އުފާވެރި ދުޅަހެޔޮ މުޖުތަމައަކަށް ޤުދުރަތީ ވެށި ޙިމާޔަތްކުރަން ޖެހެއެވެ.

 

އަހަރެމެންގެ ވަށައިގެންވާ މާސިންގާ ކަނޑުގެ ދައުރާ މެދު ފިކުރު ހިންގައިލައި، މަތިން އުދުހި މަޖާކުރަމުން އަންނަ ދޫނިތައް ކިޔައިދޭ އެ ހިތްގައިމު ލަވަތައް އަޑުއެހީމު ހެއްޔެވެ؟ ފެހިކުލައިގެ ގަސްގަހުގައި ، ޗާލު ކުލަތަކުން ފަރިވެ ފޮޅެމުން އަންނަ މާތަކުގެ ހިތްގައިމު މީރު ވަހުން ހަށި ފުރައިލީމު ހެއްޔެވެ؟ ޝައްކެއްނެތެވެ! މިފަދަ ޤުދުރަތީ ރީތި މަންޒަރުތަކުން ލިބޭ ފައިދާތަކުގެ އަގުވަޒަންކުރެވޭ ނަމަ ދުނިޔޭގެ ޤުދުރަތީ ވެށި ހަލާކުކޮށް މަސްނޫޢީ ކުނިބުނީގެ ޖަންގައްޔަކަށް މިތަން ހަދާކަށް އެކަކު ވެސް ބޭނުމެއްނުވާނެއެވެ.  ހަމަހިމޭން ޤުދުރަތީ ވެށްޓެއްގައި ކިތަންމެ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލާން ލިބުނަސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ހިތަށް ގެނެވި ސިކުނޑިއަށް ވެރިވާ ވަސްވާސްތަކުން ސަލާމަތްވެވޭނެއެވެ. މިއަދު މުޅި ދުނިޔޭގެ ކަންބޮޑުވުމަކަށް ވެފައިވާ ނަފްސާނީ ބަލިމަޑުކަމާއި ބޮޑެތި ކުށްތަކުންނާއި އެހެނިހެން ވަރަށް ގިނަ ވަބާތަކުން ވެސް ދުނިޔެ ސަލާމަތް ކުރެވޭނެއެވެ. އެހެންކަމުން އަހަރެމެންނަށާއި އަންނާން އޮތް ޖީލުތަކަށް ޓަކައި ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ޤާއިމުކުރާން ޤުދުރަތީ ރީތި ވެށި ޙިމާޔަތްކުރުމަކީ ކޮންމެހެން ކުރާންޖެހިފައިވާ ކަމެކެވެ.

