ކީރިތި ޤުރުއާން ހިތުދަސްކޮށް މި ދިރާސީ އަހަރު ޙާފިޡްކަމުގެ ސަނަދު ޙާޞިލް ކުރި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ 5 ޙާފިޡުންނާއި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ބައްދަލު ކުރައްވައިފިއެވެ. އެ ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން މިއަދު ހަވީރު ސްކޫލް މާލަމް ގައި ބޭއްވި ހަފްލާގައި މި ދަރިވަރުންގެ އިތުރަށް އެދަރިވަރުންގެ ބެލެނިވެރިންނާއި ސްކޫލްގެ އިސްބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސިޕަލް ވަނީ އެ ދަރިވަރުންގެ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ކީރިތި ޤުރުއާނުގެ ރޮނގުގައި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެވަޑައިގެން ހިތްވަރު ދެއްވާފައެވެ.
މި ދިރާސީ އަހަރުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށް ޙާފިޡް ކަމުގެ ސަނަދު ޙާޞިލުކުރި 5 ދަރިވަރުންނަކީ، އަލްޙާފިޡް ބިލާލް ބިން އަޙްމަދު 9 އެފް، އަލްޙާފިޡް މުސްޢަބް ބިން ފައިޞަލް 7 ޑީ، އަލްޙާފިޡް އަޙްމަދު ރައީފް މުޙައްމަދު 11އެފް، އަލްޙާފިޡް އުވައިސް ބިން އިނާޒް 10ޖީ އަދި ޢަބްދުﷲ އަޙްސަން ސަޢީދު 9ޑީ އެވެ. މި ހުރިހާ ދަރިވަރުންވެސް ވަނީ ހިތުން މުޅި ޤުރުއާން ކިޔައިދީ، އިމްތިހާނުން 1 ވަނަ ދަރަޖައިގައި ފާސްވެފައެވެ.
ގުރުއާން ހިތުދަސް ކުދިންނާއި މުޚާޠަބްކޮށް ޕްރިންސިޕަލް ވިދާޅުވީ، ޤުރްއާން ހިތުދަސް ކުރުމަކީ ވަރަށް ބޮޑު ނިޢުމަތެއް ކަމާއި އެއީ އެ ކުދިންނަށް ލިބުނު ވަރަށް މަތިވެރި ޝަރަފެއް ކަމުގައެވެ. އަޙްމަދިއްޔާ ދަރިވަރުންގެ ގޮތުގައި ތިބެ އެ ކުދިން އެ ޝަރަފް ހޯދީތީ ސްކޫލްގެ ފަރާތުން ވަރަށް ބޮޑަށް އެކަމަށް އުފާކޮށް އެ ކުދިންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ.
" އެކުދިން އެ ސާބިތުކޮށްދިނީ އެކުދިންގެ ކިބައިގައި ހުރި ހުނަރު. އެކުދިންގެ އެ ސާބިތުކޮށްދިން ހުނަރު އެހެން ކުދިން ނަމޫނާއަކަށް ބަލައި އަޅުގަނޑުމެން އުއްމީދު ކުރަނީ ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް އެހެން ކުދިންވެސް ކުރިއަށް ގެންދާނެކަމަށް." ޕްރިންސިޕަލް ވިދާޅުވި އެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް ޢަލީ ޢާޞިމް ވިދާޅުވީ، ޤުރުއާން ހިތުދަސްކުރި ކޮންމެ ދަރިވަރަކީ ވެސް މިސްކޫލަށް ވަރަށް ރީތި ނަމެއް ހޯދައިދޭ ދަރިވަރެއްކަމާއި ހަމަގައިމުވެސް ކީރިތި ގުރުއާންގެ ޒަރީޢާއިން މިއީ އަޅުގަނޑުމެންގެ ސްކޫލަށް ވަރަށް ރީތިނަމެއް ހޯދައިދޭ ދަރިވަރުންތަކެއް ކަމުގައެވެ. އަދި މުސްތަގްބަލް ގައިވެސް ސްކޫލް ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުޞަތެއްގައި ވެސް ސްކޫލަށް ރީތިނަން ހޯދައިދޭ ދަރިވަރަކަށް ވާންވާނެ ކަމާއި، އަދި ޚާއްޞަކޮށް ޤުރުއާނުން ފަޚުރުވެރި ވަނަތައް ގެނެސް އެހެން ކުދިންނަށް ނަމޫނާއަކަށް ހުރިހާކަމެއްގައިވެސް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އާޞިމް ސަރ ވިދާޅުވިއެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް މޫސާ ޞަލާޙް ގެ ވާހަކަފުޅުގައި، ކީރިތި ޤުރުއާން ހިތުދަސް ކުރާ ކުދިން އަޙްމަދިއްޔާ ގެ އެކިއެކި މަރުހަލާތަކުގައި މިހާރުވެސް ކުރިއަށް ގެންދާކަމާއި ތިޔަކުދިންގެ ތަޖުރިބާ އެކުދިންނަށް ހިއްސާކޮށް އެކުދިންނަށް އެއްވެސް ކަހަލަ އެހީތެރިކަމެއްވެސް އޮތްތޯ ބަލަމުން ގެންދާ ކަމަށް ވިދާޅުވިއެވެ. އެކަމުގައި ތިޔަކުދިންނަށް ދިމާވި ދަތިތަކާއި އެކަމުގެ އަލިމަގު ހޯދަން ތިޔަކުދިންކުރި ކަންތައްތައް ވަރަށް ބޭނުންތެރި މަޢުލޫމާތަކަށް ވާނެކަމަށްވެސް ވިދާޅުވިއެވެ. ޞަލާޙް ސަރގެ ވާހަކަފުޅުގައި ކޮންމެ އެކަޑަމިކް އަހަރެއް ނިމިގެން ދާއިރު ކީރިތި ގުރުއާން ހިތުދަސްކޮށްނިންމާ ދަރިވަރުންގެ އަދަދު އެއްދުވަހުން އަނެއްދުވަހު އިތުރުވެގެންދާކަމީ ވަރަށް އުފާކުރާކަމެއްކަމާއި އަދި ވަރަށް ފަޚްރުވެރިވާކަމެއްކަމަށްވެސް ވިދާޅުވިއެވެ.
މިހަފްލާގައި ބެލެނިވެރިއެއްގެ ވާހަކަފުޅުގައި ވިދާޅުވީ، ޤުރުއާން ހިތުދަސްކުރި ޤުރުއާންގެ އަހްލުވެރިންގެ ގޮތުގައި މަސައްކަތް ކުރާ ދަރިވަރުންނަށް ދެއްވީ ވަރަށް އަގުހުރި ނަސޭހަތެއް ކަމާއި ވަރަށް ގަދަ ހިތްވަރެއް ކަމުގައެވެ. މިކަމުގައި ސާބިތުވުމަށްޓަކައި ދެވުނު ހިތްވަރަކީ މިކަމުގައި އަދި އިތުރު ކުދިންނަށް ލިބޭ ހިތްވަރަކަށް ވެގެންދާނެކަމާއި ބެލެނިވެރިންގެ ފަރާތުން ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގައެވެ.