ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ ބިނާ ކަމަށްވާ އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދު ކުރަން ސްކޫލެއްގެ ދަރިވަރަކަށް ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ. ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. މި ޝަރަފް އެންމެ ފުރަތަމަ ޙާޞިލް ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 10 ޖީ ގައި ތަޢުލީމް ޙާޞިލް ކުރަމުން ގެންދާ އަލް ޙާފިޒު އުވައިސް ބިން އިނާޒެވެ. އުވައިސް އަކީ އިސްލާމީ މަރުކަޒުގައި މިއަހަރު އިމާމުވެ ތަރާވީސް ނަމާދުކުރަން ހޮވާފައިވާ 4 ޙާފިޒުންގެ ތެރެއިން އެންމެ ޒުވާން ޙާފިޒެވެ.
މިއަހަރު އުވައިސް ތަރާވީސް ނަމާދު ކުރަން ކުރިން ހަމަޖެހިފައި އޮތީ އިސްކަންދަރު މިސްކިތުގައެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އެދިވަޑައިގަތުމަށް އުވައިސް އިސްލާމީ މަރުކަޒުގައި ތަރާވީސް ނަމާދު އިމާމުވެ ކުރާ ގޮތަށް ވަނީ ހަމަ ޖައްސަވާފައެވެ. މިއީ ހަމަ ގައިމުވެސް އުވައިސް ކީރިތި ޤުރުއާން ކިޔެވުމުގެ ހުނަރު ހާމަކޮށްދޭ ދަލީލެކެވެ. ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ މަރުކަޒުގައި މި އަހަރު ތަރާވީސް ނަމާދު ކުރުމަށް ޒުވާން ޚަތީބުންގެ ޓީމެއް ނެރުނީ، މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުމަށް ކަމުގައެވެ.
އިސްލާމީ މަރުކަޒު ގައި ތަރާވީސް ނަމާދުކުރަން އުވައިސް މިފަހަރު ހޮވި ނަމަވެސް މިއީ އުވައިސް އިމާމުވެ ތަރާވީސް ނަމާދު ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ، މިދިޔަ ރަމަޟާންމަހު ހުޅުމާލޭ ގައި ހުންނަ އަބޫބަކުރު މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު ކޮށްފައެވެ. އަދި އޭގެ ކުރީ ދެ އަހަރު އޭނާވަނީ ޢުސްމާން ބިން ޢައްފާން މިސްކިތުގައި އިމާމުވެ ދަމު ނަމާދުވެސްކޮށްފައެވެ.
އުވައިސްއަކީ ޒުވާން ޚަޠީބެކެވެ. ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ 2 ވަނަ ބެޗްގައި ބައިވެރިވެ އޭނާވަނީ ފާސްވެފައެވެ. މިހާރު އޭނާވަނީ ޚުޠުބާ ކިޔައި އިމާމުވެ ހުކުރުނަމާދުވެސް ކުރަން ފަށާފައެވެ.
އުވައިސް އަކީ ކީރިތި ޤުރުއާނަށް ވަރަށް ކުޑައިރުއްސުރެ ޝައުގުވެރިކަން ހުރި ކުއްޖެކެވެ. އެންމެ ފުރަތަމަ އޭނާ ޤުރުއާން ކިޔެވީ މާމަ ގާތުންނެވެ. އެއީ ޚަތިމް ކުރާށެވެ.
ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް އުވައިސް ފެށީ 2015 ވަނަ އަހަރުއެވެ. އެއީ، ރަށުން މާލެ އައިސް ގްރޭޑް 1 ގައި ކިޔަވަން ފެށި އަހަރެވެ. ގުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކުލާހަށް ވަދެ ފުރަތަމަ ދުވަސްކޮޅުހިތުދަސްކުރަން ވަރަށް އުނދަގޫވި ކަމަށް އުވައިސް ބުންޏެވެ. ފޮތެއް ދަސްކުރަން ދެމަސް ތިންމަސްވެސް ނެގިކަމަށް އުވައިސް ބުންޏެވެ.
އެހެން ނަމަވެސް ތަންކޮޅެއް އަވަހަށް ދަސްވާން ފެށުމުން އިތުރަށް ޝައުގުވެރިކަން އުފެދުނު ކަމަށް އުވައިސް ބުންޏެވެ.
"ގްރޭޑް 6 ގައި އުޅުނުއިރު ވަރަށް ފަސޭހައިން ދަސްވާންފެށި. އެއީ ކޮވިޑްތެރެވީމާ ގޭގައި ގިނަ ވަގުތު ދަސްކުރަން ލިބުނީމާ"
އުވައިސް އަށް އެންމެ ފަސޭހަވީ، ޤުރުއާނުގެ ފަހު 15 ފޮތް ދަސްކުރާށެވެ. މަހަކު ފޮތެއް ދެ ފޮތް ވެސް ދަސްކުރި ކަމަށް އޭނާ ބުންޏެވެ. އަދި ގުރުއާން ހިތުދަސްކޮށް އެއްކޮށް ނިންމާލީ ގްރޭޑް 6 ގައި އުޅުނު އިރުއެވެ.
ޤުރުއާން މުރާޖަޢާ ކުރުމުގެ މަސައްކަތް ފެށުނީ ދުވަސްކޮޅެއް ފަހުންނެވެ. އެއީ ދިމާވި ކަމެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ހަނދާންނެތިފަ ހުރީ ހުއްޓާލެވުނީމާ. އަލުން ފަށައިގެން ކޮމެޓީއަށް ދިއުމުގެ ކުރިން 8 މަސްދުވަސް މުރާޖަޢާ ކުރަން ހޭދަވި. ކޮމެޓީއަށް ދިޔައީ ރަނގަޅަށް މުރާޖަޢާ ކުރުމަށްފަހުގައި."
އުވައިސް މުޅި ޤުރުއާން އެކުގައި ކޮމެޓީއަށް ކިޔައިދިނީ، މިދިޔަ ނޮވެމްބަރު މަހުގެ 4 ން 15 އަށެވެ. ދުވާލަކު ފޮތެއް ދެފޮތެއްވަރު ކިޔައިދީ އެއްކޮށް ކިޔައިދީ ނިންމާލީ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާވަނީ ޙާފިޡު ކަމުގެ ސަނަދު ޙާޞިލްކޮށްފައެވެ.
ޙާފިޒުކަމުގެ ސަނަދު ޙާޞިލްކުރުން އުވައިސް އަށް މަރުޙަބާ ކިޔުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އުވައިސްއާއި ބައްދަލުކުރެއވިއެވެ. މި ބައްދަލުކުރެއްވުމުގައި އުވައިސްގެ މައިންބަފައިންވެސް ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިއްވަރު ދެއްވާ، ޤުރުއާނުގެ ޙުކުމްތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެންމެ މުހިއްމުކަމެއް ދޭންޖެހޭ ކަމަކީ ކީރިތި ޤުރުއާންގައި ހުރި ހުކުމްތަކަށް ޢަމަލުކުރުމާއި ކީރިތި ޤުރުއާންގައިހުރި ރިވެތި އަޚްލާޤަށް ތަބާވުމާއި އަދި ޤުރުއާން އުނގެނުމަށް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އަދި އަޙްމަދިއްޔަ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދުވެސް ވަނީ އުވައިސް އާއިއެކު މި ދިރާސީ އަހަރު ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޒުންނާއި ބައްދަލު ކުރައްވާ ހިތްވަރު ދެއްވާފައެވެ.
އުވައިސް ގްރޭޑް 1 ން 6 އަށް ތަޢުލީމް ޙާޞިލް ކުރީ ކަލާފާނު ސްކޫލްގައެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއިގުޅުނީ ގްރޭޑް 6 ގެ ދެވަނަ ސެމިސްޓާގައެވެ. މިހާރު އޭނާއަކީ ގްރޭޑް 10 ޖީގެ ދަރިވަރެކެވެ.
އުވައިސް ވަނީ ގުރުއާން މުބާރާތްތަކުން ތަފާތު ވަނަތައް ޙާޞިލް ކޮށްފައެވެ. ކަލާފާނު ސްކޫލްގެ އަދަބީ ފޯވަހިން ބޭއްވި ޤުރުއާން މުބާރާތާއި އަހަރީ ޤުރުއާން މުބާރާތުންވެސް ރަންވަނަތަކެއް ޙާޞިލް ކުރިއެވެ.
މީގެ އިތުރުން ޤައުމީ ޤުރުއާން މުބާރާތްތަކުންވެސް ވެސް ވަނީ ރަން ވަނަތަކެއް ޙާޞިލް ކޮށްފައެވެ. އޭގެ ތެރޭގައި:
- 2015 ގައުމީ ޤުރުއާން މުބާރާތުގެ 7 އަހަރުން ދަށުން ނުބަލާކިޔެވުމުން 3 ވަނަ (1436)
- 2019 ފަލާޙު އިންޓަރ ސްކޫލް ޤުރުއާން މުބާރާތް 1440 ވަނަ އަހަރު އުމުރުފުރައިން 2 ވަނަ
- އިއުފަވި އިންޓަރ ސްކޫލް ޤުރުއާން މުބާރާތް 1440 އުމުރުފުރައިން 1 ވަނަ
- 2022 ވަނަ އަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް އުމުރުފުރައިން 1 ވަނަ
- 2023 ވަނަ އަހަރު މާލެ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 16 އަހަރުންދަށުގެ އުމުރުފުރައިން 1 ވަނަ
- މުޅި މުބާރާތުން 3 ވަނަ
މީގެ އިތުރަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޤުރުއާން މުބާރާތުގެ ގްރޭޑް 7 އަދި ގްރޭޑް 8 ގެ ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ ވަނީ ލިބިފައެވެ.
އުވައިސް ވަނީ އަޙްމަދިއްޔާ ގްރޭޑް 8 ގައި ސްޓޫޑެންޓް ކައުންސިލް ގެ ގުރުއާން ކުލަބުގެ ޑެޕިޔުޓީ ލީޑަރު ކަމާއި ގްރޭޑް 9ގައި ލީޑަރ ކަމުގެ މަގާމް އަދާކޮށްފައެވެ.
އުވައިސް ކުރިއަށްދާން ބޭނުންވަނީ ކޮންދާއިރާއަކުން ބާވައެވެ.
" ބޭނުންވަނީ މަދީނާއަށްގޮސް އިސްލާމީ ތަޢުލީމް އުނގެނެން. ދީނުގެ ކަންތައް ދަސްކުރަން" އުވޭސް ބުންޏެވެ.