ޝުޢާޢު: އަޙްމަދިއްޔާ އިތުރަށް އަލިކޮށްލަދޭނެ ދޯދި

ޝުޢާޢު. މާނައަކީ އިރުގެ ދޯދިތަކެވެ. އަނދިރިކަން ނައްތާލާ އަލިކަންގެނުވައިދޭ ދޯދިތަކެވެ. އަރައިގެން އަންނަ އިރާ އެކު ދުނިޔެމައްޗަށް އުޖާލާކަން ގެނުވައިދޭ ދޯދިތަކެވެ. އޮއްސިގެންދާ އިރާ އެކު ވެސް އެ ދޯދިތަކެއްގެ އެހީގައި ރޭގަނޑުގެ އަނދިރިކަން ހަނދުވަރުގެ ޒަރިއްޔާއިން ފަޅުފިލުވާލަދޭ ދޯދިތަކެވެ. އާދެ، ޝުޢާޢު އިސްމާޢިލް ޝާންއަކީ މައިންބަފައިންނާއި ޢާއިލާގެ މެމްބަރުންގެ ދިރިއުޅަމަށް އަލިކަން ލިއްބައިދޭ އުޖާލާ ދޯއްޖެކެވެ. އެކުވެރިންގެ އިތުބާރާއި ލޯބި ހޯދާފައިވާ މަޖާ މިޒާޖަކުން އެކުވެރިކަމުގެ ގުޅުން ހިތްގައިމުކޮށްދޭ  ދޯއްޖެކެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންގެ ހިތްތައް އަލިކޮށްލަދޭ ރަން ދޯއްޖެކެވެ.

ކުދިންނާ ފަސޭހައިން ރަޙްމަތްތެރިކަން އުފައްދައި އެ ރަޙްމަތްތެރިކަން ދަމަހައްޓާނެ އުކުޅުތައް ދަންނަ، ދަރިވަރުންގެ އިތުބާރު ހޯދާފައިވާ ޝަޚްޞިއްޔަތެއްގެ ވެރި ޝުޢާޢުއަކީ އަޚްލާޤީ ގޮތުންނާއި، ކިޔެވުމާއި އިތުރު ހަރަކާތްތަކުން ވެސް ނަމޫނާދައްކަމުންދާ ދަރިވަރެކެވެ. ވޭތުވެދިޔަ އަހަރުތަކުގެ ސްޓޫޑެންޓް ކައުންސިލްތަކުގައި ހިމެނިފައިވާ،  ތަޖުރިބާހުރި އިސްވާރެކެވެ. ދަރިވަރުންގެ މެދުގައި މަޤްބޫލް މާލިމީއެކެވެ. މިގޮތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 2022-2023 ވަނަ އަހަރުގެ ސާނަވީ ކެޕްޓަންކަމުގެ މަޤާމް އަދާކޮށްފައިވާ ޝުޢާޢުއަކީ 2021-2022 ވަނަ އަހަރުގެ ޖަނަވަރީ ހައުސް ގްރޭޑް އިންޗާޖް ވެސްމެއެވެ. މީގެއިތުރުން 2021ގައި ޝުޢާޢުވަނީ އުގައިލް ފައުންޑޭޝަނުން ޕްރޮފެސަރ އުގައިލްގެ މޭސްތިރިކަމުގެ ދަށުން ހިންގެވި އެއް އަހަރުދުވަހުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

އާ އަޒުމަކާއި، ކުރީގެ ކާމިޔާބު ތަޖުރިބާތަކާއެކު މި އަހަރުގެ މަތީސާނަވީ ކެޕްޓަންކަމުގެ މަޤާމަށް ޝުޢާޢު ކުރިމަތިލީ، އެ މަޤާމުގައި ހުރެ އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތައް ރަނގަޅަށް އެނގިހުރެއެވެ. ކެޕްޓަނެއްގެ ކިބައިގައި ހުންނަންޖެހޭ ޙިކްމަތްތެރިކަމާއި، ވިސްނުންތެރިކަމާއި، ތެދުވެރިކަމުގެ ސިފަތައް ބޭނުންކޮށްގެން، ކުދިންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއަހައިގެން، ދަރިވަރުންނާއި މެނޭޖްމެންޓާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ ފާލަމަކަށް ވުމުގެ ޔަޤީންކަމުގައެވެ.

އީޖާދީ އަދި އިންޤިލަބީ ކުރިއެރުންތައް ގެނައުމުގެ ވިސްނުން ހުންނަ ޝުޢާޢުއަށް ކެޕްޓަންކަމުގެ މަޤާމް ލިބިއްޖެނަމަ، ކުރާނެ ބައެއް  ކަންތައްތަކުގެ ތެރޭގައި:

  • ބިޒްނަސް އަދި ސައިންސް ސްޓްރީމާއި އެކި ހުނަރުތަކަށް އަމާޒުކޮށް، ސްކޫލްގައި ތަފާތު މައުރަޒުތައް (އެގްޒިބިޝަންތައް) ބޭއްވުން
  • ވަޒީފާގެ މާހައުލަށް ނުކުންނަ އިރު ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކުގެ މައުލޫމާތު ދޭ ބައްދަލުވުން ބޭއްވުން އަދި
  • އޭލެވެލް ކުދިންގެ ފަރާތުން، އަހްމަދިއްޔާ "ފަން ފެއަރ" އެއް ބޭއްވުން ހިމެނެއެވެ.

ކްރިޓިކަލް ވިސްނުމާއެކު އަމިއްލައަށް އުނގެނުމަށް އިސްކަންދޭ، އުފެއްދުންތެރި އަދި ކިޔެވުމުގެ ދަތުރުގައި ފާހަގަކޮށްލެވޭ ކާމިޔާބުތައް ހާސިލްކޮށްފައިވާ ޝުޢާޢުއަކީ ތޫނުފިލި ދަރިވަރެކެވެ. ބިޒްނަސް ސްޓްރީމް ކިޔަވަމުންދާ ޝުޢާޢު ވަނީ، އެއްވެސް މާއްދާއަކުން ޓިއުޝަން ނެގުމަކާ ނުލައި 2023 ވަނަ އަހަރުގެ  އޯލެވެލް އިމްތިހާނުން ޤައުމީ ގަދަ ދިހައެއްގެ 2 ވަނާގައި ހިމެނިފައެވެ. މީގެ އިތުރުން، ޝުޢާޢު،  އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު 2ވަނަ  ދަރިވަރަށްވުމީ، ސްކޫލްގެ އެންމެ އިސް ދަރިވަރުގެ މަޤާމު އަދާކުރަމުން ވެސް ކިޔެވުމަށް ބުރޫނާރާ ގޮތަށް ކަންކަން ރާވައި ހިންގުމުގެ ޤާބިލުކަން ހުރި ހިންގުންތެރި، ހީވާގި ދަރިވަރެއްކަން ސާބިތުކޮށްދޭ ހެއްކެކެވެ. ހަމައެފަދައިން ގްރޭޑް 11ގެ ދެޓަރމްގައި ވެސް ޝުޢާޢުވަނީ  އޭކޮމެންޑެޑް  ހޯދައި ނަމޫނާ ދައްކާފައެވެ.ޝުޢާޢުގެ އުއްމީދަކީ އޭލެވެލް އިމްތިޙާނުގައިވެސް ސްކޫލް ފަޚުރުވެރިވާ ފަދަ މޮޅު ނަތީޖާއެއް ހޯދުމެވެ.

މިފަހަރު ކެޕްޓަންކަމަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ތައުލީމީ ޙަޔާތް އަޙްމަދިއްޔާގައި އެންމެ ގިނަ ދުވަހު ހޭދަކޮށްފައިވާ އެއް ދަރިވަރަކީ ޝުޢާއުކަން ފާހަގަކޮށްލަންޖެހެއެވެ. އޭރުގެ މަދްރަސަތުލް އަޙްމަދިއްޔާގެ ތަރުބަވީ ހިޔަލުން ކިންޑަގާޓެންގެ އަހަރުތައް ވެސް މި ސްކޫލުގައި ފުރިހަމަކޮށްފައިވާ ޝުޢާއުއަކީ، 2019ވަނަ އަހަރު ގްރޭޑް 7 އަކުން ފެށިގެން މިއަދާ ހަމައަށް އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލުގައި ތަޢުލީމު ޙާސިލްކުރަމުން އަންނަ ނަމޫނާ ޕްރިފެކްޓެކެވެ. ކިޔެވުމުގެ އިތުރުން، އިތުރު ހަރަކާތްތަކުގައި ވެސް ޝުޢާޢުއަކީ ވިދާލާ ނަމެކެވެ. ސްކޫލުން ބާއްވާ ކުޅިވަރު މުބާރާތްތަކާއި، ޤުރުއާން މުބާރާތްތަކާއި، އިންޓަރ ހައުސް މަދަހަ މުބާރާތްތަކުގެ އިތުރުން، ހިޔާ ޢިދުގެ މުބާރާތްތަކާއި ޤައުމީ މަޒްމޫން ލިޔުމާއި ވާހަކަ ދެއްކުމުގެ މުބާރާތުގައި ވެސް ޝުޢާޢު ބައިވެރިވެ ތަފާތު އެކި ރަން ވަނަތައް ހޯދާފައިވެއެވެ. އެގޮތުން، ޝުޢާއު ވަނީ 2023ވަނަ އަހަރުގެ ސާނަވީ ހިޔާ ޢީދުގެ "އަދަބީ ތަރި"ގެ ފަޚުރުވެރި މަޤާމް ވެސް ޙާސިލްކޮށްފައެވެ.

މީގެ އިތުރުން ކޮންމެ އަހަރެއްގައި ވެސް ސްކޫލްގައި ބޭއްވޭ މުހިއްމު ޖަލްސާތަކާއި، ހަފްލާތައް ހުށަހަޅައިދޭ ހުށަހެޅުންތެރިޔެއްގެ ގޮތުގައި ޝުޢާޢުގެ ނަން ވިދާލާފައިވެއެވެ. އެގޮތުން، ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާތަކާއި، އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ބާއްވާ ރަސްމިއްޔާތުތައް އެންމެ ފުރިހަމައަށް ހުށަހަޅައިދޭ ހިތްގައިމު އޮމާން އަޑުގެ ވެރިއަކީ ޝުޢާޢުއެވެ. މީގެއިތުރުން، ޝުޢާޢު ވަނީ 2024ވަނަ އަހަރު ރަމަޟާން މަހުގެ އިޙްޔާ ފޯރަމްގައި މިސްކޫލުގެ ހަރަކާތް ހުށަހަޅައިދީފައެވެ.  އަދި ނޮވެންބަރު 2024 ގައި އައިޔޫއެމްއިން  އިންތިޒާމްކޮށްގެން މަތީ ސާނަވީގައި ބިޒްނަސް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި 'ދަ ޕިޗް' މުބާރާތުން ދެވަނައަށް ދިޔަ އަޙްމަދިއްޔާ އިންޓަނޭޝަލް ސްކޫލް ޓީމްގައި ވެސް ޝުޢާޢު އިސްދައުރެއް އަދާކޮށްފައިވެއެވެ.

ހިތްހެޔޮ މިޒާޖެއްގެ ވެރި ޝުޢާޢުއަކީ ޓީޗަރުންނާއި ދަރިވަރުންނާ ގުޅިގެން މަސައްކަތް ކުރާ ހީވާގި ކުއްޖެކެވެ. އެކުގައި ކިޔަވާ ކުދިންނާއި ޓީޗަރުންނަށް ވެސް ސްކޫލުގެ ކަންކަމުގައި ޚިޔާލުދީ ކަންކަމުގައި ޖެހޭ މައްސަލަތައް ހައްލުކޮށް ދިނުމުގައި މަޝްވަރާ އާއި އެހީތެރިކަން ފޯރުކޮށް ދިނުމަކީ ޝުޢާޢުއައް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމުގައި ދެކެއެވެ. ސްކޫލް މާހައުލުގައި އެއްވެސްކަމެއްގެ ލަފައެއް ދޭން ފުރުސަތެއް ލިބުމަކީ ސްކޫލުގެ ހައްޤުގައި ދޫކޮށްލާނޭ ފުރުސަތެއް ނޫން ކަމުގައި ދެކޭތީއެވެ. ދަރިވަރުންގެ ހައްޤުގައި އަޑުއިއްވަން، އަޑުއުފަލަން ބޭނުންވާތީ އެވެ. ދަރިވަރުންގެ އިހުސާސް ތަކާ، ޚިޔާލާ މަޝްވަރާއާ އެކު ސްކޫލްގެ ރީތިނަން ދަމަހައްޓަން ބޭނުންވާތީއެވެ. މުސްތަގްބަލުގައި އަޅާ ފިޔަވަޅުތަކަކީ އޭގެ ފަހުގެ މާޒީއަށް ދޫކޮށްލާ ހިތްގައިމު ހަނދާން ތަކަކަށް ހެދުމަށްޓަކައި ހުރިހާ ދަރިވަރުންގެ އަތުގައިހިފައިގެން ކެޕްޓަންގެ ހައިސިއްޔަތުން މަދަރުސީ ހަޔާތުގެ ފަހު މަރުހަލާ ކަނޑައްތުކުރަމަށް ބޭނުންވާތީއެވެ.

ﷲ ގެ ހެޔޮރަޙްމަތް ފުޅާއއެކު ދަރިވަރުންގެ ނިންމުމެއްގެ ގޮތުގައި، ދަރިވަރުންގެ ފަރާތުން ދަރިވަރުން ތަމްސީލްކުރުމަށްޓަކައި ކެނޑިޑޭޓް ނަންބަރ 3 ޝުޢާޢު އިސްމާއިލް ޝާން މި ރޭހަށް ނިކުމެހުރީ އާ ހިތްވަރަކާއި ނުގުޑާނޭފަދަ ވަރުގަދަ އަޒުމެއްގެ މަތީގައެވެ. ދެން އޮތީ  ދަރިވަރުންގެ ހިތްވަރެވެ. ތި ކުދިންގެ އިޚްލާޞްތެރި ވޯޓެވެ. ކެންޑިޑޭޓް ނަންބަރު 3 ކަށް ތި ކުދިން ދޭވޯޓެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *