ދުނިޔެ ބަވަނަވެ، ރެވިއޮށްޓަރެއްހައި ކުޑަވެއްޖެއެވެ. ސިނާއީ އިންޤިލާބާ އެކު، މުއާސަލާތާއި ދަތުރުފަތުރަށް އަންނަން ފެށި ލުއިފަސޭހަތައް އަންތަރީސްވާހާ ހަލުއިކަމާއެކު ދުނިޔޭގެ ހަތަރު ބިތަށް ފެތުރިއްޖެއެވެ. އިހު އެވޭލާ ޒަމާނުގައި ހުދުކާޅެއް ފެންނަހާ މަދުން ފެނުނު، ދިވެހީންނާ ބީރައްޓެހި ފަރަންޖީން މިއަދު ގާތް މިތުރުންނަށް ހަދަން މަޖުބޫރުވެއްޖެއެވެ. ދޭސީންނާއި ބިދޭސީން ދުވަހަކު ވަކިވުމެއްނެތް ގުޅުންތަކަކުން ބަނދެވިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ގައުމުތަކުގެ ބަހާއި ޘަޤާފަތާއި އާދަކާދައަށް އަންނަ ބަދަލުތައް ދިވެހިބަސް މި ދަނީ ތަހައްމަލް ކުރަމުންނެވެ. މީގެ ޒަމާންތަކެއް ކުރިން ހިތަށް ވެސް ނާރާ ފަދަ ތަފާތު އެކި ބޭނުންތަކުގައި ބޭރު ބަހަކުން މި ވަނީ މޮށެއުޅެން (މުއާސަލާތުކުރަން) ޖެހިފައެވެ. ދުނިޔޭގެ ހަތަރު ބިތަށް އެ ބަހެއްގެ ނުފޯޒުފޯރާފައިވާ އިނގިރޭސިބަހުން މުޢާމަލާތުކުރުން އިތުރުވަމުންދާވަރަކަށް ދިވެހިބަހަށް ދެވޭ އަހައްމިއްޔަތުކަން މި ދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ.
ސަގާފަތްތައް އުފެދި ނެތިދާފަދައިން ބަހަކީވެސް އުފެދި އަދި ނެތިދާ އެއްޗެކެވެ. މިހާރު ދުނިޔޭގެ ބަސްތައް ނެތިގެންދާގޮތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނަމަ، 21 ވަނަ ޤަރުނު ނިމެންވާއިރަށް ދުނިޔޭގައި މީހުން ވާހަކަ ދައްކާ ބަސްތަކުގެ ތެރެއިން މައިގަނޑު ހައެއްކަ ބަސް ނޫން އެހެން ހުރިހައި ބަހެއް އުވިގެންދާނެ ކަމަށް ޑޭވިޑް ކްރިސްޓަލް (2000) ވިދާޅުވެފައިވެއެވެ. ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، މި ބަހުގެ ތެދުކަން ހާމައަށް ފެންނާން އެބައޮތެވެ.
ދުނިޔޭގެ ނަން މަޝްހޫރު ބަސްވާރުން ވިދާޅުވާގޮތުގައި ބަހެއް ބަދަލުވުމަށް ކަޑައްތުކުރާ، 3 މަރުޙަލާއެއް ވެއެވެ. އޭގެތެރެއިން ފުރަތަމަ މަރުޙަލާއަކީ، ތަފާތު ސަބަބުތަކާހުރެ، ބޭރުބަހެއް ދަސްކުރަން ފެށުމެވެ. ދެވަނަ މަރުޙަލާއަކީ، މާދަރީބަހާއި، ބޭރުބަހާއި ދެބަހުން ވާހަކަ ދައްކަން ފެށުމެވެ. އަދި ތިންވަނަ މަރުޙަލާއަކީ، މާދަރީބަހަކީ، މާ މުހިންމު އެއްޗެއްކަމަށް، އަރަމުންއަންނަ ޅަ ޖީލުތަކުން ނުދެކުމެވެ.

ދުނިޔޭގައި މީހުން ވާހަކަދައްކާ ބަސްބަހަށް ބޭރުގެ ނުފޫޒުފޯރާ މައިގަނޑު ތިން ސަބަބެއް ޑޭވިޑް ކްރިސްޓަލް (2003) ވެސް ހާމަކުރައްވާފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ އަޅުވެތިކަމާއި، ބަވަނަވުމާއި، އިޤްތިޞާދީ ގޮތުން ޤައުމުތައް ތަރައްޤީވެގެންދާ ދިއުމެވެ. ރާއްޖެއަކީ ހަގީގީ މާނައިގައި އަޅުވެތިވެފައިވާ ގައުމެއް ކަމަށް ދެންނެވެން ނެތް ނަމަވެސް، މި ރާއްޖެއަކީ ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުންތައް ކަމަށްވާ ކެއިންބުއިމާއި، އުނުއޮރިޔާން ނިވައިކުރުމާއި، ބޯހިޔާވަހިކަން ހޯދަން ބޭނުންކުރާ ތަކެއްޗަށް ވެސް ބޭރު ކަރަތަކާއި ވިލާތުތަކަށް އިމެއްނެތި ބަރޯސާވާން ޖެހިފައިވާ ގައުމެކެވެ. އެހެންކަމުން އެ ގައުމުތަކާ މުއާމަލާތުކުރުމަށް ދެ ވަނަ ބަހެއްގެ ބޭނުންޖެހޭ ހިނދު، މައިގަނޑު ގޮތެއްގައި ބޭނުންކުރާން މިޖެހެނީ މިދެންނެވި އިނގިރޭސި ބަހެވެ. އޭގެ ސަބަބުން ދިވެހިބަހަށް ދެވިފައިވާ ގަދަރުކުޑަވެއެވެ. އިޤްތިޞާދީ އަދި އިޖްތިމާޢީ ބޭނުންތަކަށްޓަކައި އަމިއްލަ މާދަރީބަހަށް ދެވޭ ސަމާލުކަން ކުޑަވެ ބޭރުބަހަކަށް ދެވޭ ސަމާލުކަން އިތުރުވެއެވެ. މިއީ ބަހެއް އަޣުލިއްޔަތު (މައިނޯރިޓީ) ބަހަކަށް ވުމަށް ކުރާ ހިތްދަތި ދަތުރަށް މިސްރާބުޖަހާ ހިސާބެވެ. އޭގެ ފުރަތަމަ މަރުހަލާއެވެ. ޝައްކެއް ވެސް ނެތެވެ. ދިވެހިބަސް މި މަރުހަލާ ކަނޑައްތުކޮށްފިއެވެ. ވިޔަފާރިއާއި އިޤްތިޞާދީ ބޭނުންތަކުގައި އިނގިރޭސި ބަހުގެ ބޭނުން އިންތިހާއަށް މި ދަނީ ހިފެމުންނެވެ. ދެވަނަ މަރުޙަލާއަކީ ދެބަހެއް މަސްހުނިކޮށްގެން ވާހަކަދެއްކުމެވެ. މި މަރުޙަލާގައި ދިވެހިން އުޅޭތާ ވިއްސަކަށް އަހަރު ވަނީ އެވެ. ފުރަތަމަ ސްކޫލްތަކުގެ ދަރިވަރުންނެވެ. ދެން އެ ދަރިވަރުންގެ މައިންބަފައިންނެވެ. މާމަ ކާފައިން ވެސް މި ނުރަނގަޅު އާދަ ހަރުލައްވައިފިއެވެ. އެނގިގެންނާއި ނޭނގިއެވެ. އަމިއްލަ އިޚްތިޔާރުގައާއި އިޚްތިޔާރުން ބޭރުގައެވެ. އެއްބަޔަކު މާ މޮޅު ކަމަކަށް ހަދައިގެން ބަސް މަސްހުނިކުރަމުންދާއިރު، އަނެއް ބަޔަކު އެކަން ކުރަނީ ހިތާއި ދެކޮޅަށެވެ. ޒަމާނާއި އެއްވަރަށް ދިވެހިބަހަށް ވަންނަންޖެހޭ އައު ލަފުޒުތައް ނުވަންނާތީއެވެ. ތިންވަނަ މަރުޙަލާއަކީ ޒުވާނުންގެ ހިތްތަކުގައި މާދަރީބަހަށް އޮންނަ ޤަދަރުކުޑަވެ ބޭރުބަހަކުން ވާހަކަދައްކަން ފެށުމެވެ. މި މަރުޙަލާ މި ވަނީ ފެށިފައެވެ. ނޫކަށި ފުރައިގެ ޒުވާނުންގެ ތެރޭގައި ބަސްމަސްހުނި ކުރުމާއި އަމިއްލަ މާދަރީ ބަހަށްވުރެ ގިނައިން އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ އާދަ މިވަނީ އަށަގަންނަން ފަށާފައެވެ. ދަރިވަރުންނާއި ޅަ ޒުވާނުންނާއި، ބައެއް ހަރުމީހުން ވެސް ދިވެހިބަހަކީ ބޭނުމެއް ނެތް މުސްކުޅި ކަޓުބަހެއް ކަމުގައި ދެކޭން ފަށައިފިއެވެ. ދެރަކަމުގެ ކޮޅެއް ނެތެވެ. އިހު ދިވެހީން ފަޚުރެއްކަމުގައި ދެކެމުން އައި ބަސް މި ޖީލަށް ފަކުރަކަށް ވެއްޖެއެވެ.

ބަސް ބޭނުންކުރުމާއި ބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުވުމާއި ދަށްވުން ބިނާވެފައިވަނީ އެ މުޖުތަމަޢެއް ބަހާމެދު ދެކޭގޮތްތަކެއްގެ މައްޗަށް ކަމީ ދުވާލުގެ އިރު ފަދައިން ޔަގީންވެ ކަށަވަރުވާ ކަމެކެވެ. އެހެނީ މުޖުތަމަޢުގައި ބަހަށް ދެވިފައި އޮންނަ މަޤާމަކީ ވެސް ބަސް ދެމިއޮތުމަށް ނުހަނު މުހިންމު އެއްޗެކެވެ. ރާއްޖޭގައި ތަޢުލީމުދިނުން ބިނާވެފައި ވަނީ ދިވެހިބަހަށްވުރެ އިނގިރޭސި ބަހަށް އަހައްމިއްޔަތުކަން ދެވޭ ގޮތަށެވެ. މީގެ ބައިގަރުނެއްހާ ކުރިން ފެށިގެން ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ކިޔަވައިދޭ މީޑިއަމް މި ވަނީ އިނގިރޭސި ބަހަށް ބަދަލުކޮށްފައެވެ. އެހެންކަމުން ދިވެހި ބަހަށްވުރެ އިނގިރޭސި ބަހަށް ސަމާލުކަން ދޭން ބެލެނިވެރިންނަށް ވެސް މި ވަނީ ފާޑަކަށް މަޖުބޫރުވެފައެވެ. މީގެ އިތުރުން ވަޒީފާގެ މާހައުލަށާއި ސާނަވީ ތަޢުލީމަށް ފަހު މަތީތަޢުލީމަށް ދިޔުމަށް ދިވެހިބަސް ބޭނުންވާކަމަށް ނުދެކޭތީ އަމިއްލަ މާދަރީ ބަހަށްދޭ ޝައުގުވެރިކަން ވަނީ ވަރަށް ކުޑަވެފައެވެ. އިނގިރޭސި ތަޢުލީމު ތަޢާރަފުވުމާއެކު ދިވެހި ބަހަކީ މުހިއްމު ބަހެއް ނޫންކަމުގެ އިޙުސާސް ދިވެހީންގެ ހިތްތަކަށް ވެއްދޭތޯ ނޭނގި ނަމަވެސް މަސައްކަތްކުރެވިފައިވެއެވެ. މި ދުވަސްވަރުން ފެށިގެން ދިވެހިބަހަށް ދެވޭ ސަމާލުކަން މިދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ.
މި ހުރިހާ މަރުޙަލާތަކެއް ދިވެހިން ކަޑައްތުކޮށްފައި ވާ އިރު، އިއްޔެއާއި މިއަދު، ދިވެހި ބަހަށް އައިސްފައިވާ ބަދަލުތަކާއި މިހާރު އޮތް ހާލަތުގެ މައްޗަށް ރިޢާޔަތްކޮށް، އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ،ދިވެހި ބަހަކީ، ދިވެހިންގެ އަޣުލިއްޔަތު ބަސް ކަމުގައި ވާނޭ ކަމެވެ. އެއީ ޔަޤީނާއި ގާތަށް އެނގޭ ކަމެކެވެ. ކަންވަމުންދާ ގޮތަށް ބަލާނަމަ އިތުރު ސުވާލެއް ވެސް އުފައްދަންޖެހޭ ކަމެއް ނޫނެވެ. ސުވާލުއުފައްދަން ޖެހެނީ ދިވެހިބަސް އަޣުލިއްޔަތު ބަހަށް ވާނީ ކޮންއިރަކުކަމާ މެދުގައެވެ. އެހެނަސް އެއީ ބަސް ހިމާޔަތްކޮށް ދަމަހައްޓަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވިއްޖެނަމައެވެ.
ސުވާލަކީ އަސަރަކާއި ފޮނިކަމެއް އެކި ބަސްބަހުން ފެނުނަކަސް، ތިމާމެންނަށް އެންމެ އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މި ދިވެހިބަހޭ ބުނެ އަހަރެމެންގެ ކާބަފައިން ފަޚުރުވެރިކަމާއެކު އަހަރެމެންނާ ހަވާލުކުރި މި އަމާނާތް ގާދޫކޮލުން ބޭރުވެ ލޮލުކޮޅަށް ގެއްލެންދެން ހަމަ ބަލަން ތިބެނީ ހެއްޔެވެ؟ ދުނިޔޭގެ ގަދަ ބާރުތައް ކިތަންމެ ބަރު ހަތިޔާރެއް އުފެއްދި ނަމަވެސް، އެ ހުރިހާ ޒަމާނީ ހަތިޔާރަކަށް ވުރެ ބާރުގަދަ ހަތިޔާރެއް ކަމަށްވާ އަމިއްލަ ބަހެއް އަހަރެމެންނަށް ވާރުތަވެފައިވާއިރު، މި އަގުބޮޑު ޖައުހަރު ބީކޮށްލަން ބޭނުންވަނީ ހެއްޔެވެ؟
4 Responses
ވަރަށް ރަނގަޅު ވާހަކައެއް. ދިވެހިބަަށް ސަމާލުކަން ދޭތަނެއް މިހާރަކު ނުފެނޭ
ދިވެހިބަސް ރައްކާތެރި ކުރުމަށް އެންމެންވެގެން މަސައްކަތް ކުރަންޖެހޭ.
ޞުރުޙީން ވެސް އެކަން ވަރަށް ސާފެއް ނޫންތޯ!!!
ދިވެހި ބަސް ދެން އަންނަ ޖީލަކަށް ރައްކާތެރި ކަމާއި އެކު ފޯރުކޮށް ދިނުމަކީ ވަރަށް މުހިއްމު ކަމެއް!
ވަރަށް ފުރިހަމަ އާރޓިކަލެއް…