ސްކޫލަށް އައުމަށް ކުރާ ދަތުރު ނިންމުމަށްފަހު "ނެރުތެރެއަށް" ވަދެގެން ދާއިރު ކޮންމެ ކުއްޖެއްގެ ލޮލުގައި ވެސް މައި ދޮރާށީގެ ދެފަރާތުގައި ހަރުކޮށްފައި ހުރި ބޮޑެތި ޕޯސްޓަރުތައް އަޅައިގަންނާނެއެވެ. އޭގެތެރެއިން ގޭޓުގެ ވާތް ފަރާތުގައި ހުރި، 2023 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުތަކުގައި ދިވެހިރާއްޖޭގެ ގަދަދިހައިގެ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ހާއްސަ ޕޯސްޓަރަށް ބަލާލަމާ ހިނގާށެވެ. އޭގެ އެންމެ މަތީ ބަރީގެ އެންމެ ވާތްފަރާތުން އެފެންނަ ކުއްޖާއަށް ނަޒަރު ހިންގާލާށެވެ. އެފެންނަ ނަންބަރު 1 އާއި އެކުގައި އެއިން ނަން ކިޔާލާށެވެ. އާދެ ތިޔަ ކިޔާލެވުނީ މިފަހަރުގެ މަތީ ސާނަވީ ސްކޫލު ކެޕްޓަނުގެ މަގާމަށް ތިޔަ ދަރިވަރު ވޯޓު ލާންވީ ކެންޑިޑޭޓުގެ ނަމެވެ. ކެންޑިޑޭޓް ނަމްބަރު 2 އަޙުމަދު ރައްޔާން މުޙައްމަދު އަނީސްއެވެ.
12ޖޭ ކުލާހުގައި ކިޔަވަމުންދާ ރައްޔާނަކީ އެހެންކުދިންނާއި ގުޅިގެން މަސައްކަތްކުރަން ލޯބިކުރާ، އަނެކުންގެ ޚިޔާލުތަކާއި ފާޑުކިޔުންތަކުގެ އަޑުއަހާ، އަބަދުވެސް ކުރާ ހުރިހާ ކަމެއް ވެސް ވީ އެންމެ ރަނގަޅަކަށް ކުރެވޭތޯ މަސައްކަތްކުރާ ކުއްޖެކެވެ. ވީވަރަކުން އެހެން ކުދިންނަށް އެހީތެރިވާ އަދި ރަޙްމަތްތެރިންގެ ލޯބި ލިބިފައިވާ، ކުދިންނާއި ގުޅޭ އެކުވެރިއެކެވެ. ކިޔަވާދޭ ހުރިހާ މުދައްރިސުންގެ ފޮނި ތަޢުރީފު އަބަދުވެސް ހޯދާ ފަރުވާތެރި ދަރިވަރެކެވެ. ކަންކަމުގައި އިސްނަގާ، އުނދަގޫ ދަނޑިވަޅުތަކުގައި ފަސްޖެހުމަކާއި ނުލައި ކުރިމަތިލާން ކެރޭ ހުނަރުވެރި އިސްވާރެކެވެ.
ކިޔެވުމަށް ނުހަނު މޮޅު ދަރިވަރެއްގެ ގޮތުގައި ނަންމަޝްހޫރު ވެފައިވާ ރައްޔާން ވަނީ ތަޢުލީމީ ރޭހުގެ ކުރިބޯށީގައި އޭނާގެ ނަން ޤާއިމުކޮށްފައެވެ. ގުރޭޑު އަށެއްގައި އަޙްމަދިއްޔާ ސްކޫލާއި ގުޅުނުއިރުއްސުރެ ކޮންމެ އަހަރެއްގައި ވެސް އޭސްޓާރ އާއި އެކު މުޅި ގުރޭޑުން އެއްވަނަ އެވަރެޖް ނަތީޖާ އޭނާ ވަނީ ހޯދާފައެވެ. އޯލެވެލް އިމްތިޙާނުގައި ވެސް މި ކާމިޔާބީ ދަމަހަށްޓާ، ރައްޔާން ވަނީ 8 އޭ ސްޓާރ އާއި އެކު ދިވެހިރާއްޖޭގެ ގަދަ ދިހައިގެ އެއްވަނައިގައި ހިމެނިފައެވެ. މީގެ އިތުރުން، އޯލެވެލް ދިވެހި އިިމްތިޙާނުން މުޅި ދިވެހިރާއްޖޭގެ ފަޚުރުވެރި އެއްވަނަ ނަތީޖާ ހާސިލުކުރީ ވެސް ރައްޔާނެވެ. އަދި މިކަމުން ވެސް ފުއްދާނުލެވި 2022 – 2023 ވަނަ އަހަރުގައި ސާނަވީ ގޮތުން މުޅި ސްކޫލުގެ ބެސްޓު އޯލް ރައުންޑުގެ ޝަރަފުވެރި މަޤާމު ވެސް ހޯދާފައިވަނީ ހަމަ ރައްޔާނެވެ. ވީމާ ޢިލްމީގޮތުން ރައްޔާންގެ ޤާބިލިއްޔަތާއިމެދު ކުޑަކޮށް ވެސް ޝައްކު ކުރެވޭކަށް ނެތެވެ. އޭނާއަކީ ބުއްދިވެރި، ފުރިހަމަ ސަމާލުކަންް ދީގެން ކަންކަން ކުރާ، އަދި ކަންކަމުގައި ޑެޑިކޭޓެޑް ކުއްޖެއްކަމަށް މިކަންކަމުން ހެކިދެއެވެ.
ކިޔެވުމާއި އެކު އިތުރު ހަރަކާތްތަކުގައި ވެސް ރައްޔާނަކީ އާންމުކޮށް ފެންނަ މޫނެކެވެ. ސްކޫލު ތެރޭގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި އެންމެ ބުރަކޮށް، އެންމެ އިސްކޮށް އުޅޭ އެއް ކުއްޖަކީ އޭނާއެވެ. ހިޔާއީދު ފަދަ މުބާރާތްތަކުގެ ވަނަތަކުގެ ލިސްޓުން އަބަދުވެސް ފެންނަ ހުނަރުވެރިއެކެވެ. މީގެ އިތުރުން އޭނާ ވަނީ އިންޓަރ ސްކޫލު މުބާރާތްތަކުގައި އަޙްމަދިއްޔާ ސްކޫލަށް ރީތި ނަން ހޯދައިދީފައިވާ ދަރިވަރެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ރައްޔާން ވަނީ ސާނަވީ ދަރިވަރުންގެ ތެރެއިން މުޅި މުބާރާތުގެ ގަދަ ދިހައެއްގައި ހިމެނި، ސްކޫލަށް ރަން ވަނަ ހޯދައިދިނުމަށް އެހީވެފައެވެ. ޖެހިގެން އައިއަހަރުގެ މިމުބާރާތުގައި މަތީސާނަވީ ގިންތީގެ ދެވަނަ އަހްމަދިއްޔާއިން ގެނައި އިރު ވެސް ޓީމުގައި ރައްޔާން ހުއްޓެވެ. މިއާއެކު، މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތާއި، ދަރިވަރުންގެ އިޙްޔާ ފޯރަމް ފަދަ ހަރަކާތްތަކުގައި ވެސް ރައްޔާން ފާހަގަކުރެވެއެވެ. ދާދި ފަހުން ވެސް އޭނާ ވަނީ އައި.ޔޫ.އެމް އިން ކުރިއަށް ގެންދިޔަ، ބިސްނަސް ޕްރޮޕޯސަލް ހުށަހެޅުމުގެ މުބާރާތެއް ކަމަށްވާ "ދަ ޕިޗް" މުބާރާތުން އަޙްމަދިއްޔާ ސްކޫލަށް ދެވަނަ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކުޅިވަރުގެ ރޮނގުން ވެސް ރައްޔާން ވަކި ދެރައެއް ނޫނެވެ. ޤައުމީ ޓޭބަލް ޓެނިސް ސީނިއަރ ސްކުއޮޑުގެ ކުޅުންތެރިއެއް ކަމުގައިވާ ރައްޔާން ވަނީ ޤައުމީ މުބާރާތްތަކުގައި ގުނާ އަދަދުނުކުރެވޭހާ ގިނަ ވަނަތައް ޚާޞިލުކޮށްފައެވެ. މީގެ އިތުރުން މިއަހަރު ބޭއްވުނު އިންޓަރސްކޫލް ޓޭބަލް ޓެނިސް މުބާރާތުގައި އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 2 ރަން މެޑަލާއި ރިހި މެޑަލަކާއި ލޯ މެޑަލެއް ހާސިލުކުރުމުގެ އިތުރުން ސްކޫލުގެ ކޯޗުކަމުގެ މަޤާމު ވެސް އަދާކޮށްފައެވެ. މިކަންކަމުން ރައްޔާނަކީ ހަމައެކަނި ކިޔެވުމަށް ގޮސް ހުސްވެފައި ހުންނަ ކުއްޖެއް ނޫންކަމާއި ކުޅިވަރުގެ ހަރަކާތްތައް ވެސް ދަރިވަރުންނަށް ޓަކައި އިންތިޒާމުކޮށްދިނުމަށް ތައްޔާރަށް ހުރި ކެންޑިޑޭޓެއްކަން ދޭހަކޮށްދެއެވެ.
ރައްޔާނަކީ އަޙްމަދިއްޔާ ސްކޫލަށް އާ މޫނެއް ނޫނެވެ. މި ސްކޫލުގެ ދަރިވަރެއްގެ ގޮތުގައި ފަސްވަރަކަށް އަހަރު ހޭދަކޮށްފައިވާ ރައްޔާނަކީ މި ސްކޫލުގައި ކަންހިނގާގޮތް ވަރަށް ރަނގަޅަށް ދަންނަ ކުއްޖެކެވެ. ސްކޫލުގައި ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކަންކުރަން ޖެހޭ ގޮތާއި މެދު އޭނާ ވަރަށް ރަނގަޅަށް ހޭލުންތެރިވެފައިވެއެވެ. މީގެ އިތުރުން ރައްޔާނަކީ ގުރޭޑު 9 ގައި ހައުސް ޑެޕިއުޓީކަން އަދި ގުރޭޑު 10 ގައި ހައުސް ކައްޕިކަމުގެ މަޤާމުއަދާކޮށްފައިވާ ތަޖުރިބާހުރި ލީޑަރެކެވެ. އެހެންކަމުން މިކަމުގެ ފައިދާ ނަގައިގެން ތިޔަ ދަރިވަރުން ބޭނުންވާ ހަރަކާތްތައް ވީހާވެސް ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ޤާބިލިއްޔަތު ރައްޔާނަށް އިންޝާ ﷲ ލިބިފައިވެއެވެ.
ރައްޔާނަށް ކެޕްޓަންކަން ލިބިއްޖެނަމަ އެއަހަރުގައި ކަންކަން ކުރިއަށް ދާނީ ދަރިވަރުންގެ މަޝްވަރާއާއި އެކު ދަރިވަރުން އެންމެ ބޭނުންވާ ގޮތަށް ކަމުގެ ޔަޤީންކަން އޭނާ ދެއެވެ. އެގޮތުން، ތަފާތު އެކި ކުދިން ބޭނުންވާ ކަންކަމަށް ރިޢާޔަތްކޮށް، ސްކޫލުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފުޅާކޮށްދިނުމަކީ ރައްޔާން ކޮށްދޭން ބޭނުންވާ ކަމެކެވެ. އެގޮތުން، ސައިންސް ދަރިވަރުންނަށް ސައިންސް ފެއާ އަދި ބިސްނަސް ދަރިވަރުންނަށް އަމާޒުކޮށް ބިސްނަސް ޕިޗު ހުށަހެޅުމުގެ މުބާރާތެއް ބޭއްވުމަށް އޭނާ ވަނީ ރާވާފައެވެ. ހަމަމިއާއެކު، ކުޅިވަރުގެ ހަރަކާތްތައް ހަމައެކަނި ފުޓްސަލްއާއި ހޭންޑުބޯލަށް ލިމިޓުވެފައި މިއޮތް އޮތުން ރަނގަޅުކޮށް، ތަފާތު ގިނަ ކުޅިވަރުތަކެއް ޝާމިލުކޮށްގެން އިންޓަރހައުސް ސްޕޯރޓްސް ފިއެސްޓާ އެއް ބާއްވައިދިނުމަކީ ވެސް ރައްޔާންގެ ހުވަފެނެކެވެ. އެހެންކަމުން، ރައްޔާނަކީ ހުރިހާ ކުދިން ވެސް އުފާވާނެ ގޮތަށް ވީހާ ވެސް ކުދިންގެ ބައިވެރިވުން ލިބޭނެގޮތަށް ކަންކަން ހިންގަދޭނެ މާލިމީއެކެވެ.
ވީމާ ކުރިއަށް މިއޮތް އަހަރަކީ ތިކުދިންނަށް ހުރިހާގޮތަކުން ވެސް އެންމެ ބަރާބަރު އަހަރަށް ހަދަން ބޭނުންނަމަ ކުރަން އޮތީ އެންމެ ކަމެކެވެ. ވަރަށް ފަސޭހަ ވެސް ކަމެކެވެ. މި ބުރާސްފަތި ދުވަހު ވޯޓު ލާއިރު ކެޕްޓަންކަމަށް ކެންޑިޑޭޓު ނަމްބަރު 2 އަކަށް ވޯޓު ދޭށެވެ. ހާސްކަނޑާލާށެވެ. ތަފާތު ވާނެއެވެ. އަދި ތަފާތު ދައްކާނެއެވެ.