ބުރާސްފަތި, 17 އޭޕްރިލް 2025

ދިވެހި އަދަބީ ފޯވަހީގެ ހަރަކާތްތައް ނިންމާލައިފި!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދިވެހި އަދަބީ ފޯވަހީގެ ހަރަކާތްތައްވަނީ އޮކްޓޯބަރު މަހު 27 އިން ފެށިގެން ނޮވެމްބަރުމަހު 4ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންގޮސްފައެވެ.

މި ފޯވަހީގެ މަޤުޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމާއި، ދިވެހިބަހުގެ ހުނަރުތައް ދަރިވަރުންގެ ގައިގައި އަށަގެންނެވުމެވެ. އެގޮތުން މި ފޯވަހި ދެ ލެވެލަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނެވެ. އެއީ ކްލާސް ލެވެލްއާއި އިންޓަރކްލާސް ލެވެލްއެވެ. ކްލާސް ލެވެލްގައި އޮންނަ ފަސް ހަރަކާތުގައި ހުރިހާ ދަރިވަރުންވެސް ބައިވެރިވާން ޖެހެއެވެ. ކްލާސްލެވެލްގައި ބައިވެރިވާ ހުރިހާ ދަރިވަރުންގެ ތެރެއިން ކޮންމެ ކްލާހަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވައެވެ. މި ފަސް ދަރިވަރުން ދެން ވާދަ ކުރަންޖެހެނީ އިންޓަރކްލާސް ލެވެލްގައެވެ. މި ހަރަކާތްތައް ގެންދެވެނީ ޕްރައިމަރީ ހުރިހާ ގްރޭޑެއްގެ މެދުގައެވެ. އަދަބީ ފޯވަހީގެ ހަރަކާތްތަކުގެ ތެރެއިން ދެ ހަރަކާތަކީ ހުށަހަޅާ ހަރަކާތްތަކެވެ. އެގޮތުން އެކި ގްރޭޑްތަކަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. އޭގެތެރޭގައި ރައިވަރުކިޔުމާއި، ބަނދިކިޔުމާއި، ޚަބަރުކިޔުމާއި، ވާހަކަކިޔުމާއި، އަދި ކުއްލި މައުޟޫއަށް ވާހަކަދެއްކުން އޮވެއެވެ. މި ހަރަކާތްތަކުގެ ފަޑިޔާރުކަން ކޮށްދެއްވާފައިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސާނަވީ ދިވެހި ޓީޗަރުންނެވެ. މިހަރަކާތްތައް ކުރިއަށްދާއިރު ބެލެނިވެރިންނަށް ދަރިވަރުންގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު ސްކޫލުންދެއެވެ.

މި ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދަނީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލާ އައިޝަތު ޝީތާގެ ބެއްލެވުމުގެ ދަށުން ދިވެހި ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެންނެވެ. ކޮންމެ އަހަރަކު ވެސް ބާއްވާ ދިވެހި އަދަބީފޯވަހި ނިމުމުން ވަނަވަނައަށް ދާ ދަރިވަރުންނަށް ތަށްޓާއި ސެޓުފިކެޓް ދިނުން އޮވެއެވެ. އޮގޮތުން ކޮންމެ ހަރަކާތަކުންވެސް އެއްވަނަ، ދެވަނަ، އަދި ތިންވަނަ ހޮވައެވެ. މީގެއިތުރުން އެންމެ މޮޅު ކްލާހާއި އެންމެ މޮޅު ފަސް ދަރިވަރުންނަށް ސެޓްފިކެޓް ދިނުން އޮވެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *