ކިއެވުމާއެކު، އިތުރު ހުނަރު ހޯދާ ލިބިގަތުމުގެ މުހިންމުކަން (2)

( ކުރީގެ ޢަދަދާގުޅޭ)

ވާހަކަ ދެއްކުންތެރި ކަމުގެ ހުނަރުގެ ބައިގައި، ފުރަތަމަ ބަލައިލެވުނީ، ދައްކާ ވާހަކައިގެ "ސްޕީޑު) އަށާއި، ބަސްބުނާ ރާގަށާއި، ވީހާވެސް ތިލަ ލަފުޒު ބޭނުންކޮށްގެން، ވާހަކަ ދެއްކުމަށް، ސަމާލުކަން ދިނުމުގެ މައްޗަށެވެ. މިފަހަރު މި ބަލައިލަނީ، ޙަރަކާތާއި ފަސާޙާތްތެރި ކަމުގެ މައްޗަށެވެ.

ޙަރަކާތަކީ، "ބޮޑީލެންގުއޭޖު"ގެ ބައެކެވެ. މިއީ، "ބޮޑީލެންގުއޭޖު"ގެ އެންމެ މުހިންމު ބައެވެ. މިސާލަކަށް، ޕޯޑިއަމެއްގެ ކައިރީގައި ހުއްޓިހުރެ، ވާހަކަ ދައްކަމުން ގެންދާއިރު، ކުރާ އިޝާރާތްތަކާއި ދައްކާ ވާހަކައަކީ، ގުޅުންހުރި ކަމަކަށް ވާންޖެހެއެވެ.

"މި ވާހަކަ ތިން ފަހަރެއްގެމަތިން ވާނީ ދަންނަވައިފަ" މިހެން ބުނާއިރު، އަތުގެ އެއް އިނގިލިން އޯޑިއަންސަށް އިޝާރަތް ކޮށްފިނަމަ، އެ ފެންނަނީ ނުވަތަ ދައްކަނީ ތިނެއް ނޫނެވެ. އޭގެ ބަދަލުގައި އެކެކެވެ. އެއް އިނގިލިން އެ ދައްކާ އެކަކީ، އެއް ފަހަރު ކަމަށް ބުނާއިރު ކުރާ އިޝާރަތެކެވެ. މިއީ، ޢާންމުކޮށް ފެންނަމުންދާ ކޮރު މަންޒަރެކެވެ. މިފަދަ ކަންކަން މިހެން ދިމާވަނީ، ދުލުން ބުނި ޢަދަދާއި އަތުން ކުރާ އިޝާރަތާމެދު، ވިސްނާލުމަކާއި ނުލައި، އިޝާރަތް ކުރެވުމުންނެވެ. ވާހަކަ ދެއްކުންތެރިއާ، ވާހަކަ ދައްކަން ފެށީއްސުރެ ނިމެންދެން، ދައްކަމުން ގެންދާ ވާހަކަ އާއިމެދު، ސަމާލުވެހުރެ، ވާހަކަ ދައްކަން، އިރުޝާދު ދީފައި އޮންނަނީ ، މިފަދަ ކޮރު ކަންކަމުން ސަލާމަތް ވުމަށެވެ.

ހަމަ އެހެންމެ، " ވޭތުވެދިޔަ މާޒީގައި ހިނގާދިޔަފަދަ"، މިފަދަ ޖުމްލައެއް ބުނާއިރު، އަތުގެ އިޝާރަތް، ކުރިމަތީގައި ތިބި މީހުންނާ ދިމާއަށް ކޮށްފިނަމަ، އެ އިޝާރަތަކީ، މާޒީއަށް ކުރި އިޝާރަތަކަށް ނުވެއެވެ. މާޒީއަށް ކުރާ އިޝާރަތެއްނަމަ، އެ އަތްތިލަ ނުވަތަ އިޝާރާތުން ދެއްކި އިނގިލި ދައްކައިގެން ހުންނަންވާނީ،  ކޮނޑުމަތިން ފަހަތަށެވެ. ނޫނީ އެ އަތުގެ އެ އަރިމަތިން މޭކަށިގަނޑަށްވުރެ ފަހަތަށެވެ. އޭރުން އެ ކުރެވެނީ ފަހަތަށް ކުރެވޭ އިޝާރަތެކެވެ. އެއީ މާޒީއަށް ކުރާ އިޝާރަތެކެވެ.

" ހިތެއް އޮތް އެކަކުވެސް، އެފަދަ ލާއިންސާނީ އަމަލެއް ނުހިންގާނެ". މިފަދަ ޖުމްލައެއް ބުނަމުން އަތުންކުރާ އިޝާރާތް، އޯޑިއަންސަށް ކުރިމަތި ކުރުމުގެ ބަދަލުގައި، އެ އަތް ގެންދަންވާނީ، ހިތާއި ދިމާއަށެވެ. އަތުގެ މި ޙަރަކާތް އެހެން ދިމާއަކަށް ކުރެވޭ އިޝާރަތެއްގެ ގޮތުގައި ދައްކާނަމަ، އެއީވެސް ބޮޑީލެންގުއޭޖުން ފެންނަ ކޮރު ކަމެކެވެ.

މިދެންނެވި ފަދަ ކޮރު ހަރަކާތް ތަކުގެ ތެރޭގައި، ވާހަކަ ދައްކަން ފެށީއްސުރެ ނިމެންދެން، ޕޯޑިއަމްގެ ދެފަރާތުގައި ހިފަހައްޓައިގެން ހުރުމާއި، އެއްފައި މައްޗަށް ކޮޅަށް ހުރެގެން ވާހަކަ ދެއްކުމާއި، ޕޯޑިއަމް މައްޗަށް ވެއްޓިގެން އޮންނަ ގޮތަށް ހުރެގެން ވާހަކަ ދެއްކުމާއި، އެއް ދިމާއަކަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކުމާއި، ރުޅިއައިސް ރަތްވެފައިހުރެ، ބާރުއަޑުން އެއްވާނެއްގައި ވާހަކަ ދެއްކުންފަދަ ކަންކަން ހިމެނެއެވެ. ހަމައެހެންމެ، އެހެން މީހުންނަށް އެވާހަކައިން ހިނިތުންވުމެއް ގެނުވައިނުދޭ ޙާލަތްތަކުގައި، ތިމާ އަމިއްލައަށް ދައްކާ ވާހަކައަށް މަޖާވެގެންހުރެ، ހެމުން ވާހަކަ ދެއްކުމީވެސް، ބޮޑީލެންގުއޭޖުގައި ހިމެނޭ ކޮރު ސިފައެކެވެ.

ދެން، މި ބަލައިލަނީ، ފަސާޙާތްތެރިކަމޭ މިބުނާ ބަހަށެވެ. މި ލަފުޒުގެ މާނައަށް އެކަނި، ފުންކޮށް ވިސްނައިލި ނަމަވެސް، އެ ބުނަނީ " ފަސޭހަ ކަމާއެކު" މިހެންނެވެ. މާނައަކީ، ވާހަކަ ދެއްކުންތެރިއާ، ވާހަކަ ދައްކަންވާނީ، އެ ދައްކާ ވާހަކައެއް، ފަސޭހަ ކަމާއެކު، އަޑުއަހަން ތިބި ބަޔަކަށް ނުވަތަ އަޑުއަހަން ހުރި މީހަކަށް، ވިސްނައިދޭ ގޮތަށެވެ. ފަހުމްވާނޭ ގޮތެއްގައެވެ.

މިސާލަކަށް، 1.5 މިލިއަނޭ ބުނުމުން، ފަސޭހައިން ފަހުމްވާ ގޮތަށް، އެ އަދަދު ވިޔައިގައި އޮންނަ ގޮތަށް، އަކުރުން އަކުރަށް، ނުވަތަ ޢަދަދެއްގެ ގޮތުގައި ކިޔަން ފަށައިފިނަމަ، ދޭހަވާން އުނދަގޫވާނެއެވެ. އެ އަދަދު އެ ދޭހަ ކޮށްދެވެނީ ފަސާޙާތްތެރި ގޮތަކަށް ނޫނެވެ. ފަސޭހަ ގޮތަކަށް ނޫނެވެ. ހަމަ އެހެންމެ މާނަފުން ފުރެއްދެ ބަސްތައް، ބޭނުން ކުރާއިރު، ވާހަކަ ދައްކާ ބަހުން، އޭގެ ތިލަ ދޭހައެއް، ބުނެ ނުދެވޭނަމަ، އެ ގެނައި މިސާލުން، އެހުންތެރިންނަށް ޙާސިލުވާންޖެހޭ ކަމެއް، ޙާސިލު ނުވެދާނެއެވެ. މިސާލަކަށް އޮރުދޫ ބައިތެއް އޮރުދޫބަހުން މިސާލެއްގެ ގޮތުގައި ދެއްކި ނަމަވެސް، އެ ބައިތުގެ މާނަ ބުނެ ނުދޭހާ ހިނދަކު، އެބުނީ ކޮން އެއްޗެއްކަމާއި، ދައްކަމުން އައި ވާހަކައާއި އެ ބައިތާ އޮތް ގުޅުން، ބަޔާން ކޮށްދެވުނު ކަމަކަށް ނުވެއެވެ. އަދި އެ މިސާލަކީ ދައްކަމުން ގެންދިއަ ވާހަކައަށް އިތުރު ބާރަކަށް ނުވަތަ ސާބިތު ހެއްކަކަށް ބޭނުންކުރި ބައިތެއް، ނުވަތަ ކޯޓޭޝަނެއްކަމަށް ވިޔަސް، ވާހަކަ ދެއްކުންތެރިޔާގެ މަގްސަދު، އެހުންތެރިންނާ ހަމައަށް ފޯރުކޮށްދެވުނު ކަމަކަށްވެސް ނުވެއެވެ.

އަޅުގަނޑު، މި އިޝާރަތްކުރި ދެ ނުކުތާއަށް އެކަނި ވިސްނާލެއްވި ނަމަވެސް، ވާހަކަ ދެއްކުންތެރި ކަމުގެ ފަންނަނީ، ކޮންމެހެން އެނގެންޖެހޭ ނޫނީ އުނގެނެންޖެހޭ ހުނަރު ތަކެއް އޮތް ފަންނެއްކަން، އެބަ ހާމަ ވެއެވެ. މިދެންނެވި ފަދަ ހުނަރު ތަކަކީ، ސްކޫލު މަދަރުސާ ތަކުގައި، ކިޔަވައިދޭ ރަސްމީ މާއްދާތަކުގެ އިތުރުން، ކުދިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ތެރޭގައި، އުނގަންނައިދޭ ކަންކަމެވެ. މިކަންކަން އުނގަންނައިދެނީ، ސްކޫލުގެ އިތުރު ހަރަކާތްތަކުގެ ތެރޭގައި ހިމަނާފައި އޮންނަ، " ޕަބްލިކް ސްޕީކިން އެންޑް ޕްރެޒެންޓިން" ފަދަ، މަފްޙޫމުގެ ދަށުން ހިންގާ، ވާހަކަ ދެއްކުންތެރިކަމާއި ހުށަހެޅުމުގެ ފަންނު، އުނގަންނައިދޭ ކްލާސް ތަކުގައެވެ. މިފަދަ ކުލާސް ތަކުގައި ބައިވެރިވެ، އެ ހުނަރު ލިބިގެންފައިތިބި ދަރިވަރުން، މާދަމާ އޮފީސް މާހައުލަށް ނިކުންނައިރު، ޖަލްސާތަކުގެ އެމްސީކަން ކުރުމާއި، ޖަލްސާތަކުގައި ވާހަކަ ދެއްކުމާއި، އެ އޮފީހަކުން ހިންގާ ކަމެއް ނުވަތަ ޕްރޮގްރާމެއް، ޕަވަރޕޮއިންޓުގެ އެހީގައި ހުށަހަޅައި ދިނުންފަދަ ކަންކަން ކުރަން، އެކުދިން ފަހެއް ނުޖެހޭނެއެވެ. އެވަގުތު އެފަދަ ކުދިން ތިބޭނީ، މިފަދަ ކަންކަމަށް ދޮންވެ ފައްކާވެފައިތިބި ބައެއްގެ ގޮތުގައެވެ. އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި އަހަރެއްގެ މައްޗަށް 400 އެއްހާ ދަރިވަރުން، މި ފަންނުން ބިނާކުރަމުން ގެންދަނީވެސް، މި އިސްކޫލު ނިމޭ ކުދިންނަކީ، މިކަންކަމަށްވެސް ޤާބިލް ކުދިބަޔަކަށް ހެދުމުގެ މަޤްސަދުގައެވެ.

2 Responses

  1. ވަރަށް ގިނަ މައުލޫމާތެއް ލިބިއްޖެ. ޝުކުރިއްޔާ ސަލީމް ސަރ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *