މަތީ ސާނަވީ ސްޓޫޑެންޓް ކައުންސިލް އިންތިޚާބު ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ ސްޓޫޑެންޓް ކައުންސިލް އިންތިޚާބު މިއަދު ބާއްވައިފިއެވެ.

ތަފާތު 16 މަގާމަކަށް 33 ދަރިވަރުން ކުރިމަތިލާފައިވާ މި އިންތިޚާބުގައި ސްކޫލް ކެޕްޓަނާއި، އަންހެން އަދި ފިރިހެން ޑެޕިއުޓީ ކެޕްޓަނަކާއި، މި ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ހުވަނދުމާ އަދި ޗާނދަނީ ހައުސްގެ ކެޕްޓަނުންނާއި، ދިވެހި ޖަމިއްޔާ "ދަރިވަރުންގެ ހިޔާ" އަދި އިނގިރޭސި ޖަމިއްޔާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ)ގެ ރައީސާއި، ސައިންސް ކްލަބާއި، ބިޒްނަސް ކްލަބާއި، އެންވަޔަރަމެންޓް ކްލަބުގެ އިތުރުން ހިއުމަންރައިޓްސް ކްލަބުގެ ރައީސުން ހޮވާނެ އެވެ.

މި މަގާމްތަކަށް މެންބަރުން ހޮވުމުގައި ދަރިވަރުންގެ ވޯޓުގެ ނަތީޖާގެ އިތުރުން ވޭތުވެދިޔަ ދިރާސީ އަހަރުގެ ފަހު އިމްތިޙާނުގައި ހޯދި ނަތީޖާއަށް ވެސް ބަލައެވެ. އަދި ޕްރިންސިޕަލް މުޙައްމަދު ރަޝީދު އިސްވެ އިންނެވި، ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުންގެ އިންޓަވިއު ޕެނަލަކުން ސްކޫލް ކެޕްޓަންކަމަށް ވާދަކުރި ދަރިވަރުންނާ، އިންޓަވިއުކޮށް، އެ އިންޓަވިއުގެ ނަތީޖާއަށް ވެސް ކެޕްޓަނަކު ހޮވުމުގައި ބަލައެވެ.

މަގާމްތަކަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ކެންޕެއިންކުރުމުގެ ފަހު ފުރުސަތެއްގެ ގޮތުން އިއްޔެއާއި ރޭ ވަނީ ތަފާތު ފޯރިގަދަ ދެ ހަރަކާތެއް ބާއްވާފައެވެ. އެގޮތުން އިއްޔެ ގްރޭޑް 12އަށް ބޭއްވި އެސެމްބްލީއަކާއި، ގްރޭޑް11އަށް ބޭއްވި އެސެމްބްލީއެއްގައި، މަގާމްތަކަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ތަޢާރަފްވެ، ކެންޕެއިންކުރުމުގެ ހަމަހަމަ ފުރުސަތުދީފައިވެއެވެ.

ރޭ ވަނީ ކެޕްޓަންކަމަށް ކުރިމަތިލި 6 ދަރިވަރުންގެ މެދުގައި ވަރަށް ފޯރިގަދަ ހޫނު ބަހުސެއް ބާއްވާފައެވެ. ފާއިތުވެދިޔަ ދިރާސީ އަހަރުގެ ސްޓޫޑެންޓް ކައުންސިލްގެ އެހީތެރިކަމާއެކު ބޭއްވި މި ބަހުސްގެ މޮޑެރޭޓަރަކީ މިދިޔަ އަހަރުގެ ފޯރިގަދަ ބަހުސްގެ ވެސް މޮޑެރޭޓަރުކަންކޮށްދެއްވި، މި ސްކޫލްގެ މަތީ ސާނަވީ ދިވެހި މުދައްރިސް އިބްރާހީމް ރާމިޒެވެ.

ފޯރިގަދަ ކެންޕެއިނަކަށް ފަހު ބޭއްވި މި ވާދަވެރި އިންތިޚާބުގެ ނަތީޖާފާޅުކުރާނީ މިއަންނަ އާދީއްތަ ދުވަހު މިކަމަށްޓަކައި ބާއްވާ ޚާއްޞަ އެސެމްބްލީއެއްގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *