ލިޔުނީ: އަލްއުސްތާޛާ އާމިނަތު ރީނާ އަޙްމަދު ތައުފީޤް
އަޅުގަނޑަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ވަރަށް ގިނަ ދަރިވަރުންގެ ބެލެނިވެރިން ދަންނަ އަދި ވަރަށް ގާތް ގުޅުމެއްވެސް އެބޭފުޅުންނާ އޮންނަ މީހެކެވެ. ސާނަވީން ފެށިގެން ޕްރައިމަރީއާ ހަމައަށްވެސް މެއެވެ.
ބޯޑް މެމްބަރުކަމަށް މިއަހަރު ކުރިމަތިލި އެންމެ ބޮޑު ސަބަބަކީ، ފާއިތުވެ ދިޔަ އަހަރުގެ ޕްރައިމަރީ ދާއިރާއިން ބޯޑް މެމްބަރުކަން 3 އަހަރު ވަންދެން ކޮށްފައިވުމާއެކު، މެމްބަރެއްގެ ހައިޞިއްޔަތުން އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ސްކޫލަށާއި ކުދިންގެ މުސްތަޤްބަލަށް އަޅުގަނޑުގެ އެހީތެރިކަން އިތުރަށް ލިއްބައިދޭނެ މަގުތައް ފަހިކޮށްދީ، ބެލެނިވެރިންގެ އަޑު އެންމެ ގާތުން އަހާ ރައްދުކޮށްދޭނެ ފަރާތަކަށް އަޅުގަނޑުވުމެވެ. އަޅުގަނޑުގެ ދައުރު ފުރިހަމަކުރީ ބެލެނިވެރިންގެ އެއްބާރުލުމާއިއެކު، އެބޭފުޅުންގެވެސް ތަނަވަސް ޚިޔާލުތަކާއި ތަޞައްވަރުތަކުގެވެސް އަލީގައި މިގޮނޑީގެ ޛަރީޢާއިން ބޯޑާ ހަމައަށް ވެސް އެއަޑުތައް ވާޞިލްކޮށްދީގެންނެވެ. 3 އަހަރު ބޯޑުގެ މެމްބަރުކަން ކުރި ކުރުމުގައި އެންމެ ބޮޑަށް ފާހަގަވީ ކަމަކީ، ބޯޑުގެ މެންބަރުންގެ އިޚްލާސްތެރި ކަމާއި ސްކޫލުގެ ކަންކަން ނިންމުމުގައި ކުދިންގެ ލާބައާއި މަންފާއަށް ޚާއްޞަ އިސްކަމެއް ދީގެން ނިންމުންތައް ނިންމާފައި ވާކަމެވެ. ސާނަވީ ދާއިރާއިން މިއަހަރު ކުރިމަތިލީ 2 އަހަރުގެ ދައުރެއް އެއްކޮށް ނިމެންދެން އަޅުގަނޑަށް އަދާކުރެވެންވެސް އޮތީމައާއެކުގައެވެ. މިހާތަނަށް އައިއިރު އަޅުގަނޑުގެ އަމިއްލަ ތަޢާރަފެއް އަދި ދެވިފައި ނުވާތީ، އެބައި ފުރިހަމަކޮށްލާނަމެވެ. އަޅުގަނޑަށް ކިޔަނީ އަލްއުސްތާޛާ އާމިނަތު ރީނާ އަޙްމަދު ތައުފީޤެވެ. ޢާއްމު ނަމުންނަމަ "ރީން" އެވެ. އަޙްމަދިއްޔާ ސްކޫލުގެ ބެލެނިވެރިއެއްގެ ޙައިޞިއްޔަތުން އުޅޭތާ މިވީ 7 އަހަރެވެ. ދޮށީ ދަރިފުޅު މަލްކާ ގްރޭޑް 8ސީ ގައި ކިޔަވަމުން ދާއިރު ހަގުދަރިފުޅު ކިޔާން 4ސީ ގައެވެ. އަދި ކްލާސް ރެޕެއްގެ ޙައިޞިއްޔަތުން އެޒިންމާ ވަރަށް ފުރިހަމައަށް އަދާކުރިވިފައި ވާނެކަމާމެދު ޚުދު ބެލެނިވެރިންވެސް އެއްބަސްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރަމެވެ. ދަރިންގެ އިތުރުން އަޅުގަނޑަކީވެސް މިސްކޫލުގައި ގްރޭޑް 2 އަދި 3 ގައިވެސް ތަޢުލީމް ޙާޞިލްކުރި ދަރިވަރަކީމެވެ. އެހެންކަމުން މިސްކޫލަކީ އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ސްކޫލެކެވެ. އަޅުގަނޑުގެ ތަޢުލީމީ ޙަޔާތް އަހްމަދިއްޔާގެ އިތުރުން ފުރިހަމަކޮށްވާނީ މަދްރަސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާއިންނާއި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިންނެވެ. މަތީ ތަޢުލީމް ޙާޞިލްކުރީ ކުއްލިޔަތުލްދިރާސާތިލް އިސްލާމިއްޔާއިންނެވެ. އެތަނުން އަޅުގަނޑު ޙާޞިލްކުރީ ޝަރީޢަތާއި ޤާނޫނުން ބެޗެލަރސް ޑިގްރީއެވެ. ވަޒީފާ އަދާކުރީ އެޓާރނީ ޖެނެރަލްގެ އޮފީހުގައި އެސިސްޓަންޓް ސްޓޭޓް އެޓާރނީ އަދި ޑެޕިއުޓީ ސްޓޭޓް އެޓާރނީއެއްގެ މަޤާމުގައެވެ. މިގޮތުން އަޅުގަނޑަށް ބޮޑަށް މަސައްކަތްކުރެވިފައިވާނީ ޕްރޮޒެކިއުޝަން ސެކްޝަންގައެވެ. އަދި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކި ތަމްރީންތައް ފުރިހަމަ ކުރެވިފައިވާނެއެވެ.
ސަރުކާރުން ވަކިވުމަށްފަހުގައިވެސް އަމިއްލަ ގޮތުން ޤާނޫނީ ދާއިރާގައި މަސައްކަތްކޮށްފައިވާނެއެވެ. އަދި މިހާރުވެސް ބޭނުންތެރިކަން ޖެހިފައިވާ ބައެއް ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދަމެވެ. މިމަޤާމަށް ކުރިމަތިލާފައިވާ މެމްބަރެއްގެ ހައިޞިއްޔަތުން، އަދި ލިބިފައިވާ ތަޖުރިބާގެ އަލީގައި އަޅުގަނޑު ބޭނުންވަނީ އަޙްމަދިއްޔާ ފަދަ ގޮންޖެހުންތައް ގިނަ ސްކޫލަކަށް އަޅުގަނޑުގެ ފަރާތުން ދެވެންހުރި ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އަދި ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާނެހެން، ކުދިންގެ މުޞްތަޤްބަލަށް އެންމެ ފައިދާކުރަނިވި ގޮތަކަށް ކަންކަން ނިންމުމުގައި އަޅުގަނޑުގެ އެއްބާރުލުން ބޯޑަށް ދިނުމެވެ.
ނިންމާލަމުން އަޅުގަނޑު އެދެނީ ތިޔައެންމެހާ ބޭފުޅުންވެސް 2025 ވަނަ އަހަރުގެ މިސްކޫލް ބޯޑްގެ ސާނަވީ ދާއިރާގެ މެމްބަރުކަމަށް މިމަހުގެ 18 ވަނަ ދުވަހު އަޅުގަނޑަށް ( ކެންޑިޑޭޓް ނަމްބަރ – 3 ) ވޯޓު ދެއްވުމެވެ. އަދި ތިބޭފުޅުންގެ ވޯޓާއެކު އަޅުގަނޑު ހޮވިއްޖެނަމަ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު މަޤާމް އަދާކުރުމުގައި ދެމިހުންނާނަމެވެ.