الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އިސްލާމްދީން ބިނާވާ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނަކީ ރަމަޟާން މަހުގައި، އެމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެފަހު ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު ރޯދައަށް ހުރުމެވެ. އޭގެ މާނައަކީ ރޯދަ ގެއްލޭނެ ކަމަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އެންމެހައި ކަމަކުން އެއިން ކޮންމެ ދުވަހެއްގައިވެސް ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ދުރުހެލިވެ އެކަންކަން ކުރުމުން ރައްކާތެރިވެގެން ހުރުމެވެ. އެއީ ކެއުމާއި ބުއިމާއި ޖިންސީ ޣަރީޒާ ޙާޞިލުކުރުމުން މީހާ ދުރުހެލިވެގެން ހުރުމެވެ. އޭނާގެ މަޢިދާއާއި ޖިންސީ ގުނަވަން ﷲ އެންގެވި ފަދައިން، ކަންކަމުން ހުއްޓުވާ އެގުނަވަންތައް ރޯދައަށް ބެހެއްޓި ފަދައިން، އޭނާގެ އެހެނިހެން ގުނަވަންތައްވެސް ﷲ އަށް ކިޔަމަންތެރިކޮށް ރޯދައަށް ބަހައްޓާންވާނެއެވެ. އޭނާގެ ދޫ ނުބައި ބަސްތަކުން ސަލާމަތްކޮށް ރޯދައަށް ބަހައްޓަންވާނެއެވެ. އޭނާގެ ކަންފަތް ނުބައި ތަކެތި އަޑުއެހެމުން ރައްކާތެރިކޮށް އެކަންފަތް ރޯދައަށް ބަހައްޓަންވާނެއެވެ. އަދި އޭނާގެ ލޯ ނުބައި ބެލުންތަކުން ރައްކާތެރިކޮށް އެލޯވެސް ރޯދައަށް ބަހައްޓަންވާނެއެވެ.
ބުޚަރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((مَنْ لَـمْ يَدَعْ قَوْلَ الزُّورِ والعَمَلَ بِهِ ، فَلَيسَ لِلَّهِ حَاجَةٌ بِأَنْ يَدَعَ طَعَامَهُ وشَرَابَهُ)) މާނައީ: [ދޮގު ވާހަކަތައް ދެއްކުމާއި ބާޠިލުގޮތަށް ޢަމަލުކުރުން ދޫކޮށް ނުލާ މީހަކު އޭނާގެ ކެއުމާއި ބުއިން ދޫކޮށްލުމަކަށް ﷲ އަށް އެކަމުގެ އެއްވެސް ޙާޖަތެއް ނުވެއެވެ.] މާނައީ އެއީ ﷲ އެމީހެއްގެ ރޯދައިން އެދިވޮޑިގަންނަވާ ގޮތެއް ނޫންކަމެވެ. ރޯދައަށް ހުންނަނީ ކަމަށް ބުނެ ކެއުމާއި ބުއިން ދޫކޮށްލައި، ދުލުން ކުރާ ނުބައި ޢަމަލުތަކުން އޭނާ ދުރުހެލި ނުވާނަމަ، އެއީ ކީއްކުރަން ހިފާ ރޯދައެއް ހެއްޔޭ ބުނެވޭ ކަހަލައެވެ. އެރޯދައިގެ ފައިދާއަކީ ކޮބައިހެއްޔޭ އަހާ ފަދައެވެ. އެއިން ލިބެން އޮތް ޘަވާބާއި ދަރުމައަކީ ކޮބައިހެއްޔޭ އަހާފަދައެވެ. ޝައްކެއްވެސް ނެތެވެ. އެކަމުގެ ސަބަބުން އޭނާގެ ރޯދައިގެ ޘަވާބުން ބޮޑުބައެއް އުނިވެގެން ހިގައިދާނެއެވެ.
އިމާމް ބައިހަޤީ، ޝުޢަބުލް އީމާން ގައި ރިވާކުރެއްވި އަޘަރެއްގައި ޞަޙާބީ ޖާބިރު ބުން ޢަބްދިﷲ އަލްއަންޞާރީ رضي الله عنه ވިދާޅުވިއެވެ: [ތިބާ ރޯދައަށް ހުރެއްޖެނަމަ ފަހެ އޭނާގެ ކަންފަތާއި އޭނާގެ ލޮލާއި އޭނާގެ ދޫ ދޮގުތަކުންނާއި ޙަރާމް ކަންކަމުން ދުރުކޮށް ރޯދައަށް ހުންނަހުށިކަމެވެ. އަދި އަވައްޓެރިޔާއަށް އުނދަގޫ ކުރުން ދޫކޮށްލާހުށިކަމެވެ. އަދި ތިބާގެ މައްޗަށް މަޑުމޯޅިކަމާއި ހަމަހިމޭންކަން ގެނުވާ އެއްޗަކަށް އެރޯދަ ހަދާހުށިކަމެވެ. އަދި ތިބާގެ ރޯދައިގެ ދުވަހާއި ރޯދައަށް ނުހުންނަ ދުވަހާއި އެއްވަރު ނުކުރާށެވެ.]
ފަހެ، ރަމަޟާން މަހަކީ މަތިވެރިވެގެންވާ މަހެކެވެ. ބަރަކާތްތެރި މަހެކެވެ. އެއީ ރޯދަހިފުމާއި ރޭއަޅުކަމުގައި ޤާއިމްވުމާއި ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކުރުމާއި ޤުރުއާން ތިލާވަތު ކުރުމުގެ މަހެވެ. އެއީ ފާފަ ފުއްސެވުން ލިބޭ، ނަރަކައިން މިންޖުކުރެވޭ މަހެވެ. މީހުންނަށް އިޙްސާންތެރިވުމާއި ޞަދަޤާތް ދިނުމުގެ މަހެވެ. އެއީ އެމަހެއްގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާ މަހެވެ. ހެޔޮކަންކަމުގެ ޘަވާބާއި ދަރުމަ އެތަކެއް ގުނަޔަކަށް އުފުލިގެންދާ މަހެވެ. ބޭކާރު ބަސްތަކުން ދޫތައް ރައްކާތެރި ކޮށްދޭ މަހެވެ. އެމަހެއްގައި ދުޢާތައް އިޖާބަވާ މަހެވެ. ރޯދަވެރިޔާގެ ދަރަޖަތައް އުފުލިގެންދާ މަހެވެ. ނުބައި ފާފަތައް ފުހެވިގެންދާ މަހެވެ. ﷲ ގެ ދީލަތިވަންތަކަން އިތުރުކޮށްދެއްވާ މަހެވެ. އެއީ އެމަހެއްގައި އެއްކޮށް ރޯދައަށް ހުރެއްޖެ ނަމަ އޭގެ ކުރީގައި ކުރެވިފައިވާ ފާފަތަކުގެ ކައްފާރާއަކަށް ހަދައިދޭ މަހެވެ. އެއީ އެމަހެއްގައި އެއްހާސް ރެއަށްވުރެ ހެޔޮކަން ބޮޑު ރެއެއް ވާ މަހެވެ. އެއްހާސް މައްސަރުގައި ކުރާ ހެޔޮޢަމަލުތަކަށްވުރެ އެރެއެއްގައި ކުރެވޭ ޢަމަލުގެ ޘަވާބު ގިނަގުނަވެގެންވާ ބަރަކާތްތެރި ރޭ އޮންނަނީ އެމަހުގެ ތެރޭގައެވެ. އެމަހުގެ ފަހު ދިހައިގެ ތެރޭގައެވެ. އެމަހެއްގެ ހެޔޮކަން އެމީހަކަށް ގެއްލިއްޖެ ނަމަ ފަހެ އެއީ ބޮޑު އަބާއްޖަވެރިއެކެވެ. އެއީ އެމަހެއް ކައިރިވުމުންވެސް މުއުމިންތަކުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނުވާ އެބައިމީހުންނަށް އުފާވެރިކަން ގެނުވާނޭ މަހެކެވެ.
ރަމަޟާން މަހުގެ މައިގަނޑު އަޅުކަމަކީ މުޅި މަހުގައި ރޯދައަށް ހުރުމެވެ. އެއީ ވަރަށްވެސް މާތްވެގެންވާ އަޅުކަމެކެވެ. އިމާމް ނަސާއީ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: އަބޫ އުމާމާ رضي الله عنه ވިދާޅުވިއެވެ: ތިމަން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލާއެވެ. އެކަމަކުން ﷲ ތިމަންނާއަށް ފައިދާ ކޮށްދެއްވާނޭ ކަމަކަށް ތިމަންނާއަށް އަމުރު ކުރައްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ((عَلَيْكَ بِالصَّوْمِ فَإِنَّهُ لاَ مِثْلَ لَهُ)) މާނައީ: [ތިބާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއާ އެއްފަދަ ކަމެއް ނުވެއެވެ.]
ރޯދައިގެ މާތްކަން އެނގޭ އަނެއް ގޮތަކީ އެރޯދައަކީ ޤިޔާމަތްދުވަހުން އެރޯދަ ހިފާމީހަކަށް ޝަފާޢަތްތެރިވާނޭ ޢަމަލެކެވެ. އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((الصِّيَامُ وَالقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ القِيَامَةِ، يَقُولُ الصِيَامُ: أَيْ رَبِّ مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ، فَشَفِّعْنِي فِيهِ، وَيَقُولُ القُرْآنُ: مَنَعْتُهُ النَّومَ بِاللَّيْلِ فَشَفِّعْنِي فِيهِ قَالَ: فَيَشْفَعَانِ)) މާނައީ: [ޤިޔާމަތްދުވަހުން ރޯދައާއި ޤުރުއާން އަޅާއަށް ޝަފާޢަތްތެރިވާނެތެވެ. ރޯދަ ބުނާނެއެވެ: އޭ ވެރިއިލާހެވެ. ތިމަން އޭނާއަށް ކެއުމާއި ޝަހުވަތްތައް ދުވާލު ގަޑީގައި މަނާކުރީމެވެ. އޭނާއަށް ތިމަންނާ ޝަފާޢަތްތެރިވުމަށް އިޛުނަ ދެއްވާށިއެވެ. އަދި ޤުރުއާން ބުނާނެއެވެ: ތިމަން އޭނާއަށް ރޭގަނޑުގެ ނިދި މަނާކުރީމެވެ. ފަހެ ތިމަންނާ އޭނާއަށް ޝަފާޢަތްތެރިވުމުގެ އިޛުނަ ދެއްވާށިއެވެ. ޙަދީޘްކުރެއްވިއެވެ: ދެންފަހެ އެދޭތި ޝަފާޢަތްތެރިވާނެއެވެ.]
އައްނަސާއީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ، فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفَتَّحُ فِيهِ أَبْوَابُ السَّمَاءِ وَتُغَلَّقُ فِيهِ أَبْوَابُ الْجَحِيمِ)) މާނައީ: [ތިޔަބައިމީހުންގެ ގާތަށް ބަރަކާތްތެރި ރަމަޟާން މަސް އަތުވެއްޖެއެވެ. އެމަހުގެ ރޯދަހިފުން ﷲ ޢައްޒަ ވަޖައްލަ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުތަކުގެ ދޮރުތައް ހުޅުވޭހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭހުއްޓެވެ.]
ރަމަޟާން މަހާއި އެރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
އާރޓިކަލް 61