ރާއްޖޭގެ ސްކޫލެއްގައި އެންމެ ފުރަތަމަ ބޭއްވި ދަރިވަރުންގެ ނަމޫނާ ސާކް ސަމިޓް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އިއްޔެ ބާއްވައިފި އެވެ.
މި ސަމިޓް ޝަރަފްވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ.
މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ހަރަކާތްތައް ސްކޫލް ކަރިކިއުލަމްގައި ހިމެނުން ވެސް މުހިއްމު ކަމަށެވެ. އަހްމަދިއްޔާ އިން ބޭއްވި ސާކް ސަމިޓަކީ ހާރިޖީ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރިވާނެ އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާގެ ކުރިއެރުމަށް ވެސް މުހިއްމު ކަމެއް ކަން ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވަނީ ދަރިވަރުންގެ ދިރާސާތަކާއި ސަމިޓުގެ ހުށަހެޅުންތަކާއި އިންތިޒާމްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. މިފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ތައުލީމީ ހަޔާތުގައި މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ކިޔެވުމުގައި އާ ކަންތައްތައް ދަސްކުރުމުގައި ދެމިތިބެން ޖެހޭ ކަމަށާއި ގައުމުގެ މާދަމާގެ މުސްތަގްބަލަކީ މިހާރުގެ ދަރިވަރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިފަދަ ކަމެއް، ސްކޫލުން އިސް ނަގައިގެން ކުރުމަކީ އެ ދަރިވަރުންގެ މުސްތަގުބަލް އުޖާލާވެ، ކުރިއަރާނެ ކަމެއް. އެކި ގައުމުތައް ތަމްސީލު ކުރުމަކީ އެ ދަރިވަރުންގެ ސިކުނޑިތައް ހެދިބޮޑުވުމަށް ވަރަށް މުހިންމު ކަމެއް. މިފަދަ ތަޖުރިބާތަކުން ދަރިވަރުންނަށް ވަރަށް ގިނަ ކަންކަން ހާސިލްވާނެ،" އަހްމަދިއްޔާގެ ކުރީގެ ދަރިވަރު، މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.
މިފަދަ ހަރަކާތެއް ސްކޫލުގައި ފެއްޓެވީތީ މިނިސްޓަރު ވަނީ އަހުމަދިއްޔާ ސްކޫލްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އަހްމަދިއްޔާ އިން ބޭއްވި ކުރިއަށް ސަމިޓު ކުރިއަށް ގެންދިޔައީ، ފޮރިން މިނިސްޓްރީގެ އެހީތެރިކަމާ އެކުގައެވެ. ގައުމުތަކުގެ ތަމްސީލްވުން ވަރަށް ފުރިހަމައަށް ވަނީ މި ސަމިޓްގައި ދައްކުވައިދީފަ އެވެ.
ފުރަތަމަ ފަހަރަށް މޮޑެލް ސާކް ސަމިޓެއް އަހްމަދިއްޔާ އިން މި ބޭއްވީ ސާކް ސަމިޓްގެ ހުރިހާ އިންތިޒާމްތަކެއް ހިމަނައިގެންނެވެ. މި ސަމިޓުގައި އަށް ގައުމެއްގެ އިސްވެރިންނާއި މަންދޫބުންގެ ގޮތުގައި ދަރިވަރުން ތަމްސީލްކުރި އެވެ.
އެއީ ރާއްޖެ އާއި ސްރީލަންކާ އާއި އިންޑިއާ އާއި ޕާކިސްތާނާއި ބޫޓާނާއި ނޭޕާލާއި އަފްގާނިސްތާންގެ އިތުރުން ބަންގްލަދޭޝް އެވެ.
ސަމިޓުގައި ދަރިވަރުން ވަނީ ސާކް އަށް ގައުމުގެ އަށް ލީޑަރުންނާއި އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި ފޮރިން ސެކެޓްރީންނާއި ކޮންމެ ގައުމެއްގެ ސާކް ޑެސްކުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅަކު ސަމިޓްގައި ތަމްސީލްކޮށްފަ އެވެ.
އޭގެ އިތުރުން ދަރިވަރުން ވަނީ ސާކްގެ ސެކްރެޓަރީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލްގެ އެޑްމިން އަދި އަށް ގައުމުގެ ޑިރެކްޓަރުންގެ ރޯލު ވެސް ދައްކުވައިދީފަ އެވެ.
ސާކްގެ ގައުމުތައް ތަމްސީލުކުރި ދަރިވަރުން ވަނީ އެ ގައުމުތަކުގެ ފަރާތުން ސްޓޭޓްމަންޓް އިއްވައިފަ އެވެ. މި ސްޓޭޓްމަންޓްތަކުގައި ތިމާވެއްޓާއި އިގްތިސާދާއި ހައްގުތަކާއި ސައުތު އޭޝިއާ ސަރަހައްދުގެ ކުރިއެރުމުގެ މައްޗަށް ވާހަކަ ދެއްކި އެވެ. މި މައްސަލަތަކާ އެކު ގައުމުތަކަށް ހޯދޭނެ އެކަށީގެންވާ ހައްލުތަކެއް ވެސް ދަރިވަރުން ހުށަހެޅި އެވެ.
އޭގެ ތެރޭގައި، ގައުމުތަކުގައި ހުރި މައްސަލަތަކުން އަރައިގަތުމަށް އެހީވުމަށް އެކި ފަންޑްތައް ހެދުމާއި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީގެން ކުރިއެރުމަށް މަސައްކަތް ކުރުމުގެ މައްޗަށް ދަރިވަރުން ވާހަކަ ދެއްކި އެވެ
އަހްމަދިއްޔާ އިން ވަނީ، ޔޫއެންޖީއޭ [އދ.ގެ ޖެނެރަލް އެސެމްބްލީގެ ނަމޫނާއެއް]. ވަރަށް ކާމިޔާބުކަމާއެކު ބާއްވާފައެވެ. އެހެންކަމުން ކުރިއަށް އޮތްތާގައި އަޙްމަދިއްޔާގައި އެއް އަހަރު ސާކް ސަމިޓް، އަނެއް އަހަރު ޔޫއެންޖީއޭ ބާއްވާނެ އެވެ.