އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ" ގެ ފަރާތުން މިދިޔަ ނޮވެމްބަރ މަހުގެ 20 އިން 23 އަށް ބޭއްވި ސާނަވީ ހިޔާޢީދު 24-25 ގެ 1 ވަނައަށް ޖަނަވަރީ ހައުސް ހޮވިއްޖެއެވެ. މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމާއި ހިޔާ ޢީދު 24-25 ގެ ނަތީޖާ ފާޅުކުރުމަށް ރޭ އަޙްމަދިއްޔާ މާލަމުގައި ބޭއްވި ޖަލްސާ ގައި ތަށްޓާއި ހަނދާނީ ލިޔުން ދެއްވީ ޝަރަފްވެރި މެހްމާން ދިވެހިބަހުގެ އެކެޑަމީ ގެ ނާއިބުރައީސް ޒުލްފާ އިބްރާހީމާއި ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް ޢަލީ ޢާޞިމެވެ.
ޖަނަވަރީ ހައުސް 1 ވަނަ ހޯދީ މިދިޔަ ނޮވެމްބަރ މަހުގެ 20 އިން 23 އަށް އަޙްމަދިއްޔާގެ 4 ހައުސްގެ މެދުގައި ބޭއްވި 14 މުބާރާތުން ގިނަ މުބާރާތްތަކެއް ކާމިޔާބު ކޮށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ހައުސްތައް ވަނަ ހޮވުމުގައި ޕޮއިންޓް ދީފައިވާ ގޮތަކީ 1 ވަނަ އަށް 5 ޕޮއިންޓް ، 2 ވަނައަށް 3 ޕޮއިންޓް 3 ވަނައަށް 1 ޕޮއިންޓެވެ.

ޖަނަވަރީ ހައުސްއަށް 7 މުބާރާތުން 1 ވަނަ، 3 މުބާރާތުން 2 ވަނަ އަދި 3 މުބާރާތުން 3 ވަނަ ހޯދައިގެން ޖުމްލަ 47 ޕޮއިންޓް ލިބިފައިވެއެވެ.
2 ވަނަ އަށް ދިޔައީ، 40 ޕޯއިންޓް ހޯދައިގެން ކާމިނީ ހައުސް އެވެ. ކާމިނީ ހައުސް 5 މުބާރާތުން 1 ވަނަ، 4 މުބާރާތުން 2 ވަނަ، 3 މުބާރާތުން 3 ވަނަ ހޯދައިގެން ޖުމްލަ 40 ޕޮއިންޓް ލިބިފައިވެއެވެ.

3 ވަނަ ހައުސަކަށް ހޮވުނީ، ހުވަނދުމާ ހައުސެވެ. ހުވަނދުމާ ހައުސް ކާމިޔާބު ކުރީ، 1 މުބާރާތުން 1 ވަނަ އާއި 6 މުބާރާތުން 2 ވަނަ، 3 މުބާރާތުން 3 ވަނަ އެވެ. ހުވަނދުމާ ހައުސަށް ލިބުނީ 26 ޕޮއިންޓެވެ.

ހިޔާ ޢީދު 24-25 ގެ މުބާރާތްތަކުން ހައުސް ތަކަށް ވަނަ ލިބިފައިވާ ގޮތަކީ މަޒުމޫނު ލިޔުމުގެ މުބާރާތުން 1 ވަނަ ޗާންދަނީ ހައުސް، ކުރުވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނަ ޗާންދަނީ ހައުސް، އިރުޝާދުދޭ ލިޔުމުގެ މުބާރާތުން 1 ވަނަ ޖަނަވަރީ ހައުސް، އަތު ލިޔުމުގެ މުބާރާތުން 1 ވަނަ ހުވަނދުމާ ހައުސް، އަދަބީ ކުއިޒް މުބާރާތުން 1 ވަނަ ޖަނަވަރީ ހައުސް، ބަނދި ކިޔުމުގެ މުބާރާތުން 1 ވަނަ ކާމިނީ ހައުސް، ރައިވަރު ކިޔުމުގެ މުބާރާތުން 1 ވަނަ ކާމިނީ ހައުސް، ބައޮގްރަފީ ހުށަހެޅުމުގެ މުބާރާތުން 1 ވަނަ ކާމިނީ ހައުސް، ޚަބަރު ކިޔުމުގެ މުބާރާތުން 1 ވަނަ، ބަހުސް ކުރުމުގެ މުބާރާތުން 1 ވަނަ ޖަނަވަރީ ހައުސް، ސްޓޭޖް ޑްރާމާ މުބާރާތުން 1 ވަނަ ޖަނަވަރީ ހައުސް، ވީޑިއޯއަށް އަޑުއެޅުމުގެ މުބާރާތުން 1 ވަނަ ޖަނަވަރީ ހައުސް، ފާރު ނޫސް ލިޔުމުގެ މުބާރާތުން 1 ވަނަ ކާމިނީ ހައުސް، އަދި ސްޓޯލް ތައްޔާރު ކުރުމުގެ މުބާރާތުން 1 ވަނަ ޗާންދަނީ ހައުސް އެވެ.

ސާނަވީ ހިޔާ ޢީދު ގައި މިހާތަނަށް އެންމެ ކާމިޔާބު ހައުސަކީ ކާމިނީ ހައުސެވެ. 2010 ވަނަ އަހަރުން ފެށިގެން ހިޔާ ޢީދު ބޭއްވި 13 އަހަރުގެ ތެރެއިން 6 ފަހަރު ކާމިނީ ހައުސް 1 ވަނަ ހޯދާފައި ވެއެވެ. އެއީ 2010، 2011، 2015، 2017، 2018 އަދި 2019 ވަނަ އަހަރެވެ. ދެން އެންމެ ގިނަ އަހަރު 1 ވަނަ ހޯދާފައިވަނީ ޗާނދަނީ ހައުސެވެ. 4 އަހަރު ޗާނދަނީ ހައުސް 1 ވަނަ ހޯދާފައި ވެއެވެ. އެއީ، 2012، 2014، 2023 އަދި 2024 ވަނަ އަހަރެވެ. ޖަނަވަރީ ހައުސް 2013 ވަނަ އަހަރާއި 2024 ވަނަ އަހަރާއި 24-25 ވަނަ އަހަރާއެކު ޖުމްލަ 3 އަހަރު 1 ވަނަ ހޯދާފައި ވެއެވެ. ހުވަނދުމާ ހައުސް 1 ވަނަ ހޯދާފައިވަނީ 2016 ވަނަ އަހަރުއެވެ.