އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުންނަށް ދިވެއްސާއި އިސްލާމް ކޭންޕު ބާއްވައިފިއެވެ
ދިވެހި ކޭންޕު ބޭއްވީ މިމަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހުއެވެ. 9 ވީ ބުދަ ދުވަހު ކޭންޕު ބޭއްވީ ގްރޭޑް 10ގެ އަންހެން ދަރިވަރުންނަށެވެ. 10 ވީ ބުރާސްފަތި ދުވަހު ކޭންޕު ބޭއްވީ ގްރޭޑް 10ގެ ފިރިހެން ދަރިވަރުންނަށެވެ. ދެ ދުވަހުވެސް ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހުގެ 2:30 އަށް އަދި ރޭގަނޑު 7:00 އިން ފެށިގެން 9:30 އާ ހަމައަށް ކޭންޕު ކުރިއަށް ގެންދިޔައެވެ.
އަޙްމަދިއްޔާގެ މާލަމުގައި ބޭއްވި މި ކޭންޕު ފައްޓަވައިދެއްވީ ސްކޫލްގެ ލޮބުވެތި ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. ޕްރިންސިޕަލް ދަރިވަރުންނާ މުޚާޠަބްކޮށް ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް މިފަދަ ކޭންޕެއް ބޭއްވުމުގެ މުހިއްކަމުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.
ޕްރިންސިޕަލްގެ ވާހަކަފުޅުގައި ސްކޫލްގައި މި ބޭއްވޭ ދިވެއްސާއި އިސްލާމް ކޭންޕުގައި ހުރިހާ ކުދިންވެސް ބައިވެރިވެ އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ހުރިހާ ކުދިންވެސް މަސައްކަތް ކުރަންވާނެކަމާއި ހުރިހާ ކުދިންގެވެސް ޓާގެޓަކަށްވާންވާނީ އޯލެވެލް އިމްތިހާން ނިމިގެންދާއިރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުއްޖަކަށް ވެގެން ދިއުންކަމުގައި ވިދާޅުވިއެވެ. މި ނަތީޖާ ހޯދުމުގައި ދިވެހި ބަހާއި އިސްލާމް މި ދެ މާއްދާއަކީ ވަރަށްބޮޑު އިސް ދައުރެއް ކުޅޭ އެއްޗެއް ކަމާއި މި ދެމާއްދާއިން އޭ ސްޓާރ ލިބިގެން ނޫނިއްޔާ ގަދަ ދިހައެއްގެ 1 ވަނައަށް ނާރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ކޭންޕުގައި ގްރޭޑް 10 ގެ ހުރިހާ ދަރިވަރުންހެން ބައިވެރިވިއިރު، ކޭންޕުގައި އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއާއި ބެހޭ މަޢުލޫމާތާއި އިމްތިޙާންކުރެވޭ ބައިތައް އަލުން މުޠާލިޢާ ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުމަށް އެބައިތަކާ ބެހޭ އިތުރު މައުލޫމާތު ދަރިވަރުންނަށް ދިނެވެ.
އޭގެ ތެރޭގައި ދޭހައާއި ޚުލާޞާއާއި ސިޓީލިޔުމާއި މަޒުމޫނު ލިޔުމާއި ވާހަކަލިޔުމާއި އިރުޝާދުދޭ ލިޔުމުގެ އިތުރުން ބައޮގްރަފިކަލް ރިކައުންޓާއި ޙަޤީޤީ ރިކައުންޓް ލިޔުމާ ބެހޭ ގޮތުން ތަފާތު އެކި މުދައްރިސުން މައުލޫމާތުދެއްވިއެވެ.
ދިވެހި ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި މި ކޭންޕަކީ ވަރަށް ގިނަ ގޮތްގޮތުން ފައިދާހުރި ކޭންޕެއް ކަމަށާއި، ދިވެހި އިމްތިޙާން މިހާ ކައިރިވެފައި އޮއްވައި ކޭމްޕް ބޭއްވުމުން މި ކޭންޕުން ލިބުނު މަޢުލޫމާތު ދަރިވަރުންނަށް ތާޒާކަމާއެކު އިމްތިޙާނުގައި ބޭނުންކުރުމުގެ ފުރުޞަތު އޮންނާނެ ކަމާއި މި ކޭންޕުގެ ސަބަބުން ދަރިވަރުން އިތުރަށް ރަނގަޅުކުރަންވީ ކަންތައްތައް ދެނެގަނެވި އިމްތިޙާން މާކުކުރުމުގައި ގެންގުޅޭ ހަމަތަކާއި އުޞޫލުތަކަށް ވެސް އިތުރަށް އަހުލުވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ.
މިއަހަރު އެސް.އެސް.ސީ އިމްތިހާނުހަދާ ދަރިވަރުންނަށް އަމާޒުކޮށްގެން އިސްލާމް ކޭންޕު ބޭއްވީ މި މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު އެވެ. ކޭންޕު ކުރިއަށް ދިޔައީ މި ދެ ދުވަހުގެ ހެނދުނު 7:45 އިން ހަވީރު 6:00 އަށެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް އެޗް.އޯ.ޑީ ޙަލީމަތު ރަޙީމާ ވިދާޅުވެފައިވަނީ، އެންމެ ފަހުވަގުތު މުހިއްމު ހުރިހައި އެއްޗިއްސެއް އެއްތަނެއްގައި ތިބެ މުޠާލިޔާ ކޮށްލުމަކީ ކާމިޔާބު ގޮތެއް ކަމަށާއި މިކަމުގެ ސަބަބުން ވަގުތު ސަލާމަތްވެ އިތުރަށް ކިޔަވަން ވަގުތުވެސް ލިބޭކަމަށެވެ.
ޓެސްޓް ވަރަށް ކައިރިކޮށްލާފައި ޔުނިޓްތަކުގެ ފިލާވަޅުތައް އެންމެން އެއްތަނެއްގައި ތިބެގެން އެއްދުވަހެއްގެ ތެރޭގައި ބަލާލެވޭގޮތަށް ހުރިހާކުދިން އެއްކޮށް މަސައްކަތް ކުރީމާ ފައިދާ ބޮޑުވެގެންދޭ." ހަލީމަތު ވިދާޅުވިއެވެ.
ހަލީމަތު ވިދާޅުވީ ކުދިންނަށް ޖަވާބު ލިޔުމުގައި ހެދޭ ގޯސްތައް ޓެސްޓާކައިރިކޮށްލާފައި ހަނދާންކޮށްލަދީ އެކަން އިސްލާހު ކުރާނެގޮތް ކިޔައިދީ ކުދިންނަށް އޮޅުން އަރާއެއްޗެއް އޮތިއްޔާ އެއެއްޗެއް އޮޅުންފިލުވައި ދިނުމުން އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމުގައެވެ.
އިސްލާމް ކޭންޕު ކުރިއަށް ގެންދިޔައީވެސް ދަރިވަރުން ވަރަށް ޝައުގުވެރިވާ ގޮތަށް ގްރޫޕްތަކަށް ސުވާލު ހުށަހަޅައި ޖަވާބުދޭ ގޮތަށެވެ. އަދި ވަކިވަކި ދަރިވަރުންނަށް ވެސް ޖަވާބުދެވޭގޮތަށް ސުވާލުތައް ހުށަހަޅާފައިވެއެވެ. ރަނގަޅު ޖަވާބު ދިމާކުރި ދަރިވަރުންނަށް އިނާމުވެސްވަނީ ދެވިފައެވެ.