އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީސާނަވީ ދަރިވަރުންގެ އިންޓަރހައުސް މަދަހަ މުބާރާތް ބާއްވައިފިއެވެ.
ދަރިވަރުންގެ މެދުގައި ކިޔުންތެރިކަމުގެ ފަންނުވެރިކަން ކުރިއެރުވުމާއި މާތްވެގެންވާ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ ޝިޔާރު ފައުޅުކުރުމުގެ ރޫހުއުފެއްދުމާއި ދަރިވަރުންގެ ކިބައިގައި ހުރި އިތުރު ހުނަރުތަކާއި ފަންނުތައް ދެނެގަތުމުގެ މަޤްޞަދުގައި ބޭއްވި މި މުބާރާތުގައި ސްކޫލްގެ 4 ހައުސް އިން 60 ދަރިވަރުން ބައިވެރިވެފައިވާއިރު މިއީ މިދިޔަ އަހަރަށް ވުރެ 67 އިންސައްތަ އިތުރު އަދަދެކެވެ.
އާދީއްތަ ދުވަހުގެ ހެނދުނު 9 ން މެންދުރު ފަހު 3ގެ ނިޔަލަށް ކުރިޔަށް ދިޔަ މި މުބާރާތުގައި ފުރަތަމަ އޮތީ ވަކިވަކި ދަރިވަރުން މަދަހަ ހުށަހެޅުމެވެ. މަދަހަ ހުށަހަޅަން ހަމަޖައްސާފައި އޮތީ، މަދުވެގެން މައިގަނޑަކާއި ކަޑިއެއް ކިޔާ ގޮތަށެވެ.އެއަށްފަހު ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ ހައުސްއާއި، ހުވަނދުމާ ހައުސްއާއި، ކާމިނީ ހައުސް އަދި ޗާނދަނީ ހައުސްއިން ކޮންމެ ހައުސްއަކުން ގްރޫޕް މަދަހައެއް ހުށަހެޅިއެވެ. ވަކިވަކި ދަރިވަރުންގެ ފަރާތުން ހިތްގައިމު ރީތި މަދަހަތަކެއް އަޑުއިވިގެންދިޔައިރު، ގްރޫޕް ހުށަހެޅުމަށް ވެސް ފަނޑިޔާރުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
މި މުބާރާތުގެ ފަނޑިޔާރުކަންކޮށްދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ބައިގެ ލީޑިންގ ޓީޗަރުން ކަމަށްވާ އިބްރާހީމް މޫސާ ފިކުރީ (ފިކުރީ ސަރ) އާއި ރިޒްނާ އިބްރާހީމްގެ އިތުރުން އެމްއެންޑީއެފްގެ ބޭންޑް އެންޑް މިއުޒިކް ވިންގުގެ މެންބަރެއް ކަމަށްވާ ވޮރަންޓް އޮފިސަރ 2 ޔޫސުފް ޝިމާޒެވެ.
މި މުބާރާތުގެ ގްރޫޕް މަދަހައިން އެއްވަނަ ހައުސްއާއި، ވަކިވަކި ދަރިވަރުންގެ ތެރެއިން ވެސް 1 ވަނަ، 2 ވަނަ، 3 ވަނަ ހުށަހެޅުން ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.