އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި 2024ވަނަ އަހަރު މަތީ ސާނަވީ ތަޢްލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފްލާ ބާއްވައިފިއެވެ.
އަޙްމަދިއްޔާގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ އަޙްމަދިއްޔާއިން ދަސްވެނިވެގެން ނުކުންނަ ކޮންމެ ކުއްޖަކީ ވެސް، ވަރަށް ތޫނުފިލި މޮޅު ޤާބިލް ކުދިން ކަމަށާއި، އެހެންކަމުން ކޮންމެ ކުއްޖަކީ ވެސް މަތީ ތަޢުލީމަށް ވާސިލުވާ ކުއްޖެއްކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން، މަތީ ތަޢުލީމް ހާޞިލްކޮށް، ގައުމު އެދޭ ފަދަ، ޝަރަފުވެރި މަސައްކަތެއްކުރާ، ފަޚުރުވެރި ކުއްޖަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ގްރޭޑް 11، އަދި 12އަށް ކިޔަވައިދެއްވި މުދައްރިސުން ބައިވެރިވެލެއްވި މި ހަފްލާގައި 2024 ވަނަ އަހަރު މަތީ ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވިކަމުގެ ސެޓްފިކެޓް ބައްސަވައިދެއްވިއެވެ. ސެޓްފިކެޓް ބައްސަވައިދެއްވީ މި ސްކޫލުން ވޭތުވެދިޔަ އަހަރުތަކުގައި ތަޢުލީމް ޙާޞިލްކޮށް، މިހާރު ޝަރަފުވެރި މަޤާމްތަކުގައި ޤައުމަށް ޚިދުމަތްކުރައްވަމުންގެންދަވާ މި ސްކޫލުގެ އިސް ދަރިވަރުންނެވެ.
އެގޮތުން ގްރޭޑް 12އޭ، 12އީ އަދި 12އެލްގެ ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އައިޖީއެމްއެޗްގައި ހުންނަ ނެޝަނަލް ޔޫރޯ ރެންޓަލް އެންޑް ފަރޓިލިޓީ ސެންޓަރުގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޝާއެވެ.
12ބީ، 12އެފް އަދި 12އެޗްގެ ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ދިވެހި ފުލުހުންގެ އިދާރާގެ، އެންޓި ސްކޭމް ސެންޓަރުގެ ހެޑް ސަރޖަންޓް ޢަބްދުﷲ ޝަހުނީޒެވެ.
12ސީ އަދި 12ޖޭގެ ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ސިވިލްސަރވިސް ކޮމިޝަންގެ އިންޓަރނޭޝަނަލް ރިލޭޝަންސް އެގްޒަކަޓިވް ސީނިޔާ ލަތީފެވެ.
އަދި، ގްރޭޑް 12ޑީ، 12ޖީ އަދި 12ކޭގެ ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ފާތިމަތު ރީޝާއެވެ.
ރޭގެ ޖަލްސާގައި ސްކޫލް ގަދަދިހައެއްގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ހަވާލުކުރުން ވެސް އޮތެވެ. އިނާމް ހަވާލުކޮށްދެއްވީ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ގަދަދިހައެއްގެ ދިހަވަނައަށް ދިޔައީ 12އޭގެ ފާތިމަތު އިޝާ އިބްރާހީމެވެ. ނުވަވަނައަށް ދިޔައީ 12ކޭގެ މުޙައްމަދު ޝުޢާއު ސުޖާއެވެ. އަށްވަނައަށް 12ޖީގެ މިންނަތުﷲ ޢަބްދުލް ޢަޒީޒް ދިޔައިރު، ހަތްވަނައަށް ދިޔައީ 12އެޗްގެ ފާތިމަތު ލުބުނާ އަހުމަދެވެ. ހަވަނައަށް ދިޔައީ 12އެޗްގެ ހައްވާ އުލާ ފިރާގެވެ. ފަސްވަނައަށް ދިޔައީ 12ސީގެ އަނާ ޢަބްދުއްސަތާރެވެ. ހަތަރުވަނަ ހޯދީ 12އެޗްގެ ނުހާ ރިޟްވާނެވެ. ތިންވަނައަށް ދިޔައީ ވެސް 12އެޗްގެ ދަރިވަރެކެވެ. އެއީ އެ ކުލާހުގެ އަމަތުﷲ ޝަރީފް އަހުމަދެވެ. ދެވަނަ ހޯދީ 12ބީގެ އާއިޝަތު ނީލް އަހުމަދެވެ.
ގަދަދިހައެއްގެ ފަޚުރުވެރި އެއްވަނަ ހޯދީ 12ޖީގެ އާއިޝަތު މިޝްކާ ނާސިރެވެ.
ރޭގެ ޖަލްސާގައި ދަސްވެނިވި ދަރިވަރުންގެ ފަރާތުން ވާހަކަދެއްކީ މަތީ ސާނަވީ ކެޕްޓަން 12އޭގެ ދަރިވަރު އިޔާން އަލީ މޫސާއެވެ.