އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ އިންޓަރ ކުލާސް ޑްރާމާ މުބާރާތް ބާއްވައިފިއެވެ. މި މުބާރާތުގެ މައިގަނޑު މަޤުޞަދަކީ ދަރިވަރުންގެ ކިޔެވުމުގެ އިތުރުން ދަރިވަރުންގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމެވެ.
އިންޓަރކުލާސް ޑްރާމާ މުބާރާތް ބާއްވަނީ ގްރޭޑް1ން 6 ގެ ދަރިވަރުންނަށެވެ. މި މުބާރާތް އާންމުކޮށް ހުޅުވާލަނީ ހުރިހާ ދަރިވަރުން ބައިވެރިކުރާގޮތަށެވެ. އެގޮތުން މި މުބާރާތުގައި ދިވެހި އަދި އިނގިރޭސި ޑްރާމާތައް ވެސް ބައިވެރި ކުރެއެވެ. ޑްރާމާ މުބާރާތަކީ ކޮންމެ 2 އަހަރަކުން 1 އަހަރު ބާއްވާ މުބާރާތެކެވެ. މި މުބާރާތުން ހޮވޭ ބައެއް ޑްރާމާތައް ސްކޫލް ކޮންސެޓުގައި ބައިވެރިކުރެއެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އިންޓަރ ކުލާސް ޑްރާމާ މުބާރާތަކީ ދަރިވަރުން އެ މުބާރާތަކަށް ދުރާލައި ފަރިތަކުރުންތަކެއް ގެންދެވިގެން ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތުގައި ފެނިގެންދާ ކޮންމެ ޑްރާމާއަކުން ވެސް އެކިކަހަލަ ތަފާތު އިބްރަތްތަކާއި މެސެޖުތައް ލިބެއެވެ. މިފަދަ މުބާރާތްތަކުގެ ސަބަބުން ކިޔެވުމުގެ އިތުރުން ދަރިވަރުންގެ ހުނަރުތައް ދެއްކުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާލާވެގެންދެއެވެ.
މި މުބާރާތް ބޭއްވުނީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޭޑް 1، 2، އަދި 3ގެ ދަރިވަރުންގެ ޑްރާމާތައް ބޭއްވުނީ 3 ދަންފަޅިއަކަށް ބަހާލައިގެންމި މަހުގެ 27 ވީ އަންގާރަދުވަހުއެވެ. އަދި ގްރޭޑް 4، 5، އަދި 6ގެ ދަރިވަރުންގެ ޑްރާމާތައް ބޭއްވީ މި މަހުގެ 28ވީ ބުދަ ދުވަހުއެވެ. މި މުބާރާތުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދުގެ އިތުރުން މި ސްކޫލް ދިވެހި ޑިޕާޓްމެންޓްގެ އިސްފަރާތެއް ކަމުގައިވާ އަލްފާޟިލް މުޙައްމަދު އާދަމް ސަލީމް ( ސަލީމް ސަރ) ބައިވެރިވެލެއްވިއެވެ. އަދި މުބާރާތުގެ ފަނޑިޔާރުންގެ ޓީމުތަކުންވަނީ އިންސާފުވެރިކަމާއެކު، ފަނޑިޔާރުކަން ކޮށްދެއްވާފައެވެ.
މި މުބާރާތް އެހާފުރިހަމަކޮށް ބާއްވާ ނިންމާލުމުގެ ފަހަތުގައި އެތައް ބައެއްގެ މިންނެތް ބުރަ މަސައްކަތެއް ވާނެކަމީ ޝައްކެއްނެތްކަމެކެވެ. އެހެންކަމުން އެ ފަރާތްތަކުގެ ނަންތައް ހިމަނާލުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ. އެގޮތުން މި ޑްރާމާ މުބާރާތުގެ ދަރިވަރުން ޑްރާމާގައި ބޭނުންކޮށްފައިވާ ހެދުންތަކާއި އެ ޑްރާމާއަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ވެސް ވަރަށް ފުރިހަމައަށް ތައްޔާރުކޮށް އެ ބުރަމަސައްކަތް ކޮށްދެއްވީ ލޮބުވެތި ބެލެނިވެރިންކަން ފާހަގަކުރަމެވެ. ހަމައެއާއެކު ޓީޗަރުންގެ ބުރަމަސައްކަތަކީ ފާހަގަކޮށްނުލާ ދޫކޮށްލެވޭނެ ކަމެއްނޫނެވެ. މީގެއިތުރުން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލާ އައިޝަތު ޝީތާގެ ނަން ހިމަނާނުލާ ދޫކޮށްލުމަކީ ބޭއިންސާފަކަށްނޫނީ ނުވާނެއެވެ. އެހެންކަމުން މި ފުރުސަތުގައި މިހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވަމެވެ.