އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ " ދަރިވަރުންގެ ހިޔާ " ގެ ފަރާތުން ހިޔާ ޢީދު 24-25 ބާއްވައިފިއެވެ.
ހިޔާޢީދު ގެ މުބާރާތްތައް ބޭއްވީ ސާނަވީ ގްރޭޑްތައް ކަމަށްވާ 9،8،7 އަދި 10ގެ ދަރިވަރުންނަށެވެ. މި ދަރިވަރުންނަށް ވަނީ 13 މުބާރާތެއް ބާއްވާފައެވެ. ހިޔާ ޢީދު ގެ ހަރަކާތްތައް ފެށުނީ މިމަހުގެ 20 ވަނަ ދުވަހުގެރެއެވެ. އެރޭ 4 މުބާރާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ، މަޒުމޫނު ލިޔުމާއި، ވާހަކަ ލިޔުމާއި، ދަތުރުނާމާ އާއި އަދި އަތުލިޔުމެވެ.
21 ވަނަ ދުވަހުގެ ރޭ ވަނީ 2 ބަހުސެއް ބާއްވާފައެވެ. ފުރަތަމަ ބަހުސްގައި ބައްދަލުކުރީ، ހުވަނދުމާ ހައުސް އާއި ޗާނދަނީ ހައުސް އެވެ. މި ބަހުސުން މޮޅުވެ ފައިނަލަށް ދަތުރުކުރީ ހުވަނދުމާ ހައުސް އެވެ.
ދެވަނަ ބަހުސުގައި ބައްދަލުކުރީ، ޖަނަވަރީ ހައުސް އާއި ކާމިނީ ހައުސް އެވެ. މިބަހުސުން މޮޅުވެ ފައިނަލަށް ދިޔައީ ޖަނަވަރީ ހައުސްއެވެ.
މިއަދު ހެނދުނު 8:45 ގައި އޮތީ މުބާރާތްތައް ހުޅުވުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމު މިއަހަރު ޙާޞިލް ކުރައްވާފައިވާ ކުޅަދާނަ މުމައްސިލް ރޯނުގޭ ޙަސަންމަނިކެވެ.
މިއަދު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ސްޓޭޖް ޑްރާމާ މުބާރާތެވެ.
މިއަދު ހެނދުނު 9:00 ން ހަވީރު 5:00 އަށް ފާރުނޫސް ހެދުން ކުރިއަށް ގެންދިޔައެވެ. ނޫސް ހެދުމުގެ މުބާރާތް ކުރިއަށް ގެންދިޔައީ، ހޯލުގައި ކޮންމެ ހައުސަކަށް ކަނޑައެޅިފައިވާ ޖާގައިގައެވެ.
މެންދުރުކުރި 10:30 ގައި ކުރިއަށް ގެންދިޔައީ ބަނދި ކިޔުމެވެ. މިގޮތުން ކޮންމެ ހައުސަކުން 3 ދަރިވަރުން ބަނދި ކިޔާފައިވެއެވެ.
11:00 ގައި ބޭއްވީ ރައިވަރު ކިޔުމެވެ. ރައިވަރު ކިޔާފައިވަނީވެސް ހައުސަކުން 3 ދަރިވަރުންނެވެ. ކޮންމެ ދަރިވަރަކުވެސް 3 ބަހުގެ ރައިވަރަކާއި 6 ބަހުގެ ރައިވަރެއް ކިޔާފައިވެއެވެ.
11:30 ގައި ބޭއްވީ އަދީބުންގެ ބައޮގްރަފީ ހުށަހެޅުމެވެ. ހަތަރު ހައުސުން 4 ބޭފުޅެއްގެ ބައޮގްރަފީ ހުށަހަޅާފައިވެއެވެ.
2:00 ގައި އޮތީ އަދަބީ ކުއިޒް މުބާރާތެވެ. މި މުބާރާތުގައިވެސް ކޮންމެ ހައުސްއަކުން 3 ދަރިވަރުން ބައިވެރިވިއެވެ. ކުއިޒް ކުރިއަށް ގެންދިޔައީ 3 ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ކޮންމެ ދަރިވަރަކަށް ވަކިވަކިން ސުވާލު ކުރާ ގޮތަށެވެ. ދެ ވަނަ ބުރުގައި މުޅި ޓީމުން ޖަވާބުދޭ ގޮތަށެވެ. ދެން އޮތީ އަވަސް ބުރެވެ. 60 ސިކުންތުގެ ތެރޭގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދޭ ގޮތަށެވެ.
އެއަށްފަހު ކުރިއަށް ގެންދެވުނީ، ޚަބަރު ކިޔުމުގެ މުބާރާތެވެ. މި މުބާރާތުގައި ކޮންމެ ހައުސަކުން 2 ދަރިވަރުން ޚަބަރު ކިޔާފައިވެއެވެ.
ހަވީރު 4:00 ގައި ބޭއްވީ ވީޑިއޯއަށް އަދިއެޅުމުގެ މުބާރާތެވެ.
މިއަދު އެންމެ ފަހުގެ އައިޓަމަކަށް އޮތީ ބަހުސްގެ ފައިނަލެވެ. ބައްދަލުކުރީ، ޖަނަވަރީ ހައުސް އާއި ހުވަނދުމާ ހައުސް އެވެ.
ބަހުސްކުރި މައުޟޫޢަކީ، ދިވެހިބަސް އިތުރަށް ދިރުވައި އާލާކުރެވޭނީ ސްކޫލްތަކަށެވެ. ހިޔާޢީދުގެ ހަރަކާތްތައް ނިންމާލީ ހަވީރު 5:45 ގައެވެ.
މިއީ ވަރަށް ކާމިޔާބު ޢީދެއްކަމުގައި ދަރިވަރުންނާއި ހައުސްތަކުގެ އިސް މުދައްރިސުންވަނީ ފާހަގަކޮށްފައެވެ. ހިޔާޢީދުގައި ބޭއްވި މުބާރާތްތަކުގެ ނަތީޖާ ވަރަށްއަވަހަށް ފާޅުކުރެވިގެންދާނެ ކަމުގައި ދަރިވަރުންގެ ހިޔާއިން މަޢުލޫމާތު ވަނީ މަޢުލޫމާތުދީފައެވެ.