އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ކެޕްޓަންކަމަށް ކުރިމަތިލި 6 ދަރިވަރުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސް މާދަމާރޭ (4 ޑިސެންބަރުވާ ބުދަދުވަހުގެ ރޭ) އަޙްމަދިއްޔާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
މި ބަހުސް ބާއްވާނީ މާދަމާރޭ 8:00 ގައެވެ. މިއީ އޭލެވެލް ކެޕްޓަން ކަމަށް ކުރިމަތިލާ ދަރިވަރުންނަށް ބަހުސެއްބާއްވާ ދެވަނަ އަހަރެވެ. މި ބަހުސް އިންތިޒާމްކޮށް ކެންޑިޑޭޓުންނާއި ކުރާ ސުވާލުތައް ތައްޔާރުކޮށްފައިވަނީ، ވޭތުވެދިޔަ އަހަރު ސްކޫލްގެ މަތީ ސާނަވީ ކައުންސިލްގައި ހިމެނުނު ދަރިވަރުންނެވެ. މި ބަހުސްގެ މޮޑަރޭޓަރަކީ މިދިޔަ އަހަރު ވެސް މި ބަހުސްގެ މޮޑަރޭޓަރުކަން ކޮށްދެއްވި، މި ސްކޫލްގެ މަތީ ސާނަވީ ދިވެހި މުދައްރިސް އިބްރާހީމް ރާމިޒެވެ.
ބަހުސް ކުރިއަށްދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދެ ބުރުގައި ކޮންމެ ކެންޑިޑޭޓަކާ ވެސް ތިން ސުވާލު ކުރެވޭނެއެވެ. އެގޮތުން ފުރަތަމަ ބުރަކީ އާއްމު ސުވާލުގެ ބުރަކަށް ވާތީ، މި ބުރުގައި ހުރިހާ ދަރިވަރުންނާ ވެސް އެއް ސުވާލުތަކެއް ކުރި ނަމަވެސް، ދެވަނަ ބުރަކީ ކޮންމެ ކެންޑިޑޭޓަކަން ކުރެވޭ ޚާއްސަ ސުވާލުތަކުގެ ބުރެކެވެ. އެހެންކަމުން މި ބުރުގައި ކޮންމެ ކެންޑިޑޭޓަކާ ވެސް ކުރާނީ ތަފާތު ސުވާލުތަކެކެވެ. މި ސުވާލުތަކަކީ ކެންޑިޑޭޓުންގެ އާޓިކަލްތަކާއި، އެ ދަރިވަރުންގެ ސްޕީޗް އަދި ބަހުސްކުރިއަށްދާ ރޭ ކެންޑިޑޭޓުން ދައްކާ ވާހަކަތަކަށް ބިނާކޮށް ކުރެވޭނެ ސުވާލުތަކެކެވެ. އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ ތިންވަނަ ބުރުގައި ކޮންމެ ކެންޑިޑޭޓަކާ ވެސް ކުރާނީ އޯޑިއަންސުން ކެންޑިޑޭޓުންނާ ކުރަން ބޭނުންވާ ސުވާލުތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ކަމަށް ބަހުސްގެ އިންތިޒާމް ކޮމިޓީއަށް ފެންނަ ސުވާލެކެވެ.
މިއަހަރުގެ ސާނަވީ ސްކޫލް ކެޕްޓަން ކަމަށް ވެސް މޮޅު ޤާބިލް ދަރިވަރުންތަކެއް ވަނީ ކުރިމަތިލާފައެވެ. އެ ދަރިވަރުންނަކީ؛
ކެންޑިޑޭޓް ނަންބަރު:1 މުޙައްމަދު އިކްޝާން އިޙްސާން 12ޑީ
ކެންޑިޑޭޓް ނަންބަރު:2 އަޙްމަދު ރައްޔާން މުޙައްމަދު އަނީސް 12ޖޭ
ކެންޑިޑޭޓް ނަންބަރު:3 ޝުޢާއު އިސްމާޢީލް ޝާން 12ޖީ
ކެންޑިޑޭޓް ނަންބަރު:4 ޢާއިޝަތު އިޝްފާޢު އިސްޙާޤް 12ޖީ
ކެންޑިޑޭޓް ނަންބަރު:5 އިސްމާޢީލް އާނީ މާޒް 12ޑީ
ކެންޑިޑޭޓް ނަންބަރު:6 މުޙައްމަދު އަލްސަން އަޙްމަދު ނަޖާޙް 12އީއެވެ.
މިއަހަރުގެ އިންތިޚާބުގައި ތަފާތު 16 މަގާމަކަށް 33 ދަރިވަރުންވަނީ ކުރިމަތިލާފައެވެ. އެ ދަރިވަރުން ތަޢާރަފުވުމަށް ބާއްވާ ޚާއްޞަ އެސެމްބްލީ އެއް ބުދަ ދުވަހު އޮންނާނެއެވެ. ވޯޓްލުން އޮންނާނީ ބުރާސްފަތި ދުވަހުއެވެ.