އެދުވަހަށް އެރި އިރު އޮއްސުނުފަހުން މިއަދަށް އަހަރަކާ ގާތްވަނީއެވެ. އޭރު ދުށް މަންޒަރު ނުފެންނަތާ އަމުދުން ވީދުވަހެއް ނޭނގެއެވެ. 2020ވަނަ އަހަރުގެ ފުރަތަމަ ދުވަހަށް އިރު ވީއްލިގެން އައީ އެތައް ބަޔަކު ފޮނި ހުވަފެންތަކެއް ދެކެމުން އައި އަހަރެންގެ ގޮތުގައެވެ. އެތައް ބަޔެކޭ ތޯއެވެ؟ އަޅުގަނޑުމެންގެ ކިޔަވާ ކުދިންވެސް ފޮނި ހުވަފެންތަކެއް ދެކި، ގިނަ އުއްމީދުތަކެއް ކުރި އަހަރަކަށް ފާއިތުވެ ދިޔަ 2020 ވަނަ އަހަރު ވެގެންދިޔައެވެ. ކިޔެވުމުގެ ރޭހުގައި ބާރަށް ދުވެ، އެންމެ ކުރީ ސަފުން ޖާގަ ހޯދަން އަޒުމު ކަނޑައެޅި ކުދިން ވަރަށް ގިނައެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި ކިޔެވުމާ ދުރުވެވުނުބައި އަލުން ހޯދަން އަޒުމު ކަނޑައެޅި ކުދިންވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް މަންޒަރު ބަދަލުވީ ދެކުނު ހުވަފެނުގައި ނެތް ތަފާތު ކުލަތަކެއް ޖައްސަމުންނެވެ.
2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ސެމެސްޓަރގެ މެދު ބަންދަށްފަހު ސްކޫލުތަކުގެ ކިޔެވުން އިތުރަށް ބަންދުކޮށް ކިޔެވުން މެދު ކަނޑާލަން ޖެހުނެވެ. މެދުކަނޑާލުމޭ މި ދެންނެވީ، އިހު އަޅުގަނޑުމެން ކިޔެވި ކިޔެވުން މެދުކަނޑާލަން ޖެހުނު ވާހަކައަށެވެ. ކުލާހަށް ގޮސް ހިންގި ތަފާތު އެކި ހަރަކާތްތަކާއި، ގުރޫޕް މަސައްކަތްތަކާއެކު ކުރިއަށް ދިޔަ އުނގެނުމުގެ ފުރުޞަތު ގެއްލުނު ވާހަކައަށެވެ. އެހިނދުން ފެށިގެން ސްކޫލުތައް ބަންދުކޮށް ކިޔަވައިދިނުން ކުރިއަށް ދިޔައީ އޮންލައިން ކޮށެވެ.
އެތައް ދުވަހެއްގެ މެދުކެނޑު ކެނޑުމަކަށްފަހު ޖުލައިމަހުގެ ތެރޭގައި ސްކޫލުތައް އަލުން ހުޅުވުނެވެ. އެހެން ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން މަޖުބޫރުވި ގިނަ ފިޔަވަޅުތަކަކާ އެކުއެވެ. އެގޮތުން ކުލާސްތައް ދެބަޔަކަށް ބަހާލަން ޖެހުނެވެ. ޑެސްކުތައް ބަހައްޓަން ޖެހުނީ ދުރު ދުރުގައެވެ.

އެއްކުއްޖެއްގެ އެއްޗެއް އެހެންކުދިންނަށް ދީ ހެދުން މަނާވިއެވެ. ފޮތާއި ސްޓަޑީ ނޯޓްސްވެސް "ޝެއަރ" ކުރުން މަނާވިއެވެ. ސްކޫލްގެ ކެންޓީނު ބަންދުކޮށް، ސްކޫލުގައި ކުރިއަށް ގެންދާ އިތުރު ހަރަކާތްތައް މެދުކަނޑާލަން ޖެހުނެވެ. މިހުރިހައި ކަމެއްގެ އިތުރަށް ސްކޫލުގައި އުޅޭ ހުރިހައި ވަގުތަކު މާސްކު އަޅައިގެން އުޅުން ވީ މުޅިން އައު ތަޖުރިބާއަކަށެވެ.
އެހެން އިބާރާތަކުން ދަންނަވަނީނަމަ ކިޔަވަމުން އައި ގޮތް މުޅިން ބަދަލުވީއެވެ. އައު ގޮތްތަކަކަށް ހޭނެން މަޖުބޫރުކުރުވީއެވެ.
ތެދެކެވެ. އަޅުގަނޑުވެސް އެއްބަހެވެ. ކިޔަވާ ކުއްޖެއްގެ ނަޒަރުން ވިސްނާލުމުން މިހާލަތުގައި ކިޔެވުން އެއީ ފޫހިކަމެކޭ ހީވާ ފަހަރުވެސް އާދެއެވެ. ދުރު ދުރުގައި ތިބެގެން ކިޔެވުން އެއީ ހަގީގަތުގައިވެސް ފޫހިކަމެކެވެ. ނަމަވެސް މިއަށްވުރެ މޮޅު ގޮތެއް ވަކީން ކޮބައިހެއްޔެވެ؟ މާސްކު އަޅައިގެން ތިބެ ގައިދުރު ވުމަށް ވުރެ މޮޅު ގޮތެއް އެބައޮތް ހެއްޔެވެ؟

އެހެންނަމަވެސް ވިސްނާލަމާތޯއެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް 19ގެ ނުރައްކާތެރި ވަބާއަށް އަޅުގަނޑުމެން ހޭނޭކަށް ނުވޭ ހެއްޔެވެ؟ ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ފަރުވާތެރިވެ ކުރިއަށް ހިނގައިގަންނަން ވެއްޖެ ނޫންތޯއެވެ.
އަޅުގަނޑުމެންގެ ކިޔެވުން މިއަދު ކުރިއަށް ގެންދެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން އެބަ ޖެހެއެވެ. ސްކޫލުގައި ހިންގޭ ހަރަކާތްތަކާއި ނެގޭ ކުލާސްތައް މަދު ވުމަކީ އަޅުގަނޑުމެން ކިޔެވުމާ ދުރުވާންވީ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި އެކުލާސްތަކުން އުނިވާ ބައި އަތުލުމަށް ގޭގައި ގަދައަޅާ މަސައްކަތް ކުރަންވީއެވެ. ސްކޫލުގައިކިޔަވަން ލިބޭ ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އަމާޒު ހިފަންވީއެވެ. މުދައްރިސުން ދޭ ފިލާވަޅުތައް ގަވާއިދުން ނިންމުމާއެކު އަމިއްލައަށްވެސް އިތުރަށް މަސައްކަތް ކުރަންވީއެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ސުވާލު ކަރުދާސްތައް ފަރިތަ ކުރެވިދާނެއެވެ. އަދި އޮޅުން އަރާ ބައިތަކާ ގުޅޭގޮތުން މުދައްރިސުންނާ ސުވާލުކޮށް ހެދިދާނެއެވެ. ދުރުގައި ތިބެން ޖެހުނަސް ކިޔެވުމާ ދުރުނުވެ ފިލާވަޅުތައް މުޠާލިޔާ ކުރުމުގައި ދެމިތިބެވޭތޯ ބަލަންވީއެވެ. އޭރުން އިސާހިތަކު އަޅުގަނޑުމެން ހުވަފެނުގައި ދުށް ކުލަތައް އިއާދަވާން ފަށާފާނެއެވެ. ކުރި އުންމީދުގެ ހުޅުކޮޅު އަލުން ރޯވެ އަލިކަން ފެންނަން ފަށާފާނެއެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ނުގުޑާ ފަދަ އަޒުމަކާއެކު ކުރިއަށްދާން ހިނގައިގަންނާށެވެ. އިންޝާ ﷲ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ކުރި އުއްމީދުތައް ހާސިލް ކުރެވޭނެއެވެ. ދެކެން ބޭނުންވި ދުވަސްތައް ލަސްތަކެއް ނުވެ އަތުވެދާނެއެވެ.