މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުން 1 ވަނަ (މަތީ ސާނަވީ) އަޙްމަދިއްޔާ
ޅެން ހެދުމުގެ ޤައުމީ މުބާރާތުން 1 ވަނަ (މަތީ ސާނަވީ) އަޙްމަދިއްޔާ
ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 2 ވަނަ (ދަށު ސާނަވީ) އަޙްމަދިއްޔާ
ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 2 ވަނަ (މަތީ ސާނަވީ) އަޙްމަދިއްޔާ
މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުން 3 ވަނަ (ދަށު ސާނަވީ) އަޙްމަދިއްޔާ
ދިވެހި ބަހުގެ އެކެޑަމީން މިއަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ 39 ވަނަ ގައުމީ މުބާރާތުގެ މަތީ ސާނަވީ އިން 1 ވަނަ އާއި ޅެން ހެދުމުގެ 27 ވަނަ ގައުމީ މުބާރާތުގެ މަތީ ސާނަވީ އިން 1 ވަނަ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.

އަދަބީ މުބާރާތްތަކުގެ ނަތީޖާފާޅުކުރުމަށް ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި 1 ވަނަ އަށް ދިޔަ ސްކޫލްތަކަށާއި 1 ވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ އެވެ.
1 ވަނަ އަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުން މަތީ ސާނަވީ ބައިން 1 ވަނަ ހޯދާފައިވަނީ، އަޙްމަދިއްޔާ މަތީ ސާނަވީގެ މިހާރުގެ ކެޕްޓަން ޝުޢާޢު އިސްމާޢީލް ޝާން އެވެ. މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުން މަތީ ސާނަވީ ބައިން ގަދަ 10 ގައި އަޙްމަދިއްޔާގެ 4 ދަރިވަރަކު ހިމެނުނެވެ. އެއީ، ޝުޢާޢު އިސްމާޢީލް ޝާން އާއި މަރްޔަމް މާހީ އަޙްމަދު ޢައްބާސް އާއި އިޔާން ޢަލީ މޫސާ އާއި ޢާއިޝަތު މިޝްޤާ ނާޞިރެވެ.
މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުން ދަށު ސާނަވީ ބައިން އަޙްމަދިއްޔާ ވަނީ 3 ވަނަ ހޯދާފައެވެ. ދަށު ސާނަވީ އިން ގަދަ 10 އަށް ދިޔައީ އަޙްމަދިއްޔާގެ އާމިނަތު އަނާ އިރުހާފެވެ.
ކުރުވާހަކަ ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތުން މަތީ ސާނަވީއިން 2 ވަނަ ހޯދާފައިވަނީ އަޙްމަދިއްޔާއެވެ. މި ބައިގެ ގަދަ 10 ގައި ހިމެނިފައިވަނީ ސުމާ މޫސާ އެވެ.
މި މުބާރާތުން ދަށު ސާނަވީ ބައިންވެސް 2 ވަނަ ހޯދާފައިވަނީ އަޙްމަދިއްޔާ އެވެ.

ޅެން ހެދުމުގެ 27 ވަނަ ޤައުމީ މުބާރާތުން މަތީ ސާނަވީ އިން 1 ވަނަ އަޙްމަދިއްޔާ ހޯދާފައިވާއިރު ދަރިވަރުންގެ ތެރެއިން 3 ވަނަ ހޯދާފައިވަނީ އަޙްމަދިއްޔާގެ ނަފްޙާ ނަސީމެވެ.

ދަށު ސާނަވީ އިން އަޙްމަދިއްޔާ އަށް ލިބިފައިވަނީ 3 ވަނަ އެވެ. މިބައިން ގަދަ 10 އަށް ހޮވުނީ، އަޙްމަދިއްޔާގެ އާމިނަތު އަނާ އިރުހާފެވެ.

މިއަހަރު ކުރީކޮޅު ބޭއްވި ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އަޙްމަދިއްޔާ ވަނީ މަތީ ސަނަވީ އިން 2ވަނަ ހޯދާފައެވެ. އަދި އަޙްމަދިއްޔާގެ އިޔާން ޢަލީ މޫސާ ވަނީ މުޅި މުބާރާތުން ދެވަނަ ހޯދާފައެވެ. މި މުބާރާތުގެ ގަދަ 10ގައި އަޙްމަދިއްޔާގެ 3 ދަރިވަރަކު ހިމެނުނެވެ. އެއީ އިޔާން ޢަލީ މޫސާގެ އިތުރުން ފާތިނާ އަޙްމަދާއި އަހްލާމް ޢަބްދުލްޢަޒީޒެވެ.
މިއީ، މިހާތަނަށް އަދަބީ މުބާރާތްތަކުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ލިބިފައިވާ އެންމެ ކުލަގަދަ ކާމިޔާބީ އެވެ. އަދަބީ މުބާރާތްތަކުން އެންމެ ގިނަ ތަށިވެސް ލިބިފައިވަނީ މި އަހަރުއެވެ.