އުފާވެރިވެ، ނަފުސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވާން މަގުފަހިވެއެވެ. އަދި ތިމާއަކީ މުހިންމު މީހެއްކަން އިޙުސާސްކުރެވޭނެއެވެ. މިއާއެކު ބީރަށްޓެހިވެފައިވާ ހިތްތައް ރައްޓެހިވެ،. އެކަހެރިވެފައިވާ ފަރުދުންތައް  އެއްތަންވެ، ބައިބައިވެފައިވާ މުޖުތަމަޢު ގުޅުވައިލަދޭ އިޖުތިމާޢީ ވިއުގައެއް އުފެދިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ވަކިވަކި ފަރުދުންގެ ދައުރު މުޖުތަމަޢުގައި ހިއްސާކުރުން އިތުރުވެ، މުޖުތަމަޢުގެ ތަރައްޤީގެ ދުވެލި ބާރުވެ، އުފާވެރި، ދުޅަހެޔޮ، ބަދަހި މުޖުތަމައެއް ޤާއިމުވެގެންދެއެވެ. (ޗޭންގް، ލިންގ އަދި ޗެން 2011) ބުނެފައިވާ ގޮތުން ޝުކުރުވެވޭ ވަގުތު ޝުކުރު އަދާކުރާ ފަރާތަށާއި ޝުކުރު ރައްދުވާ ފަރާތަށް ހަމައެކަނި ސީދާ ގޮތެއްގައި އަސަރުކުރިކަމުގައި ވިޔަސް ނުސީދާ ގޮތެއްގައި އޭގެ ރަނގަޅު އަސަރު ފުޅާވެ ފެތުރިގެން ގޮސް މުޅި މުޖުތަމައަށް ވެސް ކުރެއެވެ. އެހެންކަމުން މީހަކު ކުރާ ކިތަންމެ ކުޑަކަމަކަށް ވިޔަސް އެ ކަމެއްގެ އަގުވަޒަންކޮށް ޝުކުރުއަދާކުރުމަކީ އޭގެ ފާއިދާ ، ނިމުމެއް ނެތި ކިތަންމެ ދުރަކަށް ވެސް ފެތުރިގެން ހިނގައިދާނޭ ލުއިލުއި، ކުޑަކުޑަ އެހެން ނަމަވެސް ނުހަނު އަގުބޮޑު ހަދިޔާއެކެވެ.

” ޝުކުރު” މި ލަފުޒަކީ ކިތަންމެ ކުރު ލަފުޒެއްކަމުގައި ވިޔަސް މިއީ ބުރަދަން ބޮޑު، ބާރުގަދަ ލަފުޒެކެވެ. މާނަ ފުން ، ފުނަށް އަސަރުކުރުވާ، ވައްތަރުތައް ގިނަ ލަފުޒެއް ވެސް މެއެވެ. މި ގޮތުން ޝުކުރުވެރިވުމަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މީހާ ދުޅަހެޔޮކޮށްދޭ ފަރުވާއެކެވެ. ނިއުމަތްތައް އިތުރުކުރައްވައި، ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވާކަމެކެވެ.  އެކަކު އަނެކަކާ ގުޅުވައިދީ މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކޮށްދޭ ކަމެކެވެ. މި ހުރިހައި ސަބަބުތަކާ ހެދި އުފާވެރި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ޓަކައި އެންމެ ޚަރަދު ކުޑަ ، އެންމެ ފައިދާ ބޮޑު، ވުނަކުރުމަކީ ޝުކުރުވެރިވުމެވެ. ޝުކުރު އަދާކުރުމެވެ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ މީހެއްގެ ކިބައިގައި ވެސް މި މާތް ރިވެތި ސިފަ ހަރުލައްވާން ފަށަމާ ހިނގާށެވެ! އެންމެ ކުޑަމިނުން ހިނިތުންވުމަކާ އެކު ޝުކުރިއްޔާއޭ ބުނެލަމާ ހިނގާށެވެ!

  ޝުކުރިއްޔާ!

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *