ގަނާކުރުން: ތި ހީކުރާ ވަރަށް ވުރެ މާނުރައްކާތެރި!

ހަނގާކުރުން ނުވަތަ ގަނާކުރުމަކީ ހުރިހާ މުޖުތަމަޢުތަކެއްގައި ވެސް ވަކި ހިއްޕާލާފައިވާ ނުހަނު ނުރައްކާތެރި ވަބާއެކެވެ. މުޖުތަމައުތަކުގެ ހުރިހާ ދިމާއަކަށް މޫލައި ފެތުރިފައިވާ މި ނުރައްކާތެރި ވަބާގެ ސަބަބުން ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގަމުންދެއެވެ. މި ރިޕޯޓުގައި ބަލައިލެވިފައިވާނީ ގަނާކުރުމާއި ގަނާކުރުމުގެ ވައްތަރުތަކާއި އޭގެ ސަބަބުންކުރާ ނޭދެވޭ އަސަރުތަކަށެވެ. އަދި ގަނާގެ ޝިކާރައަކަށްވުމުގެ ކުރިން އެޅިދާނެ ބައެއް ފިޔަވަޅުތަކަށް ވެސް ބަލައިލެވިފައިވާނެއެވެ.

ގަނާކުރުމަކީ ކޮބާ؟

ގަނާކުރުން ނުވަތަ ހަނގާކުރުމަކީ މީހަކަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރެއްކުރާ ފަދަ ކަމެއްކުރުމެވެ. މީހަކާ ދިމާއަށް އަމަލުން ނުވަތަ ބަހަކުން ވިޔަސް އެ މީހަކު ހިތްހަމަނުޖެހޭ ގޮތަށް މުއާމަލާތުކުރުމަކީ ގަނާކުރުމެވެ. މީހެއްގެ ސިފަޔަށް ބަލައި އައިބުކިޔުމާއި، މީހެއްގެ ފެންވަރަށް ނުވަތަ މަގާމުގެ ދަރަޖަ އަޅާކިޔައި އެމީހަކަށް އެއްޗެހި ކިޔުމަކީ ވެސް ގަނާކުރުމެވެ. އެހެން މީހަކު ދެރަވާނެ ފަދަ އަމަލެއް ކުރުމާއި، ބަހެއް ބުނުމާއި ތިމާއަށް ލިބިގެންވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. އަދިހަމައެއާއެކު ބިރު ދެއްކުމެވެ. މިއީ ގަނާކުރުމުގެ ދަރަޖަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ކަންތަކެވެ.

ގަނާކުރުމުގެ ބައެއް ވައްތަރުތައް

ނަފްސާނީ، ޖިންސީ އަދި ޖިސްމާނީ ގޮތުން މީހަކަށް ގެއްލުން ދިނުމާއި ސައިބަރ ބުލީކުރުމަކީ ގަނާކުރުމުގެ އެންމެ އާންމު ވައްތަރުތަކެވެ. އެހެން ނަމަވެސް މި ބައިގައި ބަލައިލަނީ ގަނާކުރެވޭ ތަފާތު ވައްތަރުތަކެއް ވާކަމަށް ބަޔާންކޮށް ސެމުއަލް އެޗް އޭ (2012) ފާހަގަކޮށްފައިވާ ބައެއް ކަންކަމަށެވެ. އެގޮތުން އޭނާ ފާހަގަކޮށްފައިވާ ބައެއް ކަންތައް، ތަފްސީލާއެކު ހިމަނައިލާނަމެވެ.  

ގަނާކުރުމުގެ އެންމެ އާންމު އެއް ވައްތަރަކީ އަނގަބަހުން ނުވަތަ ނަފްސާނީ ގޮތުން ގަނާކުރުމެވެ.  މިފަދައިން ގަނާކުރުމަކީ ގަނާކުރެވޭ މީހެއްގެ އިހްސާސްތައް އެމީހެއްގެ ބާރުގެ ދަށަށް ގެނެސް އެމީހަކާ ދޭތެރޭ ނުރުހުންތެރިކަން ފާޅުކުރުމެވެ. ނުވަތަ އެމީހަކަށް ކުރެވިފައިވާ ނޭދެވޭ ކަމެއްގެ ވާހަކައެއް ދައްކައި ގަނާކުރެވޭ މީހާއަށް ނުފޫޒުފޯރުވުމެވެ. އެހެން ވެއްޖެނަމަ އެމީހަކަށް ނަފްސާނީ ގޮތުން އަސަރުތަކެއް ކުރާނެއެވެ. މީގެއިތުރުން މީހަކު ހިތްހަމަ ނުޖެހޭ ނަމަކުން އެމީހަކަށް މުޚާތަބުކުރުމަކީ ވެސް ގަނާކުރުމުގެ ވައްތެރެކެވެ. ހިތްނޭދޭ ވަނަންތަކުން އެ މީހަކަށް ގޮވުމެވެ. މިއީ ދަރިވަރުންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. ކިތަންމެ ކުޑަކަމެއް ކަމަށް ދެކޭ ކަމެއް ނަމަވެސް ވަނަމުން ގޮވުމަކީ ވެސް ކުއްޖާއަށް ނަފްސާނީ ގޮތުން ނުހަނު ބޮޑަށް އަސަރުކުރާ ކަމެކެވެ.

މިފަހަކަށް އައިސް އެންމެ އާންމު އެއް ކަމަކީ ސައިބާރ ބުލީންއެވެ. މިއީ މީސްމީޑިއާގެ ތެރޭގައި ތަފާތު ގޮތްގޮތަށް ކުރެވޭ ގަނާކުރުމެވެ. އެގޮތުން ފޭސްބުކް، ވައިބަރ،އިންސްޓަރ ގްރާމް، ޓެލެގްރާމް، ޓްވިޓަރ، އީމެއިލް ފަދަ މަންސަތަކުގައި އަނެކާ ބަދުނާމުކުރުމުގެ ގޮތުން ވިޔަސް ނުވަތަ އެނޫން ވެސް ގޮތަކުން ދިމާކުރުމަކީ ސައިބަރ ބުލީއިންއެވެ. މީގެ ޝިކާރައަކަށްވަމުންދާ ކުދިން ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. ސަބަބަކަށް ވަނީ ޓެކްނޮލޮޖީގެ ގޮތުން ނުހަނު ހަލުވި މިނެއްގައި ކުރިއަރަމުން އަންނައިރު، ގިނަ އަދަދެއްގެ ކުދިން މީސްމީޑިއާއަށް ދެވިހިފުމެވެ. އަދި ބައެއް ކުދިންނަށް ހައްދެއް ނެތް މިންވަރަށް މީސްމީޑިއާގެ ބޭނުންކުރުމުގެ މިނިވަންކަން އެނގިގެންނާއި ނޭނގި ނަމަވެސް ދެވިފައިވުމެވެ.

 

ގަނާކުރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް

ކޮންމެ މީހަކީ ވެސް ތަފާތު ހުނަރުވެރިކަމެއް ލިބިގެންވާ މީހެކެވެ. ނަމަވެސް އެ މީހަކަށް ލިބިފައިވާ ކުޅަދާނަކަމާއި އުފެއްދުންތެރިކަން ބިނާވެފައިވަނީ އެ މީހެއްގެ ކިބައިގައިވާ ކެރުންތެރިކަމާއި ހިތްވަރުގަދަކަމުގެ މައްޗަށެވެ. އެހެންނަމަވެސް ދުނިޔެވީ ގޮތުން މީހަކަށް ދިމާވާ ކޮންމެވެސް ކަމެއްގެ ސަބަބުން ގުދުރަތީގޮތުން އެމީހަކަށް ލިބިފައިވާ ނުވަތަ ފޮރުވިފައިވާ ހުނަރުތައް ފާޅުކުރަން ބައެއް މީހުން ޖެހިލުންވާކަމަށް ޑެނީ ހެއިޓްމެން (2009) ހާމަ ކުރައްވައެވެ. އެފަދަ މީހަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމީހަކަށް ދިމާވާ ނަފްސާނީ ނިކަމެތިކަމެވެ. ނަފްސާނީ ބަލިކަށިކަން މީހެއްގެ ކިބައިން ފެންނަ އެންމެ  ބޮޑު އެއްކަމަކީ އެހެންމީހުންގެ ފަރާތުން ހިތްވަރުގެ ބަހެއް ނުލިބޭތަނުގައި އެކަމަކަށް މަލާމާތާއި ފުރައްސާރަ ކުރިމަތިވުމެވެ.

ގިނަ ދުވަސްތަކަކަށް ގަނާކުރެވެމުން އަންނަ ކުއްޖެއް ނަމަ އެ ކުއްޖަކަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. އެގޮތުން އަމިއްލަ ނަފްސު ކުށްވެރިކުރުމާއެކު ތިމާ އަކީ އެހެން މީހުންގެ ކުރިމަތީގައި އެއްވެސް އަގެއް ނެތް މީހެއްކަމުގެ އިހްސާސް އެ ކުއްޖަކަށް ކުރެވެއެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ވަބާތަކުން އަޅުގަނޑުމެން ސަލާމަތް ވާން ޖެހެއެވެ. ޚާއްޞަ ގޮތެއްގައި ކުޑަކުދިންނަށް ސައިބަރ ބުލީކުރުމުން އެކުދިން ދުނިޔެއާމެދު ދެކޭ ގޮތް ބަދަލުވާނެ ކަމަށާއި، ތިމާގެ އަގެއް ނެތްކަމާއި އެހެން މީހުންގެ ކުރިމަތީގައި އެއްވެސް ބާރެއް ނެތްކަމުގެ އިހްސާސް ކުރެވޭނެކަމަށް ޝެރީ ގޯޑަން (2017) ހާމަކުރައްވައެވެ. އެހެންކަމުން ކަންކަމުގައި ބައިވެރިވާ މިންވަރު މަދުވެ އިސްނެގުމާއި ކުދިންގެ ކިބައިން އެކުވެރިކަން ގެއްލިގެންދެއެވެ. އެހެންކަމުން މި ފަދަ ކަންކަމަކީ ކުދިންގެ ކިޔެވުމަށް ވަރަށް ބޮޑަށް އަސަރު ފޯރާނެފަދަ ކަންކަން ކަމުން ގަނާކުރުމުގެ މާހައުލުތަކުން ކުދިން އެއްފަރާތްކޮށް ބެހެއްޓުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ގަނާކުރެވޭ ކުދިން ސުކޫލަށް ދާން ބޭނުންވާ މިންވަރު މަދުވެ ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ތަކެއްޗާ ކުދިން ދުރުވާން ފަށާނެއެވެ. އެއީ ކިތަންމެ އެފަދަ ތަކެއްޗާ ކުޅޭ ހިތްވާ ނުވަތަ އެބާވަތުގެ ތަކެއްޗަށް ކިތަންމެ ގަޔާވާ ކުއްޖަކަށް ވިޔަސްވެހެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އިންޓަރނެޓާއި މޯބައިލް ފޯނު ގެންގުޅޭ މިންވަރު މި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބޮޑެތިމީހުންގެ އިތުރުން އަށާރަ އަހަރު ނުވާ ނުވަތަ ތަޞައްރަފު ނުފުދޭ ކުޑަކުދިން ވެސް އެކި ބާވަތްތަކުގެ ޒަމާނީ ޓެކްނޮލޮޖީގެ އާލަތްތައް ގެންގުޅޭ މިންވަރު މީގެ ދިހަ ވަރަކަށް އަހަރާ މިހާރާ އަޅާވެސް ނުކިޔެއެވެ. އެހެންކަމުން ބޮޑެތި މީހުންނަށް ދިމާވާ ހަމަ ކޮންމެ ކަމެއް ކުޑަކުދިންނަށް ވެސް ދިމާވެދާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެއެވެ.

ވިސްނަންވީ ކަމަކީ ނަފްސާނީ އަނިޔާ ލިބޭ ކުދިންނަކީ ކިޔެވުމާއި ވަރަށް ދުރު ބައެއްކަމެވެ. ސުކޫލަށްދާހިތްނުވުމާއި، ކިޔަވާހިތްނުވުމާއި، ކިޔަވާ ވާހަކަދެއްކުމުން ފަސޭހައިން ރުޅިއައުމަކީ އެކުދިންގެ ފަރާތުން ފެނިދާނެ ކަންކަމެވެ. އޭގެ ސަބަބަކަށް ވަނީ ކިޔަވާ ތަނަކުން ނުވަތަ އެކު އުޅޭ ބައެއްގެ ތެރެއިން ނަފްސާނީ ދުއްތުރާތަކެއް ލިބިގެން ދިޔުމެވެ. އެހެންކަމުން އެފަދަ ކުދިންނަކީ އެކަހެރިވުމަށް ލޯބިކުރާ ކުދިންކަމަށްވާތީ އާއްމުކޮށް އެއްވެ އުޅޭ ތަންތަނަށް އެކުދިން ދާހިތެއް ނުވާނެއެވެ. ކުދިން ކުލާހުގައި އުޅޭ ގޮތާއި އަހަރުން އަހަރަށް ނަތީޖާ ދަށްވާނަމަ އެ ދަށްވަނީ ކީއްވެގެންކަން މުދައްރިސުންނާއި ބެލެނިވެރިން ވަރަށް ގާތުން ބަލަންޖެހެއެވެ. މީގެއިތުރުން އިތުރު ހަރަކާތްތަކުގައި އުޅޭ ކުއްޖަކު އެކަންކަމުން ކުއްލިއަކަށް އެއްފަރާތްވުމަކީ ވެސް ވަރަށް ކައިރިން ބަލަން ޖެހޭނެކަމެކެވެ. އެއީ ވެސް ގަނާކުރުމުން ކުދިންނަށް ދިމާވެދާނެކަމެކެވެ. އެކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި ހަރަކާތްތެރިކަމަށް ވަރަށް އަވަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވެއެވެ. ކިޔެވުމުގައި ކުދިންގެ ނަތީޖާދަށްވާ ކޮންމެ ފަހަރަކީ ގަނާކޮށްގެން ދިމާވާ ކަމަކަށްނުވި ނަމަވެސް ގަނާކުރުމަކީ ކުދިންގެ ނަތީޖާއަށް އެންމެ ބޮޑަށް އަސަރު ކުރުވާނެ އެއްކަންތައް ކަމަށް އޮލްވެއަސް ޕްރިވެންޓަރ ސެންޓަރ (2011) އިން ހާމަކުރައްވާފައިވެއެވެ.

ދެން އޮތީ އެންމެ ނުރައްކާތެރި ހަރުފަތެވެ. އެއީ އެ ކުއްޖަކު ޑިޕްރެޝަނަށް ގޮސް ދެން ކަންކުރާ ގޮތެވެ. ޑިޕްރެޝަނަކީ ނަފްސާނީ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބައްޔެވެ. އެއީ ތިމާއަށް ދިމާވާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭ ދަރަޖައަށް ދިއުމެވެ. އެ ހަރުފަތަށް  މީހަކު ގޮސްފިނަމަ އެމީހެއްގެ ނަފްސުގެ ކޮންޓްރޯލް އެމީހެއްގެ ޒަމީރުގެ ކިބައިން ނިގުޅައިގަންނަ ކަމަށް ވެލް ބެއިން (2013) ވިދާޅުވެފައިވެއެވެ. މިފަދަ މީހުން ތިމާއަށް ދިމާވާ ކަންކަން އެހެން މީހުންނަށް ކިޔައިދޭން ޖެހިލުންވާތީ ގިނަ ދުވަސްތަކެއް ވަންދެން ހިތާއި ސިކުނޑީގައި ހަރުލާފައި ހުންނަ ހުރިހާ އުދާސްތައް ގިނަވެގެން އެމީހެއްގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އުނދަގޫކޮށް، ތިމާ އަކީ ބޭކާރު މީހެއްކަމުގެ  އިހުސާސްކުރެވި ދުނިޔެއަށް ގިނަވެފައިވާ މީހެއްކަމަށް އެމީހުން އަމިއްލައަށް ވިސްނައެވެ. އޭގެ ނަތީޖާ ވަރަށް ހިތި ވެސް ވެދާނެއެވެ. ޑިޕްރެޝަންގެ އެންމެ ނާޒުކު، ނުރައްކާތެރި ހަރުފަތުގައި ހުންނަ މީހަކު ކުރާކަށް ވަކި ކަމެއް ނޯންނާނެއެވެ. އެފަދަ މީހެއްގެ ހަށިގަނޑަށް އަމިއްލައަށް ގެއްލުން ދިނުމާއެކު އަމިއްލައަށް މަރުވުމަކީ ވެސް ހަމަ ވެދާނެގޮތެކެވެ.

 

ކުދިންނަށް ކުރާ ނަފްސާނީ އަނިޔާތަކުން ސަލާމަތްކުރެވޭނީ ކިހިނެއް؟

މުސްކުޅިން ބުނެއުޅެއެވެ. "ރައްކާވެ ތިބިއްޔާ ދަތުރެވެ". އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ ވެސްމެއެވެ. ތެދެކެވެ. ކޮންމެ ކަމަކަށް ވެސް ދުރާލާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ ކަންކަމުން ރައްކާތެރިވެ ސަލާމަތްވާނެ މަގު އޮންނާނެއެވެ. ހަމަ އެގޮތަށް ތިމާގެ ދަރިއަކަށް ނުވަތަ ގާތްމީހަކަށް ބުލީ ކުރުން ފަދަ ނަފްސާނީ އުނދަގުލެއް ކުރިމަތި ވުމުގެ ކުރިން އެޅޭނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހުންނާނެކަން ޔަގީނެވެ. އެގޮތުން ގަނާކުރުމުގެ ކުރިން އެޅިދާނެ ބައެއް ފިޔަވަޅުތަކަށް ބަލާލާނަމެވެ.

ގަނާއިން ރައްކާތެރިކުރުމަށް ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ އެ ކުއްޖެއްގެ ވަށައިގެންވާ މީހުން އެކަމަށް ސަމާލުކަން ދިނުމެވެ. މައިންބަފައިންނާއި މުދައްރިސުންނެވެ. ގާތްތިމާގެ މީހުންނާއި އަވައްޓެރިންނެވެ. ރައްޓެހި ރަހުމަތްތެރިންނެވެ. ކެތީ ކްރިސްޓޮފް، (2012) ބަޔާންކުރައްވާ ގޮތުގައި އެ ކުއްޖެއްގެ ވަށައިގެންވާ މާހައުލުގެ މީހުންގެ މިޒާޖާއި ކަންތައް ހުންނަ ގޮތް މައިންބަފައިން ވަރަށް ދުރާލާ ދެނެގަންނަން ޖެހެއެވެ. އޭގެ ސަބަބަކަށް ވަނީ ކުދިން މައިންބަފައިން ގާތުގައި ނޫޅޭ ހުރިހާ ވަގުތެއް ހޭދަކުރާނީ އެކުއްޖެއްގެ ވަށައިގެންވާ މާހައުލުގައިވާ ބައެއްގެ ގާތުގައި ކަމަށްވުމެވެ. އެހެންކަމުން އާއިލާ މީހުންނާއި، އަވައްޓެރިންނާއި، ރައްޓެހިންނާއި، ގެއަށް އައިސް އުޅެނީ ކޮންކަހަލަ މިޒާޖެއްގެވެރި ބައެއްތޯ މައިބަފައިން ބަލަންޖެހެއެވެ. އޭރުން ހަމަ ޔަގީނުންވެސް ގަނާއާ ދުރަށް އެއްފިޔަވަޅު އެޅުނީއެވެ.

ދެވަނަ ކަމެއްކަމަށް އޭނާ ފާހަގަކުރައްވަނީ ކުދިން ހިތްހަމަޖައްސައިދިނުމަށާއި އެހެނިހެން ވެސް އުފާތައް ހޯދާ ދިނުމަށްޓަކައި ބޭރުތެރެއަށް ނިކުންނަން ޖެހޭކަމެވެ. އޭރުން އިތުރު ކަންތައްތަކަށް ކުދިންގެ ސަމާލުކަން ދޭނެކަމަށް އެބޭފުޅާ ވިދާޅުވެއެވެ. ނަތީޖާއެއްގެ ގޮތުން ކުދިން އެކަނިވުމަށާއި ކަންކަމާއި މެދު ހައްދު ފަހަނައަޅާ ވަރަށް ވިސްނުމަށް ފުރުޞަތު ނުލިބެއެވެ. އޭރުން ކުއްޖާގެ ސިކުނޑި ތާޒާވެ އެކަނިވެރިކަން އިހްސާސްކުރެވޭ މިންވަރު ދަށްވެގެން ދާނެއެވެ. އޭގެ ފައިދާ ކުދިންނަށް ނަފްސާނީ ގޮތުން ނޫނަސް ކުރާނެއެވެ. ހިތްހަމަ ޖެހުމާއި އުފަލުގައި ކުދިން ބޮޑުކުރުމަކީ ކުދިންގެ ހެދިބޮޑުވުމަށްވެސް ހެޔޮ އަސަރުތަކެއް ކުރުވާނެ ކަމެކެވެ. އެހެންކަމުން ބޭރު ތެރެއަށް ކުދިން ނެރުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުންވެސް ފައިދާ ކުރާނެކަމެކެވެ.

ތިންވަނަ ކަމަކަށް ކެތީ ކްރިސްޓޮފް، (2012) ފާހަގަކުރައްވާފައިވަނީ ގަނާއިން ރައްކާތެރިކުރުމަށް ކުދިންނާ ގިނަގިނައިން ވާހަކަ ދެއްކުމެވެ. ކުދިންނާއި ގިނައިން މުއާމަލާތުކުރި ވަރަކަށް ގިނަ ކަންތައްތަކެއް ކުދިންގެ ކިބައިން އެނގިގެންދާނެއެވެ. އޭރުން ކޮންމެ ވާހަކައެއް ދައްކަން ޖެހުނަސް ކުދިން މައިންބަފައިންނާ ކަންތައްތައް ޙިއްސާ ކުރާނެއެވެ. މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ދުރުވެއްޖެނަމަ ކުދިންގެ ފަރާތުން އެނގޭ ކަންކަން މަދުވާނެއެވެ. އެހެންކަމުން ކުދިންނާ ވާހަކަ ދެއްކުން ގިނަ ކުރެވިއްޖެނަމަ ގިނަ ފައިދާތަކެއް ކުރާނެއެވެ. އޭރުން ކުދިން ކަންބޮޑުވާ ކަންތައްތަކާއި ޝައުގުވެރިކަން ހުންނަ ކަންތައްތައް ކުދިންގެ ފަރާތުން އެނގޭނެއެވެ. ގިނައިން ވާހަކަ ދެއްކުމުން ކުދިންނަށް ގިނަ ނަސޭހަތް ދެވޭނެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންތައްތައް ކުދިންނަށް ކިޔައިދެވޭނެއެވެ. ނަތީޖާއަކަށް ވާނީ ކުދިންނަށް ދިމާވާ ތަފާތު ގޮންޖެހުންތަކުން ސަލާމަތްވާނެ މަގު އަމިއްލައަށް ދެނެގަނެވުމެވެ. އެއީ ގަނާކުރުން ކަމުގައި ވިޔަސްމެއެވެ.

އިސްވެ ބަޔާންވެދިޔަ ކަންތަކަކީ ކުއްޖަކަށް ބުލީ ކުރެވުމުން ލިބިދާނެ ގެއްލުމެއް ލިބުމުގެ ކުރިން މައިންބަފައިންނަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތަކެކެވެ. އެހެންކަމުން މިއިން ކޮންމެ ކަމަކަށް ވެސް ދުރާލާ ވިސްނައި، ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ ކަމެއް ދިމާވުމުން ލިބޭ ގެއްލުން ކުޑަކުރެވޭނެއެވެ. އޭރުން އޮންނާނީ އިހަށް ރައްކާވެ ތިބީތީ ދަތުރުފެނިފައެވެ. ތިމާ ފުރާނަ ފަދަ ލޯބިވާ ދަރިން ބޮޑު ނުރައްކަލަކުން ސަލާމަތްކުރެވި އެ ކުދިންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދި، އެ ކަމުގެ ފޮނިމީރުކަން މައިންބަފައިންނާއި ދަރިންނަށް ވެސް ލިބިފައެވެ.

2 Responses

  1. ވަރަށް މުހިއްމު ވަރަށް ފުރިހަމަ މަޢުލޫމާތު ކޮޅެއް. ކުދިންނަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ.

  2. ގަނާ ކުރުމަކީ މިހާރު ސްކޫލްތަކުގައި އާއްމު ކަމަކަށް ވެއްޖެ. އެކަމަކު އަޙްމަދިއްޔާ ގައި ވަރަށް މަދު. މިކަމުން ސަލާމަތްވާން މަސައްކަތް ކުރަންޖެހޭނެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *