ކިތަންމެ ފީނާ ހިތްވިޔަސް އަޔާޝް ކުރިއަށްދާން ބޭނުމީ މުޅިން އެހެން ރޮނގަކުން!

"ތައުލީމީ، ހުނަރުވެރި ޒުވާނުން، ޤައުމުގެ ހުރިހާ ދާއިރާއަކަށް ވެސް މިއަދު މި ވަނީ ނުހަނު ބޮޑަށް ބޭނުންވެފަ. އެކި ކުދިންގެ ކިބައިގައި ހުންނާނީ އެކި ހުނަރު. އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށް." މިއީ ތަޢުލީމާ ބެހޭ ވަޒީރުކަން ކުރެއްވި ބޭފުޅަކު، ސާނަވީ އިމްތިޙާންތަކުން އެންމެ މަތީ ވަނަ ހޯދި ދަރިވަރުންނަށް އިނާމުދިނުމަށް ބޭއްވި ޖަލްސާއެއްގައި ވިދާޅުވި ވާހަކަކޮޅެކެވެ. ތެދުފުޅެކެވެ. އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 12 ގައި ކިޔަވަމުންދާ، ހއ. ހޯރަފުއްޓަށް އުފަން މުޙައްމަދު އަޔާޝް ޢަލީ ފަދަ އެތައް ހުނަރެއް ލިބިފައިވާ ކުދިން ވަރަށް މަދުވާނެއެވެ. އަޔާޝްއަކީ ތޫނުފިލި މޮޅު ދަރިވަރެކެވެ. މޮޅު ގޯލްކީޕަރެކެވެ. ރީތިކޮށް ޤުރުއާން ކިޔަވައެވެ. މޮޅަށް ބަހުސްކުރެއެވެ. ފިސާރި ދޫހެލޭ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ހުނަރުވެރި ލިޔުންތެރިއެކެވެ. ލަވަކިޔައެވެ. މަދަހަ ކިޔައެވެ. މޮޅަށް ފީނައެވެ. އެހެން ނަމަވެސް، މި ހުރިހާ ހުނަރެއް ލިބިފައިވީ ނަމަވެސް އަޔާޝް ކުރިޔަށްދާން ބޭނުންވަނީ މުޅިން ތަފާތު ރޮނގަކުންނެވެ. މިއިން ކަމަކާ ގުޅުމެއް ވެސް ނެތް ދާއިރާއަކުންނެވެ.

ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު، އަތޮޅު މަދަރުސާއިން ސާނަވީ ތަޢުލީމް ޙާޞިލްކުރުމަށް ފަހު މަތީ ސާނަވީއަށް އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ގުޅުނު އަޔާޝް އަކީ މިހާރު ސްކޫލްގެ މަތީ ސާނަވީ ގްރޭޑްތަކުގެ ކެޕްޓަނެވެ. ހއ. އަތޮޅު މަދަރުސާގައި ހޭދަކުރި ފަހު އަހަރު ކަމަށްވާ 2018 ވަނަ އަހަރު، އެއީ އެ ސްކޫލްގެ ކެޑޭޓް ލީޑަރެވެ. އޭގެ ކުރީ އަހަރު އެއީ އެ ސްކޫލުގެ އިސްލާމް ކްލަބު "ދީނީ ރޫޙް"ގެ ރައީސެވެ.

ހުނަރުން ފުރިގެންވާ މި ދަރިވަރު އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ގުޅި، އޭނާއަށް ފުރަތަމަ ސްކޫލަށް އާދެވުނީ 2019 ވަނަ އަހަރު މަގާމްތަކަށް ކުރިމަތިލާފައިވާ ދަރިވަރުން އެސެމްބްލީގައި ވާހަކަދެއްކި ދުވަހުއެވެ. އެކުދިންގެ ވާހަކަ އަޑުއިވި، ކެޕްޓަނަކަށްވުމުގެ ޝައުގުވެރިކަން އުފެދުނީ ވެސް އެ ދުވަހުއެވެ. އޭގެ ފަހުން އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ ދިރާސީ ނަތީޖާ ރަނގަޅުކުރުމަށް ވެސް އޭނާ އަމާޒުހިފިއެވެ. ސްކޫލުން ބާއްވާ ހުރިހާ ހަރަކާތެއްގައިހެން ބައިވެރިވިއެވެ. ދަރިވަރުންގެ ހިޔާގެ "ހިޔާ ޢީދު" ގައި ބައިވެރިވެ ބަންޖާއި ރައިވަރު ކިޔެވެ. ބަހުސްކޮށްގެން ދެވަނަ ހޯދިއެވެ. ގުރުއާން މުބާރާތުގައި ބައިވެރިވިއެވެ. 2019 ވަނަ އަހަރުގެ ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ސްކޫލް ތަމްސީލްކުރިއެވެ. އިންޓަރ ސްކޫލް އެތުލެޓިކްސްގައި ވާދަކުރިއެވެ. އެތައް ގޮންޖެހުމަކާ އެކުވެސް ކަށިން ހިތްވަރުނެރެގެން ކުރި މި މަސައްކަތް ވަރަށް ކާމިޔާބެވެ. މާގިނަ ދުވަސްތަކެއްނުވެ އަޔާޝްއަކީ އިތުރު ޙަރަކާތްތަކާއި ތަޢުލީމީ ގޮތުން ވެސް އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލުގެ މެދުއުޑުގައި ފިޔަޖަހާ ވިދުންގަދަ ތަރިއަކަށްވިއެވެ.

 

"އަޅުގަނޑަށް އަޔާޝް ފުރަތަމަ ތަޢާރަފްވީ 2019 ވަނަ އަހަރު ސްކޫލްގެ ފަރާތުން އަޅުގަނޑުގެ ބެލުމުގެ ދަށުން ހިންގި ވާހަކަދެއްކުމުގެ ޕޫލްގެ ތެރެއިން. އަޔާޝް ފާހަގަކުރެވުނީ ކަމަށް ކަމޭހިތައިގެން ފަރުވާ ބަހައްޓައިގެން ކާމިޔާބަށް ވާޞިލްވުމަށް ވަރަށް މަސައްކަތްކުރި ދަރިވަރެއްގެ ގޮތުގަ. އަދި އޭނާ ވަނީ ގައުމީ މުބާރާތުގައި އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ފެންވަރަށް ވާހަކަދައްކާފައި ވެސްމެ." – ސައްޕެ ސަރ

 

"އަޔާޝް އަކީ ކިޔެވުމަށް ވަރަށް މަސައްކަތްކުރާ، އެހެން ކުދިންނާ ގުޅޭ، އެހެންކުދިންނަށް ވަރަށް އެހީތެރިވާ ދަރިވަރެއް" – ނަދީމް ސަރ

 

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓަންޓް ޕްރިންސިޕަލް އަޙުމަދު ޝަފީޤް (ސައްޕެ ސަރ) ވިދާޅުވީ އަޔާޝް އަކީ ކުރިމަތިލާ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާބަހައްޓައިގެން ކުރާ، ވަރަށް ހިތްވަރުކުރާ ކުއްޖެއް ކަމަށެވެ. އަދި އަޔާޝް އަކީ އަދަބީ ގޮތުން ފައްކާވެފައިވާ ދަރިވަރެއް ކަމަށާއި، އޭނާގެ އެ ހުނަރު ތަރައްގީކޮށްދިނުމުގެ ޝަރަފް ލިބެންޖެހެނީ ހއ. އަތޮޅު މަދަރުސާއަށް ކަމަށެވެ. "އަޅުގަނޑަށް އަޔާޝް ފުރަތަމަ ތަޢާރަފްވީ 2019 ވަނަ އަހަރު ސްކޫލްގެ ފަރާތުން އަޅުގަނޑުގެ ބެލުމުގެ ދަށުން ހިންގި ވާހަކަދެއްކުމުގެ ޕޫލްގެ ތެރެއިން. އަޔާޝް ފާހަގަކުރެވުނީ ކަމަށް ކަމޭހިތައިގެން ފަރުވާ ބަހައްޓައިގެން ކާމިޔާބަށް ވާޞިލްވުމަށް ވަރަށް މަސައްކަތްކުރި ދަރިވަރެއްގެ ގޮތުގަ. އަދި އޭނާ ވަނީ ގައުމީ މުބާރާތުގައި އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ފެންވަރަށް ވާހަކަދައްކާފައި ވެސްމެ." ސައްޕެ ސަރ ވިދާޅުވިއެވެ. ހއ. އަތޮޅު މަދަރުސާގައި ގްރޭޑް 8 ން ފެށިގެން 10 އާ ހަމައަށް އަޔާޝްއަށް ދިވެހި ކިޔަވައިދެއްވި ޒަމްރާ ނައީމް (ޒަމްރާ މިސް) ވިދާޅުވީ އަޔާޝް އަކީ ތަޢުލީމީ ގޮތުން ވެސް ކުޅިވަރުގެ ރޮނގުން ވެސް އަދި ޚާއްޞަކޮށް އަދަބީ ރޮނގުން ވަރަށް ފާހަގަކުރެވޭ މޮޅު ދަރިވަރެއް ކަމަށާއި، އަޔާޝް މިއަދު ހުރި ހިސާބަކީ ޒަމްރާ މިސް ވަރަށް އުއްމީދުކުރެއްވި ހިސާބެއް ކަމަށެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލް މޫސާ ޞަލާޙް (ސަލާޙް ސަރ) ވިދާޅުވީ އަޔާޝް އަކީ ކޮންމެ ގޮންޖެހުމަކާ ވެސް ކެރިގެން ކުރިމަތިލާ، ކަންކަން ރާވައި ހިންގުމުގެ ފާޑުވެރިކަންހުރި، ހުރިހާ މުދައްރިސުންގެ ލޯބި ހޯދާފައިވާ ނަމޫނާ ދަރިވަރެއް ކަމަށެވެ. "އަޔާޝް އަކީ ވަރަށް ހިންގުންތެރި، ކުދިން ގޮވައިގެން މަސައްކަތްކުރަން ދަންނަ ބޯން (އުފެދުމުގައި ވެސް) ލީޑަރެއް." އަޔާޝްއަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވަމުން ޞަލާޙް ސަރ ވިދާޅުވިއެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރ މުޙައްމަދު ނަދީމް (ނަދީމް ސަރ) ވެސް ވަނީ އަޔާޝްއާ މެދު މި މޭރުމުން ޝުޢޫރުފާޅުކޮށްފައެވެ. ނަދީމް ސަރ ވިދާޅުވީ "އަޔާޝް އަކީ ކިޔެވުމަށް ވަރަށް މަސައްކަތްކުރާ، އެހެން ކުދިންނާ ގުޅޭ، އެހެންކުދިންނަށް ވަރަށް އެހީތެރިވާ ދަރިވަރެއް" ކަމަށެވެ.

އަޙްމަދިއްޔާގެ 38 ވަނަ އަހަރީ އެސެމްބްލީގެ ތެރެއިން

 

"އަޔާޝް އަކީ ވަރަށް ހިންގުންތެރި، ކުދިން ގޮވައިގެން މަސައްކަތްކުރަން ދަންނަ ބޯން (އުފެދުމުގައި ވެސް) ލީޑަރެއް." – ޞަލާޙް ސަރ

 

ބަޔޮލޮޖީ ކިޔެވުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ އަޔާޝް ފިލާވަޅު ދަސްކުރަނީ ދަންވަރުގެ ހަމަހިމޭން ގަޑީގައެވެ. އެގޮތުން އިރާކޮޅު ނިދާފައި ދަންވަރު މީހުން ނިދައި ފައިހިލަވަޅު އޮބުމުން ހޭލައިގެން ވަރަށް ގިނަ ރޭރޭ، ޚާއްޞަކޮށް އިމްތިޙާންތަކާ ކައިރިވުމުން، ކިޔަވަން އިންނަ ކަމަށް އަޔާޝް ބުންޏެވެ. އަޔާޝް އިތުރަށް ބުނީ ފިލާވަޅު ދަސްކުރަނީ " ރަނގަޅަށް ފޯކަސްކޮށްގެން ކިޔުމަށް ފަހު، އިރުކޮޅެއް ފަހުން ހަނދާންހުރިތޯ ބަލަން ލިޔެގެން" ކަމަށެވެ. އަދި އޮޅުން އަރާ ފިލާވަޅުތައް ޔޫޓިއުބް ބަލައިގެންނާއި މުދައްރިސުންނަށް ގުޅައިގެން ވެސް އޮޅުންފިލުވާ ކަމަށް އަޔާޝް ބުންޏެވެ. ސްކޫލުން ކިޔަވައިދޭން ކޮށްދޭ ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށް އަޔާޝް ބުނީ "މި ސްކޫލާ ގުޅުނީ ވެސް އެހެން ސްކޫލްތަކާ ޚިލާފަށް ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން މަސައްކަތްކޮށްދޭތީ" ކަމަށެވެ.

ޅެންހެދުމުގެ ހުނަރު ވެސް ލިބިފައިވާ އަޔާޝް އަކީ މިހާރު ވެސް "ސަންދާނު" އަށް ލިޔާ ލިޔުންތެރިއެކެވެ. މީގެ އިތުރުން މޫދު ކުޅިވަރުތަކަށް ވެސް އޭނާ ވަރަށް ފަރިތައެވެ. ފީނުމާއި މަސްވެރިކަމަކީ ވެސް އަޔާޝް ނުހަނު ޝައުގުވެރިކަމާ އެކު ކުރާ ކަންތަކެވެ. އެގޮތުން ޗުއްޓީތަކުގެ ބޮޑު ބައެއް ހޭދަކުރަނީ ކަންނެލި މަސްވެރިކަމާއި ކަނޑުމަސްވެރިކަމުގައި ކަމަށް އަޔާޝް ބުންޏެވެ. "މޫދާ ގުޅުންހުރި ކޮންމެ ކަމަކަށް ވެސް ވަރަށް ޝައުގުވެރިކަން ހުރޭ. ފްރީޑައިވް ވެސް ކުރަން. އެކަމަކު ކިތަންމެ ފީނާ ހިތް ވިޔަސް އަޅުގަނޑު ވާން ބޭނުމީ މޮޅު ޑޮކްޓަރަކަށް. އެއީ އިންސާނިއްޔަތަށް ޚިދުމަތްކުރަން ބޭނުންވާތީ. ބަލި މީހުންނަށް އެހީވާން ބޭނުންވާތީ". އޭނާގެ އުއްމީދުތަކުގެ ވާހަކަ ކިޔައިދެމުން އަޔާޝް ބުނީ ސްޕެޝަލިސްޓަކަށް ވާނީ ވަކި މިވެނި ދާއިރާއަކުންނޭ ބުނަން އަދި އަވަސް ކަމަށާއި، އެ ކަން ނިންމާނީ އެކަމުގެ ތެރެއަށް ވަދެވުމުން ކަމަށެވެ.

އަޅުގަނޑުމެން އެދެނީ ހުނަރުން ފުރިގެންވާ މިދަރިވަރު ޑޮކްޓަރަކަށްވުމަށް ދެކެމުންދާ ހުވަފެނުގައި ކުލަ ޖެހި، އަޔާޝްގެ ހުނަރުތައް ވެސް އިތުރަށް ތަރައްޤީވެ، އަދަށްވުރެ މާ ފަހި، ފާގަތި، އަރުތަވެރި ކުރިމަގެއް މިންވަރުކުރެއްވުމެވެ.

5 Responses

  1. Varah furihama liyumeh.
    Ayaash ah edhey kujjakah ayaash ah veveyne . insha Allah
    Alhugandugge heyo Dhua Ayaash aaeku waane.
    Thiyaee Hageegathugaives NAMOONA dharivareh.

  2. އަޔާޝްއަކީ ވަރަށް މޮޅު ހުނަރުން ފުރިފައިވާ ދަރިވަރެއް.

  3. އަޔާޝް އަކީ މުރާލި ޖެހިލުންކުޑަ ކުއްޖެއް. ވަރަށް މޮޅު ކުއްޖެއް

  4. ސާބަހޭ އަޔާޝް.. އަބަދުވެސް ކުރިއެރުމަށް އެދެން. ތީ ނަމޫނާ ދަރިވަރެއް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *