ދަ ސްކައުޓް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭއްވި ކަބްރެލީގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ އަދި ޕްރައިމަރީގައި ކިޔަވަމުންދާ ކަބްސްކައުޓުންނާއި ޕްރީކަބް ދަރިވަރުން ބައިވެރި ވިއެވެ. މި ދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ކަބްރެލީއަކީ މުޅި ރާއްޖޭގެ ހުރިހާ ކަބުސްކައުޓުންނާއި ޕްރީކަބްގެ ދަރިވަރުންނަށް ހިންގުނު ރެލީއެކެވެ. މި ރެލީގައި ބައިވެރިވުމަށް އަތޮޅުތަކުގެ ސްކޫލްތަކުން ވެސް އައެވެ.
މި ރެލީގައި ތަފާތު ވައްތަރުގެ އެކްޓިވިޓީތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން މި ރެލީ ބާއްވަން ހަމަޖެހިފައި އޮތީ އެ ދުވަހުގެ ހެނދުނު 7.50 ން ހަވީރު 6.00އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ނަމަވެސް ކަންދިމާކުރިގޮތުން އެ ދުވަހުގެ މޫސުން ތަންނުދިނުމުގެ ސަބަބުން ގިނަ ހަރަކާތްތައް ކުރިއަށްދިޔައީ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގައެވެ.
އެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި، ފިޝިން، ޓީޝާޓް ޕްރިންޓިން، އޮށްވަޅުގޮނޑި، މިފަދަ އެތައް ހަރަކާތްތަކެއް ގެންދިޔައެވެ. މީގެ އިތުރުން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އައުޓްޑޯ އެކްޓިވިޓީތަކެއް ކުރިއަށް ގެންދިޔައެވެ. އޭގެތެރޭގައި ބީންބޭގް ތްރޯއިންގ، ބްރިޖްކްލައިންބިންގ، މިހެންގޮސް އެތައް އެކްޓިވިޓީސްތަކެއް ކުރިއަށް ގެންދެވުނެވެ. މި ރެލީގެ ކްލޯޒިންގ ސެރަމަނީ ބޭއްވީ ސެންޓްރަލްޕާކުގައެވެ. މި ރެލީއިން ކަބްސްކައުޓުންނާއި، ޕްރީކަބްދަރިވަރުންނަށް އެތައް ފިލާވަޅުތަކެއް ދަސްވެގެން ދިޔައެވެ.