ސްކޫލުގެ ފެށުން
އަދު އަޅުގަނޑުމެން މިދެކޭ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މައްޗަންގޮޅީ ރައްޔިތުންގެ މަދަރުސާއެވެ. މައްޗަންގޮޅީ އަވަށު މަދަރުސާއެވެ. މައްޗަންގޮޅީ ކެމީލިޔާ އަޙްމަދު ދީދީ (ޑޮކްޓަރ އަހަންމައިދީ) ގެ އަމިއްލަ ޚަރަދުގައި އަޅުއްވައި މައްޗަންގޮޅީ ރައްޔިތުންނަށް ހަދިޔާކުރައްވާފައިވާ މަދަރުސާއެވެ.
އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް 1978 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު މާލޭގައި ހުރީ ސަރުކާރުން ހިންގާ 3 މަދަރުސާއެވެ. އެއީ މަޖީދިއްޔާއާއި އަމީނިއްޔާއާއި މިހާރުގެ އިސްކަންދަރު ސްކޫލެވެ. އަމިއްލަ މަދަރުސާތަކަކަށް ހުރީ އީޕީއެސް އާއި އެމްއީއެސް އާއި އާލިޔާއާއި ހަނިއްޔާ އާއި އަމިއްލަ މީހުން ހިންގާ ބައެއް ކްލާސްތަކެވެ. ސްކޫލުތަކަށާއި ކްލާސްތަކަށް ކުދިން ވައްދާން އެދޭ ފަރާތްތަކަށް ކިއުގައި އެތައް ދުވަހަކު މަޑުކުރާން ޖެހެއެވެ. ސްކޫލުތަކުން ޖާގަ ލިބެނީ މަދު ބަޔަކަށެވެ. އަދި ކިޔަވައިދިނުމުގެ މުހިންމުކަން ވިސްނެނީ މަދު ބެލެނިވެރިންތަކަކަށެވެ. އެހެންކަމުން މަގުމަތިވެ މަގުމަތީގައާއި ގޮނޑު ދޮށްތަކުގައި ހާވިޔާވެގެން ވަރަށް ގިނަ ކުދީން އުޅުނެވެ.
މާލެތެރޭގައި ތަޢުލީމުން މަހުރޫމްވެފައިތިބި އެތައް ކުދިބަޔަކު ތިބުމާއެކު ސަރުކާރުގެ ކެރިފޯރުންތެރިކަން އޭރު ހުރިގޮތުން ހުރިހައި ކުދީންނަށް ސަރުކާރުން ކިޔަވައި ނުދެވޭނެތީ 1979 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުގެރޭ އޭރުގެ ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލު، މިހާރުގެ ގޮތަށް ދަންނަވާނަމަ، އިސްކަންދަރު ސްކޫލުގައި، މާލޭގެ 4 އަވަށުގައި އިސްވެ ޙަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންކޮޅަކާ ބައްދަލުކޮށްލައްވައި ރައީސުލްޖުމްހޫރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި އިޖުތިމާޢީ އެކިއެކި ކަންތައްތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ ކޮމެޓީތަކެއް އޮތުމުގެ މުހިއްމުކަމުގެ މައްޗަށާއި، އަވަށުތެރޭގައި ހިނގާ، ނޭދެވޭ ކަންތައްތައް އިސްލާޙުކޮށް، ޚާއްޞަކޮށް ތަޢުލީމެއް ތަރުބިއްޔަތެއްނެތި މަގުމަތީގައި އެގޮތް މިގޮތަށް އުޅޭ ކުދިންވެސް މިފަދަ ކޮމެޓީތަކުން އިސްލާޙުކުރެއްވިދާނެކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ދެއްވެވި އަގުހުރި ޚިޔާލުފުޅުގެ ނަތީޖާއަކަށްވީ 1979 ވަނަ އަހަރުގެ މެއި 11 ވަނަ ދުވަހު މައްޗަންގޮޅީ އަވަށްކުރިއަރުވާ ކޮމެޓީ އުފެއްދުމެވެ. އަދި ތަނަވަސްކަމެއް ނެތުމުގެ ސަބަބުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ނުލިބި ތިބި ކުދިންނަށް އެ ފުރުޞަތު ހޯދައި ދިނުމަށް މައްޗަންގޮޅީގައި މަދަރުސާއެއް އެޅުމަށް އެކޮމެޓީން ނިންމުމެވެ. އަދި މި ހުވަފެނީ ޚިޔާލަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި، މައްޗަންގޮޅީގެ ސަރަޙައްދުން ބިންކޮޅެއް ހޯދުމަށް ސަރުކާރުގައި ދެންނެވުމުން، 8000 އަކަފޫޓުގެ ބިމެއް ހިއްކަވައި ދެއްވައި، އެބިން މައްޗަންގޮޅީ ރައްޔިތުންގެ ނަމުގައި، އަވަށް ކުރިއަރުވާ ކޮމެޓީއާ ސަރުކާރުން ޙަވާލުކުރެއްވިއެވެ.
14 ޖޫން 1979 ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމް ބިންގާ އަޅުއްވައިދެއްވި މި މަދަރުސާ ބިނާކުރުމުގެ މަސައްކަތް އަވަށު ކޮމެޓީގެ ފަރާތުން ވަރަށް ފޯރިއާއެކު ކުރިއަށް ގޮސް، ދިމާވި ބައެއް ސަބަބުތަކާހުރެ، 7 ޖުލައި 1979 އިން ފެށިގެން މަސައްކަތް ހުއްޓުނެވެ. އެއަށްފަހު، މައްޗަންގޮޅީ ރައްޔިތުން އެދިވަޑައިގަތް އެދިވަޑައިގަތުމަކާ ގުޅިގެން މި މަދަރުސާ ބިނާކުރުމުގެ ހުރިހާ މަސައްކަތެއް ފަހުން ކުރެއްވީ އަލްމަރްޙޫމު ޑީ. އަޙުމަދު ދީދީއެވެ. މަދަރުސަތުލް އަޙްމަދިއްޔާގެ ނަމުގައި 1982 ފެބްރުއަރީ 21 ގައި މި މަދަރުސާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.
މަދަރުސަތުލް އަޙްމަދިއްޔާގެ ނަން ނިސްބަތްވަނީ މަދަރުސާގެ ބާނީ މއ.ކެމީލިޔާ ޑޮކްޓަރ އަޙްމަދު ދީދީގެ ނަންފުޅަށެވެ.
އެމަނިކުފާނު މި މަދަރުސާގެ ޢިމާރާތްތައް ބިނާކޮށްދެއްވައި މި މަދަރުސާއަށް މުދައްރިސުން ހޯއްދަވައިދެއްވައި މި މަދަރުސާއަށް ފުރަތަމަ ވެއްދި 200 ދަރިވަރުންގެ ޔުނީފޯމާއި ފޮތްފަންސޫރާއި ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އެންމެހައި ވަޞީލަތެއް ތަނަވަސްކޮށްދެއްވިއެވެ. (ނުނިމޭ)
ރިފަރެންސް: އަޙްމަދިއްޔާގެ 10 އަހަރުގެ އަހަރީ ފޮތް.
2 Responses
އަޙުމަދިއްޔާއަށް ފާގަތި މުސްތަޤުބަލަކަށް އެދެން.
އެމަނިކުފާނަށް ހެޔޮ ރަޙުމަތް ލައްވާށި. އަޙުމަދިއްޔާއަށް ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރަށްވާށި. އާމީން!