2024 ގެ ދިރާސީ އަހަރުންފެށިގެން ސާނަވީ ނިންމާ އިމްތިޙާނުތައް ބާއްވަން ހަމަޖެހިފައިވާ ގޮތް ތަޢުލީމީ ވުޒާރާގެ ފަރާތުން ސްކޫލްތަކަށް އަންގައިފިއެވެ.
ދިރާސީ އާ އަހަރަށް ގެނެވުނު ބަދަލާ ގުޅިގެން ސާނަވީ ނިންމާ އިމްތިޙާނު ( އެގްޒާމް ސީރީޒް) ތައް ތަރުތީބު ކޮށްފައިވާ ގޮތް އެންގެވީ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ސޮއިކުރައްވައި ސްކޫލްތަކަށް މިއަދު ފޮނުއްވި ސަރކިއުލަރ އަކުންނެވެ.
އެ ސަރކިއުލަރ ގައި ވަނީ، މިހާރު ހިނގަމުންދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ގުރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ އިމްތިޙާން އޮންނަ ތާވަލަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. މިހާރު ގުރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން އޯލެވެލް ހިމެނޭހެން ސާނަވީ އިމްތިޙާން ހަދާނީ މިއަހަރުގެ މެއި/ޖޫން ގައެވެ.
މިހާރު ގުރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރުން ސާނަވީ ނިންމާ އިމްތިޙާން ހަދާނީ އަންނަ އަހަރު (2026 ވަނަ އަހަރު) ގެ ފެބުރުވަރީ / މާރިޗް މަހުގައެވެ.
މިހާރު ގުރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުން ސާނަވީ ނިންމާ އިމްތިޙާން ހަދާނީ އޮކްޓޯބަރު/ ނޮވެމްބަރު 2026 ގައެވެ.
2026 ވަނަ އަހަރުން ފެށިގެން ސާނަވީ ނިންމާ އިމްތިޙާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު/ ނޮވެމްބަރު މަހުގައި ކަމަށް ވެސް އެ ސަރކިއުލަރ ގައި ވެއެވެ.