ތަޢުލީމު ޙާޞިލު ކުރަމުން އަންނަ ދުވަސްވަރު، ސްކޫލު މަދަރުސާތަކުން، ކިޔަވައިދޭ، ރަސްމީ މާއްދާތަކުގެ އިތުރުން، އިތުރު ހުނަރު ހޯދާ ލިބިގަތުމަކީ، މަދަރުސީ ޙަޔާތުގައި ހަމަ ކޮންމެ ކުއްޖަކަށް ހެންމެ، އެހާމެ މުހިންމު ކަމެކެވެ. މިކަމުގެ ފައިދާ ބޮޑަށް އިޙުސާސް ކުރެވެން ފަށާނީ، ކިޔަވައި ނިމިގެން، ވަޒީފާގެ މާޙައުލާ ކުރިމަތިލާ ހިނދުގައެވެ.
މިސާލަކަށް ވާހަކަ ދެއްކުންތެރިކަމުގެ ހުނަރަށް ބަލައިލަމާ ހެއްޔެވެ؟ މިއީ މި މައުޟޫގައި ލިޔާ ސިލްސިލާ ކޮލަމަކަށްވީތީ، މިފަހަރު މި ޚާއްސަ ކޮށްލަނީ ހަމައެކަނި ވާހަކަ ދެއްކުންތެރި ކަމުގެ ހުނަރަށް އެކަންޏެވެ. މި ހުނަރަކީވެސް، ހަމަ ކޮންމެ މީހަކަށްމެ، އެނގެންޖެހޭ އަދި ލިބިފައި އޮންނަންވާނެ ހުނަރެކެވެ.
ސަބަބަކީ ތިމާ، އެހެން މީހަކަށް ބުނެދޭ ކޮންމެ ބުނެދިނުމަކީ، ކޮންމެވެސް މަޤުޞަދެއް ޙާސިލުކުރަން ބުނާ ބުނުމަކަށް ވާތީއެވެ. އެ މަޤްސަދަކީ، އެ ބުނާއެއްޗެއް، އަނެކާއަށް ފަހުމް ކޮށްދިނުމެވެ. ވިސްނައި ދިނުމެވެ. ދޭހަ ކޮށްދިނުމެވެ. އަންގައި ދިނުމެވެ. މިފަދަ ބުނެދިނުމަކުން، އަނެކާއަށް ފައިދާއެއް ކުރާނީ، އެ ވާހަކައެއް، އަހާހިތްވާނެ ޝައުޤުވެރި ގޮތެއްގައި ބުނެދިނުމުންނެވެ. އަދި އެ ދައްކާ ވާހަކައިގައި ބޭނުންކުރާ ލަފުޒުތަކަކީ، އަނެކާ އަށްވެސް އޭގެ މާނަ އެނގޭ ލަފުޒު ތަކަކަށްވުން، ކޮންމެހެން މުހިންމެވެ.
މިސާލަކަށް ތިރީގައި އެވާ ޖުމްލަ، ވިދާޅުވާށެވެ. އެއީ ދިވެހި ލަފުޒުތަކުން އުފެދިފައިވާ ޖުމްލައެކެވެ. އެހެނެއްކަމަކު، ވަކިވަކި ލަފުޒުގެ މާނަ ނޭނގޭހާ ހިނދަކު، އެ ޖުމްލައެއް، ކިޔާ މީހަކަށް ފަހުމެއް ނުވާނެއެވެ.
" ސަރިންދާ ކިތަންމެހާވެސް ސަރި އެވެ. ސަރިދާލޭސްގައި އެބޭފުޅަކު، ސަރު ފުޅުހަލުއްވަމުން ސަރުނަ ވެފައިވާ މައިދާނުގައި އިންނެވީ، ސަރިންދާގެ އަޑުން ހިތް ފުރުއްވަމުންނެވެ".
މި ޖުމްލައިގައި، "ސަރިންދާ" އެއީ ދިވެހި ލަފުޒެކެވެ. "ސަރި" އެއީވެސް ދިވެހި ބޯދާ ލަފުޒެކެވެ. "ސަރު" މިއީވެސް ދިވެހި ބޯދާ ލަފުޒެކެވެ. ހަމައެހެންމެ "ސަރުނަ" އަކީވެސް، ދިވެހި ބޯދާ ލަފުޒެކެވެ. މި ލަފުޒުތަކުގެ މާނަ ނޭނގޭހާ ހިނދަކު، މަތީގައި އެވާ، ޖުމްލަ ދޭހަކުރާނީ ކޮންފަދައަކުން ހެއްޔެވެ؟
އަހަރެމެންގެ އަމިއްލަ މާދަރީ ބަހުގައިވެސް، ފުން މާނަ އެކުލެވޭ ލަފުޒުތަކާއި، ތިލަ މާނަ އެކުލެވޭ ލަޒުފުތައް ވަރަށް ގިނައެވެ. ހަމައެހެންމެ މީހުން އެ ލަފުޒުތަކާ އަހުލުވެރިނޫން ލަފުޒުތައްވެސް، މަދެއް ނޫނެވެ. މާނައަކީ، ލަފުޒުގެ މާނަ ނޭނގޭ، އަލަށް އެ ލަފުޒެއްގެ އަޑުއިވޭ ލަފުޒުތައްވެސް، ދިވެހި ބަހުގައި އެބަހުރި ކަމެވެ. އެހެންކަމުން، ވާހަކަ ދެއްކުމުގައި ބޭނުންކުރާ ލަފުޒުތަކަކީ، އަނެކާވެސް އަހުލުވެރި އަދި ދަންނަ ލަފުޒުތައް ކަމަށް ވާނަމަ، އެ ދެއްކި ވާހަކައެއް، ވަރަށް ސާފުކޮށް އެމީހަކަށް އެނގޭނެއެވެ. މީހަކަށް ކަމެއް ސާފުކޮށް އެނގުމުން ލިބޭ ފައިދާއަކީ، ޚުދު ތިމާ، އެމީހަކާ ވާހަކަ ދެއްކުމުގެ އެންމެ ބޮޑު މަޤްސަދު ޙާސިލު ވުމެވެ. މިއީ ތިމާއަށް އެނގިހުރި ޙަގީގަތެއްނަމަ، ތިމާ އެމީހަކާ ވާހަކަ ދައްކާނީ، އެ ބުނާ ވާހަކައެއްގެ މަޤްސަދު ޙާސިލުވާނޭ ގޮތަށެވެ.
ދެން އޮތީ، އެމީހަކާ އެ ވާހަކައެއް ދައްކާ ރާގެވެ. ހިތް ހެޔޮކަމާއެކު، ބުނާ ބަހާއި ރުޅިވެރިކަމުގައި ހުރެ، ބުނާ ބަހުގެ ރާގު ތަފާތެވެ. އެ ވާހަކައެއް ބަލައިގަތުމުގައިވެސް، މި ތަފާތު ފެނެއެވެ. އެއީ އިޚުލާސްތެރިކަމާއެކު ބުނި ވާހަކަ އެއްކަން، އަނެކާއަށް ގަބޫލު ކުރެވޭނީ، ހިތް ހެޔޮ ކަމާއެކު، ބުނުމުންނެވެ. މި ދެންނެވި ދެބާވަތުގެ ބުނުމުގެ ތަފާތު ވަކިކުރެވޭ އެއްޗަކީ، އެ ވާހަކައެއް ދެއްކި ރާގެވެ. ހަމަ އެހެންމެ އެވާހަކައެއް ބުނިއިރު، މޫނުމަތިން ދައްކުވައިދޭ ސިފައަކީވެސް، ހިތްހެޔޮ ކަމުގެ ސިފައެއް ނަމަ، ހިނިތުންވުން މޫނުމަތީގައި އެކުލެވިގެން ވާނެއެވެ. އޯގާތެރިކަން ނުވަތަ ނަސޭޙަތުގެ ސިފަ، ރާގުގައި ހުންނާނެއެވެ.
މީހުންނަށް ކަންކަން ވިސްނައިދޭން ވާހަކަ ދައްކަންވާނީ، އެ ދައްކާ ވާހަކައެއްގެ ހަލުއިކަމުން، ސާފު ނުވާހާ އަވަހަކަށް ނޫނެވެ. އިވޭ އަޑުތައް ނަގައިގަތުމުގެ ބާރު، އެކި މީހުންނަށް ލިބިފައިވަނީ އެކި މިންވަރަށެވެ. އެހެންކަމުން ދައްކާ ވާހަކައިގެ "ސްޕީޑު" ބަހައްޓަންވާނީ، އަނެކާއަށް ފަހުންވާނޭ މެދުމިނު ވަރަކަށެވެ.
މި ބަޔާންކޮށްދިނީ ވާހަކަ ދެއްކުމުގެ ހުނަރުގެ ދާދި ކުޑަ މިސާލެކެވެ. މި ފަންނަކީ، ކިތަންމެ ހުނަރެއް އެކުލެވޭ ފަންނެކެވެ. މޮޅު ވާހަކަ ދެއްކުންތެރިއަކަށް ވުމަށްޓަކައި، މި ފަންނުގެ ހުރިހާ ހުނަރެއް އުނގެނެން ޖެހެއެވެ. މި ފަންނުން ކުއްޖަކު ކުރިއަރައިދާއިރު، އެ ކުއްޖަކު ވެގެންދާނީ، މި ފަންނުގެ ހުނަރުވެރި އަކަށެވެ. މި ދެންނެވި ފަދަ ހުނަރުވެރިއަކަށް ވެގެންދާއިރު، އޭނާއަކީ ބަސްވާރަކަށްވެސް ވެގެން ދެއެވެ. ބަސް ބޭނުން ކުރުމުގެ ހުނަރުވެސް އިތުރަށް އުނގެނި ކުރިއަރައި ދެއެވެ. އެހެންކަމުން ކިއެވުމާއެކު، އިތުރު ހުނަރު ހޯދާ ލިބިގަތުމުގެ މުހިންމުކަން ކިހާ މުހިންމު ހެއްޔެވެ؟
3 Responses
ވަރަށް ފުރިހަމަ ލިޔުމެއް. ސަލީމް ސަރ ގެ އިތުރު ލިޔުންތަކަށް އިންތިޒާރުކުރަން.
ސަލީމްސަރއަކީ ވަރަށް މޮޅު ލިޔުންތެރިއެކެވެ އެކަމަކު ސަރ ލިޔުންހާދަ މަދެވެ. ސަރ ގެ ލިޔުންތަކަށް ވަރަށް އިންތިޒާރުކުރެވެއެވެ.
އިތުރު ހަރަކާތުގައި ބައިވެރި ވުމަކީ ވަރަށް މުހިއްމު ކަމެއް. ކޮންމެ ކުއްޖަކުވެސް ވީ ކިޔެވުމާއެކު ކޮންމެވެސް ހަރަކާތެއްގައި ބައިވެރިވާން.