ސާފު ޤުދުރަތީ ވެއްޓެއްގައި ދިރިއުޅޭ މީހުންގެ އުފާވެރިކަން އިތުރުވެ، ނަފްސާނީ ބަލިތަކުންނާއި އެހެނިހެން ގިނަ ބަލިތަކުން ވެސް ސަލާމަތްކޮށްދެއެވެ. މިއާޚިލާފަށް އިންސާނީ އުފެއްދުންތަކުން ގޮނޑުވެފައިވާ އަޑުގަދަ، ހަލަބޮލި، ހަމަޖެހުމެއް ނެތް މާޙައުލެއްގައި ދިރިއުޅުމަކީ ކަންބޮޑުވުމާއި ހާސްކަން އިތުރުކޮށް  ނަފްސާނީ ބަލިތަކަށް މީހާ ހުށަހެޅިގެންދާ ކަމެކެވެ. މިފަދަ މައްސަލަތަކަށް އޮތް އެންމެ ފަސޭހަ، އެންމެ ޚަރަދުކުޑަ ފަރުވާއަކީ ޤުދުރަތީ ރީތި ވެށްޓަކުން ހިތަށް ފިނިކަން ލިއްބައިދިނުމެވެ. ގަސްގަހާގެހީގެ ޖަންގައްޔެއްގެތެރޭގައި އެންމެ ފަސް މިނިޓަށް ހިނގައިލިޔަސް ޞިއްޙީ އެތައް ގިނަ ފައިދާއެއް ލިބިގެންދާކަމަށް އެމެރިކާއާއި ޖަޕާނު ފަދަ ދުނިޔޭގެ އެތައް ޤައުމަކުން ހޯދި ސައިންސްގެ ހޯދުންތަކުން އެނގިފައިވެއެވެ. ގަސްގަހާގެހީގެ ސަބަބުން ނޭވާލާ ނިޒާމްތަކަށް ޖެހޭ ބަލިތަކުން ދުރުކޮށްދެއެވެ. ޔުނިވާރސިޓީ އޮފް މިނަސޯޓާއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޤުދުރަތީ މަންޒަރުތަކުން ހަމައެކަނި މީހާއަށް ކުރިމަތިވެފައިވާ ހާސްކަންފިލައިގެން ދަނީއެއް ނޫނެވެ. މިފަދަ ޤުދުރަތީ މަންޒަރުތަކުން މީހާގެ ނާރުތަކުގެ ނިޒާމާއި ހޯމޯންސް އުފައްދާ ނިޒާމާއި ދިފާޢީ ނިޒާމަށް ވެސް ރަނގަޅު އަސަރުތަކެއް ފޯރުވައެވެ. އެހެންކަމުން ދުޅަހެޔޮ، އުފާވެރި މުޖުތަމަޢެއް ބިނާކުރުމުގައި ޤުދުރަތީ ވެށި އަދާކުރަނީ މުހިއްމު ދައުރެކެވެ.

ދުނިޔޭގައި ކުށްވެރިން އުފެދޭން ދިމާވާ އެންމެ މައިގަނޑު އެއް ސަބަބަކީ ނަފްސާނީ ބަލިމަޑުކަމެއް ތަޙައްމަލުކުރާން ޖެހުމެވެ. ދިރިއުޅޭ ވެށީގައި ހުންނަ ހާސްކަމާއި ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. ދިރިއުޅޭން ޖެހިފައިވާ އުނދަގޫ މާހައުލެއްގެ ސަބަބުންނެވެ. މިފަދަ ދަތި އުނދަގޫ ޙާލެއްގައި ދިރިއުޅޭ މީހުންނަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ޤުދުރަތީ ވެށިކަމަށް މިއަދުގެ ގިނަ ހޯދުންތަކުން އެނގިފައިވެއެވެ. ދާދި ފަހުން ބަޔޯ ސައިންސް ޖާރނަލެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން މަސްނޫޢީ ތަންތަނާއި ތަކެތިން ފުރިފައިވާ ސިޓީތަކުގައި އުޅޭ މީހުންނަށްވުރެ  ޤުދުރަތީ ރީތި ވެށިތައް ލިބިފައިވާ ރަށްފުށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ އިޖުތިމާޢީ ގުޅުން ބަދަހިވެފައި ކުށްކުރާ މިންވަރު ދަށެވެ. ކުށްކުރުމާއި އެ މީހުން ދިރިއުޅޭ ވެށްޓާ ގުޅުމެއް ހުރިތޯ ބަލާން، ދުނިޔޭގެ އެކި ހިސާބުތަކުން 2000 އެއްހައި މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއެއްގައި އެ މީހުންނަށް ޤުދުރަތީ މާޙައުލުތަކުގައި އުޅެ، ޤުދުރަތީ މާހައުލު ފެނުމުގެ ފުރުސަތު ލިބިފައިވާ މިންވަރު ބެލުނެވެ. މި ދިރާސާގެ ނަތީޖާއިން އެނގުނު ގޮތުގައި ޤުދުރަތީ ވެށީގައި އުޅެ، އެ ވެށީގެ އުފާވެރިކަން ލިބިފައިވާ މީހުންގެ އިޖުތިމާޢީ ގުޅުން ވަރުގަދަވެ، ކުށްކުރާ މިންވަރު މާ ބޮޑަށް ވެސް ޤުދުރަތީ ވެށްޓެއްގައި އުޅުމުގެ ފުރުސަތު ލިބިފައިނުވާ މީހުންނަށްވުރެ ދަށެވެ. މިކަމުން ވެސް އެނގެނީ ޤުދުރަތީ ވެށި ޙިމާޔަތްކުރުމުގެ މުހިއްމުކަމެވެ.

ތިމާއަށް ދިމާވާ ކޮންމެ ފަދަ ޙާލަތެއްގައި ވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާ މެދު ވިސްނާންޖެހެއެވެ. އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެކަލާނގެއަށް ވަކީލުކުރުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ކުރާން އޮތް އެންމެ މުހިއްމު މަސައްކަތެވެ. ޤުދުރަތީ ރީތި ވެށްޓެއްގައި އުޅޭ ނަމަ ގިނަގިނައިން ﷲގެ މަތިވެރި ނިޢުމަތްތަކުގެ މަތީން ހަނދާންވާނެއެވެ. ގަސްތަކުގައި މޭވާ އަޅާފައި ހުންނަ ތަން ފެނުމުން ރިޒްޤު ދެއްވަނީ ﷲ ކަން ހަނދާންވާނެއެވެ. ނަމަވެސް އިންސާނުންގެ އުފެއްދުންތެރިކަން ކުރިއަރަމުން އަންނަ މި ޒަމާނުގައި ގިނަ މީހުންނަށް ހީވެފައި އޮންނަނީ ތިމަންނާމެންނަށް ހުރިހައި ކަމެއް ވެސް މި ވަނީ މީސްތަކުންގެ މޮޅުކަމުންކަމުގައެވެ. އެޕަލް ކުންފުނީގެ މޮޅު ފޯނެއް ގެންގުޅޭ މީހާ ހިތަށް ވަންނާނީ ފޯނު އުފެއްދި މީހާގެ މޮޅުކަމެވެ. ރީތި ޢިމާރާތެއްގެތެރޭގައި ހުންނަ މީހާ ހިތަށް އަރާނީ ޢިމާރާތް ފަރުމާކުރި ފަރާތުގެ މޮޅުކަމެވެ. ނަތީޖާއަކަށް ވެގެންދަނީ ތިމާ ބޭނުންވާ ކަންކަން ފުއްދުމަށް ﷲ ގެ ޙަޟްރަތުގައި ދެންނެވުމުގެ ބަދަލުގައި ކޮންމެވެސް މީހެއްގެ ފަހަތުގައި އާދޭސްކުރަމުން އުޅުމެވެ. ކޮންމެވެސް ނާޖާއިޒު ގޮތަކަށް އެއްޗެހި ލިބޭތޯ ބެލުމެވެ.  މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި ވައްކަމާއި ފޭރުން ފަދަ ބޮޑެތި ޖަރީމާތަކުގެ އަސްލަކީ ﷲ ތަޢާލާގެ މަތިން ހަނދާންނުވުމެވެ.

ޤުދުރަތީ ވެށި ހަލާކުކޮށްލައި އިންސާނާ އުފެއްދި ހިތްފަސޭހަ، ކަންފަސޭހަ މޮޅު ތަކެތި މިއަދު މި ދަނީ  އަހަރެމެން އިންސާނުންނަށް ބިރުވެރި އިންޒާރުދެމުންނެވެ. ދުނިޔޭގައިވާ ޤުދުރަތީ ދިރުންތައް މާގިނަ ދުވަހަކަށް ދެމިނުހުންނާނެކަމުގެ އިންޒާރެވެ.  ކުދި ޤައުމުތައް ކަނޑުއަޑިޔަށް ގެނބިގެން ދާއިރު، ބޮޑެތި ޤައުމުތަކަށް ހަނަފަސްކަމާއި ،ނުރައްކާތެރި ޠޫފާންތައް ކުރިމަތިވެ އިންސާނުން ހުސްވެދާނެކަމުގެ އިންޒާރެވެ.

ތެދެއްމެއެވެ. މިއީ އިންޒާރެއް ނޫނެވެ. ކުރިމަތީން ފެންނަމުންދާ ޙަޤީޤަތްތަކެވެ. ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލި މޫސުމަށް ބޮޑެތި ބަދަލު އަންނަމުން ދާކަމީ ޙަޤީޤަތެވެ. ދުނިޔޭގައި ލެއްވި ބައެއް ދިރުންތައް ދުނިޔެއިން މުޅީން ހުސްވެ ، ކަންބޮޑުވާ ހިސާބަށް ގިނަ ދިރުންތައް މަދުވެފައިވާ ކަމީ ޙަޤީޤަތެކެވެ. ދުނިޔެއިން މީރު ފެން ހުސްވެ، ފެނަށް ޖެހެމުން ދާކަމީ ޙަޤީޤަތެކެވެ. ކާނާ އުފެއްދުމުގައި ލައްވާފައިވާ ޤުދުރަތީ ނިޒާމަށް ގެއްލުން ލިބުމުގެ ސަބަބުން ކާނާ އުފައްދަނީ އިންސާނުން އުފައްދާ ތަކެތި ބޭނުންކޮށްގެންނެވެ. ނަތީޖާއަކީ ކާނާއިން ލިބޭ ފައިދާތަކަށްވުރެ ލިބޭ ގެއްލުން ބޮޑުވެ ނުރައްކާތެރި ބަލިތައް އިތުރުވަމުން ދިޔުމެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވާން އަޅާން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ވެސް ޤުދުރަތީ ވެށި ޙިމާޔަތްކުރުމެވެ.

ހިތްދަތިކަމާއި ނުތަނަވަސްކަން ތަޙައްމަލުކުރަމުންދާ ވަގުތުތަކުގައި ހަނދުގެ އަލިކަމާއި ތަރިތަކުގެ ބެބުޅުންތަކުން އުޖާލާ ނުވާނެ އެކަކު ވެސް ނުހުންނާނެއެވެ. އިރުގެ ސަމާސާކުރުންތަކުންނާއި އުޑުމަތީގައި ކުރެހެމުންދާ ތަސްވީރުތަކުންނާއި ތާޒާ ވައިރޯޅިތަކުގެ ފިރުމުންތަކުން ހިނިތުންވެ، ރޫޙު ދިރިގެން ނުދާނެ ހަމަ އެކަކު ވެސް ނުހުންނާނެއެވެ. މި އުޖާލާކަމާއި އުފާވެރިކަމުގެ ސަބަބުން މީހާ މުރާލިވެ، އިޖުތިމާޢީ ކަންކަމުގައި ޙަރަކާތްތެރިވެ މުޖުތަމައަށް ދިރުން ގެނެސްދޭނެއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ހިތަށް ވަދެ، ދުނިޔަވީ އެދުންތަކުން ދުރުވެ، އުޚުރަވީ އެދުންތަކަށް ދަހިވެތިވާނެއެވެ. އެހެންކަމުން ޤުދުރަތީ ވެށީގެ ހިތްގައިމުކަން ލިބިގަންނާން ޖެހެއެވެ. އަދި ޤުދުރަތީ ވެށި ހަލާކުނުކޮށް ދަމަހައްޓާން ފަރުދީ ގޮތުން ޒިންމާދާރުވާން ޖެހެއެވެ. ހަމަ މިޔާއެކު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ވެސް  ޤުދުރަތީ ވެށި ހަލާކު ނުވާނޭހެން މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ. ރޭވިފައިވާ ރަނގަޅު ނިޒާމެއްގެ ދަށުން ރަށްރަށުގެ ބިން ހެޔޮ ގޮތުގައި ބޭނުންކޮށް ކޮންމެ ރަށެއްގައި ވެސް ޤުދުރަތީ ޖަންގައްޔެއް ބާއްވަންޖެހެއެވެ. ފަޅުތަކާއި ފަރުތަކާއި ގޮނޑުދޮށްތައް  ޙިމާޔަތްކުރާން ޖެހެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *