އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އެފް ގައި ތަޢުލީމް ޙާޞިލް ކުރަމުންދާ އަލްޙާފިޡް އަޙްމަދު ރައީފް މުޙައްމަދު ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޒު ކަމުގެ ސަނަދު ޙާޞިލްކޮށްފި އެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި އަޙްމަދު ރައީފް މުޙައްމަދާއި ބައްދަލުކުރައްވައިފައެވެ. ޢުމުރުން 17 އަހަރުގެ ރައީފް ވަނީ 50 ދުވަހުގެ ތެރޭގައި ހިތުން މުޅި ޤުރުއާން ކިޔައިދީ އިމްތިހާނުން 1 ވަނަ ދަރަޖައިގައި ފާސްވެފައެވެ. ވަޒީރު ޑރ. ޝަހީމް ވަނީ ރައީފަށާއި ރައީފްގެ މައިންބަފައިންނަށް ތަހުނިޔާ ދަންނަވައިފައެވެ. އަދި ވަޒީރު ޑރ. ޝަހީމް ވަނީ ރައީފަށް ހިތްވަރު ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީފްގެ މައިންބަފައިންވެސް ވަނީ ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިއްވަރު ދެއްވާ، ޤުރުއާނުގެ ޙުކުމްތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ޤުރުއާން މުރާޖަޢާކުރުން އިތުރަށް ކުރިއަށް ގެންދިއުމަށާއި ކިޔެވުން އިތުރަށް ތަރައްގީ ކުރުމަށް ވެސް ބާރުއެޅުއްވިއެވެ. ރަމަޟާން މަހުގެ ތަރާވީސް ނަމާދު އިމާމުވެ ކުރުމަށް ފުރުޞަތު ހޯދައިދެއްވާނެކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ރައީފް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ތަޢުލީމް ޙާޞިލްކުރަންފެށީ 2022 ވަނަ އަހަރު ގްރޭޑް 9 ގައެވެ. މިއަހަރު އަޙްމަދިއްޔާ އިން އޯލެވެލް އިމްތިޙާން ގައި ބައިވެރިވެ ވަނީ ގަދަ 10ގެ ތެރޭގައި ހިމެނިފައެވެ. ރައީފްވަނީ އަޙްމަދިއްޔާ އިން މިއަހަރު ބޭއްވި ހިޔާ ޢީދު ގެ އަދަބީ ކުއިޒް މުބާރާތުން 1 ވަނަ ޙާޞިލް ކޮށްފައެވެ. ރައީފް މަތީ ސާނަވީ ތަޢުލީމް ޙާޞިލް ކުރަމުން ގެންދަނީ ވެސް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައެވެ.