މަތީ ސާނަވީ ކެޕްޓަންކަމަށް 6 ދަރިވަރުން ކުރިމަތިލައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ކެޕްޓަންކަމަށް 6 ދަރިވަރުން ކުރިމަތިލައިފިއެވެ.

މި މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބާއްވާ ސްޓޫޑެންޓް ކައުންސިލް އިންތިޚާބުގައި ކެޕްޓަން ކަމަށް ވާދަކުރަނީ 4 ފިރިހެން ދަރިވަރުންނާއި 2 އަންހެން ދަރިވަރުންނެވެ. އެއީ 12ޑީގެ މުޙައްމަދު އިކްޝާން އިހުސާނާއި، 12ޖޭގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސް އާއި، 12ޖީގެ ޝުޢާއު އިސްމާޢީލް ޝާން އާއި، ހަމަ އެ ކުލާހުގެ ޢާއިޝަތު އިޝްފާޢު އިސްޙާޤްގެ އިތުރުން 12ޑީގެ އިސްމާޢީލް އާނީ މާޒް އަދި 12އީގެ މުޙައްމަދު އަލްސަން އަޙްމަދު ނަޖާހެވެ.

ތަފާތު 16 މަގާމަކަށް 33 ދަރިވަރުން ކުރިމަތިލާފައިވާ މި އިންތިޚާބުގައި ސްކޫލް ކެޕްޓަނާއި، އަންހެން ޑެޕިއުޓީ ކެޕްޓަނާއި ފިރިހެން ޑެޕިއުޓީ ކެޕްޓަނާއި މި ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ހުވަނދުމާ އަދި ޗާނދަނީ ހައުސްގެ ކެޕްޓަނުންނާއި، ދިވެހި އަދަބީ ޖަމިއްޔާ "ދަރިވަރުންގެ ހިޔާ" އަދި އިނގިރޭސި ޖަމިއްޔާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ) ގެ ރައީސުންނާއި، ސައިންސް ކްލަބާއި، ބިޒްނަސް ކްލަބާއި، އެންވަޔަރަމެންޓް ކްލަބުގެ އިތުރުން، މީޑިއާ ކްލަބާއި، ޤްރުޢާން ކްލަބާއި، ހިއުމަންރައިޓްސް ކްލަބުގެ ރައީސުން ހޮވާނެއެވެ.

ސްކޫލް ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން ހޮވުމުގައި ދަރިވަރުންގެ ވޯޓަށާއި، ކެންޑިޑޭޓުންގެ ޢިލްމީ ޤާބިލްކަމަށާއި، ސްކޫލްގެ ސީނިއަރ މެނޭޖްމަންޓް ޓީމުން އެ ދަރިވަރުންނާ ކުރާ ބަސްދީގަތުމުން ލިބޭ މާކުހަށް ބަލާނެއެވެ. އެގޮތުން މި ތިން ބައިން އެންމެ ގިނަ ޕޮއިންޓު ހޯދާ ދަރިވަރަކަށް ސްކޫލްގެ ކެޕްޓަންކަން ލިބޭއިރު، ދެން އެންމެ މަތިން ޕޮއިންޓު ހޯދާ އަންހެން އަދި ފިރިހެން ދެ ދަރިވަރުންނަށް ޑެޕިއުޓީ ކެޕްޓަންކަން ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މަތީ ސާނަވީގެ ކައުންސިލް މަގާމްތަކަށް ކުރިމަތިލެވެނީ ހަމައެކަނި ގްރޭޑް 12ގެ ޕްރިފެކްޓުންނަށެވެ. މިދިޔަ ހޮނިހިރު ދުވަހު މެންދުރުފަހު  2ން ފެށިގެން 4 ޑިސެންބަރު ވާ ބުދަދުވަހުގެ ނިޔަލަށް ވަނީ ކެމްޕެއިންކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *