ޝައްވާލުމަހުގެ 6 ރޯދަ

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ރޯދަވެރީންނަށް ސުވަރުގޭގައިވާ ޚާއްޞަ ދޮރުކޮޅެއްގެ ވާހަކަ އަޑުއަހަމުއެވެ. އެއީ "ރައްޔާން" ގެ ނަމުން ނަންދެވިފައިވާ ދޮރުކޮޅެކެވެ. އެދޮރުކޮޅު ޚާއްޞަވަނީ ރޯދަވެރީންނަށެވެ. ޙަޤީޤީ ރޯދައިގެ މޫސުމަކީ ރަމަޟާން މައްސަރެވެ. ވީމާ އެއީ ރަމަޟާން މަހުގެ ރޯދަތައް އޭގެ އެންމެފުރިހަމަ ގޮތުގައި ހިފި ރޯދަވެރިންނަށް ޚާއްޞަވެގެންވާ ސުވަރުގޭގެ ދޮރުކޮޅެވެ.

ނަމަވެސް ވިސްނާލަންޖެހޭ ނުކުތާއަކީ، ރަމަޟާން މަސް ނިމުނުކަމުގައިވިޔަސް ރޯދައިގެ މޫސުން އެއްކޮށް ނިމިދިޔަ ކަމުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ނުވެއެވެ. މާތްﷲ ގެ އަޅުތަކުންގެ ފައިދާއާއި ލާބައަށްޓަކައި ﷲ  سبحانه وتعالى ފަރުޟުކުރެއްވި މިއިންކޮންމެ ފަރުޟަކާއިއެކު އެފަރުޟަކާއި ގުޅޭ ސުންނަތް އަޅުކަންތައް ވެސް ދީނުގައި ޝަރުޢުކުރެއްވިއެވެ. އެއީ ފަރުޟު ޢަމަލުތައް ކުރުމުގައި އޭގެ އެންމެފުރިހަމަ ގޮތުގައި ގިނަފަހަރު އޮންނަނީ ނުކުރެވިފައެވެ. އެއުނިކަން ފޫބެއްދުމަށްޓަކައި ހަމަ އެފަދަ ސުންނަތް އަޅުކަންތައް ބޭނުންވެއެވެ. އެގޮތުން ފަރުޟު ނަމާދާއި ސުންނަތް ނަމާދު، ޒަކާތާއި އެކު ޞަދަޤާތް، ޙައްޖާއިއެކު ޢުމްރާ ޝަރުޢުކުރެއްވި ފަދައިން ފަރުޟު ރޯދަޔާއެކު ސުންނަތް ރޯދަ ޝަރުޢުކުރެއްވިއެވެ. އެހެންވުމުން ރަމަޟާން މަހުން އަހަރެމެންނަށް އުނިކަން ލިބިފައިވާ ބައިތައް ފިޠުރު ޒަކާތުން ފޫބެއްދި ފަދައިން ސުންނަތް ރޯދަތަކުން އެބައިބައި ފޫބައްދައިދީ އިތުރަށް ފުރިހަމަ ކޮށްދެއްވުމަށްޓަކައި ޝައްވާލު މަހުގައި ހަ ރޯދައެއް ޝަރުޢުކުރެއްވިއެވެ.

އެކަން އެނގޭ ދަލީލަކީ މުސްނަދު އަޙްމަދުގައި ވާ ޙަދީޘެއްގައި، ނަމާދާމެދު އައިސްފައިވަނީ ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި ކަމަށެވެ. އަދި އޭނާ އެކަން ފުރިހަމަ ކޮށްފައިވާނަމަ އޭގެ ޘަވާބު ފުރިހަމައަށް އޭނާއަށް ލިޔެވޭނޭ ކަމުގައެވެ. އަދި ފުރިހަމަވެފައި ނުވާނަމަ، (މާނައަކީ އެކަން އަދާކުރުމުގައި ފުރިހަމަވެފައި ނުވާނަމަ) މަލާއިކަތުންނަށް ބުނެވޭނެއެވެ: ((انْظُرُوا هَلْ تَجِدُونَ لِعَبْدِي مِنْ تَطَوُّعٍ ، فَأَكْمِلُوا بِهَا مَا ضَيَّعَ مِنْ فَرِيضَتِهِ ، ثُمَّ الزَّكَاةُ ، ثُمَّ تُؤْخَذُ الْأَعْمَالُ عَلَى حَسَبِ ذَلِكَ)) މާނައީ: [ބަލާފައިހުށިކަމެވެ. ތިމަންއިލާހުގެ އަޅާއަށް ސުންނަތުގޮތުގައި ކޮށްފައިވާ ކަމެއް ފެނޭހެއްޔެވެ؟ ފަހެ އެއިން އޭނާގެ ފަރުޟުގެ ތެރެއިން އުނިވާބައި ފުރިހަމަކުރާށެވެ. ދެން އެއަށްފަހު ޒަކާތެވެ. އަދި އެއަށްފަހު ޢަމަލުތައް ނެގޭނީ އެބީދައިންނެވެ.] މާނައީ ބާކީހުރި ޢަމަލުތަކުގައިވެސް ކަންތައް ކުރެވޭނީ އެފަދައިންނެވެ. ވީމާ ރޯދައިގައިވެސް ޢަމަލުކުރެވޭނީ އެބީދައިންނެވެ. މިއީ ޤިޔާމަތްދުވަހުގައި އިންސާނާގެ ބާއްޖަވެރިކަމަށް ކޮންފަދަ މަތިވެރި ރަޙްމަތުން ފުރިގެންވާ ގޮތެއް ހެއްޔެވެ؟ އާއެކެވެ. އެހެންވުމުން އެންމެހައި ސުންނަތްތައްވެސް މުއުމިނުމީހާއަށް ކުޅަދާނަކަން ހުރިވަރަކުން އަދާކުރުމަކީ ނުހަނު މުހިންމުކަމެއްކަން މިކަމުން ދޭހަވެއެވެ.

ރަމަޟާން މަހުގެ ރޯދަތައް ނިމުމާއެކު އެންމެ ފުރަތަމަވެސް އަންނަ އެންމެ މުހިންމު ސުންނަތް ރޯދައަކީ ޝައްވާލު މަހުގެ ހަ ރޯދައެވެ. މުސްލިމް ރިވާކުރެއްވި ހަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَنْ صَامَ رَمَضَان وَأَتْبَعَهُ سِتًّا مِن شَوَّال كَانَ كَصِيَامِ الدَّهْرِ)) މާނައީ: [ރަމަޟާން މަހުގެ ރޯދަ ހިފައިފި މީހަކު އޭގެ ފަހުގައި ޝައްވާލު މަހުގެ ހަރޯދައެއް ހިފައިފި ނަމަ، އޭނާ އަހަރުދުވަހުގެ ރޯދަ ހިފި ފަދައެވެ.] މިޙަދީޘުން އެނގިގެންދަނީ ރަމަޟާންމަހުގެ ރޯދައިގެ އިތުރުން ޝައްވާލު މަހުގެ ހަރޯދަ ހިފައިފި ނަމަ އޭނާއަށް އަހަރުދުވަހު ރޯދަ ހިފިކަމުގެ ދަރުމައާއި ޘަވާބު އޭނާއަށް ލިބޭނޭ ކަމެވެ. އެހާވެސް ގިނަގުނަ ސަވާބު ލިބިގެންދިއުމުން، މި ހަރޯދައިގެ މުހިންމުކަން އެނގިގެންދެއެވެ. މިޘަވާބު ލިބޭގޮތް ރަސޫލާ  صلى الله عليه وسلم ގެ އެހެން ޙަދީޘަކުން ތަފްޞީލުވެގެން ދެއެވެ. އިބްނު ޚުޒައިމާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((صِيَامُ شَهْرِ رَمَضَانَ بَعَشَرَةِ أَمْثَالِهَا وَصِيَامُ سِتَّةِ أَيَّامٍ بِشَهْرَيْنِ فَذَلِكَ صِيامُ السَّنَةِ)) މާނައީ: [ރަމަޟާން މަހުގެ ކޮންމެ ރޯދައަކަށް ދިހަ ޘަވާބު ލިބޭނެއެވެ. އަދި ހަދުވަހުގައި ރޯދަ ހިފުމުން އެއީ ދެމަހުގެ ރޯދައެވެ. އަދި އޭރުން އެވެގެންދަނީ އަހަރު ދުވަހުގެ ރޯދައަށެވެ.] ވީމާ ރަމަޟާންމަހުގެ ރޯދައިން ތިންސަތޭކަ ރޯދައިގެ ޘަވާބު ލިބިގެންދާއިރު އޭގެ އިތުރުން ޝައްވާލު މަހުގައި ހަރޯދަ ހިފުމުން ފަސްދޮޅަސް ދުވަހުގެ ރޯދައިގެ ޘަވާބު ލިބެއެވެ. އެއީ ތިންސަތޭކަ ފަސްދޮޅަސް، ނުވަތަ އެއްއަހަރުދުވަހުގެ ރޯދަ ހިފުމުގެ ޘަވާބެވެ. ﷲ ގެ ފަޟްލަވަންތަކަމުން އަޅުތަކުން ކުރާ ޢަމަލުތަކަށް ދެއްވާފައިވާ މަތިވެރިކަމާއި މާތް ކަން މިކަމުން ހާމަވެއެވެ.

މީހެއްގެ ހިތުގައި ސުވާލެއް އުފެދިދާނެއެވެ. ޤުރުއާނުގައި އަންގަވާފައިވާގޮތުން ކޮންމެ ހެޔޮކަމަކަށް ދިހަ ޘަވާބު ލިބެއެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا ۖ ﴾ سورة الأنعام:160 މާނައީ: [މީހަކު ހެޔޮކަމަކައިގެން އަތުވެއްޖެ ނަމަ، ފަހެ އޭނާއަށް އެއީ އޭގެ ދިހަޢަމަލުގެ ޘަވާބެވެ.] ވީމާ އަހަރުގެ ތެރެއިން ކޮންމެ ހަރޯދައަކުންވެސް ދިހަގުނަ ޘަވާބު ލިބޭނެނޫން ހެއްޔެވެ؟ ވީމާ އަހަރުގެ ކޮންމެ ހިސާބަކުން ހަރޯދަ ހިފިކަމުގައިވިޔަސް ހަމަ ރަމަޟާންމަހުގެ ހަރޯދަ ހިފިކަމުގައި ވާނެ ނޫންހެއްޔެވެ؟ ނޫނެކެވެ! އެއީ ކުށްހީއެކެވެ. ފަރުޟު އަޅުކަމެއް ކުރުމުން ލިބޭ ދަރުމައާއި ޘަވާބަކީ ސުންނަތް އަޅުކަންތައް އަދާކުރުމުން ލިބޭ ދަރުމައާއި ޘަވާބަށްވުރެ އެތައްގުނަ އިތުރު ޘަވާބާއި ދަރުމައެވެ. ސުންނަތް އަޅުކަންތަކަށްވުރެ ﷲ އެންމެބޮޑަށް ލޯބިވޮޑިގަންނަވަނީ އަޅާގެފަރާތުން ފަރުޟު އަޅުކަންތަކެވެ. ވީމާ ސުންނަތްތަކުން ލިބޭ ސަވާބާއި ފަރުޟުތަކުން ލިބޭ ސަވާބާއި އަޅާނުކިޔޭނެއެވެ. މިސާލަކަށް ރަމަޟާން މަސް ނޫން އެހެންމަހެއްގައި އެމަސް އެއްކޮށް ރޯދަ ހިފުމުންވެސް ހަމަ އޭގެ ދިހަ ގުނަ ލިބި ތިންސަތޭކަ ދުވަސް ރޯދަ ހިފިކަމުގެ ޘަވާބު ލިބޭނެއެވެ. ނަމަވެސް އޭރުން އޭނާއަށް އެލިބެނީ ތިންސަތޭކަ ދުވަހު ސުންނަތް ރޯދަ ހިފިކަމުގެ އަޖުރެވެ. ފަރުޟު ރޯދަ ހިފިކަމުގެ އަޖުރު ލިބޭނީ ހަމައެކަނި ރަމަޟާން މަހުގެ ރޯދަ ހިފުމުންނެވެ. އެއީ މާގިނަގުނަ ޘަވާބެވެ. އަދި އެއަޅުކަމެއްގެ ޘަވާބާއިމެދު އޭގެ ޘަވާބު ދެއްވުންވަނީ ތިމަން ﷲ އަށޭ ވަޙީކުރައްވާ ޤުދުސީ ޙަދީޘެއްގައި ބަޔާންކުރެއްވީ ރޯދައިގެ އަޅުކަމުގައެވެ. އެއިން އެނގެނީ އެހެނިހެން ފަރުޟުތަކަށްވުރެވެސް ގިނަގުނަ ޘަވާބާއި ދަރުމަ ﷲ ގެ ޙަޟަރަތުގައި ރޯދައަށް ކަނޑައަޅުއްވާފައިވާ ކަމެވެ. މިގޮތުން ބަލާއިރު، ޝައްވާލުމަހުގެ ހަރޯދަ ހިފުމުން އެލިބެނީ އަހަރުދުވަހުގެ ފަރުޟު ރޯދަ ހިފިކަމުގެ އަޖުރާއި ޘަވާބެވެ. ތަފާތަކީ މިއީއެވެ. މިއީ ޙަންބަލީ މަޛްހަބާއި ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިންގެ ޤައުލެވެ. އަދި އިބްނު ރަޖަބް ތާބިޢީ ބޭކަލެއް ކަމުގައިވާ، އިބްނުލް މުބާރަކްގެ ފަރާތުން ނަޤުލު ކޮށްފައިވާ ގޮތުގައި އެޢިލްމުވެރިޔާ ވިދާޅުވިއެވެ: ބުނެވެއެވެ: "ޝައްވާލު މަހުގެ ރޯދައިގެ މާތްކަން ގުޅިގެންދަނީ ރަމަޟާން މަހުގެ ރޯދަޔާއެވެ. ފަހެ އޭރުން އޭނާއަށް އެލިބެނީ އަހަރުދުވަހުގެ ފަރުޟު ރޯދައިގެ އަޖުރެވެ."

ޝައްވާލުމަހުގެ ހަރޯދައާ މެދު ދެން ބުނެވޭނީ އެހަރޯދަ ހިފުން އޮތީ ފަރުޟު ރޯދަތައް ފުރިހަމަ ކޮށްފައި ކަމެވެ. ސަބަބަކީ ޙަދީޘްގައި ވާގޮތުން "ރަމަޟާން މަހުގެ ހަރޯދައަށް ފަހުގައި" މިހެން އޮތުމުން އެނގެނީ ރަމަޟާން މަހުގެ ރޯދަ ފުރިހަމަކޮށްގެން ނޫނީ ޝައްވާލު މަހުގެ ހަރޯދައިން ލިބޭނޭ ކަމަށް ބުނި ޘަވާބު ނުލިބޭނޭ ކަމެވެ. އަދި އޭގެ އިތުރުން ފަރުޟު އަޅުކަންތަކަށްވުރެ ސުންނަތް އަޅުކަންތަކަށް އިސްކަންދެވޭނޭ ގޮތެއް ނޯންނާނެއެވެ. ހުރިހައި ފަރުޟަކީ އެންމެ އިސްކަން ދޭންޖެހޭ ކަންތައްތަކެވެ.

މިޙަދީޘުން ނިކުންނަ އަނެއް ޙުކުމަކީ ޝައްވާލުމަހުގެ ހަރޯދަ ހިފުން އޮތީ ފިޠުރު ޢީދަށްފަހު އެންމެފުރަތަމަ ހަ ދުވަހުގައި ހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. އެއީ އެންމެ މޮޅިއިތުރުވެގެންވާ ގޮތެވެ. އެއީ ކުރަން އޮންނަ އަޅުކަންތައް ވީހާވެސް އަވަހަކަށް އަދާކުރުމަކީ އެންމެ މޮޅުގޮތެވެ. ނަމަވެސް ޙަދީޘްގެ މާނައަށް ބަލާއިރު "ޝައްވާލުމަހުގެ ހަދުވަހަކު" މިހެން އޮތުމުން އެނގެނީ އެމަހުގެ ކޮންމެ ހަދުވަހަކުންވެސް މިޘަވާބު ލިބޭނޭކަމެވެ. އަދި ފަރުޟު ރޯދަ ޤަޟާކުރަން ހުރި މީހަކު ފުރަތަމަ ހިފަންޖެހެނީ ފަރުޟު ރޯދަތަކެވެ. ވީމާ އެފަދަ މީހަކު އެފަރުޟު ރޯދަތައް ހިފުމުން ޝައްވާލު ހަރޯދައިގެ ފުރަތަމަ ހަދުވަހު ހިފޭނޭ ގޮތެއް އެމީހަކަށް ނޯންނާނެއެވެ. ނަމަވެސް އެއަޅުކަން ގެއްލިދާނެ ކަމުގެ ބިރެއް އެފަދަމީހަކަށްވެސް އަދި އެހެން މީހަކަށްވެސް ނެތެވެ. އެއީ ޝައްވާލުމަހުގެ ކޮންމެ ދުވަހެއްގައިވެސް މިހަރޯދަ ހިފައިގެން މިމަތިވެރިކަން ޙާޞިލު ކުރެވިދާނެއެވެ. ނަމަވެސް ޝައްވާލު މަސް ނިމުމުން މިޚާއްޞަ މަތިވެރިކަމުގެ ވަގުތު ނިމުނީއެވެ.

އޭ ހައްދަވާބޮޑުކުރެއްވި އިލާހުއެވެ! އަޅަމެންގެ ރަމަޟާންމަހުގެ ރޯދަތައް އިނބަﷲ ޤަބޫލުކުރައްވާނދޭވެ! އަދި އަޅަމެންގެ ފަރާތުން ސުންނަތް އަޅުކަންތައްވެސް ޤަބޫލުކުރައްވާނދޭވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

  • އާރޓިކަލް: 67

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *