ޕްރިންސިޕަލް ގެ އިލްތިމާސަކީ، އަޙުމަދިއްޔާ މިއަށްވުރެވެސް ފަޚުރުވެރި ސްކޫލެއްގެ ގޮތުގައި ކުރިއަށް ގެންގޮސްދިނުން

ޕްރިންސިޕަލްގެ މިއަދުގެ އިލްތިމާސަކީ، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް، އަޙުމަދިއްޔާ މިއަށްވުރެންވެސް ފަޚުރުވެރި ސްކޫލެއްގެ ގޮތުގައި ކުރިއަށް ގެންގޮސްދިނުން ކަމަށާއި ތިޔަ އެންމެ ބޭފުޅުން އަތާ އަތް ގުޅާލައްވައިގެން، މިހާރަށްވުރެންވެސް ބުރަކޮށް މަސައްކަތް ކޮށްދެއްވުމަށް ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ޕްރިންސިޕަލް މިހެން ވިދާޅުވީ އަޙްމަދިއްޔާ 43 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައެވެ.

ޕްރިންސިޕަލް ވިދާޅުވީ  މި ފަޚުރުވެރި އަދި އެހާމެ އުފާވެރި އަހަރީ ދުވަސް، އަޅުގަނޑުމެން ފާހަގަ ކުރަމުން ގެންދާއިރު، އެންމެ ފާހަގަ ކޮށްލެވެނީ، މި ސްކޫލް މިހާހިސާބަށް އާދެވިފައި މިވަނީ، ވަރަށްގިނަ ހުރަސްތަކާ ކުރިމަތިލައި، އެ ހުރަސްތައް ގިރާކުރަން، އަޅުގަނޑުމެން އެންމެން ކުރި ބުރަ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުންކަމުގައެވެ.

މާލޭގެ ހަތަރު އަވަށުގައި ދާދި އެކުއެކީގައި ކަހަލަ ގޮތަކަށް ފެށިގެން އައި އަވަށު މަދަރުސާ ތަކުގެ ތެރެއިން، އަޙްމަދިއްޔާ މިއަދު މި އޮތް ފެންވަރަށް ގެނެވިފައި މިވަނީ، އަޅުގަނޑުމެން އެންމެން ޝާމިލްވެގެން، ކޮށްފައިވާ ވަރަށް ބުރަ މަސައްކަތެއްގެ ސަބަބުންކަމުގައި ޕްރިންސިޕަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހަތަރު ފަރާތުން، ބަލާލި ކޮންމެ ދިމާއަކުން، މިއަދު ވެސް އޮތް ގޮންޖެހުންތަކެއް ކުޑައެއް ނޫން. އެހެން ކަމުން، މި ދެންނެވި ޙަގީގަތްތައް ދެނެތިބެ، އަދި ދެކެތިބެ، އާ އުސްމިން ތަކަކަށް މި ސްކޫލް ކުރިއަށް ގެންދަން އޮތް ވަރުގަދަ ޢަޒްމު އެބަ އާކޮށް، އާލާކޮށް، ހިތްވަރުލާން އެބަޖެހޭ." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، މިކަން ކުރެވޭނީ، ސްކޫލާމެދު، ތިޔަ އެންމެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް ކުލުނާ، ލޯބި ތާޒާކޮށް އާރޯކޮށް ދެވިގެންކަމާއި  ބައިބައިނުވެ ޓީމެއްގެ ގޮތުގައި ދެމިތިބެވިގެންކަމުގައިވެސް ވިދާޅުވިއެވެ.

މިއުފާވެރި އަހަރީ ދުވަސް އަޅުގަނޑުމެން ފާހަގަ ކުރާއިރު، އަޅުގަނޑުގެ އެންމެ އިސް އެއްވާޖިބަކީ، މިސްކޫލް އުފެއްދުމަށް މިސްކޫލްގެ ބާނީ ކުރެއްވި ބުރަ މަސައްކަތްޕުޅު ހަނދާނަށް ގެނެސް އެމަނިކުފާނަށް ޝުކުރު ދެންނެވުންކަމާއި މާތްﷲ މިސްކޫލްގެ ބާނީ އަލްމަރްޙޫމް ޑީ. އަޙްމަދު ދީދީގެ ފުރާނަފުޅަށް ހެޔޮރަޙްމަތް ލައްވައި އެމަނިކުފާނަށް ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުމަށްއެދި ދުޢާ ދަންނަވާކަމުގައި ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

" މިއުފާވެރި ދުވަހުގެ ތަހުނިޔާ އަޙްމަދިއްޔާގެ އާއިލާއަށް ދަންނަވަމުން، މިސްކޫލަށްޓަކައި ތިޔަ އެންމެ ބޭފުޅުން ތިޔަ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅަށް ޓަކައި ޝުކުރު ދަންނަވަން. މި ޝުކުރުގައި ސްކޫލްގެ ވެރިންނާއި އެސް.އެމް.ޓީގެ ހީވާގި މެންބަރުންނާއި އަޙްމަދިއްޔާގެ ކުރީގެ ދަރިވަރުންގެ އެލަމްނައިގެ ހިންގާ ކޮމެޓީގެ ބޭފުޅުންނާއި މުދައްރިސުންނާއި އިދާރީ މުވައްޒަފުން ޝާމިލް ކުރަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

 

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *