އަންޖަލް ކުލަކުރަން ބޭނުންވާ ހުވަފެނަކީ މިއީ!

ކޮންމެ މީހަކީ ވެސް ދިރިއުޅުމާ މެދު ނުހަނު ފޮނި އުންމީދުތަކެއް ކުރާނޭ މީހެކެވެ. ނުހަނު ފޮނި ހުވަފެންތަކެއް ދެކި، އެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް މަސައްކަތްކުރާނޭ މީހެކެވެ. އެއީ އިންސާނީ ފިޠުރަތެވެ. އެ ފިޠުރަތު އޭނާ ލަވަމުން ގެންދާ މިސްރާބަކީ އެއީއެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ކެޕްޓަން އަންޖަލް މުޙައްމަދު އަގީލަކީ ވެސް އެހެން މީހުންނެކޭ އެއްފަދައިން އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ހިއްވަރާއެކު މިންނެތްކުރަމުންދާ ތޫނުފިލި މޮޅު ދަރިވަރެކެވެ. ގްރޭޑް 7 ގައި ކިޔަވަމުން ދިޔައިރު ދެކެންފެށި މި ހުވަފެން ހަގީގަތަކަށް ހެދުމަށް އަންޖަލް އެ ދަނީ އުއްމީދާއެކު ކެނޑިނޭޅި ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ކިޔެވުމާ އެއްވަރަށް އިތުރު ޙަރަކާތްތަކުގައި ވެސް ވިދުންގަދަ އަންޖަލް އަކީ އަހުމަދިއްޔާ އެ ދަރިވަރަކަށްޓަކައި ފަޚުރުވެރިވާ ފަދަ ދަރިވަރެކެވެ. އިބްތިދާއީ މަރުހަލާއިން ފެށިގެން ކިޔެވުމުން މަތީ ވަނަތައް ޙާޞިލްކުރަމުންދާ އަންޖަލް ވަނީ އެތުލެޓިކްސް އާއި އިނގިރޭސި އަދި އަދަބީ ޙަރަކާތްތަކުން ވެސް ރަންވަނަތަކެއް ޙާޞިލްކޮށްފައެވެ. އެ ގޮތުން އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 80 މީޓަރުގެ ރިލޭއިން ޖެހިޖެހިގެން ތިން އަހަރު އަންޖަލް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި 2015 ވަނަ އަހަރު އޭނާ ވަނީ ކަލަރސް އެވޯޑު ވެސް ޙާޞިލްކޮށްފައެވެ. ބަންޖާއި ރައިވަރު ކިޔުމަށް އެފަދަ ދެވަނައެއް ނެތް އަންޖަލް ވަނީ އެ މުބާރާތްތަކުގެ އިތުރުން އިނގިރޭސި ހަފުތާގެ ވާހަކަދެއްކުމުގެ މުބާރާތުން ވެސް އެއްވަނަ ހޯދާފައެވެ.

"އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 80 މީޓަރުގެ ރިލޭއިން ޖެހިޖެހިގެން ތިން އަހަރު އަންޖަލް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި 2015 ވަނަ އަހަރު އޭނާ ވަނީ ކަލަރސް އެވޯޑު ވެސް ޙާޞިލްކޮށްފަ. ބަންޖާއި ރައިވަރު ކިޔުމަށް އެފަދަ ދެވަނައެއް ނެތް އަންޖަލް ވަނީ އެ މުބާރާތްތަކުގެ އިތުރުން އިނގިރޭސި ހަފުތާގެ ވާހަކަދެއްކުމުގެ މުބާރާތުން ވެސް އެއްވަނަ ހޯދާފަ."  

މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު ތާޖުއްދީން ސްކޫލުން އަޙްމަދިއްޔާ ސްކޫލާ ގުޅުނު އަންޖަލް ވަނީ ރާއްޖޭގެ އަސްދަނޑިން ބޭރުން މެލޭޝިޔާގައި ވެސް އޭނާ ކިޔެވި ސްކޫލްތަކާއި، ދިވެހީން ފަޚުރުވެރިވާ ފަދަ ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައެވެ. އެންމެ ފާހަގަކުރެވޭ ކާމިޔާބީ އަކީ 2018 ވަނަ އަހަރު ވޯލްޑް ސްކޮލަރސް ކަޕްގައި ވާދަކޮށް 10 މެޑަލް ހޯދުންކަން އަންޖަލް ފާހަގަކުރިއެވެ. މީގެ އިތުރުން މެލޭޝިޔާގައި ބޭއްވި ގަރލްގައިޑް ކޭމްޕެއްގައި ބައިވެރިވެ އެ ކޭމްޕްގެ ހުރިހާ ބައިވެރިންގެ ތެރެއިން އޯވަރޯލް ޕަރފޯމެންސް އިން އަންޖަލް ވަނީ 2 ވަނަ ހޯދާފައެވެ. މިއީ ވަރަށް ފޮނި އިޙްސާސްތަކެއް ލިއްބައިދޭ އަދި އެކަމާ މެދު ނުހަނު ފަޚުރުވެރިވާ ކާމިޔާބީތަކެއްކަން އޭނާ އުފަލާއެކު ފާހަގަކުރިއެވެ.

 

" ރާއްޖެއިން ބޭރުގައި އަންޖަލް ހޯދި އެންމެ ފާހަގަކުރެވޭ ކާމިޔާބީ އަކީ 2018 ވަނަ އަހަރު ވޯލްޑް ސްކޮލަރސް ކަޕްގައި ވާދަކޮށް 10 މެޑަލް ލިބުން. މީގެ އިތުރުން މެލޭޝިޔާގައި ބޭއްވި ގަރލްގައިޑް ކޭމްޕެއްގައި ބައިވެރިވެ އެ ކޭމްޕްގެ ހުރިހާ ބައިވެރިންގެ ތެރެއިން އޯވަރޯލް ޕަރފޯމެންސް އިން އަންޖަލް ވަނީ 2 ވަނަ ހޯދާފަ."

 

އަންޖަލްގެ ދުވަހީ ތާވަލުގައި އޭނާ ފިލާވަޅުތައް މުޠާލިއާ ކުރުމަށް ޚާއްޞަކޮށްފައިވާ ވަގުތަކީ ރޭގަނޑު 8 ން 10 އަކަށެވެ. އެ ގޮތުން ކޮންމެ ރެއަކު ދެ މާއްދާއެއް މުޠާލިޢާކުރާއިރު، އެ ފިލާވަޅުތަކުގެ ނޯޓްސް ހަދައި އެ ނޯޓުތަކާ ބެހޭ އިތުރު މައުލޫމާތު އިންޓަރނެޓުން ހޯދާ ކަމަށް އަންޖަލް ބުނެއެވެ. އަދި އޮޅުންއަރާ ފިލާވަޅުތައް މުދައްރިސުންނާ ސުވާލުކޮށްގެން އޮޅުންފިލުވާ ކަމަށާއި މުދައްރިސުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ވެސް އަންޖަލް ފާހަގަކުރިއެވެ. އަންޖަލް ބުނާ ގޮތުން އެހެން ސްކޫލްތަކާ އަހުމަދިއްޔާ ތަފާތުވާ ކަމަކީ ވެސް ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ކަށިން ހިއްވަރު ނެރެ، މެނޭޖްމަންޓާއި މުދައްރިސުން ކުރަމުންދާ ބުރަ މަސައްކަތެވެ. މިހާތަނަށް އަންޖަލް އެއްވެސް ގޮތަކަށް ޓިއުޝަން ނަގާފައިނުވާއިރު، އޭނާ ބުނާ ގޮތުން އިންޓަރނެޓު ފަދަ ވަޞީލަތްތަކުގެ އެދެވޭ ބޭނުންހިފައިގެން އެކަށީގެންވާ ވަރަށް މަސައްކަތްކުރެވިއްޖެ ނަމަ، ކިޔެވުމަށް މޮޅު ތޫނުފިލި ދަރިވަރުންނަށް ޓިއުޝަން ނުނަގައި ވެސް އެންމެ މަތީ ވަނަ ހޯދިދާނެއެވެ. ދަރިވަރުންގެ އިސްވާރުގެ ހައިސިއްޔަތުން އެހެން ދަރިވަރުންނަށް އަންޖަލް ދޭން ބޭނުންވާ މެސެޖަކީ އިތުރު ހަރަކާތްތަކުގައި އުޅެމުން ވެސް ކިޔެވޭނޭ ކަމާއި އަޒުމެއް އޮވެގެން މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނޭކަމެވެ.

އަންޖަލް ބުނާ ގޮތުން އަހުމަދިއްޔާ ސްކޫލްގެ ކެޕްޓަނަށް ވުމަކީ އޭނާ އެއްވެސް ވަރަކަށް އުއްމީދުކުރި ކަމެއް ނޫނެވެ. އެއީ ލިބުނު ވަރަށް ބޮޑު "ސަޕްރައިޒް"އެކެވެ. އަންޖަލް ބުނީ "އަޅުގަނޑު ގްރޭޑް 9 އާ ހަމައަށް އައި އިރުވެސް ނުވިސްނަން ކެޕްޓަންކަން ފަދަ ބޮޑު މަގާމެއް ލިބިދާނެ ކަމަކަށް. އޭރު އުއްމީދުކުރީ ހައުސް ކެޕްޓަން ކަހަލަ މަގާމަކަށް. އެކަމަކު ގްރޭޑް 9 ގެ ފަހު ޓާމުގަ ކައިރީގަ އުޅުނު ކުދިންނާ ބައެއް ޓީޗަރުން ވެސް ކިޔަން ފަށައިފި އަންޖަލް ކުރިމަތިލާންވީ ކެޕްޓަން ކަމަށޭ. އަންޖަލްއަށް ވާނެއޭ. ޔަގީނޭ. އަންޖަލް ކެޕްޓަން ކަމުގެ މަގާމަށް ލީ އިރު ވެސް އަސްލު މާ ބޮޑު އުއްމީދެއް ނެތް ހޮވިދާނެ ކަމުގެ. ހޮވުނީމަ ދެން ވަރަށް ބޮޑަށް ސަޕްރައިޒްވި.ވަރަށް އުފާ ވެސް ވި." އެހެން ކަމުން އެ މުދައްރިސުން ދެއްވި ހިއްވަރަކީ ކެޕްޓަންކަމުގެ މަގާމަށް ވާދަކުރުމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް ކަމަށް އޭނާ ބުންޏެވެ.

ސްކޫލް ކެޕްޓަނެއްގެ ޒިންމާއަދާކުރުމުގައި މިހާތަނަށް ދިމާވި ގޮންޖެހުންތަކަކީ ކޮބައިތޯ އެހުމުން އަންޖަލް ބުނީ ސްކޫލް މެނޭޖްމަންޓާއި، މުދައްރިސުންނާއި ދަރިވަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި، އެހެން ނަމަވެސް ކޮވިޑް19 ގެ ސަބަބުން ސްކޫލްތައް ބަންދުވެ އިތުރު ހަރަކާތްތައް ވެސް މުޅިން ހުއްޓާލަންޖެހިފައި ވާތީ ކެޕްޓަނެއްގެ މާ ބޮޑު ޒިންމާއެއް އަދާކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމެށެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް ޝިއުނާ އިބްރާހީމް ނަސީރު ވިދާޅުވީ އަންޖަލް އަކީ އެންމެންނާއި ގުޅިގެން މަސައްކަތްކުރަން ދަންނަ، ސްކޫލްދެކެ ލޯބިވާ، ވަރަށް ފަހި ވިސްނުމެއް ގެންގުޅޭ އަދި އެހެން ދަރިވަރުންލައްވައި ކަންކަމާ މެދު ފަހިކޮށް ވިސްނުމަށް ހިއްވަރުދޭ ކުއްޖެއް ކަމަށެވެ. މީގެ އިތުރުން އިސްނަގައިގެން އެހެން ދަރިވަރުން ގޮވައިގެން އުޅުމުގެ ހުނަރާއި ކާމިޔާބާ ހަމައަށް ވާޞިލްވަންދެން މަސައްކަތްކުރުމުގެ ޤާބިލްކަން އަންޖަލްގެ ކިބައިގައި ހުންނަ ކަމަށް ޝިއުނާ މިސް ވިދާޅުވިއެވެ. ޝިއުނާ މިސް ވިދާޅުވާ ގޮތުން އަންޖަލް އަކީ ކިޔަވާ ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ރީތި ހުރިހާ ސިފައެއް ހުންނަ ނަމޫނާ ދަރިވަރެކެވެ. އަހުމަދިއްޔާގައި މިހާތަނަށް އަންޖަލްއަށް ކިޔަވައިދިން ބައެއް މުދައްރިސުންނާ ސުވާލުކުރުމުން ހުރިހާ މުދައްރިސުން ވެސް އިއްތިފާގުވާ އެއް ކަމެއް އެބައޮތެވެ. އެއީ އަންޖަލްގެ ތޫނުފިލިކަމުގެ ވާހަކައެވެ. އަންޖަލްގެ ގްރޭޑް 9ގެ ދިވެހި މުދައްރިސް ފާތުމަތު ޝަފްރާ ވިދާޅުވާ ގޮތުން އަންޖަލް އަކީ ވަރަށް ވިސްނުން ތޫނު، ކިޔަމަންތެރި، އަޚްލާގު ރަނގަޅު، ގަޑިއަށް މަސައްކަތް ނިންމާ އަދި އެހެން ކުދިންނާ ގުޅިގެން މަސައްކަތްކުރާ ނަމޫނާ ދަރިވަރެކެވެ. މި އަހަރު އަންޖަލްއަށް އިސްލާމް ކިޔަވައިދެއްވާ ހަލީމަތު މިސް ވެސް ވިދާޅުވީ އަންޖަލް އަކީ ތޫނުފިލި މޮޅު ދަރިވަރެއް ކަމަށާއި ހިއްވަރާއެކު މަސައްކަތްކޮށްފި ނަމަ އޯލެވެލްގައި ވެސް ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދިދާނެ ދަރިވަރެއް ކަމަށެވެ.

 

"އަންޖަލް އަކީ ކިޔަވާ ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ރީތި ހުރިހާ ސިފައެއް ހުންނަ ނަމޫނާ ދަރިވަރެއް" – ޝިއުނާ މިސް

 

"އަންޖަލް އަކީ ވަރަށް ވިސްނުން ތޫނު، ކިޔަމަންތެރި، އަޚްލާގު ރަނގަޅު، ގަޑިއަށް މަސައްކަތް ނިންމާ އަދި އެހެން ކުދިންނާ ގުޅިގެން މަސައްކަތްކުރާ ނަމޫނާ ދަރިވަރެއް" – ޝަފްރާ މިސް

"އަންޖަލް އަކީ ތޫނުފިލި މޮޅު ދަރިވަރެއް. ހިއްވަރާއެކު މަސައްކަތްކޮށްފި ނަމަ އޯލެވެލްގައި ވެސް ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދިދާނެ ދަރިވަރެއް." – ޙަލީމަތު މިސް

ހުރިހާ މާއްދާ އަކުން އޭ ސްޓަރ ހޯދައިގެން އޯލެވެލްގެ އެއް ވަނަ މަގާމް ހޯދުމުގެ އަޒުމުގައި ހުރި އަންޖަލް އެންމެ ކިޔަވާ ހިތްވާ މާއްދާ އަކީ ބަޔޮލޮޖީއެވެ. ސިކުނޑި މަސައްކަތްކުރާ ގޮތް ހޯދުމަށް އުފެދުނު ޝައުގުވެރިކަމާއެކު އަންޖަލްގެ މިސްރާބު ހުރީ އަޙުމަދިއްޔާގައި އޭލެވެލް ނިންމުމަށް ފަހު، އޭނާގެ ހުވަފެން ކަމަށްވާ ނިއުރޯލޮޖިސްޓަކަށް ވުމުގެ ހުވަފެނުގައި ކުލަޖެއްސުމަށް މެލޭޝިޔާއަށް ދިއުމަށެވެ. އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުޢާ އަކީ ވެސް އަންޖަލްގެ ހުވަފެންތަކުގައި ކުލަޖެހި، މާތްﷲ އަންޖަލްއަށް ފަހި ފާގަތި މުސްތަޤްބަލެއް މިންވަރުކުރެއްވުމެވެ.

4 Responses

  1. އަންޖަލް އަށް ކާމިޔާބު މިންވަރުކުރައްވާށި. އަދި ރާމިޒްސަރގެ މަސައްކަތުގައި ބަރަކާތްލައްވާާށި.

  2. އަންޖަލް އަކީ ވަރަށް ކިޔަމަންތެރި އަޚްލާގު ރަނގަޅު ކުއްޖެއް.

  3. އަންޖަލް އަކީ ކުދިންނާ ގުޅޭ ވަރަށް ރަޙްމަތްތެރި ދަރިވަރެކެވެ. ހުރިހާ ކަމެއްގައިވެސް ކާމިޔާބު ހޯދަން ވަރަސް މަސައްކަތް ކުރާނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *