ސަލްމާން މިސްކިތުގައި އިމާމުވެ ތަރާވީސް ކުރުމަށް އަޙްމަދިއްޔާގެ ދަރިވަރު އަޙްސަން

ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ އެއް ބިނާ ކަމަށްވާ މަސްޖިދު މަލިކި ސަލްމާން (ސަލްމާން މިސްކިތު) ގައި އިމާމުވެ ތަރާވީސް ނަމާދުކުރުމުގެ ފުރުޞަތު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 9އީގެ ދަރިވަރު އަލް ޙާފިޒް ޢަބްދުﷲ އަޙްސަން ސަޢީދަށް ލިބިއްޖެއެވެ.

ސަލްމާން މިސްކިތުގައި މިއަހަރު އިމާމުވެ ތަރާވީސް ނަމާދުކުރަން ހޮވާފައިވާ 4 ޙާފިޒުންގެ ތެރެއިން އެންމެ ޒުވާން ޙާފިޒް އަޙްސަނަކީ ދެ ދައްތައިންނާ ވާދަކުރުމުގެ ގޮތުން ޙާފިޒަކަށް ވުމަށް މަސައްކަތް ފެށި ދަރިވަރެކެވެ. އޭނާ މިއަދު އެ ވަނީ ލަނޑުދަނޑި ޙާޞިލްކޮށް، އަޙްމަދިއްޔާ އާއިލާ އާއި އަމިއްލަ އާއިލާ ފަޚުރުވެރިކޮށްދީފައެވެ.

"އަޅުގަނޑު ޙާފިޒަކަށް ވާން އެންމެ ބޮޑަށް ޝައުގުވެރިކަން އުފެދުނީ އަޅުގަނޑުގެ ބޮޑަށް ތިބި ދެ ދައްތައިން ވެސް ހާފިޒާއިން ކަމަށް ވުމުން، އެ މީހުންނާ ވާދަކޮށް، އެ މީހުންނަށް ވުރެ ކުށްމަދުކޮށް ރީތިކޮށް ކީރިތި ޤުރުއާން ދަސްކުރަން. އަދި ޙާފިޒުންނަށް އުޚުރަވީ ގޮތުން ލިބޭ ފައިދާތައް މަންމަމެން ކިޔައިދިނުމުން ވެސް ވަރަށް ޙާފިޒަކަށް ވާހިތްވި." އަޙްސަން ބުންޏެވެ.

ސަލްމާން މިސްކިތް ފަދަ ބޮޑު މިސްކިތެއްގައި އިމާމުވެ ތަރާވީސް ނަމާދުކުރުމުގެ ފުރުޞަތު އެހާ ޅައުމުރުގައި ލިބުމުން ނިކަން އުފާވެފައިހުރި އަޙްސަން ބުނީ އޭނާ ޙާފިޒަކަށް ވާން މަސައްކަތް ފެށީ އުމުރުން އެންމެ 6 އަހަރުގައި އަމިއްލައަށް އެކަމަށް ޝައުގުވެރިކަން އުފެދިގެން ކަމަށާއި، އާއިލާ އާއި އަޙްމަދިއްޔާއިން އޭނާގެ މި އުއްމީދު ޙާޞިލްކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

އަޙްސަންގެ އާއިލާ އިންޑިއާގައި ދުވަސްކޮޅަކު ދިރިއުޅުމަށް ފަހު 2018 ވަނަ އަހަރު އެނބުރި މާލެއައިސް،  2019 ވަނަ އަހަރުގެ މަހު ޙިފްޒު ކުލާހާ އޭނާ ގުޅުނެވެ. އަދި 9 އޮކްޓޫބަރު 2023ގައި ޙިފްޒުކޮށް ނިންމިއެވެ. އެއަށްފަހު، 10 އޮކްޓޫބަރު 2023ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުރާޖަޢާ ކުލާހުގައި ބައިވެރިވެ މުރާޖަޢާ ކުރުމުގެ މަސައްކަތް 20 ނޮވެންބަރު 2024ގައި ނިންމައި މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އަޙްސަން ޙިފްޡް ކޮމިޓީއަށް ކިޔައިދީ ނިންމައި  ޙާފިޒު ކަމުގެ ސަނަދު ޙާޞިލްކުރިއެވެ.

އެއްވަނަ ދަރަޖައިގައި ފާސްވެ ޙާފިޒު ކަމުގެ ސަނަދު ހޯދާފައިވާ އަޙްސަން ވަނީ 2022 ވަނަ އަހަރު ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އުމުރުފުރާއިން 3ވަނަ، އަދި ހަމަ އެ އަހަރު އިޔާރު ޤުރުއާން މުބާރާތުން އުމުރުފުރާއިން 2 ވަނަ ޙާޞިލްކޮށްފައެވެ.

އުމުރުން އެންމެ 14 އަހަރުގެ އަޙްސަންގެ އުއްމީދަކީ މިއަންނަ އަހަރު އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީޙް ނަމާދުކުރުުގެ ފުރުޞަތު ލިބުމެވެ.

ޤުރުޢާން ހިތުދަސްކުރަން ބޭނުންވާ ކުދިންނަށް އަޙްސަން ދޭން ބޭނުންވާ ނަސޭހަތަކީ، ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެން މަސައްކަތް ފެށުމަށެވެ. އެ ގޮތުން އެ އަމާޒަށް ވާސިލްވާން ގަދައަޅައި މަސައްކަތްކޮށްފިނަމަ، ކާމިޔާބު ލިބޭނެކަމެވެ.

އަޙްމަދިއްޔާގެ ގްރޭޑް9ގެ ދަރިވަރު އަޙްސަނަށް ސަލްމާން މިސްކިތުގައި އިމާމްވެ ތަރާވީސް ނަމާދުކުރުމުގެ ފުރުޞަތު ލިބިފައިވާއިރު، އެ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަލް ޙާފިޒު އުވައިސް ބިން އިނާޒަށް ވަނީ މިއަހަރު އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީޙް ނަމާދުކުރުމުގެ ފުރުޞަތު ލިބިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *