އާރޓިކަލް 1 : އެންމެހައި ރިވެތި އަޚްލާޤެއްގެ މަޞްދަރަކީ ޤުރުއާނާއި ސުންނަތެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މުސްލިމެއްގެ ރިވެތި އަޚްލާޤަކީ އެސުލޫކިއްޔާތެއް ޤުރުއާނާއި ސުންނަތުގެ މައްޗަށް ބިނާވެގެންވާ، އިންސާނާގެ ނަފްސިއްޔާތު އެއާދަތަކެއްގެ މައްޗަށް  ތަބާވެގެންވާ ޢަމަލުތަކެކެވެ. އެއީ ﷲ އާއި އެމުސްލިމް މީހާއާ ދެމެދުގައިވިޔަސް، އަދި އޭނާ އާ އަނެއް އިންސާނާއާ ދެމެދުގައިވިޔަސް އަދި މުޅި މުޖްތަމަޢާ ގުޅޭ ގުޅުމުގައިވިޔަސް މުސްލިމްމީހާގެ އުޅުމާއި ގުޅުމާއި އާދަތައް ބިނާވާންޖެހޭނީ ރިވެތި އަޚްލާޤިއްޔާތުގެ މައްޗަށެވެ.

މުޅި އިންސާނިއްޔަތަށް ނަމޫނާ އަޚްލާޤުގެ ވެރި ބޭކަލަކީ އެންމެފަހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿ وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ ﴾ القلم:4]  މާނައީ: "އަދި ހަމަކަށަވަރުން ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." މާތްވެގެންވާ ނަބިއްޔާ އަޚްލާޤުފުޅުގެ މަތިވެރިކަން މިއާޔަތުން ހާމަކޮށްދެއެވެ. އަދި ޢާއިޝާ رضي الله عنها އެކަލޭގެފާނުގެ ޚުލުޤުފުޅާ މެދު ވިދާޅުވިއެވެ: ((كَانَ خُلُقُهُ القُرآنُ)) މާނައީ: "އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ޤުރުއާން ކަމުގައި ވިއެވެ."

އަލްއިމާމް އަންނަވަވީ ޞަޙީޙް މުސްލިމްގެ ޝަރަޙައިގައި ވިދާޅުވިއެވެ: "މިޙަދީޘްގައި އެވާ މާނައަކީ، އެކަލޭގެފާނު އެޤުރުއާނަށް ޢަމަލުކުރައްވާ ވާހަކައެވެ. އަދި އޭގެ އިމުން ބޭރުވެވަޑައި ނުގަންނަވައެވެ. އަދި އޭގައިވާ އަދަބުތަކުން އަދަބުވެރިވެ ވަޑައިގަންނަވައެވެ. އަދި އޭގައިވާ މިސާލުތަކުންނާއި ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރައްވައެވެ. އަދި އޭގެ މާނައާމެދު ފުންކޮށް ވިސްނަވާ ވަޑައިގަންނަވައެވެ. އަދި އެޤުރުއާނު ފުރިހަމައަށް ރީތިކޮށް ތިލާވަތުކުރައްވައެވެ."

"ޖާމިޢުލް ޢުލޫމި ވަލްޙިކަމް" ގައި އިބްނު ރަޖަބް ވިދާޅުވިއެވެ: މާނައީ އެނަބިއްޔާ صلى الله عليه وسلم އޭގައިވާ (އެޤުރުއާނުގައިވާ) އަދަބުތަކާއި އެއްގޮތަށް އަދަބުވެރިވެ ވަޑައިގަންނަވައެވެ. އަދި އޭގައިވާ އަޚްލާޤުން އަޚްލާޤު ހޯއްދަވައެވެ. އަދި އެޤުރުއާނުގައި ރުހޭކަން އޮތް ކަންކަމަށް ރުހިވަޑައިގަންނަވައެވެ. އަދި އެޤުރުއާނުގައި ނަފްރަތު އައިސްފައިވާ ކަންކަމަށް ނަފްރަތު ކުރައްވައެވެ.

މާނައަކީ ޤުރުއާނުގައި އައިސްފައިވާ އަމުރުފުޅުތަކަށް ރުހިވަޑައިގެން އެއަށް ޢަމަލުކުރައްވައެވެ. އަދި ޤުރުއާނުގައިވާ ނަހީތަކާއި މަނާކުރެވިފައިވާ ކަންކަމަށް ރުހިވަޑައިނުގަންނަވައެވެ. އަދި އެނުރުހުންތެރިކަމާއެކު އެކަންކަމުން ދުރުހެލިވެ ވަޑައިގަންނަވައެވެ. އަދި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުތަކާމެދު ރުހިވަޑައިގެން އެކަން ޙާޞިލުކުރެއްވުމަށް ނުހަނު ލޯބިކުރައްވައެވެ. އަދި ނަރަކައިގެ ވަޢީދުތަކާއި އެކަމުގެ ޢަޛާބާމެދު ނަފްރަތު ކުރައްވާ އެތަނަށް ގެންގޮސްދޭނެ އެންމެހައި ކަންކަމަށް ނަފްރަތު ކުރައްވައި، އެކަންކަމުން ނުހަނު ބޮޑަށް ދުރުހެލިވެ ވަޑައިގަންނަވައެވެ. އަދި އެހެންމީހުންނަށް އެފަދަ އެންމެހައި ކަންކަމެއްގެ އިންޒާރު އަބަދުމެ ގެންދެވީ އަންގަވަމުންނެވެ.

ވީމާ އެކަލޭގެފާނު صلى الله عليه وسلم ގެ އަޚްލާޤުގައި ސިފަފުޅު ޖެއްސެވުމަށްޓަކައި ޙާޞިލުކުރެއްވި އެންމެހައި ކަމެއް ޙާޞިލު ކުރެއްވީ ޤުރުއާނުންނެވެ. އެކަމެއް ރަނގަޅު ކަމަށް ބަޔާންކުރައްވައި އެކަމަކަށް ޘަނާގެ ބަސްފުޅު އައިސްފިނަމަ އަދި އެކަމަކަށް ތަބާވުމަށް އޭގައި ގޮވާލެވިއްޖެނަމަ އެޢަމަލަކުން އެކަލޭގެފާނު ޒީނަތްތެރިވެ ވަޑައިގަންނަވައެވެ. އަދި އެޤުރުއާން އެކަމަކާއި އެއްބަސްނުވާ އަދި ނަހީކޮށް މަނާކުރެއްވި ކަމެއް ނަމަ އެކަމަކުން އެނަބިއްޔާ ދުރުހެލިވެވަޑައިގެން އެކަމުން މުޅީންހެން އެކަހެރިވެވަޑައިގަންނަވައެވެ. ވީމާ ޤުރުއާން މުޅިންހެން އެބަޔާންކޮށްދެއްވަނީ ނަބިއްޔާ ގެ އަޚްލާޤެވެ.

އަޅަމެންނީ އެޤުރުއާނުން އަޅަމެންގެ އަޚްލާޤު ބައްޓަންކުރާ ބައެއް ކަމުގައި ލައްވާށި! އާމީން

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

2 Responses

  1. ގިނަ މަޢުލޫމާތު ތަކެއް ލިބިއްޖެ. ގިނަގިނައިން މިކަހަލަ ދީނީ ލިޔުންތަކަށް އިންތިޒާރު ކުރަން.

  2. ތައުފީޤު ސަރ އަކީ ވަރަށް މޮޅު ލިޔުންތެރިއެއް. ކިޔަވައިދެއްވުމަށް އެފަދަ ދެވަނައެއްނެތް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *