އެތަކީ މިބިންމަތީ ހިނގާ ބިނގާވެ އުޅޭ އެންމެ އެންމެ ބޮޑު އަދި އެންމެ ބިޔަ ޖަނަވާރެވެ. ފުރާ ފުރިހަމަ ވެފައިވާ އެތެއްގެ ބަރުދަނުގައި ގާތްގަނޑަކަށް 7 ޓަނު ހުންނައިރު އުސް މިނުގައި 3 މީޓަރު ހުރެއެވެ. އެތުގެ ބިޔަ ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށްޓަކައި ދުވާލަކު 12 ގަޑިއިރާއި 18 ގަޑިއިރާއި ދެމެދުގެ ވަގުތެއް ކެއުމުގައި ހޭދަކުރެއެވެ. އެވެރެޖް ގޮތެއްގައި 250 ކިލޯގެ ކާނާ ދުވާލެއްގެ ތެރޭކައި ހުސްކުރެއެވެ. އެތުގެ ބަރު އަދި ބިޔަ ހަށިގަނޑަށް ބޭނުންވާ ކާނާ އަދި ފެން ހޯދުމަށްޓަކައި އާއްމުގޮތެއްގައި ދުވާލެއްގެ މައްޗަށް 50 މޭލުގެ ދުރުމިނަށް ހިނގައެވެ. ދުނިޔޭން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ މި ޖަނަވާރަކީ ވަރަށް އެކުގައި ބައިހަދާފައި އުޅޭ އާއިލީ ޖަނަވާރެކެވެ.
އެތާއި ބެހޭ ގޮތުން ތުންތުން މަތިން އައިސްފައިވާ މަޝްހޫރު ވާހަކައެއްގައިވެއެވެ. އެތްތަކެއް ގެންގުޅުނު މީހެކެވެ. އެކި އެކި ކަންކަމުގައި އެތުގެ އެހީތެރިކަން ހޯދުމަށްފަހު ރޭނގަޑުވުމުން ހުރިހާ އެތެއްވެސް އެ އެތަކަށް ޚާއްޞަ ކުރެވިފައިވާ ޖާގައަށް ގެންގޮސް ވާގަނޑެއް އޭގެ އެއްފައިގައި އައްސައި ވާގަނޑުގެ އަނެއްކޮޅު ކޮންމެވެސް އެހެން ތަނެއްގައި އައްސާލާފައި ބާއްވައެވެ. މި ދެންނެވި ވާގަނޑު ކަނޑާލުމަކީ އެއްފަހަރާ 8 ޓަނުގެ ބަރު އުފުލުމުގެ ގާބިލުކަން ހުރި އެތައް ދާދި ފަސޭކަމެކެވެ. މިފަދަ ބޮޑު ބިޔަ ވަރުގަދަ ޖަނަވާރެއް ހިމަ ވާގަނޑަކުން ބަނދެލައިގެން ހިފަހައްޓާލެވިދާނެ ކަމަށް ހީކުރުމަކީވެސް މޮޔަކަމެކެވެ. މިކަމާ ބެހޭގޮތުން އެތްގެންގުޅޭ މީހާއާއި ސުވާލުކުރުމުން އޭނާގެ ޖަވާބަކީ އެތް އެގޮތަށް ވާގަނޑުން އައްސާފައި ބާއްވަން ފަށަނީ އެތުގެ އުމުރުން ވަރަށް ކުޑައިރު ކަމުގައެވެ. އުމުރުން ހަގު ކުދި އެތްތައް ވާގަނޑު ކަނޑާލުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އޭގެ ހަށިގަނޑުގެ ކުޑަކަމާއިއެކު އެތައް ވުރެ ވާގަނޑު ވަނީ ގަދަފަދަ އެއްޗަކަށެވެ. އެހެންކަމުން ވާގަނޑު ކަނޑާލުމަށް ކުރާ ބުރަ މަސައްކަތް ވަކި ހިސާބަކުން އެއީ ނުވާނެ ކަމެއް ކަމަށް ބަލައި ހުއްޓާލައެވެ. އެތުގެ ހަށިގަނޑު ބޮޑުވެ، ވަރުގަދަވެ، ގާތްގަނޑަކަށް 8000 ކިލޯ އެއްފަހަރާ އުފުއްލައިލުމުގެ ގާބިލުކަން ލިބުމުންވެސް އެތައް ވިސްނިފައި އޮންނަނީ މި ހިމަ ވާގަނޑަކީ އެއަށްވުރެ އެތައްގުނައެއް ބާރުގަދަ ވާގަނޑެއްކަމާއި އެ ކަނޑާނުލެވޭނެކަމެވެ.
ހިމަ ވާގަނޑެއްގައި ހައްޔަރުވާންޖެހި އެތައް ލިބިފައިވާ ހަށިގަނޑުގެ ބާރާއި ވަރުގަދަކަމުން މިންވަރު ކުރައްވާފައިވާ ކުޅަދާނަަކަމާއި ގާބިލުކަމުގެ ބޭނުންކޮށް ވާގަނޑުން މިނިވަންވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެތުގެ އަމިއްލަ ގާބިލުކަން އެތައް ނުވިސްނުމެވެ. އަމިއްލައަށް ލިބިފައިވާ ކުޅަދާނަކަމާއި އަމިއްލަ ކުރިއެރުން ދެނެނުގަނެވުމެވެ. ތިމާގެ ނަފްސަށާއި ވަށައިގެންވާ މާހައުލަށް އަންނަ ބަދަލުތައް ވަޒަންނުކުރެވުމެވެ. މި ހުރިހާ ކަމެއްގެ އިތުރަށް އެންމެ ބޮޑު ދެރަކަމަކީ ނުވާނެކަމަށް އަދި ނުކުރެވޭނެ ކަމަށް ނިންމައި ވާގަނޑު ކަނޑާލުމުގެ މަސައްކަތް ހުއްޓާލާފައިވުމެވެ.
އެތުގެ މި ވާހަކައަކީ އަހަރެމެން ވަރަށް ވިސްނާ ފިކުރު ހިންގައިފިނަމަ އެތަކެއް ފިލާވަޅުތަކެކެވެ. އަހަރެމެންގެ ގާބިލުކަމާއި ހުނަރާއި ވިސްނުމުގެ ކުޅަދާނަކަން އެންމެ އެކަށީގެންވާ ގޮތުގައި ދެނެގަނެވި ކާމިޔާބު ފަރުދަކަށް ވުމަށް ގަދައަޅައި މަސައްކަތްކޮށް ކާމިޔާބީއާއި ހަމައަށް ވާސިލުވަންދެން މަސައްކަތުގައި ދެމިތިބެވޭ ހެއްޔެވެ؟ އެތައް މިންވަރު ކުރެއްވީ ހަށިގަނޑުގެ ވަރުގަދަކަމާއި ބާރުގަދަކަމެވެ. އަހަރެމެން އިންސާނުންނަށް ދެއްވީ އެހެން އެއްވެސް މަޚްލޫޤަކަށް ނުދެއްވާފަދަ ކުޅަދާނަ ބުއްދިއާއި ވިސްނުންތެރިކަމެވެ. އެތައް ވާގަނޑު ކަނޑާލުމުގައި ނާކާމިޔާބުވެފައިވާ ފަދައިން ދިރިއުޅުމުގެ އެކިކަންކަމުގައި އެކި ރޮނގުރޮނގުން ކުރިއަށް ދިއުމަށް ކާމިޔާބީއާއި ހަމައަށް ވާސިލުވުމުގައި އަހަރެމެން ނުކުޅެދިފައިވަނީ އަހަރެމެންނަށް ކުރިންނުލިބި ހުރި ގާބިލުކަމާއި، ހުނަރާއި ލިބިފައިވާ ވަސީލަތްތައް ތަރައްގީވެ ކުރިއަރައި ދިޔައިރުވެސް އެކަން ނޭނގި ތިބެވުމެވެ. އަދި ހަމައެހެންމެ، ތިމާގެ ކިބައިގައި ގާބިލުކަން ނެތްކަމަށް ނިންމައި ނުވާނެ ނުވަތަ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފައިވާ ކަންކަން ނުހަނު ގިނަވުމެވެ. ބަނދެވިފައިވާ ވާގަނޑު ކަނޑާލުމުގެ ގާބިލުކަންހުރެމެ އެކަންނުކޮށް ކުރިއަރައި ދާން ކުރަންޖެހޭ މަސައްކަތް ހުއްޓާލައިގެން ތިބުމެވެ.
4 Responses
ޢިބްރަތުން ފުރިގެންވާ ލިޔުންކޮޅެއް. މާޝާﷲ
ޞަލާހު ސަރގެ ލިޔުން ވަރަށް ފުރިހަމަ
ވަރަށް އަގުހުރި މައުލޫމާތު ކޮޅެއް ލިބިއްޖެ.
ފުރިހަމަ ލިޔުމެއް