7ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުންދަށުގެ ފިރިހެން ޗެންޕިއަންކަން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.
ރޭ ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު އަޙްމަދިއްޔާ ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމުނުއިރު، ޖަމާލުއްދީން ސްކޫލް ކުރީގައި އޮއްވައި ފަހަތުން އަރައެވެ. ޚާއްޞަކޮށް ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 10-9ން ޖަމާލުއްދީން ސްކޫލް ކުރީގައި އޮވެގެންނެވެ. އެހެން ނަމަވެސް ފަހު ހާފުގައި އަޙްމަދިއްޔާ ޓީމުން ވަނީ އިތުރު 13 ގޯލް ކާމިޔާބުކޮށް، 22 ގޯލު 18 ގޯލުން މެޗު ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދާފައެވެ.
އަހުމަދިއްޔާގެ 4 ޓީމު ވެސް މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއެވެ. 17 އަހަރުން ދަށުގެ ފިރިހެން ޓީމު ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 22-21 ނަތީޖާއަކުން އަމީނިއްޔާ ސްކޫލް ބަލިކުރުމަށްފަހުއެވެ.
މި މެޗުގައި މި މުބާރާތުގައި އަޙްމަދިއްޔާ ޓީމުގައި މޮޅު ކުޅުމެއް ދެއްކި، މުޙައްމަދު އަފްކަލް އަސްލަމާއި މުޙައްމަދު ތައުންމު ތަސްނީމް، މިއިން ކޮންމެ ކުޅުންތެރިއަކު ހަ ލަނޑު ކާމިޔާބުކުރިއިރު، އައްމާރު ބިން މުސްތަފާ ފަސް ލަނޑު އަދި މުޙައްމަދު ޝަމާލް ޝިޔާމް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އަހުމަދު ފަރޫހް ފިރާގެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ހުނަރުވެރި ކީޕަރު އާނަންދު ބިނޫއެވެ. މި އުމުރުފުރާގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި އަޙްމަދިއްޔާގެ ތިން ކުޅުންތެރިއަކު ވަނީ ހިމެނިފައެވެ.
އެއީ މުޙައްމަދު އަފްކަލް އަސްލަމާއި، މުޙައްމަދު ޝަމާލް ޝިޔާމް އަދި އާނަންދު ބިނޫއެވެ. މީގެއިތުރުން، 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ގަދަ 7 ކުޅުންތެރިންގެ ތެރޭގައި އަޙްމަދިއްޔާގެ ދަރިވަރު އަޙްމަދު ރަޒާން ރަމްޒީ ވެސް ވަނީ ހިމެނިފައެވެ.