އިރުގެ އަލިކަން އުޑުމައްޗަށް ފެތުރެން ފަށާފައިވާ ހިތްގައިމު ވަގުތު، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދޮރާށިން ވަދެގެން އެ އަންނަ ދަރިވަރުގެ މޫނުން ނުފިލާ ހިނިތުންވުމެއް ފާޅުވާން ހުރެއެވެ. ފެންނަ ކޮންމެ މުދައްރިސަކާމެ ހެނދުނުގެ ސަލާންގޮވަމުން ކިޔެވުމުގައި އައު އުސްމިނަކަށް ވާސިލްވުމަށް މި ދަރިވަރު ޙަރުފަތްތައް ގިރާކުރަންފަށަނީ ހިތްވަރާއި ސާބިތުކަމާއެކުއެވެ. އެ ދަރިވަރެއްގެ ނަން ބުނުމުން މަދު ކުއްޖަކަށް ނޫނީ އެނގޭނެ މި ދަރިވަރަކީ ގުރޭޑް 12ޖީގައި ތަޢުލީމު ޙާޞިލްކުރަމުން އަންނަ ޢައިޝަތު އިޝްފާޢު އިސްޙާގެވެ. މި އަހަރުގެ މަތީސާނަވީ އިންތިޚާބުގައި އިޝްފާއު ވެސް މަތީސާނަވީ ކެޕްޓަންކަމަށް ވާދަކުރެއެވެ.
ޕްރީސްކޫލުން ފެށިގެން ގުރޭޑް ދިހައެއް ހުރާ ސްކޫލުން ފުރިހަމަކޮށްފައިވާ އިޝްފާއުއަކީ އޭރުވެސް އެ ސްކޫލުގެ އިސްމަގާމުތަކެއް ކާމިޔާބުކަމާއެކު ފުރާފައިވާ އިސްވާރެކެވެ. އެގޮތުން އިޝްފާއަކީ ގުރޭޑް 5ން ފެށިގެން ޕްރިފެކްޓް ބޯޑުގައި ހަރަކާތްތެރިވެ ގުރޭޑް 9ގައި އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމާއި ގުރޭޑް 10ގައި ސްކޫލް ކެޕްޓަންގެ މަޤާމު އަދާކޮށްފައިވާ ޒިންމާދާރު ދަރިވަރެކެވެ. އަދި ސީނިއަރ ސްކައުޓް ލީޑަރެއްގެ ބުރަ ޒިންމާ ވެސް އަދާކޮށްފައިވާ ކެރޭ ލީޑަރެކެވެ. 2022-2023ވަނަ އަހަރު ހުރާ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އިޝްފާޢު ހޯދިއިރު ޤައުމީ ގަދަ ދިހައެއްގެ ދިހަވަނައިގައި ހިމެނިފައިވެއެވެ. އިޝްފާއުގެ މިހާރުގެ އުއްމީދަކީ އޯލެވަލް އަށް ވުރެ މާ ރަނގަޅު ނަތީޖާއެއް އޭލެވަލްގައި ހާސިލްކުރުމެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ގުރޭޑް 12ގައި ބިޒްނަސް ސްޓްރީމް ކިޔަވަމުން އަންނަ އިޝްފާއުއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ގިނަ ޙަރަކާތްތަކެއްގައި އަމަލީގޮތުން އެންމެ ކުރީސަފުގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދަރިވަރެކެވެ. އެގޮތުން އައިސްކްރީމްޑޭ، އިންޓަރ ކްލާސް ހޭންޑްބޯޅަ މުބާރާތް، އިންޓަރ ހައުސް މަދަޙަ އަދި ޤުރުއާން މުބާރާތާއި އިޙްޔާ ފޯރަމް ހިމެނެއެވެ. މީގެ އިތުރުން ވާހަކަލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެ ގަދަ ދިހައެއްގައި ހިމެނުނުއިރު ފާއިތުވި އަހަރުގެ ހިޔާ ޢީދުގައި ބަހުސް ކުރުމުންނާއި ބައިތުބާޒީކުރުމުގެ އިތުރަށް ޅެން ހެދުމުން ވަނަ ހާސިލްކޮށްފައިވެއެވެ.
ތަޢުލީމީ ހަޔާތުގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ވެސް އިޝްފާއުއަކީ ފާހަގަކޮށްލެވޭ ނަމެކެވެ. 20 އަހަރުން ދަށުގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމްގެ ކައްޕިތާނެއްގެ މަގާމުގައި ހުރެ، އިޝްފާއު ވަނީ ބައިނަލްއަގުވާމީ މުބާރާތެއްގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައެވެ. މިކަމުން ވެސް ހެކިދެނީ މި ކެންޑިޑޭޓަކީ މި މަޤާމަށް އެކަށީގެންވާ އަދި މަޤާމުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެ ޤާބިލް، ކެރޭ ، ހުނަރުވެރި ދަރިވަރެއްކަމެވެ. އިޝްފާއު ގަބޫލުލުކުރާގޮތުގައި ސްކޫލް ކައްޕިތާނުގެ މަޤާމު އެންމެ ފުރިހަމައަށް އޭނާއަށް އަދާކުރެވޭނެއެވެ.
މި އަހަރުގެ މަތީސާނަވީ ކެޕްޓަން ކަމަށް އިޝްފާއު ހޮވިއްޖެނަމަ ޔަޤީނުން ވެސް އަހަރު ތަފާތުވެގެންދާނެ ކަމަކީ ޝައްކެއް ވަސްވާހެއް އޮތް ކަމެއްނޫނެވެ. އެގޮތުން ދަރިވަރުންނަށް އަމާޒުކޮށްގެން އިންޓަރ ކްލާސް އަދި ހައުސްގެ ތަފާތު އިތުރު މުބާރާތްތައް ފޯރިއާއި ވާދަވެރި ކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެއެވެ. އަދި އިޝްފާއު ހޮވިއްޖެނަމަ ސްކޫލުގެ ފަރާތުން މުޖްތަމަޢަށް ފައިދާކުރާނެ އެތައް ކަމެއް ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މިކަމުގެ ސަބަބުން މީހުންގެ ގަދަރާއި އިހްތިރާމް ލިބި ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހު އާލާވެގެން ދާނެއެވެ. އެހެންކަމުން އިޝްފާއުއަކީ މި އޮޑި އައު މިސްރާބަކަށް ވާސިލްކޮށްދޭނެ ވަރުގަދަ މާލިމީއެއްކަން ކަށަވަރެވެ.
އެންމެންނާ ވެސް ގުޅޭ އެކުވެރި، ހިތްހެޔޮ މިޒާޖެއް ލިބިފައިވާ އިޝްފާއު މިފަހަރު މަތީސާނަވީ ކައްޕިތާނެއްގެ މަގާމަށް ކުރިމަތިލީ ތަފާތު އުފާވެރި އަހަރަކަށް މި އަހަރު ހެދުމުގެ ވަރުގަދަ ޢަޒުމުގައެވެ. ދަރިވަރުންގެ ޚިޔާލުތައް އަޑުއަހައި، އެ ޚިޔާލުތައް ބަލައިގަންނާނެކަމުގެ ފުރިހަމަ ޔަޤީންކަމާ އެކުގައެވެ. އަދި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލެއްހޯދުމަށް އެންމެ ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަމާ އެކުގައެވެ. އިސްމަޤާމުތައް ފުރާފައިވާ ތަޖުރިބާކާރު މި މާލިމީގެ އެއްމެ ބޮޑު އުއްމީދަކީ އުފާވެރި މާޙައުލެއްބިނާކޮށް ތަޢުލީމީ ޙަޔާތުގެ އެއްމެ ފަހު މަރުޙަލާއަކީ ހަނދާނުންފޮހެލަންދަތި މަޖާ އެތައް ހަނދާންތަކަކުން ފުރިފައިވާ ދުވަސްވަރަކަށް ހެދުމެވެ. އަދި ސްކޫލުގައި ހިންގޭ ހުރިހާ އިތުރުހަރަކާތްތަކަކީ ފައިދާކުރަނިވި ހުރިހާކުދިންގެ ބައިވެރިވުމާއި ހިއްސާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ ހަރަކާތްތަކަކަށް ހެދުމެވެ. އެއްވެސް ކުއްޖަކު ބާކީނުކޮށް މަތީސާނަވީ ހުރިހާ ދަރިވަރުން ގުޅިގެން ތަފާތު އުފާވެރި އަހަރަކަށް ހެދުމަށް ބޭނުންވަނީ ތިޔަ ކުދިންގެ އެއްބާރުލުމެވެ. ކެނޑިޑޭޓް ނަމްބަރު 4 އިޝްފާއުއަށް ވޯޓެކެވެ. މި އަހަރަކީ ތަފާތު އަހަރަކަށް ހެދުމަށް އިޝްފާޢު ހުރީ އަތުކުރި އޮޅާލައިގެންނެވެ.