ކައްޗާއި ކެތި

އިޓަލީވިލާތުގެ ޕީޒާގައި މީލާދީ ސަނަތުން 1173 ގައި ބިނާ ކުރަންފެށުނު ޕީޒާ ޓަވަރަކީ މިއަދު މުޅި ދުނިޔެއަށް މަޝްހޫރު ފަތުރުވެރިންގެ މަންޒިލެކެވެ. މިޓަވަރުގެ އެންމެ ޚާއްޞަ ކަމަކީ އުސްމިނުގައި 183 ފޫޓް ހުންނަ މިޓަވަރު އަރިއަޅާލާފައިވުމެވެ.  މި ޓަވަރު ދެކިލުމަށްޓަކައި ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަބަބުން އިޓަލީވިލާތުގެ ޕީޒާ ސިޓީއާއި މުޅި އިޓަލީވިލާތަށް ވެސް އިޤްތިޞާދީގޮތުންނާއި، އުމްރާނީ ތަރައްޤީގެ ރޮނގުން ނުހަނު ފައިދާ ވަމުންދެއެވެ. އެހެންނަމަވެސް، އިޓަލީގެ އިޤްތިޞާދަށް މުހިންމު ކުޑަކުޑަ ކަނޑުގެ ބަނދަރެއް އޮތް ޕީޒާ ސިޓީގައި މި އިމާރާތް ކުރެވުނުއިރު މިއީ ވަރަށް ޚާއްޞަ އިމާރާތަކަށް ވާނޭ ކަމަށް އިޓަލީގެ އެއްވެސް ރައްޔިތަކު ހުވަފެނުންވެސް ދެކެފައެއްނުވެއެވެ. އެމީހުން ބިނާ ކުރަމުންދިޔައީ އެމީހުން އަޅުކަންކުރުމަށް ބިނާކުރި ނަސާރާ ފައްޅީގެ ރަނގަބީލު ޓަވަރެވެ.

މިއަދު ފަތުރުވެރިންގެ މެދުގައި މަޤްބޫލު މި ޓަވަރު ބިނާ ކުރެވެމުން ދިޔައިރު ނުހަނު ގިނަ  މައްސަލަތަކާއި ކުރިމަތިވެ އެތައް ފަހަރަކު މަސައްކަތް ހުއްޓާލަން ޖެހުނެވެ. ހަނގުރާމައާއި މާލީގޮތުން ދިމާވި ދަތިތަކާއި ހުރެ އެއްފަހަރަށްވުރެ ގިނަފަހަރު އިމާރާތްކުރުން ހުއްޓާލިއެވެ. އަދި ހަމައެހެންމެ، ޓަވަރު ބިނާކުރެވެމުން ދިޔަ ބިމުގެ ވެލިގަނޑު މަޑުވުމުގެ ސަބަބުން ޓަވަރުގެ 3 ވަނަ ބުރީގެ މަސައްކަތް ހިނގަމުންދަނިކޮށް ޓަވަރު އަރިއަޅާލިއެވެ. މިކަމާއިވިދިގެން އިންޖިނޭރުންނާއި އާރކިޓެކްޗަރުންގެ މެދުގައި އުފެދުނު އިމާރާތް ވެއްޓިދާނެ ކަމުގެ ކަންބޮޑުވުންތަކާއިއެކު އިމާރާތުގެ މަސައްކަތް މަޑުޖެހިގެން ދިޔައެވެ. އެހެންނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުން މިގޮތަށް އިމާރާތްކުރުން މަޑުޖެހިގެން ދިއުމުގެ ސަބަބުން ޓަވަރުގެ ތިރީގައިވާ ވެލިގަނޑު ހަމަޖެހުމަށް ވަގުތުލިބި ޓަވަރު ނުވެއްޓި ހުންނާނެ ގޮތް މެދުވެރިވިއެވެ. ފީޒާ ޓަވަރު އެއްކޮށް އިމާރާތްކޮށް ނިމުނީ މަސައްކަތް ފެށިތާ 2 ގަރުނު ފަހުން 1399 ވަނަ އަހަރުއެވެ.

މި ޓަވަރުގެ އިމާރާތްކުރުމުގެ މަސައްކަތް ނިމުނު ކަމުގައި ވިޔަސް ޓަވަރު ދެމެހެއްޓުމަށްޓަކައި ކުރަންހުރި މަސައްކަތް އޮތީ ކުރިއަށެވެ. ބަރުމިނުގައި 14500 ޓަނު ހުންނާނެ ކަމަށް ބެލެވޭ މިޓަވަރު އަދިވެސް ދަނީ އަހަރަކު  1 މިލިމީޓަރާއި 2 މިލިމީޓަރާއި ދެމެދުގެ ބާރުމިނުގައި ވެއްޓެމުންނެވެ. މިހާރުވެސް ޓަވަރުގެ ކުރިބޯށި ހުރީ އޮލަނބަށްވުރެ 5 މީޓަރު ދުރުގައެވެ. އާރކިޓެކްޗަރުންނާއި އިންޖިނޭރުން، ޓަވަރު ވެއްޓުނަނުދީ ގިނަދުވަހު ބެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތް އަދި ވަރަށް ކާމިޔާބެވެ.

އިޓަލީވިލާތުގެ ރަމްޒެއްކަމުގައި ބެލެވޭ ޕީޒާ ޓަވަރަކީ އިމާރާތްކުރުމުގައި ރަނގަޅަށް ބަލަންވާ ވަރަށް ނުބަލައި މަޑު ފަސްގަނޑެއްގައި އުސް އިމާރާތެއް އެޅުމުގެ ނަތީޖާއެވެ. ކައްޗަށްއެޅިފައިވާ ބިންގަލެކެވެ. އެހެންނަމަވެސް މި ޓަވަރަށް ލިބިފައިވާ މަޤްބޫލުކަމާއި، މަޝްހޫރުކަމުގެ އަސްލަކީ މިފަދަ ކަތި ބިންގަލެއް އެޅިފައިވުމެވެ. މި ކަތިކަން ރަނގަޅު ކުރުމަށްޓަކައި އެތައް ބަޔަކު އެތައް ހޭދައެއްކޮށް ބުރަ މަސައްކަތް ކޮއްފިއެވެ. އެހެންނަމަވެސް ޓަވަރު އަދިވެސް ހުރީ ހަމަ އެގޮތުގައެވެ. ކުރެވުނު ގިނަގުނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދެކުނަށްވީ ފަޅިއަށް އަރިވެފައިވާ ޓަވަރު އަދިވެސް ސަތޭކެ އެތަކެއް އަހަރެއް ވަންދެން ނުވެއްޓި ހުންނާނެ ކަމަށް އިމާރާތްކުރުމުގެ އިންޖިނޭރުން ބުނެއެވެ.

ޔުނެސްކޯއިން ވޯރލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މިޓަވަރުގެ ވާހަކަ އަކީ ހޯދައި ބަލައިފިނަމަ ނުހަނު އިބުރަތްތެރި ވާހަކަ އެކެވެ. މިގޮތުން މި އިމާރާތުގެ މަސައްކަތް ވެލިގަނޑު ރަނގަޅު ބިމެއްގައި ފެށުނުނަމަ، އިމާރާތް އަރިއަޅާލައިގެން ވެއްޓުމުގެ ބިރާއި، އަދި އިމާރާތް ގިނަދުވަހު ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ނުކޮށް ފަރުޖެހުނީހެވެ. ކޮންމެ ކަމެއް ކުރަންފެށުމުގެ ކުރިންވެސް އެކަމެއްގެ އެންމެހާ މައުލޫމާތު ރަނގަޅަށް ހޯދައި ދިރާސާކޮށް ބެލުމަށްފަހު މަސައްކަތް ފަށައިފިނަމަ މިފަދަ މައްސަލައެއް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެއެވެ.

ހަނގުރާމައާއި މާލީ މައްސަލަތަކާއި ހުރެ އިމާރާތުގެ މަސައްކަތް މަޑު ޖެހުމަކީ މިއިމާރާތް ނުވެއްޓި ހުންނަން މެދުވެރިވި ސަބަބަށް ވީފަދައިން އަހަރެމެން ދިރިއުޅުމުގައި ދިމާވާ ކޮންމެ ހުރަހަކީ އަދި ފަހަތަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅަކީ ނާކާމިޔާބީ އެއްނޫނެވެ. އެއީ ކުރިއަރައި ކާމިޔާބު ފަރުދަކަށް ވުމަށް ހުޅުވޭ ދޮރަކަށް ވެދާނެއެވެ. ހިތްވަރާއި އެކު މަސައްކަތްކޮށް ދިމާވެފައިވާ އުނދަގުލާއި ދަތިކަން ބަދަލުކޮށް ކުރިއެރުމާއި މޮޅު ކަމުގައި ހެދިދާނެއެވެ. ޕީޒާ ޓަވަރު މަޝްހޫރު މަންޒިލަކަށްވެ އިޓަލީ ވިލާތުގެ ރަމްޒަކަށްވީ ޓަވަރު ބިނާ ކުރަމުން ދިޔައިރު މެދުވެރިވި އެންމެހާ ހުރަހެއް ގިރާކޮށް ޓަވަރާއިމެދު އުއްމީދު ކަނޑާނުލައި ޓަވަރު ބިނާކޮށް ނިންމައި ޓަވަރު ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރެވުނީމައެވެ. ޓަވަރު ތަޅައިނުލައި އަދި ވައްޓާ ނުލައި ދެމެހެއްޓުމުގެ ނަތީޖާއަކީ މިއަދު ޓަވަރުގެ ކަތި ކަމަކީ ކެއްޗާއި ހަމައަށް އަރަން ލިބުނު ފުރުސަތަކަށްވުމެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ފުރިހަމަ ލިޔުމެއް. ވަރަށްގިިިނަ މަޢުލޫމާތު އެނގިއްޖެ. ޝުކުރިއްޔާ ޞަަލާޙްް ސަރ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *