ގްރޭޑް 10 ގެ ދަރިވަރުންގެ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާން އިސްލާމް މާއްދާއިން މިއަދު ފަށައިފިއެވެ. މިއަދު ހެނދުނު 9:30 ގައި އޮތީ އިސްލާމް ކަރުދާސް 1 އެވެ. މާދަމާ އޮންނާނީ އިސްލާމް ކަރުދާސް 2 އެވެ.
އިސްލާމް ޓެސްޓަށް ދަރިވަރުން ތައްޔާރު ކުރުމަށްޓަކައި މިމަހުގެ މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހުވަނީ އިސްލާމް ކޭންޕެއްވެސް ބާއްވާފައެވެ. އަދި ދަރިވަރުން ފިލާވަޅުތަކަށް އިތުރު ތަމްރީން ދިނުމަށްޓަކައި ގިނަ ކުލާސްތަކެއްވެސްވަނީ ބާއްވާފައެވެ.
އެސްއެސްސީ އިމްތިހާން ގެ ދިވެހިބަހުގެ ކަރުދާސް 1 އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. ކަރުދާސް 2 އޮންނާނީ ބުދަ ދުވަހުއެވެ. ދިވެހި ބަހުގެ މާއްދާއަށް ދަރިވަރުން އިތުރަށް ތަމްރީން ދިނުމަށްޓަކައި މިމަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހުވަނީ ދިވެހި ކޭންޕެއް ބާއްވާފައެވެ.
ސާނަވީ އިމްތިހާނު މި އަހަރު ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށް ގެންދާނެއެވެ.
މި އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނުގައި 8362 ދަރިވަރުން ބައިވެރިވެއެވެ. ކެމްބްރިޖް އިމްތިޙާނުގައި 7666 ދަރިވަރުން ބައިވެރިވާއިރު އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7519 ދަރިވަރުން ބައިވެރިވެއެވެ.
އެސްއެސްސީ އިމްތިޙާނުގައި މި އަހަރު ބައިވެރިވާ ދަރިވަރުންގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު 1412 ދަރިވަރުން އިތުރެވެ. ކުރީ އަހަރު އެސްއެސްސީ އިމްތިހާން ހެދީ 6107 ދަރިވަރުންނެވެ.