އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ ޤުރުއާން މުބާރާތް ބާއްވައިފިއެވެ.
މި ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގައި މި ފެބުރުވަރީ މަހުގެ 26ން 27އަށް ބޭއްވި މި މުބާރާތުގައި ޖުމްލަ 57 ކުދިން ބައިވެރިވިއިރު، ނުބަލައި ކިޔުމުގެ ގޮފީގައި 4 ކުދިން އަދި ބަލައިގެން ކިޔުމުގެ ގޮފީގައި 53 ދަރިވަރުން ބައިވެރިވިއެވެ.
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ބާއްވާ މި މުބާރާތުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރުއާންކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖްވީދުމަގަށް ޤުރުއާން ކިޔެވުމަށާއި، ކީރިތި ޤުރުއާން އުނގެނުމުގެ ރޮނގުން ހިތްވަރުދިނުމެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ 3 ފަނޑިޔާރުންގެ މައްޗަށް އެކުލެވުނު ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މި ޕެނަލްގައި ތިއްބެވީ މި ސްކޫލްގެ ޤުރުއާން ޑިޕާޓްމަންޓުގެ ހެޑް ރިޒްނާ އިބްރާހީމް އާއި ޤުރުއާން ޓީޗަރު މަރިޔަމް ނުޝްރަތުގެ އިތުރުން ސާނަވީ އިސްލާމް މުދައްރިސް ޖައުފަރު މުޙައްމަދެވެ.
މި މުބާރާތުގެ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފިން ވެސް ކޮންމެ ގްރޭޑަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައާއި، މުޅި މުބާރާތުން ދެ ގޮފި އެއްކޮށް އެއްވަނަ، ދެވަނަ އަދި ތިންވަނަ ދަރިވަރު ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހައުސް ވެސް ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.