الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ދާދިމިދާކަށްދުވަހު އަހަރެމެންނާ ވަރަށް ޚާއްޞަ މެހެމާނަކު ބައްދަލުކުރިއެވެ. އޭގެ ފަހުންވެސް އިރުއަރާ އިރުނުއޮއްސޭ ހަމަ އެންމެދުވަހެއް ނުދެއެވެ. ފަސްނަމާދު ވަގުތުޖެހިގެން ފަސްނަމާދު ނުކުރެވޭ ހަމަ އެންމެދުވަހެއްވެސް ފާއިތުވެގެން ނުދެއެވެ. ދުނިޔެވީގޮތުން ކުރަންޖެހޭ ކަންކަމާއި ހުސްވަގުތުތަކުގައިވެސް އަޅުކަމުގެ ގޮތުގައި ތަފާތުކަންކަން ނުކުރެވޭ ދުވަހެއް މުސްލިމްތަކުންނަށް ދިޔަހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް އެމެހެމާނާ ކުއްލިއަކަށް ވަކިވާން އުޅޭކަމުގެ އިޙްސާސްވުމުން ހިތަށްވެރިވެގެންދާ މެސެޖަކީ އެހާއަވަހަށް ދަނީ ކީއްވެގެންތޯއެވެ.
މިއީ މިއަދު ކިތަންމެ މުސްލިމަކަށް ކުރެވޭ އިޙްސާސްއެކެވެ. އަޅުކަމުގައި އެކަކަށްވުރެ އަނެކަކު ކުރިހޯދުމުގައި ވާދަކުރުމުގައި ވަނިކޮށް ޒަމާންކުޑަވެގެން ހިނގައްޖެއެވެ. ވަގުތުތައް ދިޔަގޮތެއްވެސް ނޭނގެއެވެ. އެހާއަވަހަށް ރަމަޟާން މަސް ނިމުމަކަށް މިވަނީ އައިސްފައެވެ. މިހާރު ސުވާލަކީ އަހަރެމެންނަށް ކުރެވިފައިވާ ޢަމަލުތަކާއިމެދު ވިސްނުމުން، ނަތީޖާ ނިކުންނަނީ ކިހިނެއް ހެއްޔެވެ؟ ރޯދަތައް ހިފުނީ އެކަށީގެންވާގޮތުގައި ހެއްޔެވެ؟ ނުވަތަ އެތައްދުވަހެއްގައި ރޯދައަށް ހުރުމުގެ ސަބަބުން އަހަރެންގެ ނަފްސުގައި އެހެންމީހުންނަށް ނަފްރަތުކުރުން ގިނަވެ މީހުންނާ ރުޅިވެރިކަމާއެކު ކުރިމަތި ލެވިފައިވޭ ހެއްޔެވެ؟ ދުވާލުގެ އެތައް ގަޑިއެއް ދުއްވާލެވުނީ ނިދީގައިހެއްޔެވެ؟ ރަމަޟާންމަހުގެ ރޭތައް ހެޔޮގޮތުގައި އިޙްޔާކޮށް ދިރުވައި ތަފާތު އަޅުކަންތައް ކުރުމުގައި ހޭދަކުރެވުނު ހެއްޔެވެ؟ ރޭއަޅުކަން ކުރިމީހުން ރޭއަޅުކަމުން ނުހަނު ޘަވާބާއި ދަރުމަ ލިބިގެންއިރު، ކަމެއްނުކޮށް ނިދިމީހުންނާއި މަހުގެ ރޭތަކުގައި ސަކަރާތާއި މަޖަލުގައި ހޭދަކުރި މީހުން އެކަންކަންވެސް ކުރީއެވެ.
އެއްހާސް މައްސަރުގެ ޘަވާބު އެރެއެއްގައި ކުރެވޭ ޢަމަލުތަކުން ޙާޞިލުކުރުމަށް އެތަކެއް މުސްލިމުންނެއް ގަދައަޅާ މަސައްކަތް ކުރިއިރު ކޮންމެވެސް ބަޔަކަށް އެހެޔޮދަރުމައާއި ޘަވާބު ވާނީ ލިބިފައެވެ. ބަޔަކުމީހުން ވާނީ ނަރަކައިން މިންޖުވެ، ސުވަރުގެވަންތަވެރިންގެ ގޮތުގައި ހަމަޖެހިފައެވެ. ހިސާބެއްނެތް މިންވަރަށް، ކެތްތެރިކަމާއި ޢަޒުމާއިއެކު ބަޔަކު ހިފި ރޯދައާއި ރޭއަޅުކަމުގެ ސަބަބުން އެބައިމީހުންނަށް އެޢަމަލުތަކުގެ އަޖުރު ލިޔުއްވި، ހިސާބު ބެއްލެވޭ ދުވަހަށް ވާނީ ތައްޔާރުކުރެވިފައެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿مَا عِنْدَكُمْ يَنْفَدُ وَمَا عِنْدَ اللَّهِ بَاقٍ وَلَنَجْزِيَنَّ الَّذِينَ صَبَرُوا أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴾ النحل :96 މާނައީ: [ތިޔަބައިމީހުންގެ އަތުގައިވާ އެއްޗެއް ހުސްވެދާހުއްޓެވެ. އަދި ﷲ ގެ ޙަޟްރަތުގައިވާ ތަކެތި ދެމިއޮންނަހުއްޓެވެ. އަދި ކެތްތެރިވީމީހުންނަށް، އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކަށް، އެބައިމީހުންގެ އަޖުރު ދެއްވައި ތިމަންއިލާހު ޖަޒާދެއްވާހުށީމެވެ.]
އެރޯދައިގެ ސަބަބުން ޙާޞިލުވާން އޮތް އެންމެހައި ކަމެއް ޙާޞިލުކުރުމުގައި ރޯދަވެރީންނާއި އަޅުވެރީން މަސައްކަތްކޮށްފައިވުމީ އެކަންކަން އެބައިމީހުންނަށް ޙާޞިލުވާނޭކަމެކެވެ. ރޯދައިގެ އަމާޒަށާއި ނަތީޖާތަކަށް ވާޞިލުވެފައިވުމީ އެންމެ އެކަށީގެންވާގޮތެވެ. އޭގެ ތެރެއިންވެސް އެންމެބޮޑު އަމާޒަކީ ތަޤްވާވެރިވުމެވެ. ރަމަޟާން މަސް ނިމެންދާއިރު ގިނަބަޔަކުވާނީ މިތަޤްވާވެރިކަމުގެ ސިފައިން ސިފަލިބިގަނެވިފައެވެ. އެތަކެއް ނުބައިކަމަކުން ދުރުހެލިވެވި، އެތަކެއް ހެޔޮކަންތައްތަކެއް އަލަށްނަމަވެސް ނުވަތަ ކުރަމުން އައިކަމެއް އިތުރަށް ތަރައްޤީކޮށް ކުރިއަރައިގޮސްފައިކަން ކަށަވަރެވެ. އެފަދަމީހުންނަށް އެވަނީ ތަޤްވާވެރިކަމުގެ ލިބާހެއް ލެވިފައެވެ. މިކަމުގައި ދެން އެންމެމުހިންމުވަނީ އެ ތުރުކުރެވުނު ލިބާސް އަބަދުމެ ސާފުކޮށްގެން ލައިގެން ހުރުމެވެ. އެމަގުގައި ސާބިތުވެހުރުމެވެ. އަލުން އަނބުރާ ދޫކޮށްލި ނުބައިކަންކަމުގެ މަގަށް ނުދިއުމެވެ. ދުރުހެލިވެވުނު އެންމެހައި ނުބައިއާދަތަކެއް ޙަޤީޤަތުގައިވެސް ދޫކޮށްލައި އެކަންކަމުން އެކީއެކައްޗަކަށް ބަރީއަވުމެވެ. ދުވަހަކުވެސް އެކަންކަމަށް އަނބުރާ ނުދިއުމަށް ވަރުގަދަ ޢަޒުމެއް ކުރުމެވެ. ނަފްސަށް ލިބުނު ބާރުވެރިކަން ދޫވިޔަނުދީ ވަރުގަދަ ޝަޚްޞިއްޔަތަކަށް ތިމާ ވުމެވެ. އެލެވުނު ނަލަނަލަ ލިބާސް ބޭލުނަނުދީ ހިފެހެއްޓުމެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ﴾ الأعراف :26 މާނައީ: [އަދި ތަޤްވާވެރިކަމުގެ ލިބާސް އެއީ މާހެޔޮކަންބޮޑު އެއްޗެކެވެ.]
ފަހެ ސުވަރުގެއަކީ އެފަދަމީހުންނަށް ﷲ ތައްޔާރުކުރެއްވި އަބަދަށްދެމިގެންވާ ނުހަނު ފުރިހަމަ ގޮވެއްޗެވެ. އެތަނަކަށް ނެދެވުނު މީހުން އެކަމުގެ ހިތާމަކުރުމުގެ ކޮޅެއްވެސް ނެތެވެ. އެތަނަށް ދެވުނު ތަޤްވާވެރިންނަށް ހިތަށްވެސް ދުވަހަކު މީހަކަށް ނެގެނެވޭ ފަދަ މާތްކަމާއި މަތިވެރިކަންވާ ސުވަރުގެއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا﴾ مريم :63 މާނައީ: [އެއީ ސުވަރުގެއެވެ. އެތަނަކީ ތިމަންއިލާހުގެ އަޅުތަކުންގެ ތެރެއިން ތަޤްވާވެރިކަމުގައިވީ އަޅުންނަށް ތިމަންއިލާހު ދެއްވާނޭ ތަނެކެވެ.]
ރޯދަވެރި އަޅުވެރި ތަޤްވާވެރިކަން ޙާޞިލުކޮށްފައިވާ މާތް ﷲ ގެ އަޅުންނޭވެ! އަޚުންނާއި އުޚްތުންނޭވެ! ރޯދައަކީ ތަޤްވާވެރިކަމުގެ ކާނާ ލިބިގަނެވޭނޭ މަހެވެ. އެމަހުގައިވެސް އަމިއްލަ ހަވާނަފްސާއި އަމިއްލައެދުން ޙާޞިލުކުރި މީހުން ރޯދައިގެ ނަމުގައި ކެއިންބުއިމުން އަރާމާއި ލައްޒަތު ލިބިގެންއިރު، ޙަޤީޤީ އަޅުވެރިން އެރޯދައިގައި ލިބިގަތް ކާނާއަކީ ތަޤްވާވެރިކަމުގެ ކާނާއެވެ. އެކާނާއަކީ ކޮންފަދަ މޮޅުއިތުރުވެގެންވާ ލައްޒަތުން ފުރިގެންވާ ކާނާއެއް ހެއްޔެވެ؟ ރޯދަމަސް ނިމުނެއް ކަމަކުވެސް އަޅުވެރިންނާއި ރޯދަވެރިން ރޯދަމަހުގައި އަޅުކަން ކުރި ކަލާނގެ އެހެންމަސްތަކުގައިވެސް ވޮޑިގެންވެތެވެ. ވީމާ ތަޤްވާވެރިކަމުގެ މޮޅުކާނާ ލިބިގަތުން ރޯދަމަސް ނިމުނެއްކަމަކު ހުއްޓާނުލައްވާށެވެ! މަރުގެ ވަގުތު ޖެހެންދެން އެގޮތުގައި ދެމިހުންނަން ނުހަނު މަސައްކަތް ކުރަންޖެހެއެވެ. ޙަޤީޤީ ހަމަޖެހުމެއް އޮތީ ހެޔޮޢަމަލުގައި ޞާލިޙުމީހެއްގެ ގޮތުގައި ސާބިތުވެ ހުރެ މަރާބައްދަލުވެއްޖެ ނަމައެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُولِي الْأَلْبَابِ﴾ البقرة :197 މާނައީ: [އަދި ދަތުރަށް ބޭނުންވާ ކާނާ ލިބިގަންނާށެވެ. އެހެނީ ހަމަކަށަވަރުން އެންމެހެޔޮ ކޮއްތަކީ ތަޤްވާވެރިކަމުގެ ކޮއްތެވެ. އަދި ތިމަންއިލާހަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ. އޭ ބުއްދީގެ އަހުލުވެރީންނޭވެ!]
ރަމަޟާން މަސް ނިމެންދާއިރު ހިތްތައް ސާފުކުރި އަހުލުވެރިން، އެގޮތުގައި ދެމިހުރުން ވަރަށް މުހިންމެވެ. އެހެނީ އެއްވެސް މީހަކަށް ތިމާ މަރުވާނޭ ދުވަހެއް ނޭނގޭއިރު އެންމެމުހިންމު ޢަމަލުތަކަކީ އެންމެފަހުން ކުރެވޭ ޢަމަލުތަކެވެ. ތިމާއާމެދު ގޮތް ކަނޑައެޅޭ ވަގުތަކީވެސް އެއީކަމަށް ވެދާނެއެވެ. ހެޔޮގޮތުގައި ދެމިހުރުމަށް އެދި އެގޮތްއެދޭ ޙާލުގައި އެކަމަށް ގަދައަޅާ މަސައްކަތް ކުރާމީހަކު ﷲ سبحانه وتعالى ގެއްލެވި ނުކުރައްވާނެއެވެ. އެހެނީ ސުވަރުގެ ވަނީ އެސާފު ހިތުގެ އަހުލުވެރީންނަށެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ * إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ﴾ الشعراء :88-89 މާނައީ: [އެދުވަހަކީ މުދަލެއްގެ އަދި ދަރީންގެ ފައިދާއެއް ނުކުރާނޭ ދުވަހެވެ. ﷲ ގެ ޙަޟްރަތަށް ސަލާމަތުންއޮތް ހިތަކައިގެން އަތުވެއްޖެ މީހާ މެނުވީއެވެ.]
އޭ ހައްދަވާބޮޑުކުރެއްވި އިލާހުއެވެ! ތަޤްވާވެރިކަމުގެ ލިބާސް އަޅަމެންނަށް ލައްވާނދޭވެ! އަދި އެގޮތުގައި ދެމިހުރުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ! އަދި އަޅަމެން ހިފިރޯދަޔާއި ރޭއަޅުކަމަކީ އިބައިލާހުގެ ޙަޟްރަތުގައި ޤަބޫލުކުރައްވާ ހެޔޮޢަމަލުތަކެއް ކަމުގައި ލައްވާނދޭވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
- އާރޓިކަލް: 65