ޤައުމީ މަންހަޖުގެ ކީސްޓޭޖް 4 ގެ އާ ސިލަބަހަށް ގެނެވުނު ބަދަލާއެކު ގްރޭޑް10 ނިންމާދަރިވަރުންނަށް ދެވޭ "ދިވެހިބަސް" ކަރުދާހަށް ވަނީ ވަރަށް ބޮޑު ބަދަލެއްގެނެސްފައެވެ. އެގޮތުން މީގެ ކުރިން އިމްތިހާންކުރެވުނު ގިނަބައިތައް އުނިކުރެވި އަދި ބައެއް ބައިތައް ވަނީއިތުރު ކުރެވިފައެވެ. އާސިލަބަހާއެކު އިމްތިހާނު ކުރެވޭ އެންމެ ފުރަތަމަ ދަރިވަރުންނަކީ މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ކަމުގައިވާތީ މިހާރު ގެނެސްފައިވާ ބަދަލު އެނގުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ދެކެމެވެ.

ކަރުދާސް 1
ކަރުދާސް 1 ގައި ހިމެނޭނީ މައިގަނޑު ދެ ބައެވެ. މި ދެ ބަޔަށް ވެސް ޖަވާބު ދޭންޖެހޭނެއެވެ. މިބަޔަށް ކަނޑައެޅިފައިވަނީ 40 މާކުސް އެވެ.
ފުރަތަމަ ބައިގައި ހިމެނޭނީ މަޒުމޫނާއި ވާހަކައިގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ލިޔުމެއް ލިއުމަށެވެ.
މި ބަޔަށް ކަނޑައެޅިފައިވަނީ 25 މާކުހެވެ. މަޒުމޫނު ލިޔާނީ ދެކޭގޮތް (ޚިޔާލު) ހާމަކުރުމަށް ލިޔުމާއި، އޮޅުންފިލުވައިދިނުމަށް ލިޔުމާއި، އެއްކޮޅަށް ލިޔުމާއި، ދެކޮޅަށް (ބަހުސް ކުރުމަށް) ލިޔުމެވެ. މި ބާވަތްތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ބާވަތަކަށެވެ.
ވާހަކަ ލިޔާނީ ދީފައި އޮންނަ ފެށުމަށް، ނުވަތަ ހާލަތުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ބާވަތަކަށެވެ. ވާހަކަ ބިނާވެފައި ހުންނާނީ ޒާތީ، ޚިޔާލީ، ތާރީޚީ ހާދިސާ ތަކުގެ މައްޗަށެވެ. އަދި ހާދިސާތައް ސިފަކޮށް، ހުށަހަޅައިދިނުމުގައި އަމިއްލަ ޚިޔާލާއި ޝުޢޫރު ހާމަކުރާ ގޮތަށެވެ. ލިޔުމުގެ ދިގުމިނަކީ 35 ފޮޅުވަތާއި 45 ފޮޅުވަތާ ދެމެދުގެ މިންވަރެކެވެ.
މިފަހަރުގެ މިބައި ތަފާތުވަނީ މަޒުމޫނުދޭގޮތެވެ. ކުރީގައި މަޒުމޫނު ލިޔަންދެނީ 4 މައުޟޫއެއްދީ އެތަނުން ކޮންމެވެސް އެއް މައުޟޫޢަކަށް މަޒުމޫނު ލިޔާގޮތަށެވެ. މިހާރު މިދެވެނީ މައުޟޫޢާގުޅޭ ކުރު ތަޢާރަފެއް ދިނުމަށްފަހު އަމިއްލައަށް މައުޟޫޢެއް ކަނޑައަޅައިގެން ލިޔާގޮތަށެވެ. ވާހަކައާއިމަޒުމޫނުގެ ދިގުމިނަކަށް މާކުހަކަށް އެއްވެސް ތަފާތެއް އައިސްފައެއްނެތެވެ.
ފުރަތަމަ ކަރުދާހުގެ ދެވަނަ ބައިގާ މިފަހަރު މުޅިންއަލަށް ހިމަނަނީ އިރުޝާދުދޭ ލިޔުމާއި ރިކައުންޓް(ހަޤީޤީ ރިކައުންޓް/ބައޮގްރަފިކަލް ރިކައުންޓް) ލިޔުމެވެ. އޭގެ ތެރެއިން އެދަރިވަރަކު އިޚްތިޔާރުކުރާ ކޮންމެވެސް އެއް ލިޔުމެއް ލިޔާ ގޮތަށެވެ. މިބަޔަށް ކަނޑައެޅިފައިވަނީ 15 މާކުހެވެ. ލިޔުމުގެ ދިގުމިނަކީ 20 ފޮޅުވަތާއި 25 ފޮޅުވަތާ ދެމެދުގެ މިންވަރެކެވެ.

ކަރުދާސް 2
ކަރުދާސް 2 ގައި ހިމެނޭނީ މައިގަނޑު ތިން ބައެވެ. ދެ ދޭހައާއި ޚުލާޞާއާއި އަދި ސިޓީއެވެ. މި ތިން ބަޔަށްވެސް ޖަވާބު ދޭން ޖެހޭނެއެވެ. ފުރަތަމަ ބައިގައި ހިމެނޭނީ ކިޔުމާއި ބެލުމުގެ ތެރެއިން ދެވޭ ސުވާލުތަކަށް ޖަވާބުދިނުމެވެ.
މި ބައިގައި ހިމެނޭނީ މައިގަނޑު ދެ ލިޔުމެކެވެ.
ދޭހަ 1 ގައި ހިމެނޭނީ ޢިލްމީ / ނޮން-ފިކްޝަން ލިޔުމެކެވެ. މިބަޔަށް ކަނޑައަޅާފައިވަނީ 20 މާކުހެވެ. ދޭހަ 2 ގައި ހިމެނޭނީ އަދަބީ/ ލިޓްރެރީ-ފިކްޝަން ލިޔުމެކެވެ. މިބަޔަށް ކަނޑައަޅާފައިވަނީ 15 މާކުހެވެ.
މިފަހަރުގެ ދޭހައިގާ ކުރީއަހަރުތަކަށްވުރެ މާކުސްގިނަވެފައި ސުވާލުވެސް ގިނަވާނެއެވެ. ކުރިން ދެ ދޭހައަށް ކަނޑައަޅާފައި އޮންނަނީ 28 މާކުހެވެ. ނަމަވެސް މިހާރު 35 މާކުސް ލިބެއެވެ.
2 ވަނަ ކަރުދާހުގެ ދެވަނަ ބައިގައި ހިމެނޭނީ ޚުލާސާކުރުމެވެ. މި ބަޔަށް ކަނޑައަޅާފައިވަނީ 10 މާކުހެވެ. މިފަހަރު ޚުލާޞާ ކުރާ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ. ކުރިން ޚުލާޞާ ކުރަނީ 2 ލިޔުމުން ކޮންމެވެސް 1 ލިޔުމެއްގެ ވަކި ޕެރެގްރާފްތަކެއްގެ މުހިއްމު ނުކުތާތައް ނަގައިގެން ޚުލާޞާ ކުރާ ގޮތަށެވެ. މިފަހަރު ގެނެވުނު ބަދަލަކީ ތީމެޓިކްކޮށް ޚުލާސާ ކުރުމެވެ. އެއީ ލިޔުމުގެ މެދުގައިވާ މަޢުލޫމާތު ތަކަށް ބަލައި އެލިޔުމުގައި ހިމެނޭ ވަކި މަޢުލޫމާތު ތަކެއް (ވަކި ކަމަކާ ގުޅުންހުރި މަޢުލޫމާތެއް) ޚުލާޞާ ކުރުވާ ގޮތަށެވެ.
2 ވަނަ ކަރުދާހުގެ ތިންވަނަ ބައިގައި ހިމެނެނީ ސިޓީ ލިޔުމެވެ. ދެވޭ ސިޓީނޯޓަށް ރަސްމީ އަދި ނުރަސްމީސިޓީ ލިޔުމެވެ މިބަޔަށް ކަނޑައަޅާފައިވަނީ 15 މާކުހެވެ.
ކުރީއަހަރުތަކުގައި އިމްތިހާނު ކުރެވުނު ބައިތަކުން އާސިލަބަހާއެކު 3 ސުވާލެއް ވަނީ އުނި ކުރެވިފައެވެ. އެއީ ޅެން ޝަރަހަ / ޖުމަލަ މާނަ ލިޔުމާއި، ރައިވަރުގެ ޖުމްލަ މާނަ ލިޔުމާއި އަދަބުގެ ތަޢާރަފެވެ.
މަސްދަރު: ޑީޕީއީ
3 Responses
ވަރަށް ރަނގަޅު ނޫހުގައި ޖަހައި ހަނދާން ކޮށްދެއްވީތީ. އެތައް ފަހަރަކު ކުލާހުގައިވެސް ވަނީ ކިޔައިދެއްވާާފައި. ޝުކުރިއްޔާ
ވަރަށް މުހިއްމު މަޢުލޫމާތު ތަކެއް މި ލިބިގެން ދިޔައީ. ޝުކުރިއްޔާ ސަރ
އަޙްމަދިއްޔަ އަކީ އެސް އެސް ސީ އިމްތިހާނުން ވަރަށް ފުރިހަމަ ނަތީޖާ ހޯދައިދޭ ސްކޫލެއް. ދިވެއްސާއި އިސްލާމުންވެސް